އާސަންދައިގެ ޚިދުމަތުގައި ހުރި މައްސަލަތައް ދެނެގަނެ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ވަނީ ފަށާފަ: ހެލްތު މިނިސްޓަރ

އާސަންދައިގެ ޚިދުމަތުގައި ހުރި މައްސަލަތައް ދެނެގަނެ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ވަނީ ފަށާފައި ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އާސަންދައިން ރައްޔިތުންގެ ބޭސްފަރުވާއަށް ބޮޑު ހޭދައެއް ކުރާއިރު، އަދިވެސް ބައެއް ކުދިކުދި ބަލިތަކަށާއި، އާންމު ބައެއް ބަލިތަކަށް ވެސް އާސަންދަ ލިބުމުގައި ހުރި ދަތިތަކާއި ގުޅޭގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، ހެލްތު މިނިސްޓަރ އަހުމަދު ނަސީމްއާއި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އާސަންދައިން ކުރެވޭ ބޭކާރު ޚަރަދުތަކާއި އެންމެ އާންމު ކުދިކުދި ޞިއްޙީ ކަންކަމަށް ވެސް އާސަންދަ ނުލިބޭކަމުގެ ޝަކުވާއަކީ ލިބޭ ޝަކުވާއެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަންކަމަށް ހައްލު ގެނައުމަށް އާސަންދައިގެ ތެރޭގައި ހުރި މިފަދަ މައްސަލަތައް ދެނެގަނެ، ގެންނަން ޖެހޭ ބަދަލުތަކާއިއެކު އެކުލަވާލެވޭ ޚާއްސަ ރިޕޯޓެއް މަޖިލީހަށް ވެސް ހުށަހަޅުއްވާނެކަމަށް ވިދާޅުވިއެވެ.

އާސަންދަ ކުންފުނި ހަރުދަނާ ކުރުމަށް ދެފުށް ފެންނަ ނިޒާމެއް ކުންފުނީގައި އުފައްދާ ކުންފުނީގެ އަހަރީ ހިސާބުތަކުގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކޮށް ކުންފުނީގެ އޮޑިޓެއް ހިންގަވާ ހުއްޓިފައިވާ ވިނަވި އާސަންދަ ސިސްޓަމްގެ ދަށުން މާލެއާއި އަތޮޅުތެރޭގެ ޚިދުމަތްތައް އެއްވިއުގައަކުންވަނީ ގުޅާލާފައެވެ.

އާސަންދަ މެދުވެރިކޮށް ބޭސްފަރުވާގެ ޚިދުމަތް ދިނުމަށް ވޭތުވެދިޔަ 10 އަހަރު ތެރޭ ދައުލަތުގެ ބަޖެޓުން 16 ބިލިއަން ރުފިޔާ ޚަރަދު ވަނީ ކޮށްފައެވެ.

އާސަންދަ ޚިދުމަތަކީ ހަމައެކަނި ސަރުކާރު މުވައްޒަފުންގެ ބޭސްފަރުވާ ފޯރުކޮށްދިނުމަށް 2008 ވަނަ އަހަރު ފެށި ޚިދުމަތެކެވެ. ޚިދުމަތް އެންމެ ފުރަތަމަ ތަޢާރަފު ކުރެވުނީ މަދަނަ ސްކީމްގެ ނަމުގައެވެ. އޭގެފަހުން ސަރުކާރުންވަނީ ހުރިހާ ރައްޔިތުންނަށް އެއްހަމައެއްގައި ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމަށް 2012 ވަނަ އަހަރު އާސަންދައިގެ ނަމަށް ސްކީމް ބަދަލުކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.