ތައިލޭންޑުގައި އަންނަ މޭ މަހުގެ 14 ވަނަ ދުވަހު އާއްމު އިންތިޚާބު ބާއްވާނެކަން އެގައުމުގެ އިލެކްޝަން ކޮމިޝަންގެ ޗެއާމަން އިޓޮޕޯން ބޫންޕްރަޗޮންގް ހާމަކުރައްވައިފިއެވެ. އޭނާ މިކަން ހާމަކުރައްވާފައ މިވަނީ، އެގައުމުގެ ގާނޫނުހަދާ މަޖިލިސް އިއްޔެ އުވާލާފައި ވަނިކޮށެވެ.
އިންތިޚާބު ބާއްވާނެ ތާރީޚެއް އިއުލާންކޮށްފައިވާއިރު، ސިޔާސީ ޕާޓީތަކުން ވަނީ އިންތިޚާބަށް ކެންޕޭން ފަށާފައެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 52 މިލިއަން މީހުންނަށް ލިބިފައި ވެއެވެ.
މި އިންތިޚާބު ވެގެންދާނީ ބޮޑުވަޒީރު ޕްރަޔުތު ޗަން-އޯ-ޗާ އިސްވެހުންނަވައިގެން ހަރަކާތްތެރިވާ، ސިފައިންގެ ތާއީދު ލިބިފައިވާ، ޕާޓީތަކާއި މަހުޖަނު އާއިލާއެއް ކަމުގައިވާ ޝިނަވަތުރާ އާއިލާއިން އިސްވެ ހަރަކާތެރިވާ، އެންމެ ބޮޑު އިދިކޮޅު ޕާޓީ، ފިއު ތައި ޕާޓީއާ ދެމެދު ކުރެވޭ ވާދައަކަށެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވަމުން އިލެކްޝަން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ސަވައެންގް ބޫންމީ ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކުން ކެންޑިޑޭޓުން ރަޖިސްޓަރީކުރުން އޮންނާނި އެޕްރީލް މަހުގެ ކުރީކޮޅުގައެވެ. އޭގެތެރޭގައި ބޮޑުވަޒީރުކަމަށް އައްޔަންކުރަން ގަސްތުކުރާ މީހުންގެ ނަންތައް ހުށަހެޅުންވެސް ހިމެނެއެވެ.
"އޮމާން އިންތިޚާބެއް ބޭއްވުމަށްޓަކައި......... ހުރިހާ ޕާޓީތަކުންވެސް އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިދުމަކީ އަހަރުމެންގެ އެދުމެއް." ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.
ތައިލެންޑުގެ ގާނޫނުހަދާ މަޖިލިސް އުވާލައި، އިންތިޚާބަށް މަގުފަހިކުރުމުގެ ޝާހީ އަމުރުފުޅު ރަސްމީ ގެޒެޓުގައި ޝާއިއުކޮށްފައި ވަނީ ހޯމަދުވަހުއެވެ. ޝާހީ އަމުރުފުޅު ނެރެފައި ވަނީ އެކަމަށް އެދިވަޑައިގެން ބޮޑުވަޒީރު ޕްރަޔުތު ޗަން-އޯ-ޗާ ފާއިތުވި ހަފުތާގައި ރަސްގެފާނު މަހާ ވަޖިރާލޮންގްކޯރްންއަށް ހުށަހެޅުއްވުމުންނެވެ.
ފިއު ތައި ޕާޓީން އުއްމީދުކުރަނީ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތުރާގެ ދަރިކަނބަލުން ޕައެޓޮންގްޓާރްން ޝިނަވަތުރާ އިސްވެ ހުންނަވައިގެން ތައިލޭންޑުގެ ކަންކޮޅުތަކުގައި ކޮންމެ ދުވަހަކު ކެންޕޭން އެއްވުންތައް ކުރިއަށް ގެންދިއުމަށެވެ.
ތައިލޭންޑުގެ ވިޔަފާރިއާ ބެހޭ ޔުނިވަސިޓީއަކުން ލަފާކުރާ ގޮތުގައި މި އިންތިޚާބުގެ ތެރޭގައި އެ ގައުމުގެ އިގުތިސާދުގެ ތެރެއަށް 120 ބިލިއަން ތައި ބަހްތު (3.47 ބިލިއަން އެމެރިކާ ޑޮލަރު) ވަންނާނެއެވެ.
"މި އިންތިޚާބުގައި އިންތިހާއަށް ވާދަވެރިކަން ބޮޑުވެ، ކެމްޕޭން ވަރުގަދަވެގެންދާނެ ކަމަށް ބެލެވޭ. ފައިސާ އަވަހަށް ބެހިގެން ގޮސް ހުރިހާ އިންތިޚާބީ ދާއިރާތަކަށް ފެތުރިގެން ދާނެ. ތައި ޗެންބާ އޮފް ކޮމާސް އިން ހިންގާ ޔުނިވަސިޓީގެ ރައީސު ޑރ. ތަނަވަތު ފޮންވިޗާއީ ވިދާޅުވިއެވެ.