ބަންގްލާދޭޝްގައި ބަހެއް އެކްސިޑެޓްވެ 19 މީހުން މަރުވެއްޖެ

މެދުތެރޭ ބަންގްލާދޭޝްގައި ދަތުރުކުރަމުން ދިޔަ ބަހެއް ވަޅުގަނޑަކަށް ވެއްޓި ހިނގި އެކްސިޑެންޓެއްގައި 19 މީހުން މަރުވެ 20 މީހުން ޒަޚަމްވެއްޖެއެވެ. ޚަބަރުތައް ބުނާ ގޮތުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ބަސް ވަޅުގަނޑަށް ވެއްޓުނީ ޑްރައިވަރަށް ބަސް ކޮންޓުރޯލުނުވެގެންނެވެ.

ދެކުނުގެ ރަށެއް ކަމުގައިވާ ކުލްނާއިން ވެރިރަށް ޑާކާއަށް ދަތުރުކުރަމުން ދިޔަ ބަސް އެކްސިޑެންޓުވީ މަދާރީޕޫރު ޑިސްޓްރިކްޓްގެ ސިބްޗާރު ސަރަހައްދުގައެވެ. ސިބްޗާރް ހައިވޭ ޕްލިސްގެ ސަބް އިންސްޕެކްޓަރު ޢަބްދުﷲ އަލްބާޤީ ވިދާޅުވި ގޮތުގައި އާދީއްތަ ދުވަހު ފަތިހު 4:00 ޖެހިއިރު ޑާކާއަށް ދަތުރުފެށި ބަސް އެކްސިޑެންޓުވީ ހެނދުނު 7:30 ހާއިރުއެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ހައިވޭ ޕްލިސްގެ އޮފިޝަލެއް ކަމުގައިވާ އަބޫނަޢީމް މުފައްޒަލް ޙައްޤު ވިދާޅުވި ގޮތުގައި 14 މީހަކު ވަނީ ވަގުތުން މަރުވެފައެވެ. އެ މީހުންގެ ތެރޭގައި ޑްރައިވަރުވެސް ހިމެނެއެވެ. ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް 5 މީހަކު ވަނީ މަރުވެފައެވެ.

ރޭގެ ވަގުތެއްގައި ބަންގްލާދޭޝްގެ ބައެއް އޮންލައިން ނޫސްތަކުން ބުނެފައިވާ ގޮތުގައި މަރުވި 19 މީހުންގެތެރެއިން 17 މީހަކު ވަނީ ދެނެގަނެވިފައެވެ. އަނެއް 2 މީހުން އެއީ ކޮން ބައެއްކަން އަދި ނޭނގެއެވެ.

ޓްރެފިކް ގަވާއިދުތަކަށް އަމަލުނުކުރުމާއި، ބާރަށް ދުއްވުމުގެ ސަބަބުން ބަންގްލާދޭޝްގައި ހިނގާ އެކްސިޑެންޓުތަކުގައި ގިނަ ބަޔަކު މަރުވެއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން އެ ގަމުގެ މަގުތަކުގައި ހިނގާ އެކްސިޑެންޓުތަކުގައި އަހަރަކު 8000 މީހުން މަރުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.