ތައިލޭންޑުގައި މިއަދު ބޭއްވުނު އާއްމު އިންތިޚާބުގެ ނަތީޖާގެ %95 ލިބިފައިވާ އިރު، އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބޭކަން ހާމަވެއްޖެއެވެ.
2014 ވަނަ އަހަރަށް ފަހު ބޭއްވުނު އިންތިޚާބުގެ މިހާތަނަށް ލިބިފައިވާ ނަތީޖާއަށް ބަލާއިރު، އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ އަސްކަރީ ވެރިޔާއަށް ތާއީދުކުރާ ޕަލަންގް ޕްރަޗަރަތު ޕާޓީ 7.59 މިލިއަން ވޯޓާއެކު އެންމެ ކުރީގައި އޮތްކަމަށެވެ. އެޕާޓީއަކީ އަސްކަރީ އިންގިލާބަކަށްފަހު ވެރިކަމަށް ވަޑައިގެން މިހާރު ވެރިކަމުގައި ހުންނެވި ޕްރަޔުތު ޗަން-އޯ-ޗާ ވެރިކަމުގައި ބަހައްޓަން ބޭނުންވާ ޕާޓީއެވެ.
7.12 މިލިއަން ވޯޓާއެކު ދެވަނައިގައި އޮތީ އިދިކޮޅު މައި ޕާޓީ ފެއު ތައި ޕާޓީއެވެ. އެ ޕާޓީއަކީ 2001 ވަނަ އަހަރުން ފެށިގެން ތައިލޭންޑުގައި ބޭއްވި ހުރިހާ އާއްމު އިންތިޚާބެއް ކާމިޔާބުކުރި ޕާޓީއެވެ.
ލިބުނު ވޯޓުގެ އަދަދު ހާމަކުރި ނަމަވެސް، ޕާޓިތަކަށް ގޮނޑި ލިބިފައި ވަނީ ކިހާވަރަކަށް ކަމެއް އަދި އިލެކްޝަން ކޮމިޝަނުން ހާމަނުކުރެއެވެ. ލިބުނު ވޯޓުގެ އަދަދުން އެންމެ ކުރީގައި އޮތީ ޕަލަންގް ޕްރަޗަރަތު ޕާޓީ ނަމަވެސް، ނުރަސްމީ ގިނަ މަސްދަރުތަކަކުން ޚަބަރު ލިބޭގޮތުގައި ގިނަ ދާއިރާތައް ކާމިޔާބުކޮށްފައި ވަނީ އިދިކޮޅު ފެއު ތައި ޕާޓީއެވެ.
އިބްތިދާއީ ނަތީޖާތަކާއި ހަވާލާދީ ތައިލޭންޑުގެ ރަސްމީ ޚަބަރު މީޑިޔާ ކުންފުނި މާސް ކޮމިއުނިކޭޝަން އޮގަނައިޒޭޝަން އޮފް ތައިލޭންޑް (އެމްސީއޯޓީ) އިން ހާމަކުރި ގޮތުގައި އިންތިޚާބީ ދާއިރާތައް އެންމެ ގިނައިން ކާމިޔާބުކޮށްފައި ވަނީ ފެއު ތައި ޕާޓީއެވެ. އެޕާޓީން 124 ދާއިރާ ކާމިޔާބުކޮށްފައިވާކަމަށް އެމްސީއޯޓީ ބުނެއެވެ. އަސްކަރީ ވެރިޔާއަށް ތާއީދުކުރާ ޕަލަންގް ޕްރަޗަރަތު ޕާޓީ އަށް ކާމިޔާބުކުރެވިފައި ވަނީ 85 ދާއިރާއެވެ. ތިންވަނައަށް އެންމެ ގިނަ ދާއިރާ ކާމިޔާބުކުރި މުބްޖައިތައި ޕާޓީން ވަނީ 39 ދާއިރާ ކާމިޔާބުކޮށްފައެވެ.
ގާނޫނުހަދާ މަޖިލީހުގެ 500 ގޮނޑިއަށް މެންބަރުން ހޮވާއިރު 150 ގޮނޑި ޕާޓީތަކަށް ދޭނީ، ޕާޓީތަކަށް ވޯޓު ލިބުނު ނިސްބަތުންނެވެ. އަނެއް 300 ގޮނޑިއަށް މެންބަރުން ހޮވަނީ ވަކީ އިންތިޚާބީ ދާއިރާތަކުންނެވެ.
މިހާރު ގައުމުން ބޭރުގައި ދިރިއުޅެއްވާ، ކުރީގެ ބޮޑުވަޒީރު ތަކްސިން ޗިނަވަތުރާއަށް ތާއީދުކުރާ ޕާޓީގެ ވެރިކަން މީގެ ފަސްއަހަރު ކުރިން އަސްކަރީ އިންގިލާބަކުން ބަދަލުކޮށް އޭރު ސިފައިންގެ ވެރިޔާ ޕްރަޔުތު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ތައިލޭންޑުގައި އޮތީ އަސްކަރީ ވެރިކަމެކެވެ.
ހަވީރު 5 ޖެހިއިރު (ރާއްޖޭގަޑިން މެންދުރު ފަހު 3 ޖެހިއިރު) ވޯޓުލުން ނިމުމުގެ ގަޑިއެއްހާ އިރު ކުރިން އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 51.2 މިލިއަން މީހުންގެ %80 ވޯޓުލާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މިހާތަނަށް ލިބުނު ނަތީޖާއަށް ބަލާއިރު، އަސްކަރިއްޔާއަށް ތާއީދުކުރާ ޕާޓީއަށްވެސް އަދި އިދިކޮޅު ޕާޓީއަށްވެސް އަޣުލަބިއްޔަތު ނުލިބޭނެއެވެ. އެހެންކަމުން އުފެދޭނީ ކޯލިޝަން ސަރުކާރެކެވެ.