ދަންމަރު: އެންމެ ވަރުގަދަ އިތުބާރަކީ ﷲ އަށް ކުރާ އިތުބާރު

ދެވަނަ ބޮޑު ހަނގުރާމައިގައި އިއްތިހާދީ ބާރުތައް އެކުވެގެން ޖަރުމަނުން ބަލިކުރުމާއެކު ނާޒީ ލީޑަރުންގެ އެންމެން ބާރލިންގައި ދަންޖައްސައި މަރައިލީއެވެ. އެއީ ނާޒީން މުޅި ދުނިޔެ ގަތުލުކުރުމުގެ ރޭވުންތައް ރާވަމުން ގެންދިޔަ ރަށެވެ.

މި ވާގިއާ ހިނގައިފައި ވަނީ 1946 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ހިޓްލަރާއި ހަރމަން ގޯރިން މާކުރިން އަމިއްލައަށް މަރުވެގެންފިއެވެ. އޭގެ ފަހުން ޖޯޝިމް ރިބެންޓްރޮޕާއި، ވިލްހެމް ކެއިޓެލާއި، އަރންސްޓް ކެލްޓެންބްރޫނަރާއި، އަލްފްރެޑް ރޮޒެންބަރގާއި، ހާންސް ފްރޭންކާއި، ވިލްހެމް ފްރިކާއި، ފްރިޒް ސައުކެލާއި، އަލްފްރެޑް ޖޮޑްލާއި، އަރތަރ ސޭސްއިންކުއަރޓާ މި ނޫނަސް ހަނގުރާމައިގައި މަރުނުވެ ސަލާމަތްވީ މީސްމީހުން އެކަކަށް ފަހު އަނެކަކު މަރަމުން ގޮސް މަރައި ހުސްކޮށްލީއެވެ.

މިއީ ސާޅީސް ލައްކަ ޔަހޫދީން ގަތުލުކުރުމަށް ފަހު އެ މީހުންގެ މުދާ ފޭރިގަތް ލީޑަރުންނެވެ. މިބައިމީހުން ކުޅަ އަނިޔާވެރި ހަނގުރާމައިގައި އެމީހުންގެ ދުޝްމަނުންގެ އިތުރަށް ޖަރުމަނުގެ ވިހި ލައްކަ ސިފައިންވެސް މަރުވިއެވެ. އެމީހުން ވަނީ އެތައް ލައްކަ އިންސާނުންނެއް ޖަނަވާރަށްވުރެވެސް ނުބައި ހާލަތެއްގައި ކޮންސެންޓްރޭޝަން ކޭމްޕުތަކަށް ލައިގެން ގެންގުޅެފައެވެ. އަނިޔާވެރިކަން ހައްދު ފަހަނައަޅައި ގޮސްފައިވާ މިންވަރަކީ ޖަރުމަނުގެ މުސްކުޅިންނާއި ނުކުޅެދޭ ހާލަތަށް ގޮސްފައި ތިބޭ މީހުންނާއި ބަލި މީހުންނަކީ "ޖަރުމަނަށް ބޭނުމެއް ނުހިފޭ" ބަޔަކު ކަމުގައި ކަނޑައަޅައި ބަޑި ޖަހައި މަރައިލަނީއެވެ. ކަތިލައި އެއްލައިލައިފައި ތިބޭ ކުޑަކުދިންނާއި މަރައިފައި ވަޅުވަޅަށް އުކައިލައިފައި ތިބޭ މީސްމީހުންނާއި ހާލުގައި ޖެހިފައި ތިބޭ ހުވަފަތް އަންހެނުންނާއި ޔަތީމުންގެ ހާލަތު ފެނިފައިވެސް އެބައިމީހުންގެ ހިލަ ހިތަކަށް އެއްވެސް އަސަރެއް ނުކުރެއެވެ.

އެކަމަކު ހަނގުރާމައިގައި ބަލިވުމަށް ފަހު ދަންޖައްސާ މަޅިގަނޑު ދޮށަށް ގެނެވުނީމާ އެމީހުންގެ ހާލަތު ހުރީ ކިހިނެއް ކަމަށްތޯއެވެ؟ މޫނު ހުރީ ރީނދޫ ވެފައެވެ. ފައި ރޫރު އަޅަނީއެވެ. ވާހަކަދައްކަން ބޭނުން ވިޔަސް ދުލަކުން ލަފުޒެއް ބޭރެއް ނުކުރެވުނެވެ. އާރާއި ބާރު ގަދަ ލީޑަރުންގެ ހުރިހައި ބާރެއް ނެތިގެން ހިނގައްޖެއެވެ. އެހެން މީސްމީހުންގެ ދިރިހުރުމާ ކުޅެމުން ދިޔަ މީސްމީހުންނަށް ޚުދު އެމީހުންގެ ނިމުން ފެނުނީމާ މޮޔަވީ ކަހަލައެވެ.

މާއްދީ އެހީތެރިކަމާއެކު ލިބިގަންނަ ކޮންމެ ބާރަކީ އެ މާއްދީ އެހީތެރިކަން ނެތި ދިއުމާއެކު އަތުން ބީވެގެން ހިނގައިދާ ބާރެކެވެ. މިޔާ ޚިލާފަށް ﷲ އަށް އިތުބާރުކުރާ މީހާއަށް ކޮންމެ ހާލަތެއް މެދުވެރި ވިޔަސް މަޑުމައިތިރިކަމާއި ވަރުގަދަ އަޒުމަކާއެކު ފަރުބަދައެއްހެން ކޮޅަށް ހުރެދެއެވެ. މާއްދީ އެހީތެރިކަމާއި އެފަދަ އެހެން ހުރިހައި އެހީތެރިކަމެއް އޭނާގެ އަތުން ބީވެގެން ދިޔަ ކަމުގައި ވިޔަސް ކަންބޮޑުވުމެއް ހާސްވުމެއް ނެތިއެވެ.

ﷲ ގެ އެހީތެރިކަން ލިބޭނޭ ކަމުގެ ޔަގީންކަން ހިތުގައި އޮންނަ މީހާ ދުވަހަކުވެސް މާޔޫސެއް ނުވާނެއެވެ. ބާރުގަދަ ދުޝްމަނުންގެ އަތްދަށަށް ދިޔައީމާވެސް އެ ފަދަ މީހަކު ހުންނާނީ ނުގުޑާފަދަ އަޒުމެއްގައި ހިތްވަރާއެކު އިސް އުފުލައިލައިގެންނެވެ. ގާތިލުންނާއި ލުޓޭރުންގެ ތެރެއިން އެފަދަ މީހާ ފަސޭހަކަމާއެކު ސަލާމަތުން ނުކުމެގެން އަންނާނީ އެއްވެސް މީހަކު ނެތް ތަނަކުން ނުކުމެގެން އަންނަހައި ފަސޭހަކަމާއެކުގައެވެ. (މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުމަޖާއެއް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.