އިންޑިއާ އާއެކު މަޝްވަރާކުރަން ތައްޔާރު: ޝެހެބާޒް ޝަރީފް

ގައުމު ހަނގުރާމައެއްގެ ތެރެއަށް ވައްޓަވައިލައްވާން ބޭނުންފުޅު ނުވާ ކަމަށާއި، އިންޑިއާ އާއެކު ސުލްހައިގެ ވާހަކަތައް ފައްޓަވަން ތައްޔާރަށް ހުންނެވި ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝެހެބާޒް ދެކެވަޑައިގަންނަވާ ގޮތުގައި މަޝްވަރާއާއި ވާހަކައިގެ ޒަރީއާއިން ތަފާތުތައް ނައްތާލައިގެން މެނުވީ އަވަށްޓެރި ދެ ގައުމަށް ސުލްހައެއް ނުގެނެވޭނެއެވެ. އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދެއްކެވީ އަލްޢަރަބިއްޔާ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ވާހަކަފުޅުގައި ސީދާ އިންޑިއާގެ ނަމެއް ވިދާޅެއް ނުވެއެވެ. ވިދާޅުވަމުން ގެންދެވީ އަވަށްޓެރި ގައުމޭ އެވެ.

2008 ވަނަ އަހަރު މުމްބައިގައި ދެވުނު ނިރުބަވެރި ހަމަލާއަށް ފަހު އިންޑިއާއި ޕާކިސްތާނާ ދެމެދު ވާހަކައެއް ނުދެކެވެއެވެ. ދެ ގައުމުގެ ދެމެދުގައި ރުޅިވެރިކަމާއި ނުރުހުމުގެ ބަސްތައް ބަދަލުކުރުން ވަނީ އާއްމު ކަމަކަށް ވެފައެވެ. އިންޑިއާއިން ގަބޫލުކުރާ ގޮތުގައި ދިއްލީގައި ހިންގި ނިރުބަވެރި އަމަލުތަކަކީ ޕާކިސްތާނު ސަރުކާރުން ރާވައިގެން ހިންގި ކަމެކެވެ. ޕާކިސްތާނުން މި ވާހަކަޔާ ދެކޮޅު ހަދައެވެ.

ޕާކިސްތާނާއި އިންޑިއާ ދެމެދު ދެކެވޭ ވާހަކަ ނާކާމިޔާބު ވުމުގެ އަސްލަކީ ކަޝްމީރެވެ. އިންޑިއާއިން ބޭނުންވަނީ ކަޝްމީރުގެ ވާހަކަޔާ ނުލައި ވާހަކަތައް ކުރިއަށް ގެންދާށެވެ. އިންޑިއާއިން ދެކޭ ގޮތުގައި މުޅި ޖަންމޫއާއި ކަޝްމީރަކީ އިންޑިއާގެ ތަނެކެވެ. އެހެންވީމާ އެއީ އިންޑިއާގެ ދާޚިލީ ކަމެކެވެ. ދާޚިލީ ކަމަކާ އެހެން ގައުމަކާ މަޝްވަރާއެއް ނުކުރެވޭނެއެވެ. ޕާކިސްތާނުން އަބަދުވެސް ބުނަމުން ގެންދަނީ ދެ ގައުމުގެ ދެމެދުގައި އޮތް ހަގީގީ މައްސަލައަކީ ކަޝްމީރުގެ މައްސަލަ ކަމުގައެވެ. އެ މައްސަލަ ހައްލުކޮށްގެން ނޫނީ ކުރިއަކަށް ނުދެވޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.