އައިޖީއެމްއެޗުގައި ފްލޫ ކްލިނިކެއް ހުޅުވާ ޚިދުމަތް ދޭން ފަށައިފި

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފްލޫ ކްލިނިކެއް ހުޅުވާ ޚިދުމަތް ދޭން ފަށައިފިއެވެ.

މި ފްލޫ ކްލިނިކް ހުޅުވީ ހުމާއި ރޯގާ ޖެހިގެން ފަރުވާހޯދުމަށް އެ ހޮސްޕިޓަލަށް މިދުވަސްވަރު އަންނަ ބަލިމީހުންގެ އަދަދު އިތުރުވަމުންދާތީ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ހުޅުވާފައިވާ އެ ކްލިނިކުން ހެނދުނު 08:00 އިން ރޭގަނޑު 11:00 އަށް ޚިދުމަތް ލިބޭނޭ ކަމަށާއި ރޯގާގެ އަލާމާތް ހުރުމުން ޑޮކްޓަރަށް ދެއްކުމަށް އަންނަމީހުންނަށް އެ ކްލިނިކުން ޑޮކްޓަރަށް ދެއްކޭނޭ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

އައިޖީއެމްއެޗުން ފްލޫ ކްލިނިކެއް ހުޅުވާފައިވާ އިރު، މިއަހަރުގެ މިހާތަނަށް ޑެންގީ، އަރިދަފުސް ރޯގާ، އިންފުއެންޒާ އަދި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރުގެ މިހާތަނަށް އިތުރުވެފައިވާ ކަމަށް އެޗްޕީއޭ ގެ ތަފާސް ހިސާބުބން ވަނީ ދައްކާފައެވެ.

އެގޮތުން  ޑެންގީގެ 92 ކޭސް ރިޕޯޓު ކޮށްފައިވާއިރު، އޭގެތެރެއިން 32 ކޭސް ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ ފަހު ހަފުތާގައި ކަމަށް ވެސް ތަފާސް ހިސާބުން ދައްކައެވެ. އަދި މިދިޔަ މަހު ޑެންގީގެ 185 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށާއި 73 ކޭސް ރިޕޯޓު ކޮށްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު ކަމަށް ވެސް ވަނީ ދައްކާފައެވެ.

މީގެ އިތުރުން އަރިދަފުސް ރޯގާ ޖެހިގެން އޭޕްރީލް މަހު 12،978 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށާއި މިދިޔަ މަހު 4،105 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށް ވެސް އެޗްޕީއޭ ގެ ތަފާސް ހިސާބުން ދައްކާފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.