ޕާކިސްތާނު އެންބަސީގައި ކަޝްމީރު ދުވަސް ފާހަގަކޮށްފި

ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނު އެންބަސީގައި މިއަދު ކަޝްމީރު ދުވަސް ފާހަގަ ކޮށްފިއެވެ. ޔަވްމެ އިސްތެހެސާލްގެ ނަމުގައި މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރަކު އޯގަސްޓް މަހުގެ 5 ވަނަ ދުވަހުއެވެ. އެއީ އިންޑިއާ ސަރުކާރުން ޖަންމޫއާއި ކަޝްމީރަކީ އިންޑިއާގެ ބައެއް ހެދުމަށްޓަކައި، އެ ސްޓޭޓަށް ގާނޫނުއަސާސީން ދީފައި އޮންނަ އިސްތިގުލާލީ ބާރު ކަނޑައަޅާ މާއްދާ އުވައިލީ ދުވަހެވެ.  އެއީ 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 5 ވަނަ ދުވަހެވެ. އެ ދުވަހުން ފެށިގެން ޖަންމޫއާއި ކަޝްމީރުގައި މެދުނުކެނޑި އިންޑިއާ ސަރުކާރާ ދެކޮޅަށް ގެންދަނީ އިހުތިޖާޖު ކުރަމުންނެވެ.

ޕާކިސްތާނު އެންބަސީގައި މިއަދު ހެނދުނު ބޭއްވި ހަފުލާގައި ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނު ރައްޔިތުންނާއި ބައެއް ދިވެހިންވެސް ބައިވެރިވިއެވެ.

ޕާކިސްތާނުން ދެކޭ ގޮތުގައި އިންޑިއާއިން އެޅި ފިޔަވަޅަކީ ބައިނަލްއަގުވާމީ ގާނޫނުތަކާވެސް ޚިލާފު ފިޔަވަޅެކެވެ. އެހެންވީމާ އެ ފިޔަވަޅާ ދެކޮޅަށް ކަޝްމީރުގެ ރައްޔިތުންކުރާ އިހުތިޖާޖުގައި ޕާކިސްތާނުން ތާއީދު ކުރަނީ ރައްޔިތުންނަށެވެ.

މިއަދުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް މުޙައްމަދު ފައްޔާޒް ގީލާނީ ވިދާޅުވި ގޮތުގައި އިންޑިއާ ސަރުކާރުން މިހާރު ވަނީ ކަޝްމީރު ޖަލަކަށް ބަދަލުކޮށްފައެވެ. ކަޝްމީރުގައި މިނިވަންކަމާއެކު އުޅުން ވަނީ ދަތިވެފައެވެ. އިންޑިއާގެ އެހެން ރަށްރަށުން ހިންދޫން ގެނެސް ކަޝްމީރުގައި ވަޒަންވެރިކުރުންވެސް ވަނީ އާއްމު ވެފައެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ކަޝްމީރުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދިގެން މެނުވީ އޭޝިއާ ސަރަހައްދަކަށް އަމާންކަމެއް ނާންނާނެއެވެ. އެކަމަށްޓަކައި ކަޝްމީރާ ބެހޭ ގޮތުން އަލިފުދާލުގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތަކަށް އަމަލުކުރުން ލާޒިމު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހަފުލާގައި ޕާކިސްތާޏުގެ ޑެޕިއުޓީ ހެޑް އޮފް ދަ މިޝަން ޒުލްޤަރްނައިނި އަޙްމަދުވެސް ވާހަކަފުޅު ދެއްކެވިއެވެ. ކަޝްމީރުގެ ރައްޔިތުންގެ ގުރުބާނީގެ މަތީން ހަނދާންކޮށް، ރައްޔިތުންނަށް މިނިވަން ލިބެންދެން ޕާކިސްތާނުގެ ތާއީދު އޮންނާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.