(23 މާޗް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އަނާ ހާސްވެގެން އެނބުރިލާފައި ގެއަށް ވަދެއްޖެއެވެ. އަދި ޤަސްދުގައި ނޫން ގޮތަކަށް ގޭގެ ދޮރުލައްވާޕާލައިފިއެވެ. އޭނާގެ ހިތް ތެޅެން ފަށައިފިއެވެ. އެ ތެޅުމުގެ އިޙްސާސްވަނީ މިހާރު ހަމައެކަނި މޭމަތީގައި ނޫނެވެ. ހަށިގަނޑުގެ ހުރިހާ ތަނެއްގައެވެ. އޭނާގެ ފައި ތުރުތުރު އަޅަން ފަށައިފިއެވެ. އޭނާހިތަށް އަރަމުންދަނީ ދޮރު ހުޅުވާލާފައި ނުކުމެ އެޒުވާނާ މޫނުމަތީގައި އެތިފަހަރެއް އެޅުމަށެވެ. އެޚިޔާލުގައި އޭނާ ކުއްލިއަކަށް ދޮރުހުޅުވާލިއެވެ. ނަމަވެސް އޭނާ ކުރިމަތީގައި ހުރި ހަރުދަނާ ޝަހޚުޞިއްޔަތެއްގެ ވެރިއަކު ފެނިފައި އަނާ މުޅީން ހުއްޓޭގޮތް ވެއްޖެއެވެ. ޢުމުރުން ސާޅީސް ފަސްއަހަރެއްހައި ދުވަސް ވެފައި މި މީހަކީ ވަރަށް ހައިބަތު ހުރި ޖާހާއި ޤަދަރު ލިބިގެންވާ މީހެއްކަން އޭނާގެ ރަތްދޮން މޫނުމަތިންއެނގެއެވެ. އެވަރުގަދަ ޝަޚުޞިއްޔަތުގެ ވެރިޔާ އަނާއާ ދިމާއަށް ވަރަށް އޯގާތެރި ހިނިތުންވުމަކާއެކު ބަލަމުންދާކަމެވެ.
"ބު...ބުނުއްވާ!"
"ބޭރުގައި ހުރި ނަންބޯޑުގައި އޮތީ އާމީރުއްދީނޭ..އެއީ ކަލޭގެ ބައްޕަގެ ނަންތަ؟"
"ގޭގައި އުޅުއްވާތަ؟"
"ލައްބަ!"
"ގޭގައި އުޅުއްވާތަ؟"
"ލައްބަ" އޭނާ ޙައިރާންކަމާއެކު ބުންޏެވެ.
"ދޭ... ގޮސް ބައްޕައަށް ނަންގަނޭ ޚާން އާޞިފް ބައްޕައާ ބައްދަލުކުރަން ބޭނުންވެއޭ"
"ޚާން އާޞިފް" އަނާއަށް ކިޔާލެވުނެވެ.
"ޚާން އާޞިފް ...އެއީ އަހަރެންގެ ނަން..ކަލޭގެ ނަމަކީ...؟"
"އަޅުގަނޑުގެ ނަމަކީ އަނާ"
"ކަލޭ ރީތި ކަމާއެއްވަރަށް ކަލޭގެ ނަންވެސް ރީތިވެފައި ނާޒުކް..ދޭ އެތެރެއަށް ގޮސް ބައްޕައަށް ނަންގަނޭ..."
ޚާންއާޞިފްގެ ޅިދަރިފުޅުގެ ގޮތުގައި އަނާ ގެންދިއުމަށްޓަކައި އެގެއަށް އޭނާ އައިގޮތަކީ މިއީއެވެ. އޭގެ އެއްމަސް ދުވަސް ފަހުން އަނާ އިނީ އަލަތު އަނބެއްގެގޮތުގައި ޚާން އާޞިފްގެ ގެއަށް ގޮހެވެ. މާޖިދުގެ ޙަޔާތުގެ ބައިވެރިޔަކަށް ވެގެންނެވެ. ފަރުބަދައިގައި ހުންނަ ހިލަ، މިސްކިތުގެ މިޙްރާބުގައި ބެހެއްޓޭގޮތް ވުންވެސް އެއީ ތަޤްދީރުގައި ބައެއްފަހަރު ދިމާވާ ގޮތްގޮތެވެ. އަނާއަށް ވެސް އޭނާގެ ތަޤްދީރު މިގޮތަށް ބަދަލުވެގެން ހިނގައިދާނޭ ހީކުރެވިފައިވެސް ނެތެވެ. އޭނާ އަނތްބަކަށް ވެގެން މިކަހަލަ ކޮޓަރިއެއްގައި ފިރިމީހާގެ އިންތިޡާރުގައި ފޮޅެން ކައިރިވެފައި އިން މަލެއްހެން ލަދުން ސިހިސިހި އިންނަން ދިމާވެދާނޭ ހިތަށްވެސް އަރާފައެއް ނެތެވެ. އަނާގެ ހިތަށް ވަންނަމުންދަނީ މާޖިދުގެ މޫނެވެ. ޖީންސްގައި އަތްކުރު ގަމީހެއް ލައިގެންހުރި އެ ހިތްގައިމު ޒުވާނާއެވެ. އޭނާގެ ކަޅުބިޔޫކް ކާރުގައި އަނާގެ ފަހަތުން "އަޅައިގަތް" ޒުވާނާއެވެ. މިއަދު އަނާ މިވަނީ އޭނާގެ އަތްދަށުވެފައެވެ. އޭނާގެ އަނތްބަކަށްވެފައެވެ.
އަނާގެ މަންމައާ ބައްޕަ އަދި ޢާއިލާގެ މީހުން ދުށްގޮތުގައި އަނާގެ ނަޞީބުގެ ތަރި އެރީއެވެ. ޚާން އާޞިފް ފަދަ މުއްސަނދި އަދި މަތީ ދަރަޖައިގެ ޢާއިލާއަކާ ގުޅެވުނީތީއެވެ. އަނާއަށްވެސް އިޙްސާސް ކުރެވެމުންދިޔައީ އެގޮތަށެވެ.
އައު ކައިވެނީގެ ފުރަތަމަރޭ އަލަތު އަނތްބަކަށް ވެގެން މާޖިދުގެ އިންތިޡާރުގައި އަނާ އިން އިރު އޭނާގެ ހިތަށް އަރަމުންދިޔައީ އޭނާގެ ކާރަށް އަރަން އާދޭސް ކުރި މާޖިދު މިރޭ އޭނާ ގާތުގައި ބުނާނީ ކީކޭ ބާވައެވެ.
އަނާ އަމިއްލައް ހިނިތުންވެލިއެވެ. މާޖިދު އޭނާއާ ދައްކާނޭ ވާހަކަތައް އޭނާގެ ޚިޔާލަށް ގެނައެވެ." "އައި..ލަވް..ޔޫ..އަޅުގަނޑު އެދެނީ ކަލާ އަޅުގަނޑުގެ ޙަޔާތުގެ ބައިވެރިޔާއަށް އަބަދުގެ އަބަދަށްޓަކައި ވެދެއްވުން. ކަލާއަކީ އަޅުގަނޑުގެ ހިތުގެ ތެޅުން ކަމުގައިވެއްޖެ. އެންމެ ފުރަތަމަ އަޅުގަނޑު ކަލާ ދުށް ދުވަހުން ފެށިގެން އަޅުގަނޑުގެ ރޭގަނޑުގެ ނިއްޖާއި ދުވާލުގެ ޤަރާރު ކަންވަނީ ގެއްލިފައި" މިކަހަލަ މިކަހަލަ ވާހަކަތަކެކެވެ.
އަނާގެ ރޫބީކުލައިގެ ތުންފަތް މަޑުމަޑުން ތެޅިލިއެވެ. އެއީ އުފާވެރި ހިނިތުންވުމެއްގެ ވިދުވަރެކެވެ. އަނެއްކާވެސް އެހެން ޚިޔާލެއްގެ ތެރެއަށް ގެއްލިއްޖެއެވެ. އަމިއްލައަށް ލަދުގަނެފައި ރަކިވެއްޖެއެވެ. ކޮންމެވެސް މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުން ސިހޭގޮތްވިއެވެ. އެއީ މާޖިދު އަންނަ އަޑެވެ. އޭނާގެ ބޭޤަރާރު ކަން ހިފެހެއްޓޭތޯ މަސައްކަތް ކުރަމުން އަނާއާ ބައްދަލުވާން އަންނަނީއެވެ. ދޮރު ހުޅުވިއްޖެއެވެ. މާޖިދު ކޮޓަރިތެރެއަށް ވަދެއްޖެއެވެ. އަނާ ސިއްރު ސިއްރުން --- ކަތި ނަޡަރަކުން --- އޭނާއާ ދިމާއަށް ބަލާލިއެވެ. ... އޭނާ ކިހާ ރީތި ހެއްޔެވެ... އޭނާ ކިހާޒުވާން ހެއްޔެވެ؟..... އޭނާގެ އެހެރަ ފިރިހެންވަންތަކަން .... އަނާ އިސްޖަހާލިއެވެ. އެނދުމަތީގައި އިންގޮތަށް ގުޑިވެސްނުލައި އިނެވެ.
މާޖިދު އޭނާއާ ވަރަށް ކައިރިއަށް އަތުވެއްޖެއެވެ. އަދި އޭނާގެ އަޑު އަނާއަށް އިއްވާލިއެވެ. ލޯބިވެތި އަޑެކެވެ. އޯގާތެރިކަމާ ރަޙްމުން ފުރިފައިވާ އަޑެކެވެ.
"އަޅުގަނޑުގެ އަލަތު އަނބިމީހާގެ މޫނު އޭނާގެ އިޒުނަޔާ ނުލައެއް ނުބަލާނަން.." އަނާ އިހަށްވުރެވެސް ބޮޑަށް ލަދުގަތެވެ.
"ކަލާގެ މޫނު ބަލާލުމުގެ ހުއްދަ ދެއްވަން އަނގައިން ބުނުއްވުމެއް ކޮންމެހެން ބޭނުމެއްނޫން. ހަމައެކަނި އަތުކުރީގެ އުޅާތަކުގެ އަޑުންވެސް އިޝާރާތެއް ކޮށްލެއްވިޔަސް އެންމެ ރަނގަޅު…. އެހެނީ ކަލާގެ ނުރުހުމާއި ކަލާގެ "ތަދު ކުރެއްވުން" ތަކުގެ ރަހަ މިހާރުވެސް ވަނީ އަޅުގަނޑަށް ލިބިފައި.....ނަމަވެސް ކަލާއަށް ޓަކައި އަޅުގަނޑުގެ ހިތުގައި އޮތް އެދުން މިއަދު މިއޮތީ ހަމަރަނގަޅަށް ކަލާއަށްވެސް ފެނިލައްވަން..... ދެން ކަލާއާ ބައްދަލުކުރާނީ ގެއިންނޭ ނަމެއްނުގަންނަވަންތޯ..... މިއަދު މި ނިކަމެތި އަޅުގަނޑުގެ އުޖާލާ ކޮށްދެއްވަން ތިޔަ އިންނެވީ ދުރުވެ......"
އަނާ ހިނިތުންވެލިއެވެ. އޭނާގެ މޫނު ނިވާކޮށްލެވިފައިވާ ސާޅީގެ ކަންގަނޑުގެ ތެރެއިން އެ ހިނިތުންވެލުމާއެކު މޫނު ފެންނަނީ ހުވަފެއްގެ ތެރެއިން ފެންނަ ރީތި ހުވަފެނެއް ހެންނެވެ. އަނާ ހިނިތުންވުމުގެ އަޑު ބޭރުވިޔަ ނުދީ ހިފެހެއްޓޭތޯ އުޅުނެވެ. ނަމަވެސް އޭނާގެ އަތުކުރީގައިވާ އުޅާތަކުގެ އަޑެއް އޭނާއަކަށް ނުހިފެހެއްޓުނެވެ.
"ޝުކުރިއްޔާ" މާޖިދު އޭނާއަށް ހުއްދަ ލިބުނީކަމަށް ހީކޮށް ބުނެލިއެވެ. އަދި އަނާ ކައިރީގައި އެނދުމަތީގައި އިށީނދެއްޖެއެވެ. އަނާ އަދި ވަކީން ބޮޑަށް ލަދުގަތެވެ. އެތަންވަޅު މާޖިދު މަޑުމަޑުން އޭނާ ކަނާއަތުގެ ޝަހާދަތް އިނގިލި އަނާގެ ދަތްދޮޅީގައި ޖައްސާލިއެވެ. އަނާ އަދިވެސް އިނީ އިސްޖަހައިގެންނެވެ.
މާޖިދު ބުނެލިއެވެ.
"މި މޫނު ދުށުމަށްވަނީ ހަމައެކަނި އަޅުގަނޑުގެ ނަޞީބުގައި ކަމަށްވިޔަސް އަދި މި މޫނުމަތިން ޙިޖާބު ނުގުންވަނީ އަޅުގަނޑުގެ މިންވަރުގައި ކަމަށްވިޔަސް، ދެން މިހާރު އަޅުގަނޑަށް އިތުރު އިމްތިޙާނުތަކާ ކުރިމަތިލާން ނުޖެއްސެވުން އެދެން... މި ހަނދު ދެކޭހިތުން މިހާރު ދެން އަޅުގަނޑަށް ކެތް ކުރެވޭވަރެއް ނުވޭ. ދެން އިސް އުފުލާލައްވާ......!"
އެހެން ބުނެފައި މާޖިދު އޭނާގެ އިނގިއްޔަށް ބާރުލިއެވެ. އަދި އަނާއަށް އޭގެ އިޙްސާސް ލިބުމުން މަޑުމަޑުން އިސްއުފުލާލެވިއްޖެއެވެ. އެއާއެކު އޭނާގެ ރީތި ދެލޮލުން މާޖިދުގެ ލޮލުގެ ތެރެއަށް ބަލާލެވިއްޖެއެވެ.
"މާޝާ ﷲ.... ހަނދުގެ ނޫރު... ޤުދުރަތުން ކަލާ ހައްދަވާފައިވަނީ ހުރިހާ ރީތިކަމެއް އެއްކުރައްވައިގެން..."
އަނާ ލަދުން ފުރިގެންދިޔައެވެ.
މާޖިދު އޭނާގެ އަތުތެރެއަށް އަނާ ގެނައެވެ. މާޖިދު ވާހަކައިން އަނާއަށް އެނގުނުގޮތުގައި، މާޖިދު ބައްޕަ މިހާއަވަހަށް މި ކައިވެނި ކުރުވިގޮތަކީ، މާޖިދު ރުހޭ ކުއްޖަކާ އިނުމަށް ގަދައަޅަމުން ދިޔުމާއެކު، މިހާތަނަށް މާޖިދަށް ދެއްކި އެއްވެސް އަންހެން ކުއްޖަކާ އޭނާ ޤަބޫލުވެފައި ނުވާކަމެވެ. އަދި ކަނޑުގެ އައްސޭރީން މާޖިދަށް އެ ރޭ އަނާ ފެނުމާއެކު، އޭނާ ރުހޭ ތަޞައްވަރު ކުރަމުން ގެންނަ އަންހެން ކުއްޖަކީ މިއީކަން އޭނާއަށް އެނގުނެވެ. އެހެން ކަމުން މާޖިދު މަސައްކަތްކުރީ އަނާއާ ވާހަކަ ދެއްކޭތޯއެވެ. ނަމަވެސް އަނާ އެއްގޮތަކަށްވެސް އެކަމަކަށް ފުރުޞަތެއް ނުދިނީއެވެ. އެއްދުވަހު ކާރުގައި އަނާގެ ފަހަތުން އޭނާގެ ގެޔާހަމައަށް އަދި އަނެއް ދުވަހު ގެއިން ކޮލެޖާ ހަމަޔަށްވެސް މާޖިދު ދިޔައެވެ. ނަމަވެސް ކާމިޔާބުވާނެ ގޮތެއްނުވިއެވެ. އެންމެ ފަހުން މާޖިދަށް ޖެހުނީ އޭނާ ރުހޭ ކުއްޖަކު ފެނިއްޖެކަން އޭނާގެ ބައްޕައަށް އަންގާށެވެ. މާޖިދުގެ ކައިވެނި ހަޤީޤަތަކަށް ވެގެން ދިޔައީ މިގޮތުންނެވެ. މާޖިދަކީ ޚާން އާޞިފްގެ ހުރި އެންމެ ފިރިހެން ދަރިފުޅެވެ. ވުމާއެކު ޚާން އާޞިފް އެދެނީ މާޖިދު ވީހާއަވަހަށް މީހަކާ އިނުމަށެވެ. އެއީ ކައިވެނި ކޮށްގެން ޢާއިލާ ކުރިއަށް ދިރުވަމުން ގެންދިއުމަށްޓަކައެވެ.
މާޖިދުގެ އަންހެން ކޮއްކޮއެއް ހުރެއެވެ. އަނާއާ އެއްޢުމުރެއްގެ ކުއްޖެކެވެ. ރީތި ކުއްޖެކެވެ. އޭނާގެ ބޭބެޔާ ނުލާހިކު ވައްތަރެވެ. އަދި ބޭބެ ދެކެ އެހާ ލޯބިވެސްވެއެވެ. އެހެން ކަމުން އަނާ އެގެޔަށް އައުމުން އޭނަ އަނާދެކެވެސް ވަރަށް ބޮޑަށް ލޯބިވާން ފަށައިފިއެވެ. އޭނާ އަނާއާ ދިމާއަށް ބުންޏެވެ. "ބޭބެގެ ރީތި، އަޅުގަނޑުމެންގެ ހިތަށް ގެނެވޭ ވަރަށްވުރެ ވެސް މާރީތި" އަނާ ވަރަށް ލަދުގަތެވެ. މާޖިދުގެ ކޮއްކޮގެ ނަމަކީ ޢާއިޝާއެވެ. ގޭމީހުން ލޯބިން އޭނާއަށް ކިޔަނީ ޢާޝީއެވެ. އޭނާއަކީ ވަރަށް ސަމާސާކުރާ ލާނެތް މިޒާޖެއްގެ ކުއްޖެކެވެ. އޭނާގެ ލޯބި ވާހަކަތަކުންނާއި ލާނެތް ސަމާސާތަކުން ވަރަށް އަވަހަށް އަނާގެ ހިތް އޭނާގެ މައްޗަށް ލަންބުވާލައިފިއެވެ. ޚާން އާޞިފްގެ އަންހެނުން، މާޖިދުގެ މަންމައަކީ ވަރަށް އަބުރުވެރި ގޮތް ހުރި އަންހެނެކެވެ. އޭނާވެސް އަނާދެކެ ލޯބިވެއެވެ. އޭނާގެ އަސްލު ނަމަކީ ދަރްދާނާ ބޭގަމްއެވެ. މިގޭގައި އޭނާގެ ނަމަކީ ބޭގަމް އާޞިފެވެ. އަނާ ކަހަލަ ރީތި އަދި ރަނގަޅު ޅީދަރިފުޅެއް ލިބުމުން އޭނާ ވަރަށް އުފާކުރިއެވެ. އޭނާގެ ދަރިފުޅު ޚިޔާރުކުރި އަނބިމީހާއަށް ޓަކައި އޭނާ ފަޚްރުވެރިވެއެވެ. އަނެއްކޮޅުން އަނާއަށް އޭނާގެ ފަރާތުން ލިބެމުންދާ ލޯތްބާއި ހިތްހެޔޮކަން އެނގޭނީ ހަމަ އަނާއަށެވެ. އެކަމަށްޓަކައި އަނާ އިންނަނީ އެއީ އޭނާގެ ހެޔޮނަޞީބުކަމުގައި ދެކިގެން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުކޮށްކޮށެވެ.
ދެ އަހަރު ފާއިތުވެގެން ހިނގައްޖެއެވެ. ދިރިއުޅުމުގެ އެންމެ އުފާވެރި ދެ އަހަރު ނުލާހިކު އަވަހަށް މާޒީގެ ތެރެއަށް ގޮސް ނިމިއްޖެއެވެ. ނަމަވެސް އެ ދުވަސްތަކުގެ ތެރޭގައި އޭނާގެ ޙަޔާތުގެ ފަސްބައިގައި ހިފުމަށް އަންނަ އަލިފާންގަނޑެއް އޭނާއާ ދިމާއަށް މަޑުމަޑުން އެބައަންނަކަން އަނާއަށް އެއްގޮތަކަށްވެސް ނޭނގެއެވެ.
(ނުނިމޭ)
Vvvreethi