ތައިލޭންޑުގެ މައި އިދިކޮޅު ޕާޓީ، ފިއު ތައި ޕާޓީން ކުދި ޕާޓީތަކާ ގުޅިގެން ހަތް ޕާޓީގެ ކޯލިޝަނެއް ހަދައިފިއެވެ. އެ ކޯލިޝަނުން ބުނި ގޮތުގައި 2014 ވަނަ އަހަރަށް ފަހު އެގައުމުގައި ފުރަތަމަ ބޭއްވުނު އާއްމު އިންތިޚާބަށްފަހު އެ ކޯލިޝަނަށް ވަނީ ގާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުލާންކުރި ކޯލިޝަންގައި ފިއު ތައި ޕާޓީގެ އިތުރަށް ހިމެނެނީ ފިއުޗާ ފޯވާޑް ޕާޓީ، ފިއު ޗާޓް ޕާޓީ، ޕްރަޗަޗާޓް ޕާޓީ، ސެރީ ރުއަމް ތައި ޕާޓީ، ތައި ޕީޕަލް ޕަވާ ޕާޓީ އަދި ނިއު އެކޮނޮމިކް ޕާޓީއެވެ.
އަސްކަރީ ސަރުކާރު ނިމުމަކަށް ގެންނަން ބޭނުންވާ ޕާޓީތަކުގެ ކޯލިޝަނުން ބުނަނީ ސަރުކާރު އެކުލަވާލުމުގެ ފުރުސަތު ލިބޭވަރަށް އެ ޕާޓީތަކަށް މަޖިލީހުގެ ގޮނޑި ކާމިޔާބުރެވިފައިވާ ކަމުގައެވެ. އެ ޕާޓީތަކުން ބުނާ ގޮތުގައި ގާނޫނުހަދާ މަޖިލީހުގެ 500 ގޮނޑީގެ ތެރެއިން 255 ގޮނޑި އެ ޕާޓީތަކަށް ލިބޭނެކަން ވަނީ ޔަގީންވެފައެވެ.
"އަހަރުމުން ބޭނުންވަނީ މިހާރު އޮތް ސަރުކާރުގެ ވެރިކަން ދެމިގެން ދިއުން ހުއްޓުވަން." ކޯލިޝަނުގެ ފަރާތުން ބޮޑުވަޒީރުކަމުގެ މަގާމަށް ނުކުންނަވާ ސުދަރަތު ކެޔުރަފާން ވިދާޅުވިއެވެ. "ރައްޔިތުން އެބައިމީހުންގެ ރުހުން އަހަރުމެންނަށް ދިނީ އަސްކަރީ ވެރިން މަގާމުގައި ދެމިތިބިޔަ ނުދިނުމަށް. އަހަރުމެން މިކަން ކުރާނީ އުސޫލުތަކުގައި ހިފަހައްޓައިގެން ތިބެ." އޭނާ އިތުރަށް ވިދާޅުވިއެވެ.
ފާއިތުވި ފަސް އަހަރު ތައިލޭންޑުގައި ވެރިކަން ކުރެއްވި ޕްރަޔުތު ޗަން-އޯ-ޗާ ވެރިކަމަށް އިސްވެވަޑައިގަތީ 2014 ވަނަ އަހަރު ގެންނެވި އަސްކަރީ އިންގިލާބެއްގައެވެ. އިންގިލާބަށް ފަހު އޭނާ ވަނީ މަދަނީ ބޭފުޅަކަށް ވެ ވަޑައިގެން ބޮޑުވަޒީރު ކަމުގެ މަގާމާ ހަވާލުވެވަޑައިގެންފައެވެ.
ޕަލަންގް ޕްރަޗަރަތު ޕާޓީން ބޭނުންވަނީ ޕްރަޔުތުގެ ބޮޑުވަޒީރުކަން ދަމަހައްޓާށެވެ.
މި އިންތިޚާބުގައި އިދިކޮޅު ފިއު ތައި ޕާޓީން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ކަމަށް ބުނި ނަމަވެސް، އިންތޚާބުގެ ރަސްމީ ނަތީޖާ ލިބޭނީ މޭ 9 ގައެވެ.
އިލެކްޝަން ކޮމިޝަނުން މިހާތަނަށް ހާމަކޮށްފައި ވަނީ ސީދާ ވޯޓުން މެންބަރުން އިންތިޚާބުކުރާ 350 ދާއިރާގެ ނަތީޖާއެވެ. އެ ނަތީޖާއަށް ބަލާއިރު ފިއު ތައި ޕާޓީއަށް 137 ދާއިރާ ލިބެއެވެ. އަސްކަރިއްޔާއަށް ތާއީދުކުރާ ޕަލަންގް ޕްރަޗަރަތު އަށް ލިބެނީ 97 ދާއިރާއެވެ. ބުމްޖައިތައި ޕާޓީއަށް 39 ދާއިރާ އަދި ޑިމޮކްރެޓް ޕާޓީއަށް 30 ދާއިރާ ލިބޭއިރު އެ ދެ ޕާޓީ ތާއިދުކުރާނެ ކަމަށް ބެލެވެނީ އަސްކަރީ ވެރިންނަށެވެ. އަދި ކޮޅަށް ތާއީދުކުރާ ފިއުޗާ ފޯވާޑް ޕާޓީއަށް ލިބުނީ 30 ދާއިރާއެވެ.
އާއްމު ވޯޓު ލިބުނު ނިސްބަތަށް ބަލައި ޕާޓީތަކަށް ދޭ 150 ގޮނޑީގެ ނަތީޖާއާއެކު މި އަދަދުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.