ދަންމަރު: ފަންސާސް ޝޯގެ ތަދްބީރު އެކޮޅުކޮޅުން ޖެހުނީ އެންމެ ފަޅި ސިކުންތެއްގެ ތެރޭގައި

ޕޮޕް މިއުޒިކްގެ ރަސްގެފާނު މައިކަލް ޖެކްސަން މަރުވީ ޚަބަރު ވެގެން ދިޔައީ މުޅި ދުނިޔެ ސިހިގެން ދިޔަ ޚަބަރަކަށެވެ. އެމެރިކާގެ މަޝްހޫރު ޚަބަރު ޗެނަލެއް ކަމަށްވާ "ފޮކްސް ނިވްސް" ގެ ނޫސްވެރިން ތަކުރާރުކޮށް އެތައް ފަހަރަކު އެވާހަކަ ގަބޫލު ކުރަން ދަތި ކަމަށް ބުނަމުން ދިޔައެވެ. އެމީހުން ތަކުރާރުކޮށް ބޭނުންކުރި އެއް ބަހަކީ unthinkable އެވެ. މާނައަކީ އެއީ ހަމަ އެއްގޮތަކަށްވެސް ގަބޫލު ކުރެވޭފަދަ ކަމެއް ނޫނެވެ. ނުވަތަ ޚިޔާލަށްވެސް ނުގެނެވޭވަރުގެ ކަމެކެވެ.

މައިކަލް ޖެކްސަން ދުނިޔެއަށް އައީ 1958 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ. މަރުވީ 2009 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. އޭނާއަކީ މުނިފޫހިފިލުވުމުގައި، ދުނިޔެ ދުށް އެންމެ މަޝްހޫރު، އެންމެ ކާމިޔާބު މީހާގެ ރެކޯޑް ހޯދައި އޭނާގެ ނަން ދުނިޔޭގެ ރެކޯޑް ފޮތަށް އަރާފައިވާ މީހެކެވެ. އޭނާވަނީ ޖުމްލަ 26 އިނާމު ހޯދާފައެވެ. އޭގެ ތެރެއިން 13 އިނާމަކީ މަޝްހޫރު ގްރެމީ އެވޯޑެވެ. އަނެއް 13 އިނާމަކީ އޭނާގެ 13 ލަވައަކަށް ވަކިވަކިން ލިބިފައިވާ 13 އިނާމެވެ.

މައިކަލް ޖެކްސަން އަކީ ދުނިޔޭގެ ފަހުގެ ތާރީޚުގައި ފެނިފައިވާ އެންމެ މަޝްހޫރު މީހާއެވެ. އޭނާއަށް މިއުޒިކް އިންޑަސްޓްރީން ލިބިފައިވާ އާމްދަނީ 500 މިލިއަން ޑޮލަރަށްވުރެ ގިނައެވެ. އޭނާގެ މުއްސަނދިކަން އެތައް ބިލިއަނަށް އަރާފައިވާ ކަމަށް ވެއެވެ.

މިފަދަ މަޝްހޫރު މީހަކު މަރުވެދާނެ ކަމަށް ބައެއް މީހުންނަށް ގަބޫލެއް ނުކުރެވެއެވެ. އެއީ މަރުގެ ޙަޤީޤަތް ގަބޫލު ނުކުރެވޭތީއެއް ނޫނެވެ. މަރުގެ މަތީން އަޅުގަނޑުމެން ހަނދާން ނެތޭތީއެވެ. 2009 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު އެމެރިކާއަށް މެންދުރުވާން ކައިރިވެފައި ހުއްޓާ މައިކަލް ޖެކްސަން އަނބުރައިގަނެގެން ވެއްޓުނީއެވެ. އެއީ ރާއްޖޭ ގަޑިން މެންދަމުގެ ވަގުތެވެ. ކުއްލިއަކަށް އޭނާ ވެއްޓުނު ވެއްޓުމަކީ އޭނާގެ ނިމުން ކަމުގައި ވެގެން ދިޔައީއެވެ. އޭރު އޭނާ ތައްޔާރު ވަމުން ދިޔައީ އިނގިރޭސި ވިލާތުގައި 50 ޝޯ ބާއްވާށެވެ. އެ ޝޯތަކުގެ ޓިކެޓްވެސް އޭރު ވަނީ ވިއްކައި ނިމިފައެވެ. އެހެންނަމަވެސް ޤުދުރަތުގެ ފޮތުގައި އޮތް ތާރީޚެއް އޭނާއަކަށް ނޭނގެއެވެ. އަޅުގަނޑުމެންނަކަށްވެސް ނޭނގެއެވެ. އެތާރީޚާއި ވަގުތު ޖެހުމާއެކު އޭނާ ބަލައި މަލަކަލްމައުތު ވަޑައިގެންފިއެވެ. 50 ޝޯގެ ތެރެއިން އެންމެ ޝޯއެއްވެސް ބާއްވަން އޭނާއަކަށް ވަގުތެއް ނުލިބުނެވެ. މަރުގެ ޓައިމްޓޭބަލް ހަމަޖެހިފައި އޮންނަ ގޮތަކީ އެއީއެވެ. މަރު އަންނަނީ އިންޒާރަކާ ނުލައެވެ. މަރުވާނެކަން އޮންނަނީ މާކުރިން އަންގަވާފައެވެ. އެހެންވީމާ މަރަށް ތައްޔާރު ނުވެ ތިބޭ ތިބުމަކީ އަޅުގަނޑުމެންގެ ޣާފިލުކަމެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.

هُوَ الَّذِي يُحْيِي وَيُمِيتُ فَإِذَا قَضَى أَمْرًا فَإِنَّمَا يَقُولُ لَهُ كُنْ فَيَكُونُ (سورة غافر ٦٨)

"އެކަލާނގެއީ، ދިރުއްވައި، އަދި މަރުގަންނަވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ ކަމަކަށް ނިޔާކުރައްވައިފިނަމަ ފަހެ، އެކަމަކަށް ވަޙީކުރައްވާކަން ކަށަވަރީ، "ވާށޭ" އެވެ. ދެން އެކަމެއް ވެދެއެވެ."

މިއީ ދުނިޔޭގެ ހުރިހައި ކަމަކަށް އޮންނަ ހަމައެވެ. މަރުވާންވީމާވެސް އެކަލާނގެ މަރުވާށޭ ވަޙީ ކުރައްވަނީއެވެ. އެޔާއެކު ދުނިޔޭގެ އެންމެ ބާރުގަދަ މީހާވެސް ކަނޑައިވައްޓައިލާ ރުއްގުޅިއެއްހެން މަރުވެގެން ވެއްޓެނީއެވެ. ޢުޒުރަކަށް، ބަހަނާއަކަށް ވަގުތެއް ނުލިބެއެވެ. މި އުސޫލުން އެއްވެސް މީހަކު އިސްތިސްނާ ވެގެންނެއް ނުވެއެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.

كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ثُمَّ إِلَيْنَا تُرْجَعُونَ (سورة العنكبوت ٥٧)

"ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. ދެން ތިޔަބައިމީހުން އެނބުރި ރުޖޫޢަކުރައްވާހުށީ ތިމަން ރަސްކަލާނގެ ޙަޟްރަތަށެވެ."

އަދިވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.

قُلْ إِنَّ الْمَوْتَ الَّذِي تَفِرُّونَ مِنْهُ فَإِنَّهُ مُلاقِيكُمْ ثُمَّ تُرَدُّونَ إِلَى عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُونَ (سورة الجمعة ٨)

"ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން، އެކަމަކުން ތިޔަބައިމީހުން ފިލަންދުވާ މަރު (ދަންނާށެވެ!) ފަހެ، އެމަރު ތިޔަބައިމީހުންނާ ބައްދަލުކުރާނެކަން ކަށަވަރެވެ. ދެން ތިޔަބައިމީހުން ރައްދު ކުރައްވާހުށީ، ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެ ޙަޟްރަތަށެވެ. ފަހެ، އޭރުން ތިޔަބައި މީހުން ކޮށްއުޅުނު ކަންތަކުގެ ޚަބަރު ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ."

މަރަށް ފިލުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. މަރުވުމަށްފަހު އަޅުގަނޑުމެން ދަނީ ﷲ ގެ ޙަޟްރަތަށެވެ. އެޔާއެކު ފެށެނީ ހިސާބު ބެއްލެވުމެވެ. މިދުނިޔޭގައި އެމީހަކު ކުޅަ ކޮންމެ ކަމަކަށް ޖަޒާ ދެއްވުމުގެ މަރްޙަލާއެވެ. ޖަޒާގެ ދުވަހަށް ތައްޔާރު ނުވެ ދުނިޔޭގެ މަސްތުގައި ޖެހިފައި ތިބޭ ތިބުމާމެދު ވިސްނާލުމަކީ މިއަދު އަޅުގަނޑުމެން ކުރަން ޖެހިފައިވާ ވަރަށް މުހިއްމު ކަމެކެވެ. ނަށައި ލަވަ ކިޔުމުގެ ތެރޭގައި ޣާފިލުވެގެން އުޅެނިކޮށް މަލަކަލްމައުތު ވަޑައިގެންފާނެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ "ވާށޭ" ވަޙީ ކުރައްވާނީ ކޮން ވަގުތަކު ކަމެއް ނޭނގެއެވެ. އެހެންވީމާ ކޮންމެ ވަގުތަކުވެސް އެ ދަނޑިވަޅު އަތުވެދާނެ ކަމަށް ބަލައި ތައްޔާރު ވެގެން ތިބެމާ ހިންގަވާށެވެ!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.