ދަންމަރު: ތަޢުލީމު

ތަޢުލީމު ބެހިފައި ވަނީ މައިގަނޑު ދެ ބަޔަކަށެވެ. އެއް ބަޔަކީ ކީރިތި ޤުރްއާނާއި ޙަދީޘުން ލިބިދޭ ތަޢުލީމެވެ. ދެވަނަ ބަޔަކީ އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތުން ހޯދާ ތަޢުލީމެވެ.
 ފުރަތަމަ ބާވަތުގެ ތަޢުލީމު ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ އަޅުގަނޑުމެންނަށް ދެއްވައިފަ އެވެ. އެ ތަޢުލީމުގެ ސަބަބުން އަޅުގަނޑުމެންނާއި ﷲ ސުބްޙާނަހޫ ވަތަޢާލާ އާ ދެމެދު އޮންނަ ގުޅުން ބަދަހި ވެގެން ދެއެވެ. އަދި މަރު ވުމަށްފަހު އަޅުގަނޑުމެން ވޭތު ކުރާނޭ ދާއިމީ ޙަޔާތަށް ތައްޔާރު ވާން ފަސޭހަ ވެގެން ދެ އެވެ. މީގެ އިތުރަށް އެ ދުވަހަށް ތައްޔާރު ވުމަށްޓަކައި އަޅުގަނޑުމެން ކުރަން ޖެހޭ ކަންތައްތައް އަޮޅުން ފިލަމުން ދެ އެވެ. ދެވަނަ ބާވަތުގެ ތަޢުލީމުން އަޅުގަނޑުމެންގެ އާދައިގެ ދިރިއުޅުމުގައި ދިމާވާ އިޖްތިމާޢީ، އިޤްތިޞަދީ މައްސަލަތަކުގެ ބައެއް ހައްލު ހޯދެނީ އެވެ.

މުސްލިމުންނަކީ މި ދެ ބާވަތުގެ ތަޢުލީމުވެސް ހޯދަން ޖެހޭ ބައެއް ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. އެހެން ނަމަވެސް މި ދެ ބައިގެ މުހިއްމު ކަމަށް ބަލާ އިރު ވަރަށް ބޮޑު ތަފާތު ތަކެއް ހުންނަ ކަމަށް އަބަދު ވެސް ގަބޫލު ކުރަން ވާނެ އެވެ. ދިރިއުޅުމުގެ މައިގަނޑު މަޤްޞަދަކަށް ވާން ވާނީ ކީރިތި ޤުރްއާނާއި ޙަދީޘް ގެ ޢިލްމު އުނގެނުމެވެ. އެހެން ޢިލްމުތައް އުނގެނެން ވާނީ ހަމައެކަނި ދުނިޔޭގެ ދަތުރު ފަހި ކުރުމުގެ ބޭނުމުގަ އެވެ. ދީނީ ތަޢުލީމާ ނުލައި ކުރިއަށް ދާ ނަމަ އާޚިރަތް ދުވަހުން ލިބޭން އޮތް ނިޢުމަތްތައް ހޯދައިގަތުމަށްޓަކައި މި ދުނިޔޭގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާކަށް ނޭނގޭނެ އެވެ. ގިނަ ފަހަރަށް އުޅެން ޖެހޭނީ ވަރަށް ބޮޑު އޮޅުންގަނޑެއްގެ ތެރޭގަ އެވެ. ތެދު ތެދަށް ދަންނަވާ ނަމަ ދީނީ ތަޢުލީމަށް އެއްވެސް ކަހަލަ އަހައްމިއްޔަތެއް ނުދޭ މީހަކީ ފުރިހަމަ މުސްލިމެކޭ ބުނެވޭކަށް ވެސް ނޯންނާނެ އެވެ.

ސެކިއުލަރ ނުވަތަ ދުނިޔަވީ ތަޢުލީމަކީ ހަމައެކަނި މި ދުނިޔޭގެ ދިރިއުޅުމަށް މަގު ފަހި ކޮށްދޭ ތަޢުލީމެކެވެ. އެ ފަދަ ތަޢުލީމެއްގެ ސަބަބުން ދަނޑުވެރިކަމާއި، މި ނޫނަސް ދުނިޔަވީ މަސައްކަތްތައް ކުރާނޭ ގޮތް ދަސް ވެ އެވެ. އަންނާން އޮތް ދާއިމީ ދިރިއުޅުމަށް އަޅުގަނޑުމެން ތައްޔާރު ކޮށްދޭ ތަޢުލީމަކީ ހަމައެކަނި ކީރިތި ޤުރްއާނާއި ޙަދީޘް ގެ ތަޢުލީމެވެ. ޣައިރު މުސްލިމުންނަށް ވެސް މުހިއްމު ވާ ފަދައިން ދުނިޔަވީ ތަޢުލީމުގެ ބަޔަކީ މުސްލިމުންނަށް ވެސް މުހިއްމު ބައެއް ކަމާ މެދަކު ޝައްކެއް ނެތެވެ.

އެކަމަކު ދާއިމީ މަޤްޞަދާއި އެ ވަގުތަކަށް ބޭނުންވާ ކަމެއް ފުއްދުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ވަކި ކޮށް ދެނެގަތުމަކީ މުސްލިމުން ކުރަން ޖެހޭނޭ ކަމެކެވެ. މުސްލިމުން ކުރަން ޖެހޭ ކަމަކީ ހަމައެކަނި ކީރިތި ޤުރްއާނާއި ޙަދީޘް ދަސް ކުރުމެއް ނޫނެވެ. މީގެ އިތުރަށް އެ ތަޢުލީމާއި ދުނިޔަވީ ތަޢުލީމުގެ ތަފާތާއި މަޤްޞަދު ވެސް ވަރަށް ރަނގަޅަށް މުސްލިމުންނަށް އެނގެން ވާނެ އެވެ. އަދި އެހެން ހުރިހައި ތަޢުލީމަކަށް ވުރެ ދީނީ ތަޢުލީމުގެ މުހިއްމުކަން ބޮޑު ކަމަށް ހެޔޮ ހިތުން ޤަބޫލު ކުރަން ވާނެ އެވެ. (މައުލާނާ ވަޙީދުއްދީން ޚާންގެލިޔުއްވުމެއްގެތަރުޖަމާ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.