އަލިފާނުގެ ހާދިސާ ގައި ގެއްލުން ލިބުނު އެންމެހާ ފަރާތްތަކަށް އެހީތެރިވެދިނުމަށް ޕީޕީއެމް އިން ގޮވާލައިފި

މ. ނިރުފެހި ގޭގައި އަލިފާން ރޯވެފަ

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާ ގައި ގެއްލުން ލިބުނު އެންމެހާ ފަރާތްތަކަށް އެހީތެރިވެދިނުމަށް އިދިކޮޅު މައިޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ސަރުކާރަށް ގޮވާލައިފި އެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޭ މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގާ އެތައް ބަޔަކު ނިޔާވި ޚަބަރު މިކޯލިޝަންގެ އެންމެހާ މެންބަރުން އެހީ ނުހަނު ކަންބޮޑުވުމާއި އަސަރާއިއެކު ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގި ގޭގެ އިތުރުން ކައިރި ގޭގެއަށް ވެސް އަލިފާނުގެ އަސަރުކޮށް އެކި ވަރުގެ ގެއްލުން ލިބިފައިވާތީ، މިހާދިސާގައި ނިޔާވި ފަރާތްތަކުގެ ޢާއިލާ ތަކަށާއި އެކި ވަރުގެ ގެއްލުން ލިބުނު ޢާއިލާތަކަށް ހަމްދަރުދީވާ  ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ހާދިސާ ހިނގުމާއެކު، އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުރާނައަށް ބެލުމެއް ނެތި ޙަރަކާތްތެރިވި ދިވެހި ސިފައިންނާއި ފުލުހުންގެ އިތުރުން އެހީތެރިވި ޢާންމު ރައްޔިތުން ގުޅިގެން ކުރެއްވި މަސައްކަތްތައް ފާހަގަކޮށް، އެފަރާތްތަކަށް އެކޯލިޝަނުން ވަނީ ޝުކުރު ދަންނަވާފަ އެވެ.

ހަމައެއާއެކު މިފަދަ ހާދީސާތައް ހިނގަން މެދުވެރިވާ ސަބަބުތައް ހޯދާ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށާއި މީގެ ކުރީގައި ވެސް މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުމުން، އެވަގުތަށް ވާހަކަތަކެއް ދައްކަވާ އޮއްބާލާ އުސޫލު ދޫކޮށްލާ، މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރު ނުވާނޭ ގޮތެއްގެ މަތިން ކަންކަން ކުރެވޭނޭ ނިޒާމެއް ކަނޑައަޅައި، ހަރުދަނާ ސިޔާސަތެއް ކއެކަށައެޅުމަށް ވެސް ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.

މި ހާދިސާގެ ސަބަބުން ގެއްލުން ލިބި ހާލުގައި ޖެހިފައިވާ ޢާއިލާތަކަށް ބޭނުންވާ އެންމެހާ އެހީތެރިކަން ފޯރުކޮށްދިނުން އަވަސްކޮށް، މިހާދިސާގެ ސަބަބުން ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.