ޔުކްރޭންގެ ލުހާންސްކް ސަރަހައްދަށް ރަޝިޔާއިން ދިން ވައިގެ ހަމަލާއެއް ސްކޫލަކަށް އަރައި 60 މީހުން މަރުވެއްޖެ ކަމުގައި ޔުކްރޭނުން ބުނެފިއެވެ.
މި ހަމަލާގެ ފަހުން ގިނަ އިރުތަކެއް ނުވަނީސް، ޖީ-7 ގެ ވެރިން ޔުކްރޭންގެ ރައީސު ވޮލޮޑިމީރް ޒެލެންސްކީއާ ވީޑިޔޯ ކޮންފަރެންސުން ބައްދަލުކުރައްވައި، ރަޝިޔާއާ ދެެކޮޅަށް އިގުތިސާދީ ގޮތުން ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެެވެ.
ލުހާންސްކް ސަރަހައްދުގެ ގަވަރުނަރު ސެރްހީ ހައިޑާއި ހާމަކުރެއްވި ގޮތުގައި، ފުނޑުފުނޑުވެފައިވާ މަދަރުސާގެ އިމާރާތުގެ ދަށުން މަރުވެފައިވާ ދެ މީހެއްގެ ހަށިގަނޑު މިހާތަނަށް ވަނީ ނަގާފައެވެ. އެ މަދަރުސާއަކީ ބިލޮގޮރިވްކާ އަވަަށުގައި ހުރި މަދަރުސާއެކެވެ.
"ފުނޑުފުނޑުވެފައިވާ މަދަރުސާގެ އިމާރާތުގެ ދަށުގައި ތާށިވެފައި ތިބި 60 މީހުންވެސް މަރުވެފައިވުން އެންމެ ގާތީ." އޭނާ ވިދާޅުވެފައި ވެއެވެ.
އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި މަދަރުސާއަށް ހަަމަލާ އެރިއިރު އެތަނުގައި 90 މީހަކު ރައްކާތެރިކަން ހޯދައިގެން ތިއްބެވެ. އަދި ހަމަލާއާއެކު މަދަރުސާގެ އިމާރާތުގައި އަލިފާން ރޯވެ މުޅި އިމާރާތަށް ވަނީ ފެތުރިފައެވެ.
"ފުނޑުފުނޑުވެފައިވާ އިމާރާތުގެ ދަށުން 30 މީހަކު ވަނީ ސަލާމަތްކޮށްފައި. އޭގެ ތެރޭން 7 މީހަކު ވަނީ ޒަޚަމްވެފައި. އިމާރާތުގެ ދަށުވެ 60 މީހުން މަރުވެފައިވާނެ ކަމަށް ބެލެވެނީ." ގަވަރުނަރު ހައިޑާއި ވިދާޅުވިއެވެ.
"އެހެން ބަޔަކު ސަލާމަތް ވުމަކީ ދުރު ކަމެއް. (އިމާާރާތުގެ) ބިންގަރާހަށް ވުރެ އަޑިޔަށް (ހަމަލާގެ ގޮވުމުގައި އުފެދުނު) ވަޅުގަނޑު އެހެރީ." ހަލާކުވެފައިވާ އިމާރާތުގެ މަންޒަރު ފެންނަ ވީޑިއޯއެއްގައި ކާކުކަން ނޭނގޭ މީހަކު ބުނާ އަޑުއިވެއެވެ.
ފާއިތު ފެބުރުވަރީ މަހު ފަހުކޮޅު ރަޝިޔާއިން ޔުކްރޭނަށް ދޭން ފެށި އަސްކަރީ ހަމަލާއަށް ދެ މަސްދުވަސް ވެފައި ވާއިރު، ރަޝިޔާއިން ހަމަލާ ހުއްޓާލާނެ ކަމުގެ އެއްވެސް އިޝާާރާތެއް ދީފައި ނުވެއެވެ. އަދި ޔުކްރޭނުން ވެސް އަމާންދީ ރަޝިޔާގެ ޝަރުޠުތައް ގަބޫލުކުރާ ގޮތަކަށް ނެތެވެ. ހުޅަނގުގެ ގައުމުތަކުން ސީދާ ހަނގުރާމައިގެ ތެރެއަށް ނުވަނަސް، އެ ގައުމުތަކުން ޔުކްރޭނަށް ފޯކުރޮށްދެމުން ދާ ޒަމާނީ ހަތިޔާރުގެ ސަަބަބުން ޔުކްރޭނުން ރަޝިޔާއާ ދެކޮޅަށް ރައްދު ހަމަލާ ދިނުމުގައި ދެމިއޮތުމުގެ ފުރުސަތު ލިބިފައި ވާތީ، ހަނގުރާމަ އިތުރަށް ދިގުދެމިގެން ދާނެކަމަށް ވަނީ ބެލެވިފަައެވެ.