ބަޚްމޫތުން ފައިބަން ޖެހިދާނެކަމުގެ އިންޒާރު ވެގްނާ ކުލީސިފައިން ދީފި

ވެގްނާ ކުލީ ސިފައިންގެ ވެރިޔާ ޔެވްގޭނީ ޕްރިގޮޒިން

ޔުކްރޭނުގައި ހަނގުރާމަކުރަމުންދާ ރަޝިޔާ ސިފައިން ހިފާފައިވާ ރަށެއް ކަމުގައިވާ ބަޚްމޫތުގައި ތިބި ރަޝިޔާގެ ވެގްނާ ކުލީސިފައިން އެ ރަށުން ފައިބަން ޖެހިދާނެކަމުގެ އިންޒާރު އެ ޖަމާއަތުގެ ވެރިޔާ ޔެފްގޭނީ ޕްރިގޮޒިން ދީފިއެވެ.

ޔުކްރޭންގެ އިރުމަތީގައި އޮންނަ ބަޚްމޫތުގައި ހުރެގެން ދެއްކި ވާހަކައިގައި އޭނާ ތުހުމަތުކުރި ގޮތުގައި އޭނާގެ ހަނގުރާމަވެރިންގެ ގިނަ ބަޔަކު މަރުވަމުން ދަނީ ރަޝިޔާއިން އެކަށީގެންވާ ވަރަށް ހަތިޔާރު ފޯރުކޮށްނުދޭތީއެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ކުލީ ސިފައިން ފޭބުމުން އެމީހުން މަގާމުތަކުގައި އަންނަ ބުދަ ދުވަހު ރަޝިޔާގެ ސިފައިން ތިބޭނެކަމަށް އުއްމީދުކުރެވެއެވެ.

ޔުކްރޭންގެ ސިފައިން އަތުން ބަޚްމޫތު ހިފުމަށް ފަހު އެރަށުގެ ރަޝިޔާގެ ބާރުގެ ދަށުގައި ބޭއްވުމަށް ބޮޑު ދައުރެއް އަދާކުރި ވެގްނާ ކުލީސިފައިން އެރަށުން ފޭބުމަކީ ރަޝިޔާ ސިފައިންނަށް އެރަށް ދިފާއުކުރުމަށް އުނދަގޫވާނެ ކަމެކެވެ. އަދި ޔުކްރޭން ސިފައިން ވަރުގަދަ ރައްދު ހަމަލާއަކަށް ތައްޔާރުވަމުން އަންނައިރު މިފަދަ ކަމެއް ދިމާވުމަކީ އިރުމަތީ ޔުކްރޭނުގައި ރަޝިޔާއަށް އެންމެ މުހިއްމު ރަށް ރަޝިޔާއަށް ގެއްލިގެން ހިނގައިދާނެ ސަބަބަކަށްވެސް ވެދާނެއެވެ.

"އަހަރެން ކުދިންނަށް ބޭނުންވާ ބަޑިބޭސް (ވަޒަނާއި އުންޑަ) ނުލިބި ބޭނުމެއްނެތް، ގޮތުގައި ގެއްލުން ދެން ތަހައްމަލްނުކުރެވޭނެ." ރައީސު ޕުޓިންއާއި، ދިފާއީ ވަޒީރަށާއި، ޖެނެރަލް ސްޓާފްގެ ކޮމާންޑަރަށް ފޮނުވި ރިކޯޑުކޮށްފައިވާ މެސެޖެއްގައި ވެގްނާގެ ލީޑަރު ބުންޏެވެ.

އިރުމަތީ ޔުކްރޭންގެ ސިނާއީ ސަރަހައްދުގެ ރަށްތައް ހިފުމަށް ހަމަލާދިނުމުގެ މައިމަރުކަޒެއްގެ ގޮތުގައި ރަޝިޔާއިން ދެކޭ ބަޚްމޫތު ކޮންޓުރޯލުކުރަން ރަޝިޔާއިން ކުރި ހަނގުރާމައަކީ ޔުކްރޭނަށް ރަޝިޔާ ސިފައިން އެރިފަހުން ހިނގި އެންމެ ލޭ އޮހޮރުވުން ބޮޑު ހަނގުރާމައެވެ. މި ހަނގުރާމައިގައި ދެ ފަރާތުގެ ސިފައިންގެ އެތައް ހާސް ބަޔަކު މަރުވެފައި ވެއެވެ.

ރަޝިޔާ ސިފައިން އަރައި ޔުކްރޭން ސިފައިން ފަހަތަށް ޖެއްސިނަމަވެސް ޔުކްރޭން ސިފައިން ބަޚްމޫތު މުޅިން ދޫކޮށް ގޮސްފައި ނުވެއެވެ. އަދި ޔުކްރޭނުން ދިނުމަށް ތައްޔާރުވަމުންދާ ވަރުގަދަ ރައްދު ހަމަލާގައި އެ ސިފައިން މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ.

"10 މޭ 2020 ވެގްނާ ކުލީސިފައިންނަށް ޖެހޭނީ ބަޚްމޫތު އަވަށުގައި އެމީހުން ތިބި މަގާމުތައް ޑިފެންސް މިނިސްޓްރީގެ ސިފައިންނާ ހަވާލުކޮށްފައި، ލޮޖިސްޓިކްސް ކޭމްޕްތަކަށް ފަހަތަށް ޖެހޭން." ވެގްނާގެ ވެރިޔާ ބުނެފައި ވެއެވެ.

އަންނަ ރުޅީގައި ވިސްނުމެއް ނެތި އަވަސް ބަޔާން ދިނުމަށް މަޝްހޫރު ޕްރިގޮޒިން އޭނާގެ އިންޒާރާ އެއްގޮތަށް އަމަލުކުރާނެ ކަމާމެދު އަދި އެއްވެސް އެއްޗެއް ބުނަން ނޭނގެއެވެ. އޭނާއަށް ބޭނުންވާ ހަތިޔާރު ލިބިއްޖެނަމަ އޭނާގެ ޚިޔާލު ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ.

ޕްރިގޮޒިންގެ މެސެޖާމެދު އެއްޗެއް ބުނަން ކްރެމްލިންއިން ވަނީ ދެކޮޅު ހަދާފައެވެ.

އޭނާގެ މެސެޖް ރަޝިޔާގެ އިސް ވެރިންނަށް ފޮނުވުމުގެ ކުރިން ވެގްނާގެ ލީޑަރު ވަނީ މަރުވެފައިވާ ބައެއް ހަށިތަކެއްގެ މެދުގައި ހުރެ ނަގާފައިވާ ފޮޓޯއެއް އާއްމުކޮށްފައެވެ. އޭނާ ބުނީ އޭނާ އޭނާގެ ހަނގުރާމަވެރިންގެ ތެރޭން މަރުވެފައިވާ މީހުންގެ ހަށިތައް ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.