ޖަޕާނުން ރާއްޖެއަށް 8 އެމްބިއުލާންސް ހަދިޔާކޮށްފި

ޖަޕާން ސަރުކާރުން ރާއްޖެއަށް 8 އެމްބިއުލާންސް ހަދިޔާކޮށްފިއެވެ.

މިއީ އެ ގައުމުގެ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި އުޅަނދުތަކެކެވެ.

ހެލްތު މިނިސްޓްރީން ބުނީ މި އުޅަނދުތައް ހއ. ހޯރަފުށި ހެލްތު ސެންޓަރަށާއި ހއ. ކެލާ ހެލްތު ސެންޓަރަށާއި ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް އަދި ލ. ގަން ރީޖަނަލް ހޮސްޕިޓަލަށާއި ޏ. ފުވައްމުލަކު ހޮސްޕިޓަލަށާއި އައްޑޫ އިކެއެޓޯރިއަލް ހޮސްޕިޓަލަށް (ކޮންމެ ރަށަކަށް 1 އެމްބިއުލާންސް) ހަވާލުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ހުޅުމާލޭގައި ޤާއިމު ކުރެވިފައިވާ ނެޝަނަލް އެމްއެމްބިއުލާންސް ސަރވިސަސް އަށް 2 އެމްބިއުލާންސް ހަވާލުކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއަދު ހަވާލު ކުރި އެމްބިއުލާންސްތަކާއެކު، ކާރިސާގެ ވަގުތުތަކުގައާއި އެމަޖެންސީގެ ވަގުތުތަކުގައި ޚިދުމަތް ފޯރުކޮށްދިނުމަށް އިތުރު ހަލުވިކަމެއް ލިބޭނެ ކަމަށެވެ. އަދި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެން ޖެހޭ ސިއްހީ ކުއްލި ފަރުވާ ރަށްރަށުގައި އަވަހަށް ފޯރުކޮށްދިނުމަށް ވެސް ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

ޖަޕާން ސަރުކާރުގެ ފަރާތުން އެމްބިއުލާންސްތައް ހަވާލްކޮށްދެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޖަޕާންގެ ސަފީރު މިސް ތަކެއުޗި މިދޯރީ އެވެ. މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްބިއުލާންސްތަކާ ހަވާލުވެވަޑައިގެންނެވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ކަމަށެވެ.

ހެލްތު ފެސިލިޓީތަކުން އެމްބިއުލާންސްތަކާއި ހަވާލުވެ ވަޑައިގެންނެވީ އެ ފެސިލިޓީއެއްގެ މެނޭޖަރު ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.