ފިޝަރީޒް މިނިސްޓަރ މަޖިލީހަށް ހާޒިރު ކުރެވުނީ އޮޅުމަކުންކަން ރައީސް އަށް އެނގިވަޑައިގެންނެވީ ނިޒާމީ ނުކުތާއެއް ނެގުމުން

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުކުރެވުނީ އޮޅިގެން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ، މަޢާފަށް އެދިވަޑައިގެންފިއެވެ.

އެމަނިކުފާނަށް އެކަން އެނގިވަޑައިގެންނެވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ނިޒާމީ ނުކުތާއެއް ނަންގަވައި މިނިސްޓަރު ހާޒިރު ކޮށްފައި ވަނީ ގޯސްކަމަށް ވިދާޅުވުމުންނެވެ.

މިނިސްޓަރ މަޖިލީހަށް ހާޒިރު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ވަޙީދު، ކުރައްވާ ސުވާލަކާއި ގުޅިގެންނެވެ.

އޭނާ ކުރައްވާ ސުވާލަކީ ހއ. ދިއްދޫގައި އައިސް ޕްލާންޓެއް ޤާއިމްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަޢުދުވެވަޑައިގެންފައިވާ ކަމަށާއި، އެއާ އެއްގޮތަށް، 2021 ސެޕްޓެންބަރު 8 ވަނަ ދުވަހު، ސަޢޫދީ ފަންޑުގެ އެހީގައި ހއ. ދިއްދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ޤާއިމްކުރުމުގެ މަސައްކަތް، މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ވަނީ އިޢުލާންކުރައްވާފައިކަމަށެވެ.

އެހެން ނަމަވެސް، އޭގެ ފަހުން އެކަމުގެ އެއްވެސް މަޢުލޫމާތެއް ނުލިބޭތީ މިހާރު އެކަން ގޮސްފައިވާހިސާބަކީ ކޮބައިތޯ؟ އަދި އައިސް ޕްލާންޓް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފެށި އޭގެ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ލަފާ ކުރާ ތާރީޚެއް އޮޅުން ފިލުވުމަށެވެ.

މިސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ބިޑަށް އެކަށީގެންވާ ތަރުހީބެއް ނުލިބި އަލުން ބިޑަށް ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ސުވާލަށްފަހު ވަޒީރާއި، ސުވާލު ކުރަން ހުޅުވާލި ފުރުސަތުގައި، ގިނަ މެމްބަރުން ސުވާލު ކުރައްވާފައިވަނިކޮށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ނިޒާމީ ނުކުތާ ނަންގަވައި، ވަޒީރާއި ސުވާލު ކުރަން އޮތީ ލިޔުމުންކަމަށް ދަންނަވާފައެވެ. ޝަރީފްގެ ނުކުތާ ބަލައި ގަނެ މަޖިލިސް ރައީސް ވަނީ މިއަދު ވަޒީރު މަޖިލީހަށް ހާޒިރުކުރެވުނީ އޮޅުމަކުން ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން ސުވާލުގެ ޖަވާބު ލިޔުމުން ދެއްވުމަށް އެދިވަޑައިގެން ސުވާލުގެ ބައި ވަނީ ނިންމަވާލައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.