ޕާކިސްތާނު އެންބަސީގައި ކަޝްމީރު އިސްތިހުސާލުގެ ދުވަސް ފާހަގަކޮށްފި

އިންޑިއާއިން ހިފައިފައިވާ ކަޝްމީރުގައި ކަޝްމީރުގެ ރައްޔިތުންނާ ދެކޮޅަށް އިންޑިއާއިން ހިންގާ އަނިޔާވެރި އަމަލުތަކާ ދެކޮޅު ހެދުމުގެ ގޮތުން ކޮންމެ އަހަރަކު އޯގަސްޓް މަހުގެ 5 ވަނަ ދުވަހު ފާހަގަކުރާ ކަޝްމީރު އިސްތިހުސާލުގެ ދުވަސް (Day of Exploitation) މިއަދު ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނު އެންބަސީގައި ފާހަގަކޮށްފިއެވެ. މި ރަސްމިއްޔާތުގައި މާލޭގައި ދިރިއުޅޭ ޕާކިސްތާނު މީހުންނާއި ބައެއް ދިވެހިން ބައިވެރިވިއެވެ.

ރަސްމިއްޔާތު ފެށްޓީ ކީރިތި ޤުރްއާން ކިޔެވުމުންނެވެ. އެއަށް ފަހު ބައިވެރިންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ޕާކިސްތާނު އެންބަސީގެ ހެޑް އޮފް މިޝަން ޒުލްޤަރްނައިނިން އަޙްމަދެވެ. އޭނާ ވަނީ ކަޝްމީރު ރައްޔިތުން މިނިވަންކަމަށްޓަކައި ކުރަމުންދާ ޖިހާދަށް ބައިވެރިން ދެއްވާ (ރޫޙީ) ތަރުހީބަށް ޝުކުރު އަދާ ކުރެއްވިއެވެ. ޒުލްޤަރްނައިނިންގެ ވާހަކަފުޅުގައި ވަނީ އިންޑިއާ ސަރުކާރުން އުވާލި ގާނޫނުގެ 370 ވަނަ މާއްދާއާއި 35 އޭ ގެ މައްޗަށް ބައްލަވައިލައްވައިފައެވެ. އެއީ ކަޝްމީރުގެ ރައްޔިތުންނަށް އަމިއްލަ ވެރިކަމެއް ކުރަން ހުއްދަ ދީފައި ހުރި މާއްދާތަކެވެ. ކަޝްމީރަކީ އިންޑިއާގެ ސްޓޭޓެއް ނޫނެވެ. އެއީ ޕާކިސްތާނާއި އިންޑިއާ އާ ދެމެދު ޚިޔާލު ތަފާތުވުން އުފެދިފައިވާ ތަނެވެ. ވުމާއެކު ކަޝްމީރު އޮތީ އިންޑިއާގެ ބައެއް ކަމުގައި ވިޔަސް މައި ސަރުކާރާ ވަކިން ހިންގާ ވަކި ދައުލަތެއްގެ ގޮތުގައެވެ. މި މާއްދާތައް އުވާލައި ކަޝްމީރަކީ މައި ސަރުކާރުގެ ދަށުގައި އޮންނަ ތަނެއް ކަމަށް ހޖަދައިފައެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އަދި ޖެނީވާ ކޮންވެންޝަނާވެސް ޚިލާފަށް އިންޑިއާއިން އެޅި ފިޔަވަޅެކެވެ. މި ފިޔަވަޅާ ދެކޮޅަށް ކަޝްމީރުގައި ޖިހާދުކޮށް ގުރުބާންވަމުންދާ ރައްޔިތުންނަށް ޒުލްޤަރްނައިނިން ވަނީ ތައުރީފު ކުރައްވައިފައެވެ. އަދި ޕާކިސްތާނު އޮތީ އެ ރައްޔިޮތުންނާއެކު ކަމަށް ވިދާޅުވިއެވެ. އަދި އަލިފުދާލުގެ ގަރާރުތަކާ އެއް ގޮތަށް ކަޝްމީރުގެ ރައްޔިތުންގފެ ހައްގުތައް ހިމާޔަތް ކުރުމުގައި ޕާކިސްތާން އަބަދުވެސް ދެމިއޮންނާނެ ކަމަށް ޒުލްޤަރްނައިން ވިދާޅުވިއެވެ.

އެންބަސީގައި އޮތް މި ރަސްމިއްޔާތުގައި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް (ރިޓަޔަޑް) އަޠްހަރް މުޚްތާރުވެސް ވާހަކަފުޅު ދެއްކެވިއެވެ. އިންޑިއާއިން ކަޝްމީރުގެ މައްޗަށް އަތްގަދަކޮށް އަނިޔާވެރިމަނުންދާތާ މިއަދަށް ތިން އަހަރު ވެއްޖެ ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އިންޑިއާއިން ކަޝްމީރު މައި ސަރުކާރުގެ ދަށަށް ގެންދިޔައީ 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 5 ވަނަ ދުވަހުއެވެ. އަޠްހަރްވެސް ފާހަގަ ކުރެއްވި ގޮތުގައި އިންޑިއާއިން އަލިފުދާލުގެ ގަރާރުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ވެފައެވެ. ފާއިވި ތިން އަހަރުގެ ތެރތޭގައި އިންޑިއާއިން ގެންދަނީ ހިންދުރުވާގެ ހަރުކަށި އުސޫލުތައް ކަޝްމީރުގައި ފަތުރައި މުސްލިމުން މަދު ކުރުމުގެ މަސައްކަތް ފޯރިއާއެކު އިންޑިއާއިން ގެންދަނީ ކުރަމުންނެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި ކަޝްމީރުގައި އިންޑިއާގެ ސިފައިން ހަމަލާ އަމާޒުކުރާ މައިގަނޑު އެއް ބަޔަކީ މުސްލިމް ޒުވާނުންނެވެ. ކަޝްމީރުގެ ރައްޔިތުން މަސައްކަތް ކުރަމުން ގެންދަނީ މިނިވަންކަމާއި އަސާސީ ހައްގުތައް ހޯދުމަށްޓަކައެވެ.

އަޠްހަރް ވިދާޅުވި ގޮތުގައި ދެކުނު އޭޝިއާއަށް ދާއިމީ ސުލްހަވެރިކަމެއް ގެނެވޭނީ އަލިފުދާލުގެ ގަރާރުތަކަށް އަމަލު ކުރުމާއެކު ކަޝްމީރުގެ ރައްޔިތުންގެ އެދުމާ އެއްގޮތަށް އަމަލުކޮށް ކަޝްމީރުގެ މައްސަލަ ހައްލު ކުރެވިގެންނެވެ.

ކަޝްމީރުގައި އިންޑިއާ ސިފައިން ހިންގަމުން ގެންދާ އަނިޔާވެރި އަމަލުތަކުގެ މައްޗަށް ހަދައިފައި އޮތް ޑޮކިއުމެންޓަރީ ފިލްމެއް މި ރަސްމިއްޔާތުގައި ވަނީ ދައްކައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.