ދަންމަރު: ޤުދުރަތުގެ ޤާނޫނުު

ކޮޓަރިކޮޅު ބަންދު ކުރައްވާފައި ދެތިން ހަފްތާ ވަންދެން ބަހައްޓަވާފައި ހުޅުވައިލައްވާށެވެ. ފެނިވަޑައިގަންނަވަނީ ކޮން އެއްޗެއްތޯއެވެ؟ މުޅި ކޮޓަރިކޮޅުން ފެނިވަޑައިގަންނަވާނީ ހިރަފުހުގެ ފަށަލަ ތަކެކެވެ. މިއީ ހިތްޕުޅު ހަމަ ޖެހޭ މަންޒަރަކަށް ނުވާނެއެވެ. ކޮޓަރިކޮޅުން ހިރަފުސް ފޮޅުއްވައި ސާފު ކުރެއްވުމަށް ފަހު ނޫނީ އެ ކޮޓަރިކޮޅުގައި އުޅުއްވާ ހިތްޕުޅެއް ނުވާނެކަން ގައިމެވެ. ހަމަ އެ ފަދައިން މޫނުފުޅަށް ވަޔާއެކު އަރާ ހިރަފުސް ވެސް ފޮޅުއްވައި ސާފުކޮށް ދޮންނެވުނީމާ ނޫނީ ހިތްޕުޅަކަށް ހަމަޖެހުމެއް ލިބިވަޑައެއް ނުގަންނަވާނެއެވެ.

އަޅުގަނޑުމެންނަށް މި އުނދަގޫ ކުރާ ހިރަފުހަކީ ޙަޤީޤަތުގައި ކޮން އެއްޗެއްތޯއެވެ؟ އެއީ ބިމުގައި ހުންނަ ވެލި ނުވަތަ މަށީގެ ހިމުން ވައްތަރެކެވެ. ވެލި ނުވަތަ މަށްޓަކީ އަޅުގަނޑުމެން ކާން މި ގެންގުޅޭ ތަރުކާރީ އާއި މޭވާ އާއި އެ ނޫންވެސް ބާވަތްތައް ހައްދަން ބޭނުންވާ އެއްޗެކެވެ. މި ވެލި ނުވަތަ މަށި ދުނިޔޭގެ ބިމުގައި ލައްވާފައި ނުވާ ނަމަ އަޅުގަނޑުމެންނަކަށް ދިރިއެއް ނޫޅެވުނީހެވެ.

ބިމުގައި ހުންނަ ފެން އާވްތަށް ވެގެން ޖައްވަށް އަރައިގެން ގޮސް ކޮޅި ގަނޑުގަނޑަށް ވަނީ މި ދެންނެވުނު ހިރަފުސް ޖައްވުގެ ތެރޭގައި ހުންނާތީއެވެ. ބިން ތާޒާކަން މަތީގައި އޮންނަނީ ވާރޭ ވެހޭތީއެވެ. ވާރޭ ވެހެނީ ކޮޅިގަނޑު އުފެދިގެންނެވެ. ވާރެއާ ނުލައި ބިމުގައި ދިރުމެއް ނުހުންނާނެއެވެ. ވާރޭ ވެހެނީ ޖައްވުގައި ހިރަފުސް ހުންނާތީއެވެ.

އިރު އަރާ އިރުގައްޔާއި އިރު އޮއްސޭ އިރު އުޑުމަތީން އެ ފެންނަ ރީތި ރަތް ކުލައަކީ ޖައްވުގައި ހިރަފުސް ހުންނާތީ ފެންނަ ރަތް ކުލަ އެކެވެ. ވުމާއެކު ހިރަފުހަކީ އަޅުގަނޑުމެންނަށް އެތައް ފައިދާއެއް ލިބޭ އެއްޗަކަށް ވާ ފަދައިން ދުނިޔެ ރީތިކޮށް އޮންނަނީ ވެސް ހިރަފުހުގެ އެހީ ވަރަށް ބޮޑަށް ލިބިގެންނެވެ.

މި މިސާލުން އަޅުގަނޑުމެންނަށް ސާފު ކޮށް އެނގެނީ ހިތް ހަމަ ނުޖެހޭ ކަހަލަ ކަންތައްތަކާއެކު އަޅުގަނޑުމެންގެ ހިތަށް ފިނިކަމާއި އަރާމު ލިއްބައިދޭ ކަންތައްތައް ވެސް އެއް ކަމެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވާފައިވާ ކަމެވެ. ފިނިފެން މަލަކީ ނުލާހިކު ރީތި މަލެކެވެ. އެކަމަކު އެ މަލާއެކު ތޫނު ކަށިވެސް ވަނީ ލައްވާފައެވެ. ދުނިޔޭގައި ލައްވާފައި ވަނީ ހިތާމަތައް ލިބިދޭ އެއްޗިއްސާއި އުފާވެރިކަން ގެނެސްދޭ އެއްޗިއްސެވެ. މިއީ ﷲ ސުބްޙާނަހޫ ވަތަޢާލާ ދުނިޔެ ހައްދަވާފައިވާ ގޮތެވެ. އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ ދުނިޔެ ހައްދަވާފައިވާ ގޮތަށް ފެތިގެން ދިރިއުޅުމެވެ. އަޅުގަނޑުމެން ކިތަންމެ ވަރަކަށް ގަދަ އަޅައި މަސައްކަތް ކުރި ނަމަވެސް ޤުދުރަތުގެ ޤާނޫނަކަށް ބަދަލެއް ނާންނާނެއެވެ.

ވުމާއެކު ކަންތައްތަކާ މެދު ޝަކުވާ ކުރުމަކީ ފައިދާއެއް އޮންނާނޭ ކަމެއް ނޫނެވެ. ޝަކުވާ ކުރާ ނަމަ ކޮށްފައި ނުކޮށް ދޫކޮށްލާނޭ ކަމެއް ނެތޭ ބުނާ ވަރަށް ޝަކުވާ ކުރަން ޖެހޭ ކަންތައްތައް ގިނައެވެ. ބުއްދިވެރި ގޮތަކީ ހިތްހަމަ ނުޖެހޭ ކަންތައްތަކުގެ މަތީން ހަނދާން ނައްތައިލުމެވެ. އެއީ ދިރިއުޅުމުގެ ބައެއް ކަމަށް ޤަބޫލު ކުރުމާއެކު ހިތާމަތަކާއި ހަސަދަވެރިކަމާއި ދުޝްމިނުކަން ފުނަށް ކޮނެ ވަޅު ލުމެވެ. އަދި ދިރިއުޅުމުގެ ޙަޤީޤީ މަޤްޞަދާއިގެން ކުރިއަށް ދިއުމެވެ. (ތަރުޖަމާއެއް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.