ރަޝިޔާއިން ޔުކްރޭންގެ ނިއުކުލިޔާ އިންޖީނުގެއަށް ދިން ހަަމަލާއަށް ފަހު ރޭޑިއޭޝަން ބޭރުވެފައި ނުވޭ: އައިއޭއީއޭ

ޒެޕޮރީޒިޔާ ނިއުކުލިޔާ އިންޖީނުގެއަަށް ހަމަލާއެއް އަރާ މަންޒަރު

ޔުކްރޭންގެ އެނަރްހޯދާރްގައި ހުންނަ ޔޫރަޕުގެ އެންމެ ބޮޑު ނިއުކުލިޔާ އިންޖީނުގެ، ޒަޕޮރީޒިޔާ ނިއުކުލިޔާ ޕަވަރ ޕްލާންޓަށް ރަޝިޔާއިން ދިން ހަަމަލާއަށް ފަހު އެ އިންޖީނުގޭގެ ވަަށައިގެންވާ ސަރަހައްދުގައި ރޭޑިއޭޝަނުގެ މިންވަރު އިތުރުވެފައި ނުވާކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އޭއައިއީއޭ) އިން ބުނެފިއެެވެ.

އޭއައިއީއޭގެ ޑިރެކްޓަރ ޖެެނެރަލް މެރިއާނޯ ގްރޮސީ ވިދާޅުވީ ޔުކްރޭންގެ ބޮޑުވަޒީރު ޑެނީސް ޝްމީގަލްއާއި ޒަޕޮރީޒިޔާ ނިއުކުލިޔާ އިންޖީނުގެ ހިންގާ ފަރާތަށް ގުޅުއްވި ކަމަށާއި، "ރޭޑިއޭޝަންގެ މިންވަރަށް ބަދަލު އައިސްފައި ނުވާކަމުގެ ޔަގީންކަން" ލިބިފައިވާ ކަމަށެވެ.

ކަނޑުމަގުން ޔުކްރޭނަށް މުދާއެތެރެކުރެވޭ މަގު ބަންދުކުރުމަށް ރަޝިޔާ ސިފައިން ކުރާ މަސައްކަތުގައި އެނަރްހޯދާރަށް ވަރުގަދަ ހަމަލާތަކެއް ދެމުން ދާއިރު، އެރަށުގައި ހުރި ޔޫރަޕުގައި ނިއުކުލިޔާ ހަކަތަ އުފައްދާ އެންމެ ބޮޑު އިންޖީނުގެއަށް ވެސް ވަނީ އިއްޔެގެ ވަގުތެއްގައި ހަމަލާދީފައެވެ. މިހަމަލާ ކުރިއަށް މިދަނީ ރަޝިޔާއިން ޔުކްރޭނަށް ދެމުންދާ ހަމަލާތައް ދެވަނަ ހަފުތާއަކަށް ދެމިގެން ގޮސްފައިވާ ވަގުތެއްގައެވެ. އަދި ދެ ގައުމުގެ ދެމެދުގައި ދެކެވެމުންދާ ވާހަކަތަކުގެ ދެވަނަ ބުރެއް ކުރިއަަށް ދަނިކޮށެވެ.

"ޔޫރަޕުގެ އެންެމެ ބޮޑު ނިއުކުލިޔާ އިންޖީނުގެއަަށް ދުޝްމަނުން މެދުނުކެނޑި ބޮޑުބަޑީގެ ހަމަލާދެމުން ދިއުމުގެ ނަތީޖާއެެއްގެ ގޮތުން ޒަޕޮރީޒިޔާ ނިއުކުލިޔާ އިންޖީނުގޭގައި ވަނީ އަލިފާން ރޯވެފައި." އެނަރްހޯދާރްގެ މޭޔަރު ޑްމިޓްރޯ އޮރްލޯވް ވިދާޅުވިއެވެ.

"އެތަން ގޮވައިފިނަމަ އެ ގޮވުން ޗެރްނޮބީލްއަށްވުރު 10 ގުނަ ވަރުގަަދަވާނެ." ޒަޕޮރީޒިޔާއަށް ގެއްލުންވެއްޖެނަމަ ކުރިމަތިވާނެ ނުރައްކާ ބަޔާންކުރައްވަމުން ޔުކްރޭންގެ ފޮރިން މިނިސްޓަރު ޑްމިޓްރޯ ކުލޭބާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ޔުކްރޭންގެ އޮޮފިޝަލުން މިިއަދު ހެނދުނު ވިދާޅުވި ގޮތުގައި ނިއުކުލިޔާ އިންޖީނުގޭގައި ރޯވެފައިވަނީ ޓްރޭނިންގ އިމާރާތަކާއި ލެބޯޓަރީއެއްގައެވެ. އަދި އެ އަލިފާންގަނޑު ނިއްވާލައި ތަނުގެ ރައްކާތެރިކަން މިހާރުވަނީ ޔަގީންކުރެވިފައެވެ.

"5:20 ވީއިރު (ރާއްޖޭ ގަޑިން 8:20 ވީއިރު) އެނަރްހޯދާރުގެ ޒެޕޮޒީރިޔާ ނިއުކުލިޔާ ޕަވަރ ޕްލާންޓުގައި، ސްޓޭޓް އެމަޖެންސީ ސާވިސއިން ވަނީ ޓްރޭނިންގ އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައި." އެމަޖެންސީ ސާވިސްގެ ފޭސްބުކް ޕޭޖްގައި ލިޔެފައި ވެއެވެ،

ރަޝިޔާއިން ޔުކްރޭނަށް ދެމުންދާ ހަމަލާތައް ވަރުގަދަކުރަމުުން ދާއިރު، އެމެރިކާއާއި ޔޫރަޕާއި، ޖަޕާނުން ރަޝިޔާއާއި ދެކޮޅަށް އަޅާ އިގްތިސާދީ ފިޔަވަޅުތައް ދަނީ ވަރުގަދަކުރަމުންެނެވެ. އަދި ރަޝިޔާއިން ބޭނުންވާ ކަންކަމަށް ޔުުކްރޭން ސަރުކާރުން ބޯނުލަބަނީސް ދޫދޭން ރަޝިޔާއިން ބޭނުންނުވެއެވެ. ރަޝިޔާއިން ބޭނުންވާ އެންމެ ބޮޑު ކަމަކީ ޔުކްރޭން ދުވަހަކުވެސް ނޭޓޯ (ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން) ގައި ބައިވެރިނުވާނެކަމުގެ ޔަގީންކަން ދިނުމެވެ. އަދި ހަނގުރާމަފެށިފަހުން ރަޝިޔާއިން ބުނަމުން ދަނީ ޔުކްރޭނަކީ ހަތިޔާރެއް ނެތް ގައުމަކަށް ހަދަންވެސް ބޭނުންވާ ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.