ދަންމަރު: ދަތި މަގަކުން ތަރިތަކާ ހަމައަށް

އިއާން ނާޝް އަކީ އިނގިރޭސި ޢިލްމުވެރި އެކެވެ. އޭނާ ޖަޕާނު މީހުން ވާހަކަ ދައްކާ ބަހާއި ޖަޕާނާ ބެހޭ ގޮތުން ދިރާސާއެއް ކުރެއްވުމަށްޓަކައި ޖަޕާނުގައި ހަތް އަހަރު ދުވަސް ހޭދަ ކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ޖަޕާނު މީހުން ބޮޑަށް ކަން ބޮޑު ވަނީ ސިޔާސީ ހަމަ ނުޖެހުމުގެ ސަބަބުންނެއް ނޫނެވެ. 1923 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހު ޖަޕާނުގެ ރަށެއް ކަމަށް ވާ ކެންޓޯ އަށް ވަރަށް ވަރުގަދަ ބިންހެލުމެއް އައެވެ. މި ހިތާމަވެރި ހާދިސާ ގައި ޖަޕާނުގެ އިރުމަތީގައި އެންމެ އާބާދީ ބޮޑު ސަރަހައްދުގެ ވަރަށް ބޮޑު ބައެއް ހަލާކު ވެގެން ދިޔައެވެ. މިއީ ޖަޕާނު މީހުން މާ ބޮޑަށް ކަން ބޮޑުވީ ކަމެއް ކަމަށް އިއާން ނާޝް ވިދާޅުވިއެވެ. ޖަޕާނަށް ދިމާވީ އެންމެ ހިތާމަވެރި ހާދިސާ ތަކުގެ ތެރޭގައި އެޓޮމް ބޮމުގެ ހަމަލާއިން ޖަޕާނުގެ އެންމެ ބޮޑު ދެ ރަށް އަޅި ފުންޏަކަށް ވެގެން ދިޔަ ދިއުން ހިމެނެއެވެ. އެ ދެ ބޮމަކީ 1945 ވަނަ އަހަރު ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނުގެ ބަލިވުން ކަމަށް ވެގެން ދިޔައެވެ.

ބައެއް މީހުންނަށް ހީކުރެވޭ ގޮތުގައި މި ފަދަ ބޮޑެތި ހާދިސާ ތަކާ ކުރިމަތި ލައި، ބޮޑެތި ގެއްލުން ލިބިފައިވާ ގައުމަކަށް، އަޅި ފުނީގެ ތެރެއިން ނުކުމެ، އަލުން ގައުމު އާރާސްތު ކުރުމަކީ ކުރެވޭނޭ ކަމެއް ކަމެއް ނޫނެވެ. އެކަމަކު މިއީ ހަގީގަތެއް ނޫނެވެ. ޖަޕާނު ހަމައެކަނި ހިން ދެމިލީއެއް ނޫނެވެ. ވިޔަފާރި އާއި ސިނާއީ މައިދާނުގައި އެންމެ ކުރީގައި އޮތް ގައުމަށްވެސް ވެގެން ދިޔައީއެވެ. ސިނާއީ މައިދާނަށް ޖަޕާން ނުކުތީ އެމެރިކާއާއި އިނގިރޭސި ވިލާތާއި، ޔޫރަޕަށް ވުރެ މާ ފަހުންނެވެ. އެހެންނަމަވެސް ޖަޕާން ވަނީ ޓެކްނޮލޮޖީގެ ދާއިރާގައި އެ ގައުތައް ފަހަތަށް ޖައްސައިލާފައެވެ. މި ކަން ބޮޑަށް ފާހަގަ ކުރަން ޖެހޭ އެހެން ސަބަބެއް ވެސް އެބަ އޮތެވެ. އެއީ ޖަޕާނަކީ ދުނިޔޭގެ ބައެއް ގައުމުތަކަށް ލިބިފައިވާ ކަހަލަ ގުދުރަތީ ޚަޒާނާއެއް ބިމުގައި އޮތް ގައުމެއް ނޫން ކަމަށް ވުމެވެ. ބައެއް ގައުމު ތަކުގައި ކޮނެލައިގެން ނަގައި، އޭގެ ބޭނުން ކޮށްލީމާ މުއްސަނދި ވާ ކަހަލަ ވަސީލަތްތައް އެބަ ހުއްޓެވެ. ޖަޕާނަކަށް އެ ކަހަލަ އެއްވެސް ވަސީލަތެއް ލިބިފައެއް ނެތެވެ.

އިންސާނެއްގެ ދިރިއުޅުމުގައި އެންމެ މުހިއްމު ކަމަކަށް އޮންނަނީ ކުރިއަށް ދާން މަސައްކަތް ކުރުމުގެ އަޒުމެވެ. ޖަޕާނު މީހުން އެ މީހުންނަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން އުއްމީދު ކަނޑައިލައި، ރޮއި ހިތާމަކޮށް، ސިޔާސީ ކޯޅުންތަކާއި، ހަމަނުޖެހުންތަކުގެ ތެރޭގައި އެ މީހުންނަށް ލިބިފައިވާ ހަކަތަ ބޭކާރު ކޮށްލީ ނަމަ ޖަޕާނު މިއަދު އެ އޮތް ސިފައެއްގައި ނޯތީހެވެ. އޮތީހީ މާ ބޮޑަށް ފަހަތުގައެވެ. އެހެންނަމަވެސް ޖަޕާނު މީހުން ލިބުނު ގެއްލުންތަކުގެ މަތީން ހަނދާން ނައްތާލާފައި، ކުރިއަށް ދިއުމުގެ އަޒުމާއެކު މަސައްކަތް ކުރަން ފެށީއެވެ. ބިންހެލުންތަކުގެ ސަބަބުން އެތައް ބަޔަކު މަރު ވެގެން ދިޔަ ނަމަވެސް އެ މީހުން ދިރިއުޅުން އަލުން ފަށައިގެން ކުރިއަށް ގެންދިޔައީއެވެ.

މިފަދަ ގެއްލުން ދެނިވި ދަނޑިވަޅު ތަކުގައި، މީހާގެ އަޒުމެއް އޮތިއްޔާ، ލިބިފައިވާ ގާބިލިއްޔަތާއި ހުނަރުގެ ފައިދާ ވަރަށް ރަނގަޅަށް ފެންނާނެއެވެ. މޮޅު ރޭވުންތައް ރޭވުމާއި، މަސައްކަތްތައް އުފައްދައިގެން ކުރިއަށް ދިއުމާއި، ހެޔޮ ވިސްނުން ލިބުން ބިނާވެފައި އޮންނަނީ މި ދެންނެވުނު އަޒުމުގެ މައްޗަށެވެ. އަޒުމެއް ނެތް މީހަކީ ހުއްޓިފައިވާ އިންޖީނެއް ކަހަލަ މީހެކެވެ.

ތަޖުރިބާއިން ސާބިތުވާ ގޮތުގައި ކުރިއަށް ދާން ފަސޭހަ ވަނީ ގެއްލުމުގެ އިހުސާސާއި، ނާމިޔާބީގެ ޝުއޫރުގެ ބަދަލުގައި ކުރިއަށް އޮތީ މާ އަލިގަދަ މާ ބާއްޖަވެރި ދިރިއުޅުމެއް ކަމުގެ ޔަގީންކަން ހިތުގައި އޮތީމައެވެ. މީގެ މާނައަކީ ލިބޭ ގެއްލުންތަކަކީ ފައިދާއެކޭ ބުނުމެއް ނޫނެވެ. އެއީ ސީދާ ފައިދާއެއް ކަމަށް ނުވި ކަމުގައި ވިޔަސް ގެއްލުމުގެ ސަބަބުން ވަރަށް ގިނަ ފަހަރަށް އިންސާނާއަށް ކުރިއަށް ދިއުމުގެ ބާރު ލިބެއެވެ. އެއީ އޭނާގެ ކިބައިގައިވާ ހުނަރާއި ގާބިލިއްޔަތު ބޭނުން ކުރަން ހިތްވަރު ލިބޭ ކަމަކަށްވެސް ވެއެވެ. ގެއްލުމެއް ލިބޭ ވަގުތު އޭނާގެ ކިބައިގައި ފޮރުވިފައިވާ ހުނަރުތައް ހާމަ ވެގެން ދެއެވެ. އެ ހުނަރުތަކުގެ ބޭނުން ކޮށްގެން ހީވެސް ނުކުރެވޭހައި ކުރިއަށް ދެވޭގޮތް ވެއެވެ. އެކަމަކު އެންމެ ފުރަތަމަ ޝަރުތަކީ ކުރިއަށް ދިއުުގެ އަޒުމު ހިތުގައި އޮތުމެވެ. ގެއްލުމުގެ މައްޗަށް ރޮއި ކަރުނަ އެޅުމާއެކު އިށީނދެގެން އިނުމުގެ ބަދަލުގައި ތެދުވެ، އާނދޮގޭ އޭ ކިޔާފައި ކުރިއަށް ހިނގައިގަތުމުގެ އަޒުމު ހިތުގައި އޮންނަން ވާނެއެވެ.

އިންސާނާ، އިންސާނަކަށް ހަދައި ދެނީ ފަސޭހަ ކަމެއް ނޫނެވެ. ގަދަ ހިތްވަރެވެ. ވަސީލަތެއް ނޫނެވެ. އުނދަގުލެވެ. (ތަރުޖަމާއެއް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.