ދުވަސް ނުފުރާ އުފަންވާ ކުދިންގެ ދުވަސް ފާހަގަކުރުމަށް އައިޖީއެމްއެޗުގައި ހާއްސަ ހަރަކާތްތަކެއް ހިންގަނީ!

ބައިނަލްއަޤްވާމީ ދުވަސް ނުފުރާ އުފަންވާ ކުދިންގެ ދުވަސް ފާހަގަކުރުމަށް އައިޖީއެމްއެޗުގައި ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށް ބުނެފި އެވެ.

އައިޖީއެމްއެޗުން ބުނީ އެ ދުވަސް ފާހަގަކުރުމަށް ހަރަކާތްތައް ހިންގާނީ އެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ޚާއްސަ ޑިޕާޓްމަންޓާއި އަންހެނުންގެ ޚާއްސަ ޑިޕާޓްމަންޓް ގުޅިގެން ކަމަށެވެ.

އެގޮތުން އެފަދަ ކުދިންގެ ބެލެނިވެރިންނަށް ބާއްވާ ބައްދަލުވުމެއް މިރޭ އޮންނާނެ ކަމަށާއި އަދި ހުކުރު ދުވަހު ސޯޝަލްސެންޓަރުގައި އާއިލީ ހަވީރެއް ބޭއްވުމަށް ވެސް އޮންނާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

ބައިނަލްއަޤްވާމީ ދުވަސް ނުފުރާ އުފަންވާ ކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހެވެ.

ދުވަސް ނުފުރާ ވިހާ ކުދިންކަމަށް ބަލަނީ 37 ހަފްތާނުވެ އުފަންވާ ކުދިންނެވެ. އެކުދިންނަށް ރަނގަޅު ފަރުވާތަކެއްދިނުމަށް އައި.ޖީ.އެމް.އެޗްގެ އެން.އައި.ސީ.ޔޫ އާއި އެހެނިހެން ތަފާތު ޑިޕާޓުމަންޓްތަކުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، 2021 ވަނަ އަހަރު އެން.އައި.ސީ.ޔޫގައި އެޑްމިޓްކުރެވުނު ކުދިންގެ އަދަދަކީ 633 އެވެ. އޭގެތެރެއިން %36 ކުދިންނަކީ ދުވަސްނުފުރާ އުފަންވި ކުދިން ނެވެ.

ކުރިއަރާފައިވާ ގައުމުތަކާ އަޅާބަލާއިރު، އައި.ޖީ.އެމް.އެޗްގެ އެން.އައި.ސީ.ޔޫގައި ދުވަސް ނުފުރާ އުފަންވާ ކުޑަކުދިންގެ ފުރާނަ ސަލާމަތްކުރެވޭ ނިސްބަތް ރަނގަޅުކަން ފާހަގަކުރެއެވެ.

2021 ވަނަ އަހަރަށް ބަލާއިރު 28 ހަފްތާއާއި 32 ހަފްތާއާއި ދެމެދު އުފަންވާ ކުދިން ސަލާމަތްކުރެވުނު ރޭޓަކީ %86 އެވެ. އަދި 32 ހަފްތާއާއި 36 ހަފްތާއާއި ދެމެދު އުފަންވާ ކުދިން ސަލާމަތްކުރެވުނު ރޭޓަކީ %98 އެވެ.

2021 ވަނަ އަހަރު ފުރާނަ ސަލާމަތްކުރެވުނު އެންމެ ޅަކުއްޖަކީ 24 ހަފްތާގައި އުފަންވެފައިވާ ކުއްޖެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.