އައިޖީއެމްއެޗްގެ ޚިތާނީ ކޭމްޕުގައި ނަން ނޯޓު ކުރުމަށް ޖޫން މަހު ހުޅުވާލާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުގެ ޚިތާނީ ކޭމްޕު މިއަހަރު ވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި ނަން ނޯޓު ކުރުމަށް ޖޫން 1 ވާ ބްރާސްފަތި ދުވަހު ހުޅުވާލާނެ ކަމަށެވެ.
ނަން ނޯޓް ކުރުން ކުރިއަށްދާނީ އޯ.ޕީ.ޑީ ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ތިންވަނަ ފަންގިފިލާގައިވާ ސާރޖަރީ ކައުންޓަރުންނެވެ.
މި ހޮސްޕިޓަލުން ޚިތާނު ކުރުމަށް ހަމަޖެހިފައިވާ ކުދިންގެ އަދަދަކީ 405 ކަމަށްވާތީ މި އަދަދު ހަމަވުމުން ނަންނޯޓުކުރުން ހުއްޓާލެވޭނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެއެވެ.
ޚިތާނު ކުރުން ކުރިއަށް ދާނީ 24 ޖޫން 2023 އިން ފެށިގެން 31 ޖުލައި 2023 ގެ ނިޔަލަށް ކަމަށާއި އެޕޮއިންޓްމެންޓް ހަމަޖެހިގެންދާނީ ނަންނޯޓުކުރާ ތަރުތީބުން ކަމަށް ވެސް އެ ހޮސްޕިޓަލުގެ ބަޔާނުގައި ބުންޏެވެ.
މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް އޯ.ޕީ.ޑީ ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 16:00 އާ ދެމެދު މި ހޮސްޕިޓަލުގެ ސާރޖަރީ ކައުންޓަރު ނަންބަރު 3335300 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.