ތައިލޭންޑުގައި ކުރިއަރަމުން އަންނަ ޒުވާން ސީޔާސީ ލީޑަރު ފުލުހަށް ހާޒިރުކޮށްފި

ތަނަތޯން ޖުއަންގުރޫންގްރުއަންކިޓް މިއަދު ޕޮލިސް ސްޓޭޝަނަށް ވެދެވަޑައިގަތުމުގެ ކުރިން އޭނާއަށް ތާއީދުކުރާ މީހުންނާއެކު

ފާއިތުވި މާރިޗު މަހުގައި ތައިލޭންޑުގައި ބޭއްވި އާއްމު އިންތިޚާބުގައި އަސްކަރީ ސަރުކާރުގައި ތިބި މީހުންނަށް ގޮންޖެހުމަކަށްވި ފިއުޗާ ފޯވާޑް ޕާޓީގެ ލީޑަރުގެ މައްޗަށް ދައުލަތާ ދެކޮޅު އަމަލެއް ހިންގަން ހިތްވަރުދިނުމުގެ ތުހުމަތުކޮށްފިއެވެ.

އުމުރުފުޅުން 40 އަހަރުގެ ތަނަތޯން ޖުއަންގުރޫންގްރުއަންކިޓް ވަނީ މިއަދު ފުލުހަށް ހާޒިރުވެވަޑައިގެން ފުލުހުންގެ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގެންފައެވެ. ބެންކޮކްގެ ޕަތުމް ވާން ޕޮލިސް ސްޓޭޝަނަށް ވެދެވަޑައިގަތުމުގެ ކުރިން އޭނާ ވަނީ އެއްވެ ތިބި އާއްމުންނާއި ނޫސްވެރިންނަށް މަޝްހޫރު ހަންގަ ގޭމްސް ފިލްމުތަކުގައި ބޭނުންކުރާ ތިން އިނގިލީގެ އިޝާރާތް ދައްކަވާލައްވާފައެވެ. އެ އިޝާރާތް ވަނީ ތައިލޭންޑުގެ އަސްކަރީ ވެރިކަމާ ދެކޮޅަށް ބޭނުންކުރެވޭ ރަމްޒަކަށް ވެފައެވެ.

"އައި ކަމަށްޓަކައި ޝުކުރިއްޔާ" ފުލުހުންގެ އިމާރާތަށް ވެންނެވުމުގެ ކުރިން އެއްވެ ތިބިމީހުންނަށް އޭނާ ވިދާޅުވިއެވެ.

އޭނާއާ ދެކޮޅަށް ދައުލަތާ ދެކޮޅު އަމަލެއް ހިންގަން ހިތްވަރުދިނުމުގެ މައްސަލަ ހުށަހަޅާފައި ވަނީ އަސްކަރީ ވެރިންގެ ފަރާތުންނެވެ. މިއީ އިސްލާހަށް މަސައްކަތްކުރާ ޒުވާނުންނަށް އަމާޒުކޮށްގެން ފިއުޗާ ފޯވާޑް އުފެއްދެވި ތަނަތޯންގެ މައްޗަށް އަސްކަރީ ވެރިކަމުން ކުރާ ދެވަނަ ތުހުމަތެވެ. ފާއިތުވި އަހަރު ފޭސްބުކްގައި އަސްކަރީ ވެރިންނަށް ފާޑުކިއުއްވައި އާއްމުކުރެއްވި ވާހަކަތަކަކާ ގުޅިގެންވެސް އޭނާގެ މައްޗަށް ވަނީ ތުހުމަތުތަކެއް ކުރެވިފައެވެ. މި ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާ އުފުލައި، ކުށް ސާބިތުވެއްޖެނަމަ 'ކޮންޕިއުޓަރު ކުށުގެ ގާނޫނު' ގެ ދަށުން ފަސް އަހަރުގެ ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

އެއްގަމު އުޅަނދުގެ ސްޕެއާގެ ވިޔަރާފިކުރައްވާ ބިލިއަނަރު ތަނަތޯންއަކީ ސިޔާސީ ދާއިރާއަށް އަލަށް ނުކުންނަވައި، ގިނަ ބައެއްގެ މަގުބޫލުކަން ހޯއްދެވި ބޭފުޅެކެވެ.

އޭނާގެ މައްޗަށް ކުރާ ދެވަނަ ތުހުމަތުގެ ތަހުގީގަށް ފަހު ދައުވާ އުފުލައި ކުށް ސާބިތުވެއްޖެނަމަ ނުވަ އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެން ވެއެވެ.

ފިއުޗާ ފޯވާޑު ޕާޓީގެ ލީޑަރުގެ މައްޗަށް ހިންގާ ތަހުގީގަކީ ސިޔާސީ ގޮތުން ހިންގާ ބިރުދެއްކުމުގެ އަމަލެއް ކަމުގައި އޭނާ ވަނި ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ އެއީ ހަމަ "މުސްކުޅި ސިޔާސީ ގޭމެއް" ކަމުގައެވެ.

"ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދުމުގެ ސަބަބަކީ ފިއުޗާ ފޯވާޑް ޕާޓީއެއް ނޫން. އެއީ ވެރިކަމުގައި ދެމިތިބެން ބޭނުންވާ އަސްކަރީ ވެރިން." ތަނަތޯން ވިދާޅުވިއެވެ.

2015 ވަނަ އަހަރު އުފެދުނު ފިއުޗާ ފޯވާޑް ޕާޓީ ވަނީ ފާއިތުވި މާރިޗު މަހުގައި ބޭއްވި އިންތިޚާބުގައި ގިނަ ބަޔަކު ހައިރާންކޮށްލައި، ތިންވަނަ ހޯދާފައެވެ. އެ ޕާޓީއަށް 6.2 މިލިއަން ވޯޓު ލިބިފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.