ހިޔާ ފްލެޓު ސަރަހައްދުގެ ވައުދު ފުރިހަމަކުރުމަށް ބަޖެޓުގައި ހިމަނައިފި

އިންތިހާބީ ރައީސް އަށް މަރުހަބާ ދެންނެވުމަށް ނުކުމެ ތިބި މީހުން - ފޮޓޯ: ވަގުތު އޮންލައިން

ހިޔާ ފްލެޓު ސަރަހައްދަށް ވީ ވައުދު ފުރިހަމަކުރުމަށް ބަޖެޓުގައި ހިމަނާފައިވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސެޕްތެމްބަރު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފަހު، ފުރަތަމަ ފަހަރަށް ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ވަޑައިގެން އެސަރަހައްދުގެ ރައްޔިތުންނާ ވާހަަކަފުޅު ދައްކަވަމުންނެވެ.

އިންތިހާބީ ރައީސް ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ދައުލަތުގެ ބަޖެޓުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ކޮންމެ ހިޔާ ޓަވަރެއްގައި ދެ ލިފްޓް ހަރު ކުރުމަށް ހިމަނާފައިވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި އެ ސަރަހައްދަށް ވައުދުތަކެއް ވެވަޑައިގެންފައިވާނެ ކަމަށާއި އެހެންވެ، ވަނީ އެ ވައުދުތައް ފުރިހަމަކޮށް ދެއްވާނެ ކަމުގެ ޔަގީން ކަން ދެއްވާފައެވެ.

އެމަނިކުފާނު ވިދާޅުވިީ ކޮންމެ ޓަވަރަކަށް އިތުރު ކުރާ ދެ ލިފްޓުގެ ތެރެއިން އެއް ލިފްޓަކީ ސްޓްރެޗަރ އެރުވޭ ވަރުގެ ބޮޑު ލިފްޓެއް ކަމަށާއި ދެވަނަ ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެއް ކަމަށެވެ.

އެމަނިކުފާނު ހިޔާ ފްލެޓުތައް ސަރަހައްދަށް ވަޑައިގެންނެވުމުން ގިނަ އަދަދެއްގެ ބަޔަކު އެމަނިކުފާނަށް މަރުހަބާ ދަންނަވަން ނުކުތެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައި ހިޔާ ފްލެޓު ސަރަހައްދުން މުއިއްޒަށް ވަނީ ވަރަށް ބޮޑު މެޖޯރިޓީއެއް ހޯއްދަވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.