އެއްފަހަރާ ބޮޑު ސަރަހައްދެއް ހަލާކުކޮށްލުމުގެ ގާބިލުކަން ލިބިފައިވާ ކްލަސްޓާ ބޮން ޔުކްރޭނަށް ދިނުމަށް އެމެރިކާއިން ނިންމައިފިއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ދެކޮޅުހެދުންތަކާ އެކުވެސް އެމެރިކާ ސަރުކާރުން މި ބޮން ޔުކްރޭނަށް ދެވޭނީ، ޔުކްރޭނަށް ދޭން ނިންމި 800 މިލިއަން ޑޮލަރުގެ އެހީގެ ބައެއްގެ ގޮތުގައެވެ. ޔުކްރޭނުން ބުނީ މި ބޮން ޔުކްރޭނަށް ލިބުމަކީ އެގައުމުގައި ހަނގުރާމަކުރާ ރަޝިޔާ ސިފައިންނަށް "އާދަޔާ ޚިލާފަށް ނަފްސާނީ އަސަރުކުރާނެ" ކަމެއް ކަމުގައެވެ.
ކްލަސްޓާ ބޮމަކީ އަސްކަރީ އަދި މަދަނީ ތަންތަން ވަކިކުރުމެއް ނެތި ބޮޑު ސަރަހައްދެއް ހަލާކުކޮށްލައި، އަސްކަރީންގެ އިތުރު މަދަނީ ގިނަ ބަޔަކު އެއްފަހަރާ މަރާލާ ހަތިޔާރަކަށް ވާތީ ދުނިޔޭގެ 120 އަށްވުރެ ގިނަ ގައުމުގައި އެ ހަތިޔާރު ގެންގުޅުން ވަނީ މަނާކޮށްފައެވެ. އޭގެ ތެރޭގައި ނޭޓޯގެ މެންބަރު ގައުމުތައްވެސް ހިމެނެއެވެ. މި ބޮން މަނާކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އެމެރިކާއާއި، ރަޝިޔާއާއި، ޔުކްރޭން ނުހިމެނެއެވެ.
މި ބޮމަކީ އެ ގޮވުމުން އެއިން އެތައް ހާސް ކުދި ބޮން ބޮޑު ސަރަހައްދަކަށް ފެތެރިގެންދާ ބޮމެކެވެ. މި ކުދި ބޮންތައް ބިމުގައި ޖެހުމާއެކު ގޮވައެވެ. އަދި ނުގޮވާ ބޮން ބިމުގައި ވަޅުލެވިފައި އެތައް އަހަރަކަށް ހުރުމަށް ފަހުވެސް ގޮވައެވެ. އެހެން ކަމުން މީގެ ނުރައްކާ އާއްމުންނަށް ވަރަށް ބޮޑެވެ.
އެމެރިކާއިން ޔުކްރޭނަށް ކްލަސްޓާ ބޮން ދޭން ނިންމުމާ ގުޅިގެން އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނުގެ ނާއިބު ފަރްޙާން ޙައްޤު ވިދާޅުވި ގޮތުގައި ސެކްރެޓަރީ ޖެނެރަލް ވަނީ ކްލަސްޓާ ބޮން މަނާކުރާ މުއާހަދާއަށް ތާއީދުކުރައްވާފައެވެ.
"އޭނާ (އދ.ގެ ސެކްރެޓަރީ ޖެނެރަލް) ބޭނުންފުޅުވަނީ ހުރިހާ ގައުމަކުންވެސް އެ މުއާހަދާ ގަބޫލުކުރުން. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ހަނގުރާމައިގެ މައިދާނުގައި ކްލަސްޓާ ބޮން ބޭނުންކުރުން ނިމުމަކަށް އައުން." ޙައްޤު ވިދާޅުވިއެވެ.
ޔުކްރޭނަށް ތާއީދުކުރާ އަދި ނޭޓޯގެ މެންބަރެއް ކަމުގައިވާ ޖަރުމަނުންވެސް ވަނީ ކްލަސްޓާ ބޮން ޔުކްރޭނަށް ފޮނުވުމާ ދެކޮޅުހަދާފައެވެ.
އެހެންނަމަވެސް، އެމެރިކާއިން ވަނީ ކްލަސްޓާ ބޮން ޔުކްރޭނަށް ދޭން ނިންމި ނިންމުން ދިފާއުކޮށްފައެވެ.
"ކްލަސްޓާ ބޮމުގެ ތެރޭން ނުގޮވާ ހުންނަ ތަކެތީގެ ސަބަބުން އާއްމުންނަށް ގެއްލުން ލިބުމުގެ ނުރައްކާ އޮތްކަން އަހަރުމެން ގަބޫލުކުރަން. އަހަރުމެން މި ނިންމުން ލަސްކުރީވެސް އެހެނެވެ. އެހެނަސް، ރަޝީޔާ ސިފައިން ޔުކްރޭންގެ ސަރަހައްދުތަކަށް އަރައިގަތުމުން އާއްމުންނަށް ލިބޭ ގެއްލުން މާ ބޮޑު." ރައީސު ޖޯ ބައިޑަންގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވާން ވިދާޅުވިއެވެ.