އަނާ - 46

 (2 ޖޫން 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މިއީ، ފަރީދާގެނެސް އަނާގެ އަތަށް ދިން ސިޓީއެކެވެ. އަނާ ސިޓީ ކިޔާލާފައި ހުއްޓުން އަރާ ގޮތްވެއްޖެއެވެ. އޭނާ ވަރަށް ގާތް ވަރަށް ހެޔޮ ރަޙްމަތްތެރިއަކު އޭނާއާ ދުރަށް ދިޔައީއެވެ. އޭނާ އަނާގެ ގެއަށް އިއްޔެ ހަވީރު ވެސް އައެވެ. އަދި އަނާ ގޮވައިގެން  ހޮސްޕިޓަލަށް ވެސް ދިޔައެވެ. އެ ތާނގައި އަނާއާ ބެހޭ ހުރިހާ ޓެސްޓްތަކެއް ކުރުވީ ވެސް ހަމަސީދާ އޭނާގެ ބެލުމުގެ ދަށުންނެވެ. އެ ޓެސްޓުތަކުގެ ރިޕޯރޓް ލިބޭނީ މިއަދުއެވެ.

އެކަމަކު...އެ ރިޕޯރޓްތައް އައުމުގެ ކުރިން އޭނާ ދިޔައީއެވެ.

އަނާ އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ވިސްނާ ފިކުރު ކުރެވޭ ވަރުވުމުން ވަރަށް ފުން ނޭވާއެއްލާފައި މަޑުމަޑުން ބުނެލިއެވެ.

"ކަލޭ ތިޔަހެދީ ރަނގަޅަކަށް ނޫން..ރަޙްމަތްތެރިޔާ! ޠޫފާންގެ ތެރެއަށް އަހަރެން އެކަނި ދޫކޮށްލާފައި ތިޔަ ދިޔައީ ..އަހަރެންނަކީ ވެސް ކަލޭގެ ޖަޛްބާތުތައް ނުވިސްނޭވަރުގެ ކަނު މީހެއްނޫން! ނަމަވެސް އަހަރެންގެ މަންޒިލަކީ އަހަރެންގެ ފިރިމީހާ. އެއަށްވުރެ ކުރިއަށް ވިސްނުމަކީ އަހަރެން ދެކޭގޮތުގައި ފާފައެއް... އެހެންކަމުން ކަލޭ ތިޔަ ގޮތަށް ދިޔަކަން އެއީ ރަނގަޅަކަށް ވީކަމަކަށް ވެސް ވެދާނެ ކަންނޭނގެ... މި ފައިސާވެރިންގެ މުއްސަނދިކަމާއި މި ވިޔަފާރިއާއި މި ހުރިހާ ކަމަކީ ވެސް އަހަރެންނަށް އެއްވެސް ކަމެއްނޫން...އަހަރެން ހަމައެކަނި ބޭނުންވަނީ އަހަރެންގެ ފިރިމީހާ..ކުޑަކުޑަ ގެއެއް... ސާދާ ދިރިއުޅުމެއް..އަހަރެން މިހާރު މިވަނީ އަހަރެންގެ އަމިއްލަ ޛާތާމެދު ބީރައްޓެއްސަކަށްވެފައި، ނަމަވެސް ބީރައްޓެއްސެއްގެ ގޮތުގައި ހުންނާކަށް އަހަރެން ބޭނުމެއްނުވޭ. އަހަރެންގެ އަމިއްލަ ޒާތުން ފުރިހަމަނުވެ އޮތްބައި ފުރިހަމަ ކުރަން އަހަރެން ބޭނުން... އަހަރެން މި ކުރާ ހަނގުރާމައަކީ މިއީ. އެކަމަކު ފައިސާއަށް އަޅުކަންކުރާ މި މީހުން އަހަރެން ޤަބޫލުނުކޮށްފާނެ، އަދި އެހެންވީމާ މި ހަނގުރާމައިގައި އަހަރެން ބަލިވެދާނެ. އަދި އަހަރެން މި ހަނގުރާމައިން ބަލިވެއްޖެނަމަ ދެން އަހަރެމެން ދެ މީހުންނަށް އެހެން މަގެއްގެ ކަންމަތިން ބައްދަލުވެވޭނެ ކަމެއް ވެސް ނޭނގެ... އާނ..އަހަރެމެން ދެ މީހުން ވަނީ ދުނިޔެއޭ މި ކިޔާ ބިމުގެ ކޮންމެވެސް ކަނަކުން ދިމާވެފައި، ދެ މީހުންކުރެ ކޮންމެ މީހެއްގެ ވެސް ހުރި ހިތްދަތި ކަންތައް ތަކެއް ހިފައިގެން އެ މީހެއްގެ މަގަކުން ދަތުރުކުރަމުން ގޮސް ގެއްލިފައިވާ ދެ ބީރައްޓެހީން."

"އަނާ!"

ލޯ މަރާލައިގެން ވިސްނަމުގެ ފުންކަނޑެއްގައި ފީނަމުން ގެންދިޔަ އަނާ ކޮންމެވެސް މީހަކު ގޮވާލިއަޑަށް ސިއްސައިގެންދިޔައެވެ. "މިސްޓަރ ޘަނާ ކޮބައިތޯ އަނާޖީ!"

އަނާ އެ މީހަކާދިމާއަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ.

އަދި ފުންނޭވާއެއްލާފައި ބުންޏެވެ.

 "ކަލޭގެ މުޑުދާރު ވިސްނުމާއި ހަޑިހުތުރު ބަސްތަކުގެ އަޑުއަހާފައި އޭނާ އަބަދަށް ޓަކައި ހިނގައްޖެ.... ކަލޭ ކަހަލަ ވިޔާނުދާ ގުޅުމެއް ބަހައްޓަން އޭނާއެއް ނޭދޭ!"

"އޭނާ ދިޔަކަން ރަނގަޅު... އެހެނީ އޭނާއަކީ އަހަރެންގެ ރަޤީބެކޭ އަހަރެންނަށް ހީވާން ފަށައިފި...އާނ... އެ ލިޔުންތަކުގެ ބޭނުންކޮށްގެން އޭނާ އަހަރެމެން ބްލެކްމެއިލް ކުރަމުން ގެންދާ ލިޔުންތައް ކޮބާ! އެ ލިޔުންތަކާ ކަލެއާ ކޮންގުޅުމެއް!"

"ގުޅުމެއްނެތީ ކީއްވެ....؟ އޭނާ އެ ދިޔައީ ދެން އޭނާ ބޭނުންވަނީ އަހަރުމެން އެންމެން ޖަލަށް ފޮނުވަން...އޭނާޔާ އެ ގޮތަށް ވާހަކަ ދެއްކުން ރަނގަޅެއްނުވާނެ. ރޭގައި އަހަރެންގެ ހިތަށްވެސް އެރީ އެހެނީ އަހަރުމެން އެންމެން މިއަދު މިވަނީ އޭނާގެ އަތުގައިވާ ގޮޑިކޮއްކޮ ތަކަކަށް ވެފައިވިއްޔަ! އަހަރެމެންގެ ނޭވާގެ މިންވަރުވެސް މިއަދު ވަނީ އޭނާއަށް ކޮންޓްރޯލު ކުރެވޭގޮތަށް."

"އެއްޗެއް ބޭނުންވީތަ؟"

އަނާ ވާހަކަ ހުއްޓާލިއެވެ. އޭނާ ހީނލާފައި އަނާ ކައިރީގައި ހުރިގޮނޑިއެއްގައި އިށީނދެއްޖެއެވެ.

"އާނ- ވަރަށް ގިނަ އެއްޗެތި..."

"މިސާލަކަށް....؟"

"ޢިއްޒަތް.... ޢަބުރު.... އަދި އަނތްބެއްގެ ހިތުގައި ފިރިއަކަށް އޮންނަން ޖެހޭ މަޤާމު.."

ތިޔަ މަވްޟޫއުގެ މައްޗަށް އަހަރެމެން ވާހަކަ ދައްކާނީ ގޭގައި.. އަހަރެން އަމިއްލައަށް މަރުވާކަށް ބޭނުމެއްނޫން..." މާޖިދުގެ ވާހަކަތަކުގައި ޢަޖަބުވާފަދަ ގޮތެއް ހުއްޓެވެ.

އެތަންވަޅު އަނާ އިންޓަރކަމްގެ ބަޓްންއަށް އޮބާލާފައި ބުންޏެވެ.

"މިސްޓަރ ޙަޔާމް!އަހަރެންނަށް ވަރަށް އަވަހަށް ކުޑަވަރެއްގެ ރީތި ގެއެއް ބޭނުންވެއްޖެ. ޕްރޮޕަރޓީ ޑީލަރުންނާ ގުޅައިގެން އަވަހަށް ހޯދާ.. އަގާމެދު ފަރުވާލެއް ބަހައްޓާނެކަމެއް ނެތް. މިކަން މިއަދު ނިމެންވާނެ..... އެ ގެ ކޮންމެހެން އަހަރެންނަށް ދައްކާނެ ކަމެއްނެތް.... ކަލޭ ބަލާފައި ޑީލް ނިންމާލާ!" އެހެންބުނެފައި އަނާ އިންޓަރކަމް އޮފްކޮށްލައިފިއެވެ.

 އަދި ހަމަ ވަގުތުން ފައިލެއް ނަގާފައި ބަލަން ފެއްޓިއެވެ. އިރުކޮޅަކު ފައިލް ބަލަން އިނދެފައި އަނެއްކާވެސް އިންޓަރކަމްއިން ޖޫލީއަށް ގޮވާލިއެވެ.

"ޖޫލީ މިއަދު އަހަރެންގެ އެޕޮއިންޓްމަންޓްތައް ހުރީ ކިހިނެއްތަ؟" ދެން އެ ކޮޅުން ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން އިނދެފައި  ބުންޏެވެ.

"ހުރިހާކަމެއް ކެންސަލްކޮށްލާ.... ދެ ދުވަސް ވަންދެން އުޅޭނީ ވަރަށް އަވަދިނެތިކޮށް. އަދި ބުނަން ގެއަށް ބޭނުންވާ ހުރިހާ  ފަރުނީޗަރާއި އެހެނިހެން ސާމާނު ޚާންއާޞިފް އެންޓަރޕްރައިޒްގެ އެކައުންޓުން ފައިސާ ނަގައިގެން ގަނޭ.. އެކަންތައް ހަމަ މިއަދު ކުރަންވާނެ!" އަނާ ފުން ނޭވާއެއްލިއެވެ.

"އާނ...ދެން ކަލޭ ވާހަކަ ދައްކާ! ކީކޭ ބުނަންތަ ބޭނުންވަނީ!" އަނާ މާޖިދާ ދިމާއަށް ބުންޏެވެ.

"ކަލޭ ތިޔަ ކަންތައްތައް ކުރަމުންދާގޮތާ އަހަރެން އެއްގޮތަކަށްވެސް ދެކޮޅެއް ނުހަދަން... މިހާރު ދެންމެ ތިޔަ ދެއްކި ވާހަކައިން އަހަރެންނަށް ހީކުރެވުނީ ކަލޭ ވަކިން އުޅެން އެހެންގޮތެއް އިންތިޒާމު ކުރަނީކަމަށް.."

"އާނ...ދެ ތިން ދުވަހެއްގެ ތެރޭގައި އެ ގެއަށް ބަދަލުވާނަން..މިހާރު....އަހަރެންނަކަށް ކަލޭމެންގެ ތެރޭގައި އިތުރު ދުވަސްތަކެއްގައި ނުހުރެވޭނެ... "

"ކަލޭ ތިޔަ ހަދަނީ ރަނގަޅު ގޮތެއް. އަހަރެން އަމިއްލައަށް ވެސް އެދެނީ ކަލޭ ގޮވައިގެން ވަކީން އުޅޭން ދިޔުމަށް."

"އަހަރެން ކުރަންހުރި ވަރަށް ގިނަ ކަންތައްތައް އެބަހުއްޓޭ. އަދި އަހަރެން މިއުޅެނީ ވަރަށް އަވަދިނެތިއޭ އަހަރެން ބުނެފީމެއްނު!" "ކަލެއަށްވުރެ ވެސް ގިނަކަންތައްތައް އަހަރެން ކުރަން  އެބަހުރި... އަދި".. މާޖިދު އެއްޗެއް ބުނަން އުޅެފައި ހުއްޓާލިއެވެ. ކީއްވެހެއްޔެވެ.؟

ކުއްލިއަކަށް ބިއްލާ ކޮޓަރިތެރެއަށް ވަނީއެވެ.

"ކަލާ އަޅުގަނޑު ހޯއްދެވިންތޯ...މައިބާޕް..."އޭނާ މާޖިދު ދިމާއަށް ބަލަން ހުރެ ބުންޏެވެ.

 އަނާ ސިއްސައިގެންގޮސްފައި ބިއްލާއާ ދިމާއަށް ބަލާލިއެވެ. އެއީ އޭނާ އެއްގޮތަކަށް ވެސް ބިއްލާ ހޯދަން އުޅެފައި ނުވާތީއެވެ. އެހެންކަމާއެކު ވެސް އޭނާ އެ ތާހުރި ގޮނޑިއެއް ދައްކަލާފައި އޭގައި އިށީނުމަށް ބިއްލާ ގާތުގައި ބުނެލިއެވެ. އަދި ބިއްލާ އިށީނުމުން މާޖިދާ ދިމާއަށް އިޝާރާތްކޮށްލާފައި އަނާ ބުންޏެވެ.

"މިއީ އަހަރެންގެ ފިރިމީހާ މިސްޓަރ ޚާން މާޖިދު!"

"އަޅުގަނޑަށް އެނގޭ މައިބާޕް!"

 "އޭނާ ބުނަމުން އެދަނީ ފިރިމީހާގެ ކުރިމަތީގައި އަހަރެން މީހުންނަށް ލޯބި ކުރަނީއޭ..." ބިއްލާ ސިއްސައިގެންގޮސްފައި މާޖިދާ ދިމާއަށް ބަލާލިއެވެ. މާޖިދު ރުޅިއައިސްގެން ތެދުވެއްޖެއެވެ. އަދި އެއްވެސް އެއްޗެކޭ ނުބުނެ އަނާއާ ދިމާއަށް ލޯ ބޮޑުކޮށްލާފައި ކޮޓަރީން ނުކުމެގެން ހިނގައްޖެއެވެ.

އަނާ ފުން ނޭވާއެއްލިއެވެ. އެ ތަންވަޅު ބިއްލާ ބުންޏެވެ.

"ހަމައަސްލުގައި މާޖިދު ސާހަބު އެހެން ބުނުއްވިތޯ؟"

"އޭނާއަކީ ހާނީއްކަ ލިބިފައިވާ ހަރުފައެއް. ކޮންމެ ވަގުތަކުވެސް ވިހަލާފާނެ.... ކަންއޮތް ގޮތަކީ މީ.. ބިއްލާ ކޮއްކޯ...ޔަޤީންކުރޭ. އަހަރެން މި ހުރިހާ އެއްޗެއް ބޭނުމެއް ނޫން... އަހަރެން މިއުޅެނީ ހަމައެކަނި އަހަރެންގެ ޙައްޤު ހޯދަން... އަނތްބެއްގެ ގޮތުގައި އަހަރެންގެ އަހަންމިއްޔަތު އިޙްސާސް ކޮށްދެވޭތޯ ބަލަން... އަހަރެން ބޭނުންވަނީ އަމާން އޮމާން ދިރިއުޅުމެއް... ކުޑަގެއެއް..ލޯބިން އުޅޭނެ ފިރިއެއް... އަދި ލޯބިކޮށްލާނެ ކުދިންކޮޅެއް... އަދި..."

ކުއްލިއަކަށް މޭޒުމަތީގައި ހުރި ފޯނުގެ ރަނގަބީލުވާން ފަށައިފިއެވެ. އަނާ ދައްކަމުން އައި ވާހަކަ ހުއްޓާލާފައި ރިސީވަރު ނެގި އިރު  އެ ކޮޅުން ވާހަކަ ދައްކަނީ ޖޫލީއެވެ.

"އާނ...ކީއްވީތަ!" އަނާ އެހެންބުނިއިރު ނުރުހިފާ އިންކަން އެނގެއެވެ. އެވަގުތު އެއްވެސް މީހަކު އޭނާއަށް އުނދަގޫ ކުރާކަށް އޭނާ ނޭދޭ ކަންނޭނގެއެވެ.

އެކޮޅުން ޖޫލީ ކޮންމެވެސް އެއްޗެއް ބުނުމުން އަނާ ބުންޏެވެ.

"ދެ ދުވަސް ވަންދެން އަހަރެން އެއްވެސް މީހަކާ ބައްދަލެއް ނުކުރާނަމޭ މިހާރު އެއްފަހަރު ބުނެފީމެއްނު..ހުރިހާ ކަމެއް ކެންސަލް ކުރޭ!"

އަނާ ރިސީވަރ ބާއްވާފައި ބިއްލާއާ ވާހަކަ ދައްކަން ފެއްޓިއެވެ.

"އާނ... އަހަރެން  ބުނަމުން އައީ ކީކޭތަ؟ .."

"އަމާން އޮމާންކަމާއެކު ދިރިއުޅުވާނޭ ކުޑަގެއެއް...ލޯބިވާނެ ފިރިއެއް ބޭނުންވެލައްވާ ވާހަކަ.... އަދި ކަލާ މި ހުރިހާ މުދަލެއް ބޭނުންވެ ނުލައްވާ ވާހަކަ."

އާނ..ބިއްލާ ކޮއްކޯ އަހަރެން އެއްވެސް އެއްޗެއް ބޭނުމެއްނޫން، އަހަރެންނަށް އަހަރެންގެ މަންޒިލް ލިބޭނެތަ؟"

"ލިބިއެއް ނުލައްވާނެ...." ބިއްލާ ބިރެއްނެތި ޖަވާބުދިނެވެ. އަނާ ސިހިގެން ދިޔައެވެ. އަދި ބިއްލާއާ ދިމާއަށް ބުންޏެވެ.

"ތިޔަހެން ބުނީ ކީއްވެގެން؟"

"މައިބާޕް! އަޅުގަނޑު އެ މީހުންގެ އުޅުންހުރިގޮތް ދެކެފިން. އެމީހުން ކަލާ ޤަބޫލުކޮށްގެން އެ ތިބެނީ ހަމައެކަނި މަޖްބޫރުވެގެން. އެ މީހުންނަށް ކުރެވޭނެ ކަމެއް ނެތިގެން. އެހެންނޫންނަމަ މިހާރު ކުއްޔަށް މީހުން ހޯދައިގެންވެސް ކަލާ މަރާލަފާނެ..."

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.