ސެންޓަރ ފޯރ މެންޓަލް ހެލްތު އިންޕޭޝަންޓު ވޯޑު ހުޅުވައިފިއެވެ.
މިއީ މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ނަފްސާނީ ބަލިމީހުންނަށް ފަރުވާދޭ ޚާއްޞަ ވޯޑު އެ ހޮސްޕިޓަލުގައި ހުޅުވާފައިވަނީ މިއަދުއެވެ.
އައިޖީއެމް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގެ ސެންޓަރ ފޮރ މެންޓަލް ހެލްތުގެ ދަށުން އެނދުމަތިކޮށްގެން ފަރުވާދޭ މީހުންނަށް ޚާއްޞަ ކުރެވިފައިވާ 9 އެނދުގެ މި ވޯޑުގައި ޑީއެސްކެލޭޝަން ކޮޓަރިއަކާއި ބޭރަށް ނިކުމެވޭގޮތަށް ހަދާފައިވާ ޓެރަސް އެއް ހިމެނޭ ކަމަށެވެ. އަދި ބަލިމީހުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެހީތެރިވުމުގެ ގޮތުން ކަސްރަތުކުރާ މެޝިންތަކެއްވެސް މި ވޯޑުގައި ބެހެއްޓިފައިވާ ކަމަށެވެ.
ބަލިމީހުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީ މި ހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމެއްކަމުގައިވެސް އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.