ދަންމަރު: މީހުން ބިނާކުރުން

އަލްމަރްޙޫމް ޙަސަނުލްބަންނާ އަކީ މިޞްރުގެ އަލްއިޚްވާނުލްމުސްލިމޫންގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ އަކީ ވަރަށް ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. އެހެންނަމަވެސް ލިޔުންތެރިއެއްގެ ގޮތުން ފާހަގަ ކޮށްލެވޭފަދަ މުހިއްމު ފޮތެއް ލިޔުއްވާފައެއް ނުވެއެވެ. މިކަމާ ބެހޭ ގޮތުން ދެންނެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ޙަސަނުލްބަންނާ ވިދާޅުވިއެވެ. أصنّف الرّجال وهم يصنّفون الكتب “އަޅުގަނޑު މީހުން ތައްޔާރު ކުރަނީއެވެ. އެމީހުން ފޮތް ލިޔަނީއެވެ.”

ޙަޤީޤަތުގައި ދުނިޔޭގައި މީހަކަށް ކުރެވޭނެ އެންމެ މުހިއްމު ކަމަކީ ރަނގަޅު މީހަކު ތައްޔާރު ކުރުމެވެ. އިސްލާމްދީނުގެ މައިގަނޑު ބޭނުމަކީވެސް ފުރިހަމަ މުޖުތަމަޢެއް އުފެއްދުމެވެ. ސުވަރުގޭގެ އަހުލުވެރިންތަކެއް ތައްޔާރުކުރުމެވެ. މިއީ އެންމެ ފުރަތަމަ ފަރުދުންގެ ފެންވަރުގައި ފެށޭ ކަމެކެވެ. އިސްލާމްދީން ފެތުރިގެން އައި ގޮތަކީވެސް މިއީއެވެ.

ފަރުދުން ތައްޔާރު ކުރުމުގައި ނަސޭހަތަކީ ވަރަށް މުހިއްމު އެއްޗެކެވެ. ދީނީ ނަސޭހަތުގެ މުހިއްމުކަން ވަރަށް ބޮޑެވެ. ދީނުގެ ހަމަތަކާއި އުސޫލުތައް ދަސްކޮށްދިނުން އެހާމެ މުހިއްމެވެ.

ނަސޭހަތުގެ މުހިއްމުކަން ބޮޑު ނަމަވެސް ހަމަ އެޔާ ދާދި އެއް ފެންވަރެއްގައި ހިމަނަން ޖެހޭ އެހެން ކަމެއް އޮވެއެވެ. އެއީ އެކަށީގެންވާ ރީތި ނަމޫނާއެއް ދެއްކުމެވެ. ނަމޫނާއެއްގެ ފަހަތުން ނަކަލު ކުރަމުން ހިނގުމަކީ ހަމައެކަނި ކުޑަކުދިން ކުރާ ކަމެއް ނޫނެވެ. އެއީ ބޮޑެތި މީހުންވެސް ކުރާ ކަމެކެވެ.

ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މާތް ރީތިކަންބޮޑު ނަމޫނާ ނަކަލު ކުރީއަކީ ހަމައެކަނި ކުޑަކުދިންނެއް ނޫނެވެ. ބޮޑެތިމީހުންވެސް އެ ނަމޫނާ ނަކަލު ކުރިއެވެ. ނަމޫނާއެއް ނަކަލު ކުރުމަށްޓަކައި ރީތި ހުތުރެއް ނޯވެއެވެ. ހެޔޮ ނަސޭހަތާ ނުލައި ވިޔާނުދާ ނަމޫނާއެއް ދައްކައިފިނަމަ ނަކަލު ކުރުމަކީ ދުނިޔޭގެ އެތަންމިތަނުން ފެންނަ ކަމެކެވެ. ރާއްޖެއިންވެސް އެކަންތައް ދަނީ ފެންނަމުންނެވެ.

ކީރިތި ރަސޫލާގެ ނަމޫނާ ނަކަލު ކުރަން ޖެހުނު މުހިއްމި ދެ ސަބަބެއް އޮތެވެ. އެއީ ރީތި ކަންތައްތައް ދަސްކޮށްދެއްވުމުގެ ގޮތުން ނަސޭހަތް ދެއްވުމާއެކު އެ ކަންތައްތައް ޢަމަލުފުޅުން ދައްކަވަމުން ގެންދެވުމެވެ. ޢާއިޝާ ރަޞިޔަﷲ ޢަންހު ވިދާޅު ވެފައިވަނީ ކީރިތި ރަސޫލާއަކީ ދިރިހުރި ޤުރްއާނެއް ކަމުގައެވެ. މާނައަކީ ޤުރްއާނުގެ ހުރިހައި ނަސޭހަތަކާއި ޙުކުމެއް ފިލިން ފިއްޔަށް އެކަލޭގެފާނު ޢަމަލުފުޅުން ދެއްކެވި ކަމެވެ.

މިއަދު އަޅުގަނޑުމެންނަށްވެސް ބޭނުން ވެފައިވަނީ ނަސޭހަތާއި ނަމޫނާއެވެ. ހަމައެކަނި ނަސޭހަތެއް ނޫނެވެ. އަޅުގަނޑުމެންގެ ޢިލްމުވެރިން ނަސޭހަތް ދެއްވުމަށްފަހު އެ ނަސޭހަތާ އިދިކޮޅަށް ޢަމަލުފުޅުތައް ގެންގުޅުއްވާނަމަ ނަސޭހަތުގެ ފައިދާ ކުރާނީ ވަރަށް ކުޑަކޮށެވެ. އެއް ގޮތަކީ އެއީ ޢަމަލީ ގޮތުން ހިފެހެއްޓޭވަރުގެ ނަސޭހަތެއް ނޫން ކަމަށް މީހުން ގަބޫލު ކުރަން ފެށުމެވެ. އަނެއް ގޮތަކީ ނަސޭހަތްދޭ މީހާގެ ދެފުށްކެހެރިކަން ފެނި އަންނަ ރުޅިއެއްގެ ސަބަބުން ޢަމަލީ މައިދާނުގައި ފޭލުވުމެވެ. ޙަސަނުންބަންނާ ވިދާޅުވާފަދަ “ފޮތްލިޔާ މީހުން” ބިނާކުރެވޭނީ ހެޔޮ ނަސޭހަތާއެކު ރީތި ޢަމަލުތަކެއް ދެއްކިގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.