ދަންމަރު: އަނދިރި ކޮޓަރިއަކަށް ވަނުން

އިންސާނާ ދުނިޔެއަށް އުފަންވުމާއެކު އޭނާގެ ވަށައިގެން ވާހައި ތަކެއްޗެއް ދެނެގަތުމުގެ މަސައްކަތް ފަށަައިގަނެއެވެ. އޭގެ ފަހުން މަގުމަތީންނާއި އިސްކޫލުތަކުން ލިބޭ ތަޖުރިބާއާއި ޢިލްމުގެ އަލީގައި އޭނާގެ މައުލޫމާތު ފުޥާވަމުން ހުނަރުވެރިކަން އިތުރުވަމުން ދެއެވެ. އޭނާގެ މިސާލަކީ އެކި ބާވަތުގެ ތަކެތީން ފުރިފައިވާ މާސިންގާ އަނދިރި ކޮޓަރިއަކަށް ވަންނަ މީހެއްގެ މިސާލެވެ. އެ ކޮޓަރީގައި ބަންދުކޮށްފައިފައި ފޮށިފޮށްޓާއި އެކި ބާވަތުގެ މެސެނު ހުރެއެވެ.

ދުނިޔެއަށް އަންނައިރު އޭނާ އޮންނަނީ ހުސް އަތާއެވެ. އޭގެ ކުރިން އޭނާއަކަށް އެއްވެސް މައުލޫމާތެއް ލިބިފައެއް ނުހުރެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވައިފައި ވެއެވެ. "ތިޔަބައިމީހުންނަށް އެއްވެސް އެއްޗެއް ނޭނގޭގޮތުގައިވާ ހާލު، ތިޔަބައިމީހުންގެ މައިންގެ ބަނޑުން، ތިޔަބައިމީހުން ނެރުއްވީ اللَّهއެވެ." (އައްނަޙްލު: 78)

ބޮޑުވަމުން އަންނައިރު އޭނާގެ ހިތުގައި އެތައް ހާސް ސުވާލެއް އުފެދެއެވެ. އެއިން ސުވާލެއްގެ ޖަވާބެއް އޭނާއަކަށް ނޭނގެއެވެ. އަނދިރި ކޮޓަރިއަށް ވަދެ، ގިނަ ވަގުތު ހޭދަކުރަމުން ގެންދާ ވަރަކަށް ކުދި ކަންތައްތަކަށް ހެނި ފަރިތަ ވަމުން ދެއެވެ. ބައެއް ފޮށިފޮށި ހުޅުވައެވެ. ބައެއް މެސެނާ ކުޅެ ދަސްކޮށް ހަދައެވެ.

މީސްމީހުނާ ބައްދަލުމެ މިލި އުޅެވުމުގެ ސަބަބުންނާއި ވަސީލަތްތައް ބޭނުންކޮށް އުޅުމުގެ ސަބަބުން މާހައުލުގެ ވަރަށް ގިނަ ކަންތައްތައެް އޭނާ ދަސްކޮށްގަނެއެވެ. އެކަމަކު އެ މާހައުލުގައި އެތައް ޒަމާނެއް ހޭދަކޮށް އެތައް ބަޔަކާ ގުޅުމުމާއެކުވެސް ވަށައިގެންވާ ގިނަ ކަންތައްތަކާއި ތަކެއްޗާ ބެހޭގޮތުން އެއްވެސް އެއްޗެއް ނޭނގޭ ކަމުގެ އިހުސާސް އޭނާއަށް ކުރެވެއެވެ.

އަހަރެންގެ ލޯބިވާ އަންހެން ދަރިންނާއި ފިރިހެން ދަރީންނޭވެ. މިއީ އަހަރެމެން ދިރިއުޅުން ހޭދަކުރާން ޖެހޭ ގޮތެވެ. އަމިއްލަ ނަފުސު ދެނެގަންނާން އަހަރެމެން މަސައްކަތް ކުރާން ޖެހެއެވެ. ވަށައިގެން ހަރަކާތްތެރިވާ އެހެން މީހުން ދަސްކުރާން ޖެހެއެވެ. ދިރިއުޅުމުގެ ހަމަތަކާއި އުސޫލުތައް ދެނެގަނެ، އަހަރެމެންގެ މަސްއޫލިއްޔަތަކީ ކޮބައިކަން ފާހަގަކޮށްގަންނާން ޖެހެއެވެ. ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. މި ހުރިހައި ކަމަކާއެކުވެސް އަހަރެމެން މި ދުނިޔެ ދޫކޮށް ދަނީ ދުނިޔޭގެ އެތައް ސިއްރެއް ސިއްރުގެ ގޮތުގައި ދޫކޮށްލައިފައިކަމާއި އެތައް އަރަތެއް ހައެްލު ނުކޮށްކަންވެސް ދެނެގަންނާން ޖެހެއެވެ. ދުނިޔެ ދޫކޮށް އަހަރެމެން ދަނީ ޖަވާބެއް ނުލިބޭ އެތައް ސުވާލަކާ އެކުގައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވާ ފަދައިންނެވެ. "އަދި ތިޔަބައިމީހުންނަށް (އެބަހީ: އިންސާނުންނަށް) ޢިލްމުގެ ތެރެއިން ވަރަށްކުޑަ މިންވަރެއް މެނުވީ ދެއްވައިފައެއް ނުވެއެވެ." (އަލްއިސަރާ: 85)

އަހަރެންގެ އަންހެން ދަރިންނާއި ފިރިހެން ދަރިންނަށް މި ވާހަކައިން ލިބޭ ފިލާވަޅަކީ ކޮބައި ހެއްޔެވެ؟

  1. އިންސާނާއަކީ އޭނާ އުނގެނިގަތުމުގެ ކުރީން އެއްވެސް ޢިލްމެއް ލިބިފައިވާ މީހެއް ނޫނެވެ.
  2. އަހަރެމެން ވާން ޖެހޭނީ މަޑުމައިތިރި ޚުޝޫޢަތްތެރި ބަޔަކަށެވެ. އަހަރެމެންނަކީ ގިނަ އެއްޗެހި ނުދަންނަ ޖާހިލު ބައެއް ކަމަށް ގަބޫލުކޮށް މަޑުމައިތިރިކަން ޚިޔާރު ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.
  3. އަހަރެމެން ވާނީ އަހަރެމެން ދަސްކޮށް ފަރިތަކުރާ އެއްޗަކަށެވެ. ގިނަ ކަންތައްތައް އުނގެނި ގިނަ ކަންތައްތަކުގެ ހުނަރުވެރިންނަށް ވީވަރަކަށް އަހަރެމެންގެ ގަދަރާއި އިއްޒަތާ މަތިވެރިވާނެއެވެ. އަހަރެމެންނަށް ހާސިލުކުރެވޭ ކަންތައްތައް ގިނަ ވާނެއެވެ.
  4. އަހަރެމެންނަށް ގިނަ ކަންތައްތައް ނޭނގުމާއި ވިސްނައިނުގަނެވޭ ކަމީ ހަގީގަތަކަށް ވުމާއެކު ހުރިހައި ކަމެއް ރަނގަޅަށް އެނގުމުގެ ކުރިން ކަންކަމާމެދު އިންތިހާއީ ފައިސަލާތައް ނުކުރާށެވެ.
  5. އަހަރެމެންނަށް މާ ގިނަ މައުލޫމާތު ލިބިފައި ނެތް އެތައެް ކަމެއް އެބަހުއްޓެވެ. އަމުދުން ނުދަންނަ އެތައެް ކަމެއް އެބަހުއްޓެވެ. އެކަންތައްތައް ފާހަގަކޮށް ގިނަ މައުލޫމާތު ހޯދުމާއި ދެނެގަތުމުގެ މަސައްކަތް ކުރަާން ވާނެއެވެ. މިފަދަ ކަމެއް ކުރެވޭނީ ހުޅުވިފައިވާ ސިކުނޑިއަކާއެކު އުނގެނުމަށް ހުންނަ ޝައުގުވެރިކަމާއި ދަހިވެތިކަން ބޮޑުވީ ވަރަކަށެވެ.

1 ޚިޔާލު

  1. Aharemen amillayah halaakuge thereyah vehtuny eve. Miadhu hithaama kurany Suvaruge nulibidhaane thee eve. Thauba qabool kuraanetho nukuraanetho ahurennakah neyge eve. Masthuvaa thaketheege viyafaariyaa hashivikkumah anhenun eki gaumthakun genes agent kankurumaa, siyaasy bayaku bungen jareemaathah hingumaa, mihira mihira kanthakakee insaanunge halaakeve. Veemaa aharemen halaakuge thereyah vehti aragu vegen nudhanys hithah biruverikan vanumaky ufaaakuraaa kamekeve. Namaves thaubaa qabul kuranvaaane baaavaeve! Ahuremen insaanunnaky aareh baareh neiy baehkan gina meehunah nuvisneny baaavaeve!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.