ކިރުއިލޮށި - 9

(23 ފެބުރުއަރީ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޚައިރާދު ހަމަޖައްސައިދިނުމަށްޓަކައި މަސައްކަތް ކޮށްދޭނެކަމުގައި ފަރީދާ ވަޢުދުވިއެވެ. އެހެންނަމަވެސް އެހެން ޙަޤީޤަތެއްވެސް ފަރީދާ ހާމަކުރިއެވެ. އެއީ ޚައިރާދުގެ ހިތާމަޔަކީ އޭނާގެ މަންމަޔާ ވަކިވުން ކަމުގައެވެ. ފަރީދާ ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ، މަންމަޔެއްގެ ފަރާތުން ޚައިރާދުގެ ހިތަށް ލިބެންވާ ތަސައްލީއާއި ޖާގަ ޚައިރާދަށް ނުލިބޭނެކަމެވެ. މަންމަޔެއްގެ ދައުރު އެހެންމީހަކަށް އަދާ ނުކުރެވޭނެކަމެވެ. ޚާއްޞަކޮށް އަންހެން ކުދިންނަށެވެ. އެކަމަށް ވަގުތު ނަގާނެއެވެ.

ފަރީދާގެ ވާހަކަތަކުން ، ބަޝީރަތަށް ޙައިރާންކަން ލިބުނެވެ. ޚައިރާދުގެ ގާތަށްގޮސް ، އޭނާ މަސަލަސްކުރަން ފަރީދާ އުޅެފާނެކަމަކަށް ބަޝީރަތު ހިއެއް ނުކުރެއެވެ.

" ބަޝީރަތެވެ ! އެކުއްޖާގެ މަންމަ އޭނާއާ އެވަނީ އިހަކަށްދުވަހު ވަކިވެފައެވެ. އަހަރެންނަނކީ ، އެކުއްޖާއާމެދު މިވަގުތު ހިތްނުބައިކުރާވަރުގެ ގޯސް އަންހެނެއްކަމަށް ދެކެނީ ހެއްޔެވެ ؟ " ފަރީދާ ބުންޏެވެ.

ޚައިރާދު ގާތަށްގޮސް ، އޭނާއަށް ހިތްވަރު ދިނުމަށް ފަރީދާ މަސައްކަތް ކުރެއެވެ. ބަޝީރަތުގެ ކަންބޮޑުވުމަކީ ، މިވީހާތަނަށްވެސް ، ޚައިރާދާއި އަޝްހަރުގެ ކައިވެންޏަށް ފަރީދާ ހިތްހަމަނުޖެހޭކަމެވެ. ކައިވެނީގެ ވާހަކަ ދެކެވުނުއިރު ، އެކަމަށް ފަރީދާ ދެކޮޅުހެދީ ، އޭނާގެ ދަރިފުޅު އަޝްހަރުގެ ކައިވެނި ، އަޝްހަރުގެ ނުރުހުމުގައި ގަދަކަމުން ކުރެވެން އުޅޭތީއެވެ. އޭރު ، ފަރީދާ މަސައްކަތް ކުރަމުންގެންދިޔައީ ، އެކަމުން އަޝްހަރު ސަލާމަތް ކުރެވޭތޯއެވެ. ދަރިންގެ އުފަލަށްޓަކައި ޤުރުބާންވުމަކީ ، އަދި ދެކޮޅުހެދުމަކީ ، މައިންގެ މައްޗަށް އޮންނަ ވާޖިބެކެވެ.

ކައިވެންޏަށް ދެކޮޅު ހެދުމުން ރުޅިއައިސް ރަތްވެފައި ފަރީދާއަށް ބަޝީރަތު އެދިން އިންޒާރަކީ ، ބަޝީރަތު ކޮށްގެންވާނެކަމެއް މޫންކަމުގައި ބަޝީރަތު ޤަބޫލުކުރިއެވެ. އަދި އެކަމަށްޓަކައި ފަރީދާގެ ކިބައިން މާފަށް އެދުނެވެ. ބަށީރަތަށް އަދި އޭނާއާއި ބަޝީރަތުގެ ހަރުދަނާ ގުޅުމަށް ، ކައިވެނީގެ އެދިރިއުޅުމަށް ފަރީދާގެ ހިތުގައި އުފެދިފައިއޮތް ބަރޯސާ އާއި ޔަޤީންކަން އެދުވަހު ، އެންމެ ބަހަކުން ބަޝީރަތުވަނީ ނެތިކޮށްލާފައެވެ. އެއޮއްހުރިހާ ދުވަހު ޤާއިމްވެއޮތް އުފާވެރި ގުޅުން އެންމެ ސިކުންތަކުން ، ބަޝީރަތުވަނީ ވަކިކޮށްލާފައެވެ. އަލުން އެގުޅުމަށް ގާތްކަމެއް ނުގެނެވޭވަރަށް ، އެންމެ ނޭވާޔަކުން ، ބަޝީރަތުވަނީ އޭގެ ނިމުން ގެނެސްފައެވެ. އެކަން ދުވަހަކުވެސް ، ފަރީދާގެ ހިތުން ފިލައިގެންނެއް ނުދާނެއެވެ.

ބަޝީރަތަށް ، ވިސްނައިނުލާ ފަރީދާއާ ދިމާއަށް އެދުވަހު ކިޔުނު އެއްޗިއްސާއި ދެވުނު ވަރީގެ އިންޒާރަކީ ، އޭނާއަށް ، މިއަދު ލަދުވެތިކަން އިޙްސާސްވާ ކަމެކެވެ. އެކަމާ އިންތިހާއަށް ދެރަވެއެވެ. އަދި އެތައް ފަހަރަކު ، ފަރީދާގެ ކިބައިން މާފަށް އެދުނެވެ. ފަރީދާ އެވާހަކަތައް އަޑުއަހަން އިންއިރު ގިނަފަހަރަށް އިންނަނީ ބަޝީރަތާ ދިމާއަކަށް ނުބަލައި ދުރު ބަލަހައްޓައިގެންނެވެ. ހިތުގައި އުފެދިފައިވާ ޒަޚަމްތަކަކީ އެހައިފަސޭހައިން ފާރުހިކި ރަނގަޅުވެދާނެ އެއްޗަކަށް ނުވާތީކަމަށް ވެދާނެއެވެ.

އަޝްހަރު ދިޔައީ އޮފީހަށްކަމަށްބުނެ ފަރީދާ ހެދީ ދޮގެކެވެ. އަޝްހަރު އޮފީހަށްދާނީ ކޯޓުފަޓުލޫނުގައެވެ. އެދުވަހު އަޝްހަރު ގެއިން ނުކުތީ ޓީޝާޓެއް ލައިގެންނެވެ. އެދުވަހަކީ ޗުއްޓީ ދުވަހެއްވެސް މެއެވެ. ނުބުނި ނަމަވެސް އޭނާ އެދިޔައީ ސާރާއާ ބައްދަލުކުރަންކަން ފަރީދާއަށް އެނގުނެވެ.

އަޝްހަރަށް އެގެޔަށް ދެވުނުއިރު ، ސާރާ ހުރީ ކޮފީތަށްޓެއް ބޯށެވެ. މައި ދޮރުންވަދެ މަޑުމޮޅިކަމާއެކު ، މަޑުމަޑުން ހިނގާލާފައި އައިސް ސާރާގެ ކުރިމަތީ ހުއްޓުނެވެ. އަދި އޭނާ އެތެރެޔަށް އަންނަންތޯ ސުއާލުކުރިއެވެ. އެހާ ރަސްމީނުވެ ، އެތެރެޔަށް ވަންނާށޭ ބުނެ ސާރާ ޖަވާބުދިނެވެ. ސާރާގެ އަޑުގައިވެސް ވަނީ ވޭނީ މަޑުމައިތިރި ކަމެކެވެ. ދެމީހުން ދެމީހުންނަށް ނުގޮތަކަށް ހީލިއެވެ. ކޮޅަށް ތިބެންވީ ކީއްވެތޯ ބުނެ އިށީނދެލުމަށް ސާރާ ބުންޏެވެ. ވާހަކަ ދައްކަން ފެށްޓީވެސް ސާރާއެވެ. ޗުއްޓީދުވަހެއްގައި އެހައި ހެނދުނާ އައީ ކީއްވެތޯ އަޝްހަރުކުރެން އެހިއެވެ. އަޝްހަރުގެ ސުއާލަކަށްވީ ސާރާއަށް އެއީ ކަމުދާކަމަކަށް ނުވަނީހެއްޔެވެ ؟ ސާރާގެ ޖަވާބުވެސް ވަރަށް ސާދާއެވެ. ދުވަހަކުވެސް ، އަޝްހަރު އޭނާއާ ބައްދަލުކޮށްލަން އެގެޔަށް އައިސްގެން ކަމުނުގޮއްސައި ނުއޮންނާނެކަމަށް ބުންޏެވެ. އަދި އަޝްހަރު އައީ ނާސްތާކޮށްގެންތޯ އެހިއެވެ. އަޝްހަރު ދިޔައީ ސާރާގެ ޢަމަލުތަކަށް ފަރުވާތެރިކަމާއެކު ބަލަމުންނެވެ. އަދި ސާރާ ތިއުޅެނީ ކޮންގޮތަކަށްތޯ ސުއާލު ކުރިއެވެ. ސާރާގެ ރުޅިވެރިކަން އޭނާއަށް ބޭލިޔަސް އެންމެ ރަނގަޅުކަމުގައި ބުންޏެވެ. އޭނާއަކީ ސާރާގެ ރަޙުމަތްތެރިޔަކަށް ވާތީ އެކަމާ އަޝްހަރު އެއްޗެއް ހީނުކުރާނެކަމަށް ބުންޏެވެ.

" އަޝްހަރެވެ ! އަހަރެން ބޭނުންކަމަށްވިޔަސް އަހަރެންނަކަށް ، އަޝްހަރުދެކެ ރުޅިއެއް ނާދެވޭނެއެވެ. އެއީ އަޝްހަރުގެ ކުރިމަތީގައި އަހަރެންގެ މިޒާޖުގައިވާކަމެއްނޫނެވެ. އަހަރެންވެސް މިއިނީ ނާސްތާ ނުކޮށެވެ. ނާސްތާ ތައްޔާރުކުރަން ބުނެފަ އަންނާނަމެވެ. " އަޝްހަރާދިމާއަށް އެތައްއިރަކު ބަލަހައްޓައިގެން އިނުމަށްފަހު  ، ސާރާ ބުންޏެވެ.

ނާސްތާ ތައްޔާރުކުރުމަށްފަހު ނޯކަރުއައިސް ގޮވައިލުމުން ދެމީހުން ކާމޭޒުދޮށަށް ދިޔައެވެ. ސާރާ ކެއުމަށް އިންސާފުކުރަމުން ގެންދިޔައިރު ، އަޝްހަރު އެއިން އެއްވެސް އެއްޗެއްގައި އަތްނުލައި ހިމޭންކަންމަތީ ބުދެއްހެން އިނެވެ. ޑައިޓް ކުރަނީ ސާރާއެވެ. އެކަމަކު އަޝްހަރު ، މިއަދު އެއްވެސް އެއްޗެއް ނުކައެވެ. އޭނާއިނީ ފުންވިސްނުމެއްގެ ތެރެޔަށް ގެއްލިފައެވެ. އެތައްއިރަކު އިނުމަށްފަހު ، ސުއާލެއް ކޮށްލަންތޯ ސާރާކުރެން އެހިއެވެ. އަޝްހަރު ، އޭނާގާތު ވާހަކައެއް އަހަންވެގެން ހުއްދަ ހޯދަން ޖެހޭހިސާބަށް ދިޔައީ ކީއްވެތޯ ސާރާ ސުއާލު ކުރިއެވެ.

" އަޞްލުވެސް ސާރާ އަހަރެންދެކެ ރުޅިއެއް ނާންނަން ދޯއެވެ ؟ އަހަރެންގެ ކައިވެނިވުމަށްފަހުވެސް ރުޅިޔެއް ނާދޭ ހެއްޔެވެ ؟ " އަޝްހަރު ސުއާލުކުރިއެވެ.

" އަހަރެން އަޝްހަރުދެކެ އެއްވެސް ވަރަކަށް ރުޅިއެއް ނާދެއެވެ. އެކަމަކު ، އަޝްހަރުގެ ކައިވެނީގެ ވާހަކަ އިވުމުން ވަރަށް ހިތްދަތި ވިއެވެ. ވަރަށް ރޮވުނެވެ. އެހެންނަމަވެސް ، މިހާރު އަހަރެން ރުޅިއަޔަސް ، އަޝްހަރާ ދިމާއަށް އެއްޗެހި ގޮވިޔަސް ، އަހަރެން ގޯހަސް އަދި ރަނގަޅަސް ، ކައިވެނި އެއޮތީ ކުރެވިފައި ދޯއެވެ. އެކަން ބަދަލެއް ނުވާނެއެވެ. ޙަޤީޤަތަކީ ، ޚައިރާދަކީ މިހާރު އަޝްހަރުގެ އަންހެނުން ކަމެވެ. " ސާރާ ބުނަމުން ގެންދިޔައެވެ.

އަޝްހަރު ، ސާރާގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދުނެވެ. ސާރާގާތު ބައްޕަޔާ ވާހަކަ ދައްކައިގެން އެކައިވެނިން ސަލާމަތްވާނެކަމަށް ވަޢުދުވެފައި ހޮސްޕިޓަލުން ގެޔަށްދިޔައިރު ، ޙާލަތު އޮތީ ބަދަލުވެފައިކަމަށް އަޝްހަރު ބުންޏެވެ. އޭނާއަށް އެއްވެސް ވާހަކައެއް ދެއްކުމަށް ކުޑަވެސް ފުރުޞަތެއް ނުލިބުނެވެ. ދައްތަ އޭރު ، އެންމެފަހުގެ ނޭވާ ލަމުންގެންދަނީކަމުގައި އަޝްހަރު ބުންޏެވެ. އެހިސާބުން އަޝްހަރުގެ ވާހަކަ ، ސާރާ ހުއްޓުވިއެވެ. އަދި ، އެކަހަލަ ކަންތައްގަނޑެއް ކުރިމަތިވެގެން ނޫނީ ޚައިރާދާ ، އަޝްހަރު ކައިވެނި ނުކުރާނެކަން އޭނާއަށް އެނގޭކަމުގައި ސާރާ ބުންޏެވެ. އަދި ، އަޝްހަރުގެ ބޮލުގައި އަމިއްލަޔަށް އެއިލްޒާމު ނުއެޅުވުމަށް ސާރާ އެދުނެވެ. ސާރާގެ ވާހަކަ ، އަޝްހަރަށް ޤަބޫލެއް ނުކުރެވުނެވެ. އަދި ސާރާ އެހަދަނީ ތެދެއްތޯ ސުއާލުކުރިއެވެ.

" އަހަރެން އަޝްހަރަކަށް ދޮގެއް ނުހަދާނަމެވެ. އެކަމަކު އެއީ ތެދެކެވެ. އަހަރެން ބޭނުމީ ހަމައެކަނި އަޝްހަރާ ކައިވެނިކުރާށެވެ. އެހެންވީމަ އެކަން ވާންއޮތްގޮތަކުން ، އަޝްހަރު ޙާޞިލްކުރުމަށް މަސައްކަތްކުރުމަކީ އަހަރެންގެ ޙައްޤެކެވެ. އެހެންނަމަވެސް ، އަހަރެން އެހާ މަސައްކަތްކޮށްގެންވެސް ، އަޝްހަރު ޙާޞިލް ނުކުރެވުމަކީ ، އަހަރެންނަކީ އަޝްހަރަށްޓަކައި ހެއްދެވިމީހެއްނޫންކަން ސާބިތުކޮށްދިން ކަމެކެވެ. " ސާރާ ބުންޏެވެ.

އަޝްހަރަށް އަދިވެސް ސާރާގެ ވާހަކަ ތެދެއް ނުކުރެވެއެވެ. ސާރާގެ އެއްވެސް ކަމަކަށް އޭނާ އިންކާރުކޮށްފައި އެބައޮތްތޯ ސުއާލިކުރިއެވެ. އަދި ، އަޝްހަރަށް މަޖުބޫރުން ނަމަވެސް އެކައިވެނި ކުރަންޖެހުމުން ، އަޝްހަރުދެކެ ރުޅިއައުމުގެ ޙައްޤު ސާރާއަށް އޮންނާނެކަމުގައި ބުންޏެވެ.

" އަޝްހަރު ޙާޞިލްކުރުމަށްޓަކައި މަސައްކަތް ކުރުމަކީ އަހަރެންގެ ޙައްޤަކަށްވީ ފަދައިން ، އަހަރެމެންގެ ރަޙުމަތްތެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީވެސް އަހަރެންގެ ޙައްޤެކެވެ. އެޙައްޤު އަހަރެންގެ ކިބައިން އެއްވެސް އިންސާނަކަށް ނިގުޅައެއް ނުގަނެވޭނެއެވެ. " ސާރާ ބުންޏެވެ.

އެހިސާބުން އަޝްހަރަށް ހަމަޖެހުންލިބި ، ރަނގަޅަށް ނާސްތާކޮށްގެން ގެޔަށް ދާން ނުކުތެވެ. އެވަގުތު އަޝްހަރުގެ ކުރިމައްޗަށް ނުކުތީ ، ސާރާގެ މަންމަ ޒަރީނާއެވެ. ސަލާމް ގޮވައިލުމަށްފަހު ، އަޝްހަރު ހާދަ ހެނދުނަކާއޭ ބުނެ ޒަރީނާ ސުއާލުކުރިއެވެ. ސާރާއާ ބައްދަލުކޮށްލަން އައީކަމަށް ބުނެ އަޝްހަރު ޖަވާބު ދިނެވެ. ޒަރީނާ މޫނު އަނބުރާލުމަށްފަހު ، އަޝްހަރާ ކުރިމަތިލަމުން ބުންޏެވެ.

" އަޝްހަރެވެ ! އަހަރެން މިބުނާ ވާހަކައިން ނުބައި މާނައެއް ނުނަގާށެވެ ! އަޝްހަރު މިގެޔަށް އައުމާއި ސާރާއާ ބައްދަލުކުރުމަކީ މިހާރު ، އެހާ ރަނގަޅުކަމެއްނޫނެވެ. އަޝްހަރުގެ ކައިވެނިމިހާރު އެވަނީ ކުރެވިފައެވެ. ސާރާއަށް އެކުރިމަތިވި ހިތާމައިގާ އެތައް ވޭނެއް އުފުލުމަށްފަހު ، އަދިކިރިޔާ އެއަންނަނީ ރަނގަޅުވަމުންނެވެ. ނަފްސާނީ ބައްޔަކަށްނުވެ ސަލާމަތް އެވީ ކިރިޔާއެވެ. އަޝްހަރު އިރުއިރުކޮޅުން އައިސްގޮސް ވަންޏާ އެ ޒަޚަމްތައް ފަސޭހައެއް ނުވާނެއެވެ. ސާރާއަށް ހަމަޖެހިލުމުގެ ނޭވާއެއް ލާނެ ފުރުޞަތެއް ނުލިބޭނެއެވެ. ޙަޤީޤަތުގައިވެސް ، އަޝްހަރު މިގެޔަށް އައިސް ސާރާއާ ބައްދަލުކުރުމަކީ އަހަރެން އެދޭކަމެއްނޫނެވެ. ސާރާ އަމިއްލަޔަށް މަރުވެދާނެތީ އަދިވެސް އަހަރެން ކަންބޮޑުވެއެވެ. އިތުރު ނުރައްކަލެއް ސާރާއަށް ކުރިމަތިވެދާނެކަމެއް ވާކަށް އަހަރެން ބޭނުމެއްނޫނެވެ. އަހަރެންގެ ދަރިފުޅަކީ ، އަހަރެންގެ ދުނިޔޭގެ ހުރިހާ އެއްޗަކަށްވުރެ އަގުބޮޑު އެއްޗެކެވެ. " ޒަރީނާގެ ވާހަކަ ، އަޝްހަރު މެދުކަނޑުވައިލިއެވެ.

ސާރާއަކީ ވިސްނޭކުއްޖެކެވެ. ކައިވެނީގެ ޙާލަތު ސާރާވެސް ޤަބޫލުކޮށްފިއެވެ. އަދި އެދެމީހުންނަކީ ގާތް ދެރައްޓެހިންކަމަށްވާތީ ، ސާރާ މިހާރު އެހުރީ އަޝްހަރަށްޓަކައި ، އޭނާގެ އުއްމީދުތައް ޤުރުބާންކޮށްގެންނެވެ. އަޝްހަރުގެ ކައިވެންޏާގުޅިގެން ، އެދެމީހުންގެ ރަޙުމަތްތެރިކަމުގެ ގުޅުމަށް ނޭދެވޭ އަސަރެއްކުރަން ، ދެމީހުންކުރެ އެކަކުވެސް ބޭނުންނުވެއެވެ. އަޝްހަރުވެސް އޭނާގެ ހިތުގައި އޮތް އެއްޗެއް ހާމަކުރުމަށްފަހު ، ސާރާޣެ މަންމައާ ސަލާމްކޮށްލުމަށްފަހު އެގެއިން ނުކުތެވެ.

ޚައިރާދުގެ ޙާލަތު އަދިވެސް އެހާ ރަނގަޅެއްނޫނެވެ. އަބަދު އިންނަނީ ބޭރަށް ނުނުކުމެ ކޮޓަރީގައެވެ. އެއްޗެއްކަނީވެސް އެތައް ވަރަކަށް އާދޭސްކުރީމަ އެހެން ގޮތެއް ނެތިގެންނެވެ. ކޮޓަރީގައިހުރި ގޮނޑިއެއްގައި އިށީނދެލައިގެން ފުން ހިތާމައިގެ ތެރެޔަށް ގެއްލިފައި ، ޚައިރާދު އިންއިރު ދޮރުގައި އެތައްފަހަރަކު ޓަކިޖެހިކަންވެސް އޭނާއަކަށް އިޙުސާސެއް ނުވެއެވެ. ލޮލުގައި ޖަމާވެފައިހުރި ކަރުނަތައް ނުފައިބާ އެހުންނަނީ ކިރިޔަކިރިޔާއެވެ. ދޮރުގައި އެތައް ފަހަރަކު ޓަކިޖެހުމުންވެސް ނުހުޅުވުމުން ، މަޑުމަޑުން ދޮރު ހުޅުވާލައިފާ ، ބަޝީރަތު ކޮޓަރިޔަށް ވަނެވެ. ބަޝީރަތު ވަތްތަން ފެނިފައި ޚައިރާދު ސަލާމް ގޮވައިލިއެވެ. ބަޝީރަތު އައިސް ޚައިރާދުގެ ބޮލުގައި ނުހަނު ލޯބިން ފިރުމައިލުމަށްފަހު ، ޠަބީޢަތް ރަނގަޅުތޯ ސުއާލު ކުރިއެވެ. އާނއެކޭ ބުނުމަށް ޚައިރާދު ބޯޖަހައިލި ނަމަވެސް ، ބަޝީރަތަށް ، ޚައިރާދުގެ ޙާލަތު އެނގެއެވެ.

" ދަރިފުޅާއެވެ ! ތިރިޔަށްވެސް ގޮސް މީހުންނާ ވާހަކަ ދައްކާލައި އުޅެބަލާށެވެ. އޭރަށްވެސް ހިތަށް ކޮންމެވެސް ހަމަޖެހުމެއް ލިބޭނެއެވެ. ތިހެން އަބަދު ކޮޓަރީގައި އިންނަން ވެއްޖިއްޔާ ތިހިތާމަތަކުން ސަލާމަތެއް ނުވެވޭނެއެވެ. ދަރިފުޅު ތިހާ ހިތާމަ ކުރާކަމަށް ވަންޏާ ކަށްވަޅުގައި އޮތް މަންމަގެ ފުރާނަޔަށްވެސް އުނދަގޫ ވާނެއެވެ. ތިހެން ނުހަދާށެވެ ؟ ޚައިރާދުގެ ބޮލުގައި ފިރުމަމުން ، ބަޝީރަތު ނަސޭޙަތްދެމުން ގެންދިޔައެވެ.

" ދަރިފުޅާއެވެ ! މަންމަ ކިހާވަރަކަށް ދަރިފުޅާ އަޅާލާ ހެއްޔެވެ ؟ ދަރިފުޅުގެ ކަންތައްތައް ކިހާ ރަނގަޅަކަށް މަންމަ ބަލާ ހެއްޔެވެ ؟ ތިހާބޮޑަށް ދަރިފުޅު ، ތިހިތާމައާއި ހިތްދަތިކަން އިޙްސާސް ކުރުން އެއީ މަންމަޔަށް ކަށްވަޅުގައި ލިބޭނެ އިތުރު ތަކުލީފެކެވެ. އެހެން  ނުހަދާށެވެ ! " ބަޝީރަތު ، ޚައިރާދަށް ނަޞޭޙަތް ދެމުން ގެންދިޔައެވެ.

ބަޝީރަތުގެ ނަޞޭޙަތުގެ ބަސްތައް އަޑުއަހަން ޚައިރާދަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. ބޮޑުބޭބެގެ ކޮނޑުގައި ބޯއަޅައި ރޮއެގަނެވުނެވެ. ބަޝީރަތުވެސް ޚައިރާދު އޭނާގެ މެޔާލައި ބޮނޑިކޮށްލައި ،  ބޮލުގައި ފިރުމަމުން ގެންދިޔައެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

3 ޚިޔާލު

  1. ބަޝީރަތުގެ ހިތުގާ ޚައިރާދަށް ލޯތްބާއި، ކުލުނު ވެރިކަން
    އުފައްދަވާށި! މައިވަންތަލޯތްބާއި، ބަފައިވަންތަލޯތް ާާާާބާި
    އިކުލުނަވެރިކަން ޖައްސަވާށި!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.