ރާއްޖެއަށް އެތެރެކުރާ ބޭސް ޓެސްޓުކުރުމަށް ޚާއްސަ ލެބޯޓްރީއެއް ހުޅުމާލޭގައި ގާއިމުކުރަނީ

ރާއްޖެއަށް އެތެރެކުރާ ބޭސް ޓެސްޓުކުރުމަށް ޚާއްސަ ލެބޯޓްރީއެއް ހުޅުމާލޭގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ހެލްތު މިނިސްޓްރީގެ މަސްއޫލިއްޔަތުގެ ދާއިރާގައި ހިމެނޭ ކަންކަމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުކޮށް، މެންބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިންނެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ މައްސަލައަކީ ބޭސް ޓެސްޓު ކުރެވޭނެ ލެބޯޓަރީއެއް ރާއްޖޭގައި ނެތުން ކަމަށާއި އެގޮތުން ކޮންމެ ފަހަރަކު ރާއްޖޭން ބޭރަށް ފޮނުވައިގެން ބޭސް ޓެސްޓު ކުރުމަކީ ކުރެވޭވަރު ކަމެއް ނޫން ކަމަށެވެ.

އެކަމަށްޓަކައި ހުޅުމާލެއިން ބިން ހަމަޖެހިފައިވާ ކަމަށާއި ލެބޯޓަރީ ބިލްޑިންގ ހެދުމަށް ބޭނުންކުރާ ފައިސާ ބޭރުގެ އެހީއާއެކު ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެތަނަށް ބޭނުންވާ ތަކެއްޗާއި މީހުން ތަމްރީނުކުރަން ބޭނުންވާ ފައިސާ ވެސް މިހާރުވަނީ ހަމަޖެހިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއަށް އެތެރެކުރާ ބޭހުގެ ކޮލިޓީއާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާކަން ފާހަގަކުރައްވާ މިނިސްޓަރ އިތުރަށް ވިދާޅުވީ މަގާމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު، އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވައިގެން ކުރިއަށް ގެންދަވަނީ ލެބޯޓްރީގެ ކަންތައް ކަމަށެވެ.

އެފަދަ ޓެސްޓުތައް ކުރުމުގެ ކުޅަދާނަކަން އަޅުގަނޑުމެންގެ ތެރޭގައި ހުންނަންޖެހޭނެ ކަމަށް ވެސް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.