ޚާއްސަ ޖަލްސާއެއްގައި ރައީސް ނަޝީދު "ދަ ޑިމޮކްރެޓްސް" އަށް ސޮއި ކުރައްވައިފި

ފޮޓޯ: ސޯޝަލް މީޑިއާ

"ދަ ޑިމޮކްރެޓްސް" އިން ބޭއްވި ޚާއްސަ ޖަލްސާއެއްގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީއަށް ސޮއި ކުރައްވައިފިއެވެ.

ޖުލައި 13 ވީ ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި މި ޖަލްސާގައި ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީގެ އިސްބައެއް ބޭފުޅުން ވެސް ވަނީ ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވާފައެވެ.

އެގޮތުން އަހުމަދު ޢައްބާސް އާއި ނައުޝާދު ވަހީދު އާއި އަމީން ފައިސަލް އާއި  މައުސޫމް ހިމެނެއެވެ. އަދި ޝަފީގުގޭ ޝަފީގް އާއި ޝާޒު ވަހީދު އާއި ޒިޔައްޓޭ އާއި ހަސަން އަފީފް ވެސް ހިމެނެއެވެ.

މީގެ އިތުރުން އިބްރާހިމް ރަޝީދު އަބޫބަކުރު (އިބޫ) އާއި ސޯޝަލް މީޑިއާގެ އެކްޓިވްސްޓް ލޫކަސް ޖަލީލު ވަނީ އެ ޕާޓީއަށް ސޮއި ކުރައްވާފައެވެ.

ރައީސް ނަޝީދު އެމްޑީޕީ އިން ވަކިވެވަޑައިގެންފައި ވަނީ މިދިޔަ ޖޫން މަހުގެ 21 ގައެވެ. ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ މިވަގުތު ކަންކަން ހިނގަމުންދާ ގޮތަށް ބަލައި، އެ ޕާޓީގައި ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އެމަނިކުފާނު ދެކެވަޑައިނުގަންނަވާތީ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.