ޖައްމޫއާއި ކަޝްމީރުގެ މައްސަލަ ހައްލުނުކޮށް ސަރަހައްދަށް ސުލްހަވެރިކަމެއް ނުގެނެވޭނެ: ހައި ކޮމިޝަނަރު ޢަޠަރް މުޚްތާރް

 5 ފެބްރުއަރީ އަކީ ޕާކިސްތާނުގައި ފާހަގަކުރާ ކަޝްމީރު ދުވަހެވެ. ނުވަތަ ކަޝްމީރުގެ އެއްބައިވަންތަކަމުގެ ދުވަހެވެ. މިއަދަކީ ޕާކިސްތާނުގައި ރަސްމީ ބަންދު ދުވަހެކެވެ. ކަޝްމީރު ދުވަސް ފާހަގަ ކުރަނީ އިންޑިއާގެ ބާރުގެ ދަށުގައިވާ ޖައްމޫއާއި ކަޝްމީރުގެ ރައްޔިތުން މިނިވަންކަމަށްޓަކައި ކުރަމުން ގެންދާ މަސައްކަތަށް ތާއީދުކުރުމުގެ ގޮތުންނެވެ.

ތިރީގައި މިވަނީ މި ދުވަހާ ގުޅިގެން ދިވެހިރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ހައި ކޮމިޝަނަރު ހިޒް އެކްސެލަންސީ އެޑްމިރަލް (ރިޓަޔަރޑް) ޢަޠަރް މުޚްތާރަށް ދެންނެވި ސުވާލުތަކަށް އެމަނިކުފާނު ދެއްވައިފައިވާ ޖަވާބެވެ. މި ކުރު ބަސްދީގަތުން ދެއްވި ކަމަށްޓަކައި އެމްބެސެޑަރަށް ޝުކުރު ދަންނަވަމެވެ.

އިންޑިއާއާއި ޕާކިސްތާނާ ދެމެދު އޮންނަ އެންމެ ބޮޑު މައްސަލައަކަށް ވެފައި ވަނީ ކަޝްމީރެވެ. އެ މައްސަލައިގެ ހަގީގަތް ކޮންމެވެސް ވަރަކަށް ވިދާޅުވެ ދެއްވައިފާނަންތޯއެވެ؟

އެންމެ ފުރަތަމަ ތިޔަ ސުވާލު ކުރެއްވީތީ ޝުކުރު ދަންނަވަމެވެ.

ކަޝްމީރަކީ އިންޑިއާއާއި ޕާކިސްތާނާ ދެ ގައުމަކަށް ވީ ދުވަހު ހަމަޖައްސަން ޖެހިފައި، އެކަމަކު ހަމަ ނުޖައްސައި އޮތް މައްސަލައެކެވެ. ޕާކިސްތާނު އިންޑިއާއާ ވަކިވެ އިންޑިއާއި ޕާކިސްތާނަކީ ދެ ގައުމެއްގެ ގޮތުގައި ކަނޑައެޅުމުގައި އެއްބަސްވެވުނު ކަންތައްތަކެއް ހުއްޓެވެ. އެ އެއްބަސްވުންތަކަށް ކިޔަނީ ޕާޓިޝަން ޕްލޭނޭއެވެ. އިންޑިއާއިން 27 އޮކްޓޯބަރު 1947 ގައި ސްރީ ނަގަރް ވައިގެ ބަނދަރަށް އެ ގައުމުގެ ސިފައިން ގެނައީ މި ދެންނެވުނު ޕްލޭނާ ދިމާ އިދިކޮޅަށެވެ. އެއްބަސްވުން ބޮލާލައި ޖަހައިފައެވެ. އެއީ އިންޑިއާއިން ޖައްމޫ އާއި ކަޝްމީރަށް ޣައިރު ގާނޫނީ ގޮތުން ވެރިވެގަތް ދުވަހެވެ. އެކަން އިންޑިއާއިން ކޮށްފައި ވަނީ ކަޝްމީރުގެ ރައްޔިތުންގެ އެދުމާވެސް ދެކޮޅަށެވެ. ޕާޓިޝަން ޕްލޭނުގައިވާ ގޮތުން ނަމަ އިންޑިއާ ނުވަތަ އިންޑިއަން ސަބް ކޮންޓިނެންޓް ބަހަން ޖެހެނީ މިނިވަން މުސްތަގިއްލު ދެ ދައުލަތަކަށެވެ. ހިންދޫންގެ އަޣްލަބިއްޔަތު އޮތް ތަންތަން އެއީ އިންޑިއާގެ ބަޔަކަށް ހަމަޖައްސާފައި، ހުޅަނގުގައި ހުރި މުސްލިމުންގެ އަޣުލަބިއްޔަތު އޮތް ތަންތަނާއި، އިރުމަތީ ބަންގާޅު ހަމަޖައްސާނީ ޕާކިސްތާނު ކަމުގައެވެ. އެ ދުވަސްވަރު "ޕްރިންސްލީ ސްޓޭޓް" ގެ ނަމުގައި ހުރި ސްޓޭޓްތަކެއްވެސް ހުއްޓެވެ. އެތަންތާނގައި އޮތީ އަމިއްލަ ވެރިކަމެވެ. ޕްލޭންގައިވާ ގޮތުންނަމަ އެފަދަ ތަންތަނަށް އޮތީ އިޚްތިޔާރު ދީފައެވެ. އޮތް ސަރަހައްދާއި، ދީނީ ނިސްބަތަށް ބަލާފައި އެމީހުން ބޭނުންނަމަ ޕާކިސްަތާނުގެ ބަޔަކަށް ވާން، ނުވަތަ އިންޑިއާގެ ބަޔަކަށް ވާން ދޫކޮށްލާފައެވެ. ޖައްމޫއާއި ކަޝްމީރުގެ އާބާދީގެ 87 އިންސައްތައަކީ މުސްލިމުންނެވެ. އޮތް ތަނަށް ބަލާއިރުގައްޔާއި، ސަގާފަތާއި، ދީނަށް ބަލާއިރުވެސް ޖައްމޫއާއި ކަޝްމީރު ވާން ޖެހެނީ ޕާކިސްތާނުގެ ބަޔަކަށެވެ. އިންޑިއާ ސިފައިން ކަޝްމީރަށް ފައިބައި އެތަން ހިފިހިފުމާ ކަޝްމީރުގެ ރައްޔިތުން ވަރަށް ބޮޑަށް ދެކޮޅު ހެދިއެވެ. އަދި އިންޑިއާގެ ކިބައިން މިނިވަން ވުމަށްޓަކައި ހަރަކާތްތަކެއް ހިންގާން ފެއްޓިއެވެ.

ޖައްމޫއާއި ކަޝްމީރާ ބެހޭ ގޮތުން އަލިފުދާލުން ބުނަނީ ކީކޭތޯއެވެ؟

ޖައްމޫއާއި ކަޝްމީރުގެ މައްސަލައަކީ އިންޑިއާއާއި ޕާކިސްތާނާ ދެމެދު އޮތް އެއްބަސްނުވެވޭ މައްސަލައެއް ކަމަށް މުޅި ދުނިޔެ ގަބޫލު ކުރެއެވެ. މި މައްސަލަޔާ ގުޅިގެން އަލިފުދާލުގެ ސަލާމަތީ މަޖިލީހުން ވަނީ އެތައް ގަރާރެއް ފާސްކޮށްފައެވެ. 21 އޭޕްރީލް 1948 ގައި ފާސްކުޅަ 47 ވަނަ ގަރާރާއި، 13 އޯގަސްޓް 1948 ގަޔާއި 5 ޖެނުއަރީ 1949 ގައި އަލިފުދާލުން އުފެއްދި ކޮމިޝަން ފޯރ އިންޑިއާ އެންޑް ޕާކިސްތާން (ޔޫއެންސީއައިޕީ) އިން ނިންމާފައި ވަނީ ކަޝްމީރުގެ މައްސަލަ ކަޝްމީރުގެ ރައްޔިތުން ބޭނުންވާ ގޮތަކަށް ނިންމާށެވެ. ރައްޔިތުން ބޭނުންވާ ގޮތް ބެލުމަށްޓަކައި އަލިފުދާލުގެ ބެލުމުގެ ދަށުން ދެފުށް ފެންނަ، މިނިވަން ވޯޓެއް ނަގާށެވެ. މި މައްސަލަ ހަމަ މިގޮތަށް ނިންމުމަށް އަލިފުދާލުން ފަހުން ނެރުނު އެތައް ގަރާރަކުން ވަނީ ގޮވާލައިފައެވެ. އެކަމަކު އިންޑިއާ މި ކަމެއް ނުކުރިއެވެ. އެއްބަހެއް ނުވިއެވެ. އަލިފުދާލުގެ ސަލާމަތީ މަޖިލީހުން 16 އޯގަސްޓް 2019 ގަޔާއި، 15 ޖެނުއަރީ 2020 ގައި ނެރުނު ގަރާރުން ވަނީ ކަޝްމީރުގެ މައްސަލައަކީ ބައިނަލްއަގުވާމީ މައްސަލައެއް ކަމަށް ގަބޫލުކުރާކަން ހާމަ ކޮށްފައެވެ. އަދި 5 އޯގަސްޓް 2019 ގެ ފަހުން މައްސަލަ ވަނީ މުޅި ސަރަހައްދުގެ ސަލާމަތާއި އަމަންއަމާންކަމާ ގުޅިފައިވާ ނާޒުކު މައްސަލައަކަށް ވެފައި ކަމަށް ގަބޫލު ކޮށްފައެވެ.

2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 އާއި 28 ވަނަ ދުވަހު ނައިޖަރްގެ ނިއަމޭގައި ބޭއްވި އޯއައިސީގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ މަހާސިންތާގައި ކަޝްމީރުގެ ރައްޔިތުންގެ ޖިހާދަށް ތާއީދުކުރާކަން ވަނީ ހާމަކޮށްފައެވެ. 5 އޯގަސްޓް 2019 ގައި އިންޑިއާގެ ސަރުކާރުން ކަޝްމީރުގައި އަޅާފައިވާ ފިޔަވަޅުތައް ކުށްވެރި ކުރާކަމަށާއި ދެކޮޅު ހަދާ ކަމަށް އެ މަހާސިންތާގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެ ފިޔަވަޅުތައް އުވައިލާން އިންޑިއާ ސަރުކާރަށް ގޮވައިލިއެވެ. މީގެ އިތުރަށް އޯއައިސީން ވަނީ އިންޑިއާއާއި ޕާކިސްތާނާ ދެމެދު އޮތް އެންމެ ބޮޑު މައްސަލައަކީ ޖައްމޫއާއި ކަޝްމީރުގެ މައްސަލަ ކަމަށް ގަބޫލުކޮށްފައެވެ. އަދި އެ މައްސަލަ ހައްލުކޮށްގެން މެނުވީ ދެކުނު އޭޝިއާ ސުލްހަވެރި އަމާން ތަނަކަށް ނުހެދޭނޭ ކަމަށްވެސް ވަނީ ބުނެފައެވެ.

ޖައްމޫއާއި ކަޝްމީރުގެ މިހާރުގެ ހާލަތު އޮތީ ކިހިނެއްތޯއެވެ؟

ގާނޫނާ ޚިލާފަށް އިންޑިއާއިން ހިފާފައިވާ ޖައްމޫއާއި ކަޝްމީރުގައި 5 އޯގަސްޓް 2019 ގައިވެސް އަދި އޭގެ ފަހުންވެސް އިންޑިއާ ސަރުކާރުން ހިންގަމުން ގެންދަނީ ޣައިރުގާނޫނީ އަމަލުތަކެކެވެ. އެ އަމަލުތަކުގެ ސަބަބުން ވަނީ މުޅި ސަރަހައްދުގެ ސުލްހައާއި އަމަންއަމާންކަމަށް ހުރަސް އެޅިފައެވެ. ސިފައިންގެ ބާރުގެ ދަށުގައި ކަޝްމީރު ބޭއްވުމުގެ އިތުރަށް އިންޑިއާ ސަރުކާރުން ވަނީ އެތާގައި އިންޑިއާގެ މައި ސަރުކާރުގެ އެތައް ގާނޫނެއް ހިންގަން ފަށައިފައެވެ. ރައްޔިތުންނަށް ދަތިވާ ކަހަލަ އެތައް ގަވާއިދެއް ތަންފީޒުކުރަން ފަށައިފައެވެ. އަލިފުދާލުގެ ގަރާރުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވެ، އިންޑިއާގެ ހިންދޫން ކަޝްމީރުގެ ރައްޔިތުންނަށް ހަދަމުން އެބަގެންދެއެވެ. 4 ވަނަ ޖެނީވާ ކޮންވެންޝަންގެ 49 ވަނަ މާއްދާގައި ބުނާ ގޮތުގައި ތަނެއް ހިފައިގެން ތިބޭ އެއްވެސް ބަޔަކު އެތަނެއްގެ ތެރެއަށް އެ ގައުމުގެ ބަޔަކު ގެނެސް ވަޒަންވެރި ކުރުވައިގެން ނުވާނެއެވެ. ވުމާއެކު މިހާރު ހިންދޫން ކަޝްމީރުގެ ރައްޔިތުންނަށް ހަދަމުން އެ ގެންދާ ގެންދިއުމަކީ ޖެނީވާ ކޮންވެންޝަނާ ކަނޑައެޅިގެން ޚިލާފު ކަމެކެވެ. ކަޝްމީރުގެ ރައްޔިތުން އަމިއްލަ ވަޒަނުގައި އަސީރުންނަށްވެ، ގޭބަންދުވެ، ނުކުމެ އުޅެވޭނެ ގޮތެއް ނެތިފައި ތިބޭތާ އަހަރަކަށްވުރެ ގިނަ ވެގެން ހިނގައްޖެއެވެ. ކަޝްމީރު ވެފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު ގައިދުޚާނާއަށެވެ. ކަޝްމީރުގެ އާބާދީއަކީ އަށެއްކަ މިލިއަން މީހުންނެވެ. އެކަމަކު ކަޝްމީރުގައި އަމަން ބަލަހައްޓާށޭ ކިޔާފައި އިންޑިއާގެ ނުވަ ލައްކަ ސިފައިން ހަރަކާތްތެރިވެއެވެ.

ކަޝްމީރުގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރަނީ ކީއްކުރަންތޯއެވެ؟

އެންމެ ފުރަތަމަ އިންޑިއާގެ އަނިޔާވެރިކަމުގެ ދަށުގައިވާ ކަޝްމީރީންނަށް އެހީތެރިވެ ދިނުމަކީ ދުނިޔޭގެ ކޮންމެ ގައުމެއްގެވެސް މަސްއޫލިއްޔަތެކެވެ. ދެވަނަ ކަމަކަށް ޕާކިސްތާނުން ކަޝްމީރީންނަށް އެހީތެރިވެދީ ތާއީދު ކުރަން ޖެހޭ ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ. ފުރަތަމަ ސަބަބަކީ އެއީ މުސްލިމުންނަށް ވުމެވެ. ދެވަނަ ސަބަބަކީ ޕާކިސްތާނާ އިންވެގެން އޮތް ތަނަކަށް ވުމެވެ. ތިންވަނަ ސަބަބަކީ ސަގާފީ ގޮތުން ޕާކިސްތާނާ އެއްގޮތް އެތައް ކަމެއް ހުރުމެވެ. ހަތަރުވަނަ ސަބަބަކީ ކަޝްމީރާއެކު އޮންނަ އިގްތިސާދީ ގުޅުމެވެ. މީގެ އިތުރަށް ޕާކިސްތާނާއި ކަޝްމީރުގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި ކަޝްމީރުގެ މައްސަލައަކީ އިންޑިއާއާއި ޕާކިސްތާނު ދެ ގައުމެއްގެ ގޮތުގައި އުފެދިގެން އައި އިރު ހައްލު ކުރަން ޖެހޭ، އެކަމަކު ހައްލު ނުކޮށް އޮތް މައްސަލައެކެވެ. އެހެންވީމާ އެއީ ޕާކިސްތާނުގެ މިނިވަންކަމުގެ ހަރަކާތުން ވަކި ނުކުރެވޭނޭ ބައެއް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަމެވެ. 19 ޖުލައި 1947 ގައި ސްރީ ނަގަރްގައި ބޭއްވި ޖައްމޫ އެންޑް ކަޝްމީރް މުސްލިމް ކޮންފަރެންސުން ފާސްކޮށްފައި ވަނީ ޖައްމޫއާއި ކަޝްމީރު ވާން ޖެހޭނީ ޕާކިސްތާނުގެ ބައެއް ކަމަށެވެ. އިންޑިއާއިން ހިފާފައިވާ ކަޝްމީރުގެ އެތައް ލައްކަ ބަޔަކު 1947 ގެ ފަހުން ރަށް ދޫކޮށް ޕާކިސްތާނަށް ހިޖުރަ ކޮށްފައި ވެއެވެ. މިކަމުން ދައްކައި ދެނީ އެމީހުންނާއި ޕާކިސްތާނުގެ ރައްޔިތުންނާ އޮންނަ ޖަޒުބާތީ ގުޅުމުގެ ވަރުގަދަ ކަމެވެ. މީގެ އިތުރަށް ކަޝްމީރުގެ ވާދީތަކުގައި ރައްޔިތުން ކުރަމުންދާ އިހުތިޖާޖުތަކުން "ޕާކިސްތާން ޒިންދާބާދު" އާއި "އަހަރެމެން ބޭނުންވަނީ ޕާކިސްތާން" ފަދަ ލިޔުންތައް ދޭތެރެދޭތެރެއިން ފެންނަ ސަބަބަކީވެސް މިއީއެވެ. ޕާކިސްތާނުގެ ގައުމީ ދުވަހު އެމީހުން ޕާކިސްތާނުގެ ދިދަ ނަގައެވެ. އިންޑިއާގެ ގައުމީ ދުވަސްތައް އެމީހުން ފާހަގަ ކުރަނީ ކަޅު ދުވަހުގެ ގޮތުގައެވެ.

ޕާކިސްތާނުން ކަޝްމީރުގެ ހަރަކާތަށް އެހީތެރިވަނީ ކޮން ގޮތަކަށްތޯއެވެ؟

ޕާކިސްތާނުގެ ސަރުކާރުން އަބަދުވެސް ކަޝްމީރުގެ ރައްޔިތުންގެ އަޒުމަށް ތާއީދު ކުރެއެވެ. ޕާކިސްތާނުގެ ބާނީ ޤާއިދޭ އަޢުޒަމް މުޙައްމަދު ޢަލީ ޖިނާޙް ވިދާޅުވެފައިވާ ގޮތުގައި ކަޝްމީރަކީ ޕާކިސްތާނުގެ މައި ލޭނާރެވެ. 5 އޯގަސްޓް 2019 ގައި އިންޑިއާއިން އެޅި ޣައިރުގާނޫނީ ފިޔަވަޅާ ގުޅިގެން ޕާކިސްތާނުގެ ބޮޑު ވަޒީރު ޢިމްރާން ޚާން ވަނީ ސެޕްޓެމްބަރ 2020 ގައި އޮތް އަލިފުދާލުގެ އާއްމު ޖަލްސާގައި ތަގުރީރު ކުރައްވަމުން އިންޑިއާއިން ހިފައިފައިވާ ކަޝްމީރުގައި ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ދުނިޔޭގެ ސަމާލުކަމަށް ގެންނަވައިފައެވެ. ޕާކިސްތާނުން އަބަދުވެސް ގެންދަނީ އިންޑިއާއިން ކަޝްމީރުގައި ހިންގަމުން ގެންދާ ލާއިންސާނީ ހަރަކާތްތަކުގެ މައުލޫމާތު ދުނިޔޭގެ ލީޑަރުންނަށް އަރުވަމުންނެވެ. 5 އޯގަސްޓް 2019 ގެ ފަހުން ކަޝްމީރުގެ ރައްޔިތުންނަށް ތާއީދުކުރުމާއެކު އިންޑިއާ ކުށްވެރިކޮށް ޕާކިސްތާނުގެ ރައްޔިތުންގެ މަޖިލީހުން ވަނީ އެތައް ގަރާރެއް ފާސްކޮށްފައެވެ. ޕާކިސްތާނުގެ އަޚުންނާއި އުޚުތުން މިނިވަން ވާން ކުރަމުން ގެންދާ ހުއްދަ ޖިހާދަށް ޕާކިސްތާނުން އަބަދުވެސް ތާއީދު ކުރާނެއެވެ.

ޕާކިސްތާނާއި ދިވެހިރާއްޖޭގެ ގުޅުމާ ބެހޭ ގޮތުން ވިދާޅުވާނީ ކީކޭތޯއެވެ؟

ޕާކިސްތާނާއި ދިވެހިރާއްޖެއަކީ އަޚުވަންތަ މުސްލިމް ދެ ގައުމެވެ. އަޅުގަނޑުމެންގެ ގުޅުން ވަރަށް ބަދައްސެވެ. މި ގުޅުން ގާއިމު ވެފައި ވަނީ އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމު ކުރުމުގެ މައްޗަށެވެ. އަޅުގަނޑުމެން ދެ ގައުމުގެ ދީނަކީ އެއް ދީނެކެވެ. ގަބޫލުކުރާ ހަމަތަކާއި އުސޫލުތައް އެއްގޮތެވެ. ދެ ގައުމުގެ ދެމެދުގައި ތާރީޚީ އަދި ސަގާފީ ގުޅުމެއް އެބައޮތެވެ. ޕާކިސްތާނުން ދެކޭ ގޮތުގައި ދިވެހިރާއްޖެއަކީ އެ ގައުމުގެ ރައްޔިތުންގެ ދެވަނަ ވަޒަނެވެ. އެހައިވެސް ފަރިތަ އަދި ގާތް ގައުމެއްގެ ގޮތުގައި ޕާކިސްތާނުން ދިވެހިރާއްޖެ ދެކެއެވެ. ޕާކިސްތާނުން ގެންދަނީ ތައުލީމާއި ސިއްހަތާއި އިޖުތުމާއީ ދާއިރާތަކުން ދިވެހިރާއްޖެއާއެކު މަސައްކަތް ކުރަމުންނެވެ. ދެ ގައުމުންވެސް މަސައްކަތް ކުރަމުން ގެންދަނީ ގުޅުން ބަދަހި ކުރުމާއެކު ސަރަހައްދުގެ ސުލްހައާއި އަމާންކަމަށް އިސްކަން ދީގެންނެވެ.

ދެކުނު އޭޝިއާ ސަރަހައްދަށް ސުލްހަވެރިކަން ގެނެވޭނެ ގޮތަކީ ކޮބައިތޯއެވެ؟

ބައިނަލްއަގުވާމީ ހަމަތަކަށް އިހުތިރާމު ކުރުމާއެކު ޖައްމޫ އާއި ކަޝްމީރުގެ މައްސަލަ ހައްލު ނުކޮށެއް މި ސަރަހައްދަކަށް ދާއިމީ ސުލްހައެއް ނުގެނެވޭނެއެވެ. ޕާކިސްތާނުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ އަދި ގެންދާނީވެސް ސުލްހަވެރިކަމަށެވެ. ސުލްހަވެރިކަމާއެކު މައްސަލަތައް ހައްލު ކުރާށެވެ. ކަޝްމީރުގެ ރައްޔިތުންގެ އަޑު އެހުމާއެކު އަލިފުދާލުގެ ގަރާރުތަކާ އެއްގޮތަށް ކަޝްމީރުގެ މައްސަލަ ހައްލުކުރަން ބާރުއެޅުމަކީ ބައިނަލްއަގުވާނީ މުޖުތަމައަށް ލާޒިމު ވެފައިވާ ކަމެއް ކަމަށް އަޅުގަނޑުމެން ދެކެމެވެ. ސަރަހައްދަށް ސުލްވެރިކަން އައިސް، ތަރައްގީގެ މަގުގައި ކުރިއަށް ދާނޭ ހަމައެކަނި ގޮތަކީ އެއީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.