އެމެރިކާގައި ލޭއޮހޮރުވުން ބޮޑު ހަފުތާ ބަންދެއް

މި ނިމިދިޔަ ހަފުތާ ބަންދު ވެފައިވަނީ އެމެރިކާގައި ލޭއޮހޮރުވުން ބޮޑު ހަފުތާ ބަންދަކަށެވެ. ތަނެއް ދޮެރެއް ނުބަލައި އާއްމުންގެ ތެރެއަަށް ބަޑިޖެހުމުގެ އެތައް ހާދިސާއެއްގައި 12 މީހުން މަރުވެ ފަންސާހަކަށް މީހުން ވަނީ ޒަޚަމްވެފައެެވެ. މި ހާދިސާތައް ހިނގާފައި ވަނީ މިފަދައިން އާއްމު ތަންތަނުގައި ބަޑިޖަހައި މީހުން މެރުމަކީ އެމެރިކާއަށް ކުރިމަތިވެފައިވާ "ބަލިމަޑުކަމެެއް" ކަމުގައި ރައީސު ޖޯ ބައިޑަން ސިފަކުރެެއްވިތާ ދެ މަސް ވެސް ނުވަނީހެވެ.

ނިމިގެން މިދިޔަ ހަފުތާ ބަންދުގެ ތެރޭގައި ނިއުޖާޒީ، ދެކުނު ކެރޮލައިނާ، ޖޯޖިޔާ، އޮހާޔޯ އަދި މިނެސޯޓާގައި ވަނީ އާއްމުންގެ ތެރެެއަށް ބަޑިޖެހުމުގެ ހާދިސާތައް ހިނގާފައެވެ. މި ހާދިސާތަކުގައި ޖުމްލަ 12 މީހުން މަރުވެ، 49 މީހުންނަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފައެވެ.

ހޮނިހިރު ދުވަހުގެރޭ ދެކުނު ކެރޮލައިނާގައި ކޮންސަޓެއް ބަލަން އެއްވެ ތިބި ބައެެއްގެ ތެރެއަށް ބަޑިޖެހުމުގެ ސަބަބުން އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު މަރުވެ 14 މީހަކު ވަނީ ޒަޚަމްވެފައެވެ. ޖޯޖިޔާ ސްޓޭޓްގެ އެޓްލާންޓާގައި އާދީއްތަ ދުވަހު ފަތިހު ބައެއްގެ ގަޔަށް ބަޑިޖަހައިގެން އުޅޭކަމުގެ ރިޕޯޓެެއް ލިބިގެން ފުލުހުން ދިޔައިރު، ބަޑި ޖަހައި މަރާލާފައިވާ ތިން މީހުން ފެނިފައި ވެއެވެ.

އޮހާޔޯ ސްޓޭޓްގެ ކޮލަމްބަސްގައި އާދީއްތަ ދުވަހު ޕާކެއްގެ ތެެރޭގައި ބަޑިޖެހުމުގެ ސަބަބުން 16 އަހަރުގެ އަންހެން ކުއްޖަކު މަރުވެ އިތުރު 7 މީހަކު ޒަޚަމްވެފައިވާއިރު، ހަމަ އެ ސްޓޭޓްގެ ޔަންގްސްޓައުންގައި އެ ދުވަހު ފަތިހު ބާއެއްގެ ތެރެއަށް ބަޑިޖެހުމުގެ ސަބަބުން 3 މީހުން މަރުވެ 8 މީހުން ވަނީ ޒަޚަމްވެފައެވެ.

ހޮނިހިރު ދުވަހުގެރޭ މިނެސޯޓާ ސްޓޭޓްގެ މިނިޔާޕޮލިސްގައި ބަޑިޖެހުމުގެ ސަބަބުން އެކަކު މަރުވެ، އެކަކަށް ނުރައްކާތެެރި ޒަޚަމްތަކެއް ލިބިފައި ވެއެވެ. ފުލުހުން ބުނީ މިހާދިސާގައި މީހަކު ހައްޔަރުކޮށްފައިވާ ކަމުގައެެވެ.

ފާއިތުވި މައްސަރުތަކުގެ ތެރޭގައި އެމެރިކާގައި އާންމު ތަންތަނުގައި ބަޑިޖަަަހައިގެން މީހުން މަރުވުން އިތުރުވަމުން ދާކަން ފާހަގަކުރެވިފައި ވެއެވެ. އަދި މިކަން ކޮންޓުރޯލު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން ރައީސު ޖޯ ބައިޑަން ވަނީ ރިޔާސީ އަމުރުތަކެއް ވެސް ނެރުއްވާފައެވެ.

ކޮވިޑް-19 ގެ ވަބާއާއެކު އެމެރިކާގައި ބަޑި ވިކޭ މިންވަރު އިތުރުވެފައިވާ އިރު، 2020 ވަނަ އަހަރުވެފައި ވަނީ ފަހުގެ ތާރީޚެއްގައި އެމެރިކާގައި އާއްމު ތަންތަނުގައި ބަޑިޖަހައިގެން އެންމެ ގިނަ މީހުން މަރުވި އަހަރަށެވެ. އެއަހަރު އެ ފަދަ ހާދިސާތަކުގައި 631 މީހުން މަރުވެެފައި ވެއެވެ.

މި އަހަރުގެ މިހާތަނަށް މިފަދަ ހާދިސާތަކުގައި 243 މީހުން ވަނީ މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.