ދަންމަރު: ޤާބިލިއްޔަތަކީ ފުދުންތެރިކަންް

ނަފްސާނީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އިންސާނާ ބޭނުން ކުރަނީ އޭނާ އަށް ޤުދުރަތީ ގޮތުން ލިބިފައިވާ ޤާބިލިއްޔަތުގެ ދިހަ އިންސައްތައެވެ. ހަރވަރޑް ޔުނިވަރސިޓީ ގެ ޕްރޮފެސަރެއް ކަމަށްވާ ވިލިއަމް ޖޭމްސް ވިދާޅު ވެފައި ވަނީ ތެދުފުޅެކެވެ. "އަޅުގަނޑުމެން ވާން ޖެހޭ މީހުންނަށް ވާކަށް އަޅުގަނޑުމެން ބޭނުމެއް ނުވެއެވެ." (މާނައަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ޤާބިލިއްޔަތެއްގެ ބޭނުން ކޮށްގެން ކުރެވެން އޮންނަ ކަމެއް ކުރާކަށް އެއް ގޮތަކަށް ވެސް ބޭނުމެއް ނުވެއެވެ.) އަޅުގަނޑުމެންނަށް ޤުދުރަތުން ލިބިފައިވާ ހުނަރުތައް ބޭނުން ނުކުރުމުގެ ސަބަބުން ލިބެން ޖެހޭ ކާމިޔާބީ އޮންނަނީ ނުލިބިފައެވެ. ނިކަމެތި ދިރިއުޅުމެއް އުޅެން މެދުވެރިވާ ސަބަބަކީ އެއީއެވެ. މި ފަދަ ގޮތަކަށް ޢަމަލު ކޮށްފައި އަޅުގަނޑުމެން މި ކުރާ ކަމަކީ ލިބެންވާ އެއްޗެއް ނުލިބިގެން އެހެން މީހެއްގެ ބޮލުގައި އެ ކަމުގެ ޒިންމާ އެޅުވުމެވެ. ޙަޤީޤަތުގައި ކަންތައް ކުރަން ޖެހޭ ގޮތަކީ ދިމާވާ މައްސަލަތަކުގެ ސަބަބު ޚުދު ތިމާގެ އަމިއްލަ ކޮނޑުގައި އެޅިފައިވޭތޯ ބެލުމެވެ. މައްސަލަތަކުގެ ޙައްލު ފެންނާނީ އޭރުންނެވެ. އެހެން މީހުން ކުށްވެރި ކުރުމާއި ހަސަދަވެރި ވުމަކުން ކުރާނޭ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. އެހެން ހަދައިފި ނަމަ ތިމާ، ޚުދު ތިމާގެ އަމިއްލަ ނަފްސުގެ ދުޝްމަނަކަށް ވުން ނޫން އެހެން ކަމެއް ނުވާނެއެވެ. ޙަޤީޤަތާ ކުރިމަތިލުމަކީ އެންމެ ރަނގަޅު ސިޔާސަތެވެ. ލިބިފައިވާ ޤާބިލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރުމަކީ ކާމިޔާބީގެ ތަޅުދަނޑި ކަމަށް އަބަދުވެސް ޤަބޫލު ކުރަން ވާނެއެވެ. މި ނޫން އެހެން މަގެއް ޚިޔާރު ކޮށްފި ނަމަ ކުރިމަތިލާން ޖެހޭނީ ނާކާމިޔާބީ އާއެވެ.

އެހެން ނަމަވެސް އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ކަނޑަ އަޅައި ނިންމަން ވީ ކަމަކީ އަޅުގަނޑުމެންގެ މަސައްކަތް މިސްރާބު ޖަހައިފައި ވަނީ ރަނގަޅު ދިމާ އަށްތޯ ބެލުމުގެ މައްޗަށެވެ. ރަނގަޅު މިސްރާބަކަށް ކުރާ ދަތުރަކުން ނޫނީ ޤާބިލިއްޔަތުގެ ފުރިހަމަ ފައިދާއެއް ނުކުރާނެއެވެ.

ޤަދީމީ ޒަމާނުގައި އަދި މެދުތެރޭގެ ޒަމާނުގައި ވެސް ރަނަކީ ވަރަށް އަގު ބޮޑު އެއްޗެއް ކަމަށް އޮތީ ބެލެވިފައެވެ. އެ ދުވަސްވަރުގެ ސައިންސްވެރިން މަސައްކަތް ކުރަމުން ދިޔައީ އާދައިގެ މަޢުދަން ރަނަށް ނުވަތަ ރިއްސަށް ހަދާށެވެ. ކުއްލިއަކަށް މުއްސަނދި ވުމުގެ ހުވަފެން ދެކޭން ފެށުމާއެކު އާދައިގެ އިންސާނުން އާދަޔާ ޚިލާފު މަސައްކަތްތައް ކުރާ ބަޔަކަށް ވެގެން ދިޔައެވެ. އެހެން ނަމަވެސް މި ހުރިހައި މަސައްކަތެއް ވެގެން ދިޔައީ ބޭކާރު މަސައްކަތް ތަކަކަށެވެ. މަސައްކަތުގެ މޭވާ ލިބުމުގެ ކުރިން މަރު އައިސް އެ މީހުންނާ ބައްދަލު ކުރަނީއެވެ. އެ މީހުން ރަނަށް ހަދަން މަސައްކަތް ކުރާ މަޢުދަނަކީ އެއަށްވުރެ އަގުހުރި ބޭނުމެއް ކުރެވިދާނޭ އެއްޗެއް ކަމެއް އެ ދުވަސްވަރުގެ މީހުންނަކަށް އެނގިފައެއް ނެތެވެ. މިސާލަކަށް ދަގަނޑަކީ ރަނަށް ބަދަލު ކުރެވޭ އެއްޗަކަށް ވުމުގެ އިތުރަށް ދަނގަޑުން އެކި ބާވަތުގެ މެޝިން ހެދިދާނެ ކަމާއި ގިނަ ދުވަހަށް ދެމި ހުންނަ ކަހަލަ ޢިމާރާތްތައް ހެދިދާނޭ ކަމެއް އޭރަކު ހިތަކަށް ނުގެނެވެއެވެ. މިއަދު ހުޅަނގުގެ ޤައުމުތަކަށް ވަނީ މި ޙަޤީޤަތް އެނގިފައެވެ. ނަތީޖާއެއްގެ ގޮތުން އެ ޤައުމުތައް ވަނީ ޓެކްނޮލޮޖީ އާއި ޢިމާރާތް ކުރުމުގެ ރޮނގުން ވަރަށް އާދަޔާ ޚިލާފު ކާމިޔާބީ ތަކެއް ހޯދައިފައެވެ. ދަގަނޑު، ރަނަށް ބަދަލު ކުރީމާ ލިބޭ ފައިދާ އަށް ވުރެ މާ ބޮޑެތި ފައިދާ ހޯދައިފައެވެ. (ތަރުޖަމާއެއް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.