ނިދަން އުނދަގޫވާތީ ބަޑިޖެހުން ހުއްޓާލަން އެދުމުން އަވައްޓެރިންގެ 5 މީހުން މަރާލައިފި

އެމެރިކާގެ ޓެކްސާސްގައި މީހަކު އޭނާގެ އަވަށްޓެރިންގެ 5 މީހުންގެ ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ. މަރުވި މީހުންގެ ތެރޭގައި 8 އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނެއެވެ. ދެން ހިމެނެނީ 40 އަހަރުން ދަށުގެ 3 އަންހުންނާ ފިރިހެނެކެވެ.

އޭނާ ވަނީ އޭނާގެ ގޭގެ ގޯތިތެރޭގައި ބަޑިޖަހާ އަޑުގެ ސަބަބުން ތުއްތު ކުއްޖަކަށް ނިދަން އުނދަގޫވާތީ ބަޑިޖެހުން ހުއްޓާލަން ޖެހިގެން ހުރި ގޭގެ މީހުން އެދުމުން އެކަމާ ރުޅިއައިސްގެން ރައިފަލެއް ހިފައިގެން އެގެއަށް ވަދެ އެގޭގައި ތިބި މީހުންނަށް ބަޑިން ހަމަލާދީފައެވެ.

ސާން ހަސިންތޯ އަވަށުގެ ޝެރީފް ގްރެގް ކެޕާސް ވިދާޅުވިގޮތުގައި ފުލުހުން އަދިވެސް ދަނީ ޓެކްސާސްގެ ހިއުސްޓަންގެ އުތުރުން 72 ކިލޯމީޓަރު ދުރުގައި އޮންނަ ކްލީވްލޭންޑްގައި އަވައްޓެރިންގެ ގަޔަށް ބަޑިޖެހުމަށްފަހު ފިލި އުމުރުން 38 އަހަރުގެ ފްރާންސިސްކޯ އޮރޮޕޭޒާ ހޯދުމުގެ މަސައްކަތްކުރަމުންނެވެ.

ކެޕާސް ވިދާޅުވިގޮތުގައި ހުކުރުދުވަހުގެރޭ އަވައްޓެރިންގެ ގެއަށް ވަދެ ބަޑިޖެހި އިރު އެގޭގައި 10 މީހަކު ތިއްބެވެ. އަދި މަރުވި މީހުން ފިޔަވައި އެހެން މީހަކަށް އަނިޔާވެފައި ނުވެއެވެ. ބެލެވޭ ގޮތުގައި އެއެންމެންނަކީވެސް ހޮންޑިއުރާސްއަށް ނިސްބަތްވާ މީހުންނެވެ.

ޝެރީފް އިތުރަށް ފާހަގަކުރެއްވި ގޮތެއްގައި އޭއާރް ރައިފަލެއް ގެންގުޅޭ އެމީހާ އަތުގައި އަދިވެސް އެބަޑި އޮތުމަކީ އެކަށީގެންވާ ކަމެކެވެ.

"އަހަރުމެން މިދަނީ ކުއްތާއާއި، ޑްރޯން ބޭނުންކޮށްގެން އޭނާ ހޯދުމުގެ މަސައްކަތްކުރަމުން." ކެޕާސް ވިދާޅުވިއެވެ.

ހުކުރު ދުވަހުގެރޭ އޭނާގެ ގޯތިތެރެއަށް ނުކުމު ބަޑިޖަހަން ފެށުމުން އަވަށްޓެރިން ވަނީ އެކަން ހުއްޓާލުމަށް އޭނާގެ ގާތުން އެދިފައެވެ. އެވާހަކައަށް ފަހު ދެ ބައިމީހުންވެސް ގެއަށް ވަނީއެވެ. އޭނާ ގެއަށް ވަދެ ބަޑިއަށް ވަޒަން ލައްވައިގެން އައިސް އަވައްޓެރިންގެ ގެއަށް ވަދެ އެމީހުންގެ ގަޔަށް ބަޑިޖަހައި މަރާލީއެވެ. ބައެއް ނޫސްތަކުން ބުނެފައި ވާގޮތުގައި ބަޑިޖަހާފައި ވަނީ އެންމެންގެވެސް ބޮލަށެވެ.

އޭނާ ގޭގެ ގޯތިތެރޭގައި ބަޑިޖަހާތީ އުނދަގޫވެގެން މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން އަވައްޓެރިން ފުލުހަށް މައްސަލަ ހުށަހަޅާފައި ވެއެވެ.

މި އަހަރު ފެށުނު ފަހުން އެމެރިކާގައި އާއްމުންގެ ގަޔަށް ބަޑިޖަހައިގެން 4 މީހުންނަށްވުރެ ގިނަ މީހުން މަރުވި 18 ހާދިސާއެއް ހިނގާފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.