(30 މާޗް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އަޅުގަނޑު ހިތާމާކުރަން އަޅުގަނޑުގެ ކިބައިގައި ތިޔަ ތިންވައްތަރުން ކުރެ އެއްވެސް ވައްތަރެއްގެ ކަމެއް ނެތް"
"ޝުކުރިއްޔާ" އޭނާ ހިނިތުންވެލިއެވެ. އަދި ބުންޏެވެ. "އަޅުގަނޑު އެއްގޮތަކަށްވެސް ދޮގު ހަދާކަށް ނުރުހެން. އަދި މައްސަލަ ހިނގަމުންދަނިކޮށް ވެސް އަޅުގަނދުގެ މުވައްކިލު ދޮގު ހަދަމުންދާކަމަށް ޝައްކު ކުރެވުނަސް އަޅުގަނޑު އެ ކޭހަކުން އަވަހަށް ސަލާމަތްވަން.."
"ގޭގެ ޙާލަތު ފެނުފައި އަޅުގަނޑަށް ތިޔަކަން ވަޒަން ކުރެވިއްޖެ. އަނާ ވަރަސް ސީދާ ސާދާގޮތަކަށް ބުނެލިއެވެ. އަނާގެ މި ޖުމުލައާ މެދު ވަކީލުޡަނާއުﷲ ނުރުހޭގޮތެއް ނުވިއެވެ. އަދި ސީރިއަށްވެލާފައި ބުންޏެވެ.
"ކަލާ ތިޔަ ވަޒަންކުރެއްވީ ހަމަ ރަނގަޅަށް. އަދި އެކަމާމެދު އަޅުގަނދު ލަދެއްވެސް ނުގަނޭ..."
އެވަގުތު އަނާ ވަރަށް ޢަޖައިބުވާފަދަ ނަޡަރަކުން ވަކީލާ ދިމާއަށް ބަލާލިއެވެ. އަދި ކުޑައިރުކޮޅަކު ހިމޭނުން އިދެފައި ބުންޏެވެ.
"އަޅުގަނޑުގެ ކޭހަކީ ނުރައްކާތެރި ކޭހެއް. ހަމައެއާއެކު ދާދި އާދައިގެ ކޭހެއްވެސްމެ. މިކޭސް ނުރައްކާތެރި ކޭހަކަށް ވާގޮތަކީ މިކޭހުގައި އަނެއްކޮޅު ކުރިމަތިލާން ޖެހޭ ޕާރޓީއަކީ ވަރަށް މުއްސަނދި އަދި އެހާމެ ނުފޫޒުގަދަ ބަޔަކަށްވާކަން. އަނެއްކޮޅުން މި ކޭސް އާދައިގެ ކޭހަކަށް ވާގޮތަކީ މި ކޭހުގައި އޮޅުން ބޮޅުން މައްސަލަތަކެއް ނެތްކަން. އަދި ޤާނޫނާއި ޝަރީޢަތުގެ ހަމަތަކުން ވަކީލު ވަކާލާތު ކޮށްފިނަމަ މިކޭސް ކާމިޔާބު ކުރެވޭނެކަމަށްވާކަން..."
"ކޭހުގެ ތަފްޞިލު ކިޔާދެއްވަ ބައްލަވާ!"
"އެއީ ކުޑކުޑަ ވާހަކައެއް. އެ ވާހަކަ އަޅގަނޑު ކިޔާ ދޭނަން. އަޅުގަނޑުގެ ކޭހަކީ އެ ވަހާކަ.... ކަލާއަށް ފެނިލައްވަންޏާ! މި ކޭސް ނަންގަވާނީ...އެހެން ނޫނިއްޔާ އަޅުގަނޑު ކޮންމެވެސް އެހެންމީހެއް ކައިރިއަށް ހިނގައިދާނަން..."
"ކިޔާދެއްވާ. ހިތްމަތް ކުރާނަން..ތަނާޢުﷲ ގޮނޑި ކައިރިކޮށްލާފައި ބުންޏެވެ.
ދެން އަނާ އެނާގެ ވާހަކަތައް ކިޔާދޭން ފެއްޓިއެވެ. ވަރަށް ކުރުކުރުކޮށެވެ. ކޮޓަރިތެރެއަށް ވެރިވެފައިވަނީ ހަނު ހިމޭންކަމެވެ. ތަނާއުﷲ ލޯ މަރާލައިގެން ގޮނޑިގައި ރަނގަޅަށް ލެނގިލައިގެން އަނާގެ ވާހަކަތައް އަޑުއަހަން އިނެވެ.
މުސްކުޅިމީހާ ސައި ތަބައް ހިފައިގެން ކޮޓަރިއަށް ވަދެއްޖެއެވެ. ސައިތަށްޓާއެކު އެހެން ތަށްޓެއްގައި ދެ ބިސްކޯދުވެސް ގެނައެވެ.
"ދަރިފުޅު އައިއސް ތިޔައިނީ ސައިވެސް ނުބޮއި ކަންނޭނގެއޭ އަޅުގަނޑު ހިތަށް އެރީ. ވީމާ ގޭގައި އޮތް ދެ ބިސްކޯދު ވެސް ހިފައިގެން އަޅުގަނޑު މިއައީ"
ހަމައެކަނި ސައިތަށްޓަކުން ފުދިދާނެ...ކަލާ ހަމަކަމަކާނުލާ މާބޮޑަށް އުނދަގޫ އުފުއްލެވީ..އަނާ އަޚްލާޤީ ގޮތެއްގައި ބުނެލިއެވެ.
މުސްކުޅިމީހާ ސައިތަބަށް ބަހައްޓާފައި ކޮޓަރިން ބޭރަށް ހިނގައްޖެއެވެ. "ސައި ބައްލަވާ!" ޡަނާ ސައިތައްޓާ ދިމާއަށް އިޝާރަތް ކޮށްލާފައި އަނާ އާދިމާއަށް ބުންޏެވެ.
އަނާ ދެ ޖޯޑަށް ސައިއަޅާލިއެވެ. އެއްޖޯޑު އޭނާއަށެވެ. އަނެއް ޖޯޑު ޡަނާ އަށެވެ. ނަމަވެސް ޡަނާ ސައިތަށި ނެގުމުގެ ބަދަލުގައި އަނެއްކާވެސް ލޯމަރާލާފައި ގޮނޑީގައި ރަނގަޅަށް ލެނގިލީއެވެ.
އަނާ ހިމޭންކަމާއެކު ސައިތަށި ނަގައިގެން ބޯންފަށައިފިއެވެ. އެއާއެކު ޡަނާ އާދިމާއަށް ބަލަމުން ގެންދިޔައެވެ. މި ޒުވާނާއަކީ ވަރަށް ވަރުގަދަ ޢަޒުމެއްގައި ސާބިތުވެ ހުރި މީހެއްހެން ހީވެޔޭ އަނާގެ ހިތަށް އެރިއެވެ.
އެވަގުތު ކުއްލިއަކަށް ޘަނާ ލޯހުޅުވާލާފައި ބުންޏެވެ.
"ކަލާއާއި ކަލާގެފިރިކަލުންނާ ދެމެދުގައިވާ ގުޅުމާމެދު ކަލާ ތިޔަ ބުނުއްވީ ވަރަށް ރަނގަޅު އަދި އުފާވެރި ގުޅުމެއްކަމުގައި އަޅުގަނޑު އެކަން ޔަޤީން ކުރަން. އެހެންކަމާއެކުވެސް އަދި އެއްވާހަކައެއް އިތުރަށް ބުނެދެއްވުން ވަރަށްބޮޑަށް އެދެން. އެ ވާހަކައަކީ ކަލާއާއި ކަލާގެ ފިރިކަލުންނާ މެދުގައި ފަހަރެއްގައިވެސް އަރާރުވެލައްވަން ޖެހިލައްވާފައިވޭތޯ؟"
"ނޫން ވަކީލް ސާހަބް..އަޅުގަނޑުމެން ދެމީހުން އުޅެމުން ގެންދިޔައީ ނަމޫނާއަކަށް ފުދޭފަދަ ގޮތެއްގައި. އަޅުގަނޑުމެންގެ ގޭތެރޭގައި ކަންތައް ހުންނަގޮތާއި ގޭގެ އުޞޫލުތަކާއި ޚާންއާޞިފްގެ ޠަބީޢަތުގައި ގޮތްދޫނުކުރެއްވުން ހުންނަ މިންވަރު މިހާރު އަޅުގަނޑު ކަލާއަށް ކިޔައި ދީފީމުނޫންތޯ. އެހެންވީމާ އަޅުގަނޑަށް މަޖްބޫރުވެފައިވަނީ ފިރިމީހާ މާދަމާވެސް އަޅުގަނޑަށް ލިބިއްޖެނަމަ މިޙާލަތު ބަދަލުވެގެން ދާނެކަމުގެ އުއްމީދެއް ކުރެވިދާނެ.
"އެންމެ ރަނގަޅު..ކަލާގެ ވާހަކަތައް އަޅުގަނޑު ޤަބޫލުކޮށްފިން. ނަމަވެސް ކަލާ މި ކޭސް ކާމިޔާބު ކުރައްވައިގެން ޙާޞިލް ކުރައްވަން ބޭނުންވެލައްވަނީ ކޮންއެއްޗެއްތޯ؟"
"ޙާޞިލް ކުރަން ބޭނުމީ ކޮންއެއްޗެއް ހެއްޔޭތޯ. ކަލާ މިހާތަނަށް ތިޔަ ވިސްނެވީ ކޮންއެއްޗެއްތޯ؟" އަނާ ތުރުތުރު އަޅާ ގޮތަކަށް އަހާލިއެވެ.
"އަޅުގަނޑު ކަލާއާ ކުރީ ސުވާލެއް!"
"ކަލާގެ ސުވާލުގެ ޖަވާބު ކަލާ އަމިއްލައަށް އަޅުގަނޑުގެ މޫނުމަތިން ހޯއްދަވާ!"
"އަޅުގަނޑު ވަރަށް ގިނަ ޖަވާބު ހޯދައިފިން. ނަމަވެސް ތަޞްވީރުގެ އަނެއްފަރާތް އަދި ކަލާ ދެކިއެއްނުލައްވާ. އެ މީހުންނަކީ ނުލާހިކު މުއްސަނދި އަދި އެހާ ނުފޫޒުގަދަ ބައެއްކަމުގައި ކަލާ ބުނުއްވައިފީމު... އަދި އަޅުގަނޑަށް އެނގިފައިވާ ގޮތުގައިވެސް ކަލާ ތިޔަ ބުނުއްވީ ރަނގަޅު ވާހަކަ އެއް. އެހެންވީމާ އުފެދޭ ސުވާލަކީ އެމީހުން ޖަޖް ޞާޙަބް ގެނެފިނަމަ ދެންވާނީ ކިހިނެއްހޭ ކުރެވޭ ސުވާލު!"
"އެހެންވުން އެކަށީގެންވޭތޯ؟ އެހާވަރަށް ކަލާއަށް އެމީހުންނަށް ގެއްލުން ދެއްވިދާނެތޯ؟"
"ލައްބަ. އެހެންވުމަކީ އެކަށީގެންވާކަމެއް. އަދި އެހާވަރަށް އެ މީހުންނަށް ގެއްލުން ދިނުމުގެ މައްސަލައިގައި ނަންގަންނަން އޮތީ އެވަރަށް އަޅުގަނޑަށް އެމަސައްކަތް ކުރެވިދާނޭ"
"އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ ފިރިމީހާއާއި އޭނާގެ ބައްޕަ ޝަރީޢަތުގެ މަޖުލީހަށް ޙާޟިރުކުރަން"
"ކަލާ ތިޔަހައްދަވާ ގޮތުން ކަލާއަށް ޓަކައި ހުރި ހުރިހާ މަގުތައް ބަންދުވެދާނެ. ޘަނާ ސީރިއަސްގޮތް ދައްކާލާފައި ބުންޏެވެ.
"ކޮންކަހަލަ މަގުތަކެއް ކަލާތިޔަ ބުނުއްވަނީ؟ ކޮންމަގުތަކެއްގެ ވާހަކައެއް؟" އަނާ އަވަސް އަވަހަށް ސުވާލުކޮށްލިއެވެ.
"ދިރިއުޅުމުގެ މަގު. ފަހަރެއްގައި ކަލާއާމެދު ކަލާގެ ފިރިކަލުން އަމަލު ކުރެއްވި އަނިޔާވެރިގޮތް އޭނާގެ ހިތަށް ވަދެގެން އޭނާގެ ދުނިޔެއަށް ކަލާ އަނބުރާ ގެންނަށްވެސް ޤަޞްދުކުރައްވާފާނެ. އަދި ކަލާ އޭނާގެ އަނިޔާވެރިކަން ހަނދާން ނައްތަވާ ލައްވާނެ. ނަމަވެސް މިގޮތަށް ޝަރީޢަތަށް މައްސަލަ ގެންގޮސްފިނަމަ އެމީހުންގެ ހިތުގައި ކަލާގެ މައްޗަށް ހައްތާވެސް ނަފްރަތު އިތުރުވާނީ އަދި ފަހަރެއްގައިވެސް އެމީހުންގެ ކައިރިއަށް ދެވުމުގެ ޗާންސް ނެތިގެންދާނީ...އަދި އެގޮތުން ކަލާ ކަލާގެ ދިރިޅުމަށް ހުރި ހުރިހާ މަގެއް ބަންދުކުރައްވާނީ.."
"މިހާރު ދިރިއުޅުމުގައި އަޅުގަނޑަށްޓަކައި އޮތީ ކޮން އެއްޗެއްތޯ؟ އަދި މިހާރު އަޅުގަނޑަށް ދިރިއުޅުމާމެދު މާބޮޑު ފަރުވާލެއްނެތް. އަޅުގަނޑު މިހާރު މަރު ދެކެމުންދަނީ ދާދި ކައިރިން ވަކީލް ޞާޙަބް! އަޅުގަނޑު، އަޅުގަނޑުގެ ފިރިމީހާގެ ގެއިން ނުކުތީ މަރުވެގެން. އަޅުގަނޑުގެ ހަށިގަނޑުގެ ތެރެއިން އަރަމުންދާ ދުންތަކުގެ ސަބަބުން ކޮންމެ މޫނެއްވެސް އަޅުގަނޑަށް ފެންނަނީ ދުންގަނޑެއްގެ ތެރެއިން އެ މީހުންނަކީ ނަފްރަތު ކުރަން އެކަށީގެންވާ ބައެއް. ނަފްރަތުގެ ބަދލުގައި ލޯބި ނުލިބޭނެކަން އަޅުގަނޑަށް އެނގޭ އެކަމަކު .."
"އެކަމަކު..."
"އެމީހުންގެ ފަރާތުން އެއްވެސް ރަނގަޅުކަމެއް ލިބިދާނެކަމުގެ ކުޑަވެސް އުއްމީދެއް އަޅުގަނޑަކަށް ނެތް... ނަމަވެސް އެ މީހުންގެ އަރާމުގައި ހިތްހަމަޖެހިގެން ދިރިއުޅެމުން ދިއުމަކަށްވެސް އަޅުގަނޑު ނޭދެން. އެ މީހުން އަޅުގަނޑު ބަރުބާދުކުރި ފަދައިން، އަޅުގަނޑުގެ ހިތްހަމަޖެހުމާއި އުފާތައް އަޅުގަނޑު އަތުން ފޭރިގަތް ފަދައިން އަޅުގަނޑު ބޭނުންވަނީ އަންހެނުންނަކީ ކުނިވެފައި ހުންނަ ކާއެއްޗެއް ފަދައިން ބޭރަށް އެއްލާލެވޭ އެއްޗެއް ނޫންކަން އެމީހުންނަށް އަންގާދިނުން. އަންހެނުންނަކީ އެ މީހުން މާޖަހާ އެއްޗެތީން ބަދަލުކޮށްލެވޭ ފަދަ ވަޅޯވެފައި ހުންނަ މަލެއް ނޫންކަން ހާމަކޮށްދިނުން."
(ނުނިމޭ)
Vvv.reethi