ބަންގްލާދޭޝްގެ ވެރިރަށް ޑާކާގެ ގުލްޝަން އަވަށުގެ ބާޒާރެއްގައި އަލިފާން ރޯވެ އެތަނުގައި ހުރި 200 އަށްވުރެ ގިނަ ފިހާރަ އަނދައިފިއެވެ. މި ހާދިސާ ހިނގާފައި މިވަނީ ޑާކާގެ ބަނާނީ ސަރަހައްދުގައި ހުރި ނަވާރަ ބުރީގެ އިމާރާތެއްގައި އަލިފާން ރޯވެ 25 މީހުން މަރުވިތާ ދެ ދުވަސް ފަހުންނެވެ.
އަލިފާން ރޯވެ އަނދައި ހުލިވެފައިވަނީ ޑާކާ ނޯތޫ ސީޠީ ކައުންސިލް (ޑީއެންސީސީ) އިން ހަދާފައިވާ މައިގަނޑު ގޮތެއްގައި ހިފާގެންގުޅޭ ޕްލާސްޓިކް ތަކެއްޗާއި، ބަދިގޭ ސާމާނާއި، ދޫލަ ފަދަ ތަކެތި ވިއްކާ ޑީއެންސީސީ ކިޗަން މާކެޓެވެ. ހެނދުނު 6 ޖެހިއިރު ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ތިން ގަޑިއިރު ފަހުންނެވެ.
މުޅިންހެން ޓިނުން ހަދާފައިވާ ފިހާރަތައް ހިމެނޭ އެބާޒާރުގެ 221 ފިހާރަ އަނދައިގެން ގޮސްފައިވާ ކަމަށް ފުރަތަމަ ޚަބަރު ލިބުނު ނަމަވެސް، ޑާކާ ޓްރިބިއުން ނޫހަށް މައުލޫމާތު ދެއްވަމުން ޑީއެންސީސީގެ ސީއީއޯ ޢަބްދުލް ޙައްޔު ވިދާޅުވެފައިވާ ގޮތުގައި "ކިޗަން މާކެޓުގައި 291 ފިހާރަ ހުރި. އެ ފިރާހަތަށް ވަނީ އެކުގައި އަނދައިގެން ގޮސްފައި."
2017 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ވެސް ޑީއެންސީސީ ކިޗެން މާކެޓުގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި 300 އަށްވުރެ ގިނަ ފިހާރަ އަނދައިގެން ގޮސްފައި ވެއެވެ.
އަލިފާނުގެ އެ ބޮޑު ހާދިސާއަށް ފަހު އިސްލާހުކުރަން ޖެހޭ ކަންކަން ހުށަހެޅި ނަމަވެސް، ބާޒާރު ހިންގާ ފަރާތުން އެކަންކަމަށް އަމަލުކޮށްފައި ނުވާކަމަށް އަލިފާން ނިއްވުމާ ބެހޭ އިދާރާއިން ބުނެއެވެ.
"2017 ގެ އަލިފާނަށް ފަހު ޑީއެންސީސީ މާކެޓް ހިންގާ ފަރާތަށް އަހަރުމެން އަލިފާ ރައްކާތެރިވުމާ ބެހޭ ގިނަ ހުށަހެޅުންތަކެއް ހުށަހެޅިން. މިއިން އެއްވެސް ހުށަހެޅުމެއް ތަންފީޒުކޮށްފައި ނުވޭ." މިއަދުގެ އަލިފާނުގެ ހާދިސާއަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޑާކާގެ ފަޔާ ސާވިސް އެންޑް ސިވިލް ޑިފެންސްގެ އޮޕަރޭޝަންސް އެންޑް މެއިންޓަނެންސް ޑިރެކްޓަރު މޭޖާ ޝަކީލް ނެވާޖު ވިދާޅުވިއެވެ.
ޑީއެންސީސީ މާކެޓް ސަރަހައްދުގައި ޝޮޕިންގ މޯލެއް އަޅަން ބަޔަކާ ހަވާލުކޮށްފައި ވީނަމަވެސް، ޓިނުން ހަދާފައިވާ ފިހާރަތަކުގައި ވިޔަފާރިކުރާ މީހުން އެތަންތަން ދޫކޮށް މޯލަކަށް ބަދަލުވާން ބޭނުންނުވެއެވެ. މޯލަކަށް ބަދަލުވުން ދައްކަން ޖެހޭ ކުލި ބޮޑުވެ ތަކެތީގެ އަގު މައްޗަށް ދާނެތީއެވެ.
ބަންގަލާދޭޝްގައި އަލިފާނުގެ ހާދިސާތަކާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް ރަނގަޅަށް އަޅާފައި ނެތުމުގެ ސަބަބުން އަލިފާނުގެ ބޮޑެތި ހާދިސާ ހިނގުމަކީ އާއްމު ކަމެކެވެ. މީގެ ދެ ދުވަސްކުރިން ބަނާނީ ސަރަހައްދުގައި ރޯވެ އަނދާފައިވާ އެފްއާރް ޓަވަރުގައި އެމަޖެންސީގައި ނުކުންނަ ދޮރުތައް ތަޅުލާފައި ހުރި އިރު، އަލިފާން ނިއްވާ ނިޒާމުވެސް ރަނގަޅަށް ގާއިމުކޮށްފައި ނެތެވެ.