ކިރުއިލޮށި - 5

(9 ފެބުރުއަރީ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

" އަހަރެންނަކީ ، އަޝްހަރުގެ ބައްޕަ ކަހަލަ މީހެއްނޫނެވެ. އަހަރެންގެ ދައްތަގެ ދަރިފުޅުގެ އުފަލަށްޓަކައި ، އަޝްހަރުގެ ކައިވެނި ސާރާއާ ގަދަކަމުން ކުރާކަށް ބޭނުމެއް ނޫނެވެ. އަޝްހަރު ބޭނުން ނޫނިއްޔާ އަހަރެމެން އެކަން ކުރަން އަޝްހަރަށް މަޖުބޫރެއް ނުކުރާނަމުއެވެ. " ފަރީދާ ވަރަށް ރޭވުންތެރިކަމާއެކު އަޝްހަރުގެ ހިތާކުޅެ އޭނާގެ ކޮޅަށް އަޝްހަރު ޖައްސަމުން ގެންދިޔައެވެ.

އަޝްހަރަށް ހަދާނެގޮތެއް ނޭނގުނެވެ. މަންމަގެ ފަރާތުން އެކަމުގައި އޭނާއަށް ލަފައެއް ދިނުމަށް އެދުނެވެ. ބައްޕަ އެދެއްކި ވާހަކަތަކަށް ކަނޑައެޅިގެން އިންކާރު ކުރާހާ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ. ބައްޕަޔާ ދެކޮޅަށް އެއްޗެއް ބުނެފިނަމަ ، ބައްޕަ ރުޅިއަންނާނެއެވެ. އަދި އެކަމަށް އެއްބަސްވެ އާނއެކޭ ބުނެފިނަމަ ، މުޅި ޢުމުރުގައިވެސް އަޝްހަރަކަށް އުފަލެއް ނުލިބޭނެއެވެ. ފަހުން ވާނެގޮތެއް އެއީ އެއްވެސް މީހަކަށް އެނގޭނެކަމެއް ނޫނެވެ. ޚައިރާދާއިނދެގެން އޭނާއަށް އެއްވެސް އުފަލެއްލިބޭނެކަމަކަށް ، އަޝްހަރަކަށް ނުފެނެއެވެ. މަންމަގެ ލަފަޔަކަށް އެދުނީތީ ، ފަރީދާ އޭނާއަށް ފެންނަގޮތް އަޝްހަރު ގާތު ބުންޏެވެ.

" ދާގޮތަށް ގޮސް ބައްޕަޔާ ބައްދަލުކޮށް ، ސާސުސާފުކޮށް އެކަމަށް އިންކާރުކޮށް ނޫނެކޭ ބުނާށެވެ. ޚައިރާދާ ކައިވެނިކުރަން ބޭނުންނުވާ ވާހަކަ ސީދަލަށް ބުނާށެވެ. ތި ކައިވެންޏަކީ ހަމައެކަނި އަޝްހަރާ ގުޅިފައޮތް ކަމެއްނޫނެވެ. ޚައިރާދަށްވެސް ތިކައިވެނިން އުފަލެއް ނުލިބޭނެއެވެ. އޭގެ ބަދަލުގައި ޚައިރާދަށްވެސް ތި ކައިވެނިން ލިބޭނީ ހުސް ގެއްލުމެވެ. ކަލޭމެން ދެމީހުންނަކީ އެއްވެސް ގޮތަކަށް ގުޅޭ އެއްފެންވަރެއްގެ ދެމީހުންނެއް ނޫނެވެ. އެހެން ނޫނަސް ، ދައްތަގެ ބޭނުމަކީ ، ޚައިރާދާ އިންނާނެ ރަނގަޅު މީހަކު ، ބަޝީރަތު ހޯދައިދިނުމެވެ. އަޝްހަރާ ، ޚައިރާދު ދެވުމެއްނޫނެވެ. ޚައިރާދާ އިންނާނެ މީހަކު ހޯދައިދިނީމަ އެކަން އެއޮތީ ނިމިފައެވެ. އެކަން އަހަރެން ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ކޮށްދީފާނަމެވެ. ރަނގަޅު ކުއްޖަކު ހޯދާފައި ޚައިރާދު މީހަކާ ދެވައިދީފާނަމެވެ. އޭރަށް ޚައިރާދުވެސް އުފާވާނެއެވެ. ބޮޑުދައިތަވެސް އުފާވާނެއެވެ. އަޝްހަރުވެސް ތިކަމުން ސަލާމަތް ވާނެއެވެ. ބަޝީރަތުގެ ވިސްނުން އެހުރީ ކިހިނެއްކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެކަން އެގޮތަށް ކޮށްފިނަމަ ، އަމިއްލަ ދަރިފުޅާއި ޚައިރާދުގެ ޙަޔާތްވެސް ބަރުބާދު ވެގެން ހިނގައިދާނެއެވެ. ބައްޕަގާތަށް ގޮސް މިވާހަކަތައް މިގޮތަށް ކިޔައިދޭށެވެ. " ފަރީދާގެ ލަފާ ހާމަކުރިއެވެ.

ބައްޕަގާތު އެވާހަކަތައް ދެއްކީމަ ، އެވާހަކަތައް ބައްޕަ ޤަބޫލުކުރާނެކަމާމެދު އަޝްހަރަށް ޝައްކެވެ. މަންމަޔާ ދެމީހުން ސައްލާކޮށްފައި ޖަޒުބާތުގައި ޖެހިގެން އެކަމަށް ހުރަސް އަޅަނީ ކަމަށް ބައްޕަ ބުނާނެކަން އަޝްހަރަށް ޔަޤީނެވެ. އަދި ޚައިރާދާއި އަޝްހަރުގެ ގުޅުމަކީ އެއަށްވުރެ ރަނގަޅު އެހެން ގުޅުމެއް ނުއޮންނާނެފަދަ ރަނގަޅު ގުޅުމެއްކަމުގައިވެސް ބުނާނެއެވެ.

މަންމަ ލަފާދިންގޮތަށް ، އަޝްހަރު އޭނާގެ ބައްޕަޔާ ބައްދަލުކުރަން ދިޔައެވެ. ބަޝީރަތުއިނީ ، ގޭގައި ހުންނަ ލައިބްރަރީގައި ކޮމްޕިއުޓަރުން މަސައްކަތެއް ކުރާށެވެ. އަޝްހަރު ވަތްތަން ފެނުމުން އޭނާއަށް ގޮވާލައި އަންނާށޭ ބުންޏެވެ. އަޝްހަރު ހުރީ ބައްޕަޔާ ދިމާއަށް ބަލައިލަން ނުކެރި އިސްދަށަށް ޖަހައިގެންނެވެ. ތަނަށް ވެރިވެފައި އޮތް ހަމަހިމޭންކަން ކަނޑުވައިލީ ބަޝީރަތެވެ. އަޝްހަރު ނިންމި ގޮތަކީ ކޮބައިތޯ ، އަޝްހަރުކުރެން އެހިއެވެ.

" އަދި އެއްފަހަރު އެކަމާމެދު ބައްޕަ ވިސްނާލަފާނަން ހެއްޔެވެ ؟ ޚައިރާދާ ކައިވެނިކުރަން އަހަރެން ދެކޮޅު ހަދަނީކީ ނޫނެވެ. އަހަރެމެން ދެމީހުންނަކީވެސް އެކަކު އަނެކަކު ދަންނަ ބަޔެއް ނޫނެވެ. ކައިވެނިކޮށްގެން އަހަރެމެން ދެމީހުންކުރެ އެކަކަށްވެސް އުފަލެއް ނުލިބޭނެއެވެ. " ވާހަކަ ނުދައްކާ އިރުކޮޅަކު ހުރުމަށްފަހު ލަސްލަހުން އަޝްހަރު ބުނަމުން ގެންދިޔައެވެ.

މިޙާލަތުގައި އަޝްހަރު ޢަމަލު ކުރާނީ ކިހިނެއް ހެއްޔެވެ ؟ އަހަރެމެންނަށް ހެދޭނީ ކޮން ގޮތެއް ހެއްޔެވެ ؟ " ބަޝީރަތު ، އަޝްހަރާ ކުރީ ސުއާލެކެވެ.

" ބައްޕާއެވެ ! ބޮޑުދައިތަގެ އެދުމަކީ ޚައިރާދުގެ ކައިވެނި ކުރެވުން ނޫން ހެއްޔެވެ ؟ ރަނގަޅު ކުއްޖަކު ހޯދާފައި ޚައިރާދާ ދެވީމަ ދައްތަގެ ބޭނުން ފުއްދައި ދެވުނީ ނޫންހެއްޔެވެ ؟ މަންމަ ދަންނަ ވަރަށްގިނަ ކުދިން އެބަތިއްބެވެ. ރަނގަޅު ކުއްޖަކު ހޯދާފައި ވަރަށް އަވަހަށް ޚައިރާދުގެ ކައިވެނި ކޮށްދެވިދާނެކަމަށް މަންމަ ، ދެންމެޔަކު އަހަރެންގާތު ބުންޏެވެ. އެއީ ، މަންމަޔަށް އެހާ އުނދަގޫ ކަމަކަށް ނުވާނެއެވެ. " އަޝްހަރު ބުންޏެވެ.

" އަހަރެންގެ ފަރުޟު އަދާކުރުމަށްޓަކައި ، ކުއްޖަކު ހޯދާފައި ޚައިރާދާ ދެވިދާނެއެވެ. އެކަމަކު ޚައިރާދު ދެވާ މީހަކީ ، އޭނާ އުފަލުގައި ބަހައްޓާނެ މީހެއްކަމުގެ ޔަޤީންކަން އަހަރެންގެ ދައްތަޔަށް ، އަހަރެން ކަށަވަރު ކޮށްދޭނެގޮތެއް ބުނެބަލާށެވެ . މިދައްކަނީ ޚައިރާދުގެ ކައިވެނީގެ ވާހަކައެވެ.  ޚައިރާދު ދެވާ މީހަކާއެކު ، އޭނާގެ މުސްތަޤްބަލް އުޖާލާ ވެދާނެ ހެއްޔެވެ ؟ އެކަން އަހަރެން ޔަޤީންކުރާނީ ކިހިނެއް ހެއްޔެވެ ؟ " ބަޝީރަތު އަނެއްކާވެސް ކުރީ ސުއާލުތަކެކެވެ.

" ބައްޕާއެވެ ! އެފަދަ ޔަޤީންކަމަކީ އެއްވެސް މީހަކަށް ދެވޭނެ އެއްޗެއް ނޫނެވެ. " އަޝްހަރު މަޑުމަޑުން ބުނެލިއެވެ.

އެހިސާބުން ބަޝީރަތު ތެދުވެގެން އައިސް އަޝްހަރު ކުރުމަތީ ހުއްޓުނެވެ. އަދި އަޝްހަރުގެ ދެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރެ ވާހަކަ ދައްކަމުން ގެންދިޔައެވެ.

" ދަރިފުޅާއެވެ ! އަހަރެން އެކަމުގެ ޔަޤީންކަން ދީފާނަމެވެ. އެއީ އަހަރެންގެ ތި ދަރިފުޅުގެ ޔަޤީންކަމެވެ. ޚައިރާދު އުފަލުގައި ތިދަރިފުޅު ބަހައްޓާނެކަމުގެ ޔަޤީންކަމެވެ. މިގުޅުމުގެ މަޤްޞަދަކީ ހަމައެކަނި ޚައިރާދުގެ ކައިވެނި އެކަންޏެއް ނޫނެވެ. ޚައިރާދަށް އުފާވެރި މުސްތަޤްބަލެއް ހޯދައިދިނުމުގެ މަޤްޞަދެވެ. އެކަމުގެ ޔަޤީންކަން އަހަރެންނަށް ދެވޭނީ އަހަރެންގެ ދަރިފުޅުގެ ފަރާތުންނެވެ. " ބަޝީރަތު ބުންޏެވެ.

އަޝްހަރު އޭނާގެ ބައްޕަގެ ކިބައިން މަޢާފަށް އެދުނެވެ.  އަދި ، އޭނާއަށް ޚައިރާދު އުފަލުގައި ނުބެހެއްޓޭނެކަމުގައި ބައްޕަގާތު ބުންޏެވެ. އެޔަޤީންކަން ދޭނެގޮތެއް އަޝްހަރަކަށް ނޭނގެއެވެ. އެކަމެއް އޭނާއަކަށް ނުވާނެއެވެ. ޚައިރާދުގެ ކައިވެނި އަޝްހަރާ ކޮށްދޭނެކަމަށް ބަޝީރަތު ބުނުމުން ، ދައްތަ މައިމޫނާގެ މޫނުމަތި އުޖާލާވެގެންދިޔަ މަންޒަރު ބަޝީރަތުގެ ކުރިމަތީ ސިފަވެގެން ދިޔައެވެ. ބަޝީރަތުގެ ލޮލުން ކަރުނަ އައިސް ފުރުނެވެ. އެތަން ފެނިފައި އަޝްހަރަށް މާނޭވާއެއް ލެވުނެވެ. ހަދާނެގޮތް ބޮޑުވިއެވެ. އެއީ ބޮޑުދައިތަގެ އެންމެފަހު ނޭވާގެ ވަގުތުކޮޅެވެ. އެންމެ ފަހުގެ އެދުމެވެ. އެކަން ފުރިހަމަކޮށްދިނުމަށްޓަކައި ، އަމިއްލަ ދަރިފުޅަށް އާދޭސްކުރަން ، ބަޝީރަތަށް މަޖުބޫރުވިއެވެ. އެކަމަކު ، އަމިއްލަ ދަރިފުޅުގާތު ކަމަކަށް އެދުމުގެ ޙައްޤު އޭނާއަކަށް ލިބިގެންނެއް ނުވެއެވެ. ބަޝީރަތު ދުނިޔެއިން ފުރިހަމަކުރަން ބޭނުންވާ ހުރިހާކަމެއް އެދުމުގެ ޙައްޤު އަޝްހަރުގެ މައްޗަށް އޮތްކަމުގައި އަޝްހަރު ޤަބޫލުކުރެއެވެ. ބޮޑުދައިތަ މިދުނިޔެމަތިން ބޭނުންވާ އެންމެފަހުގެ މުހުތާދު ފުއްދައި ދިނުންއެދި ، ދެއަތްޖޯޑުކޮށް ، އަޝްހަރާދިމާއަށް ދިއްކޮށްލަމުން ، ބަޝީރަތު އާދޭސް ކުރަމުން ގެންދިޔައެވެ. ބައްޕަގެ އަޑުގައިވާ ވޭނީ އަސަރުތަކާއި ، ލޮލުންފައިބަމުންދިޔަ ކަރުނަތަކަށް އަޝްހަރަށް ކެތެއް ނުކުރެވުނެވެ. އަޝްހަރުގެ ކިބައިން ކަމަކަށް އެދެން ރޮއިރޮއިފާ ދެއަތްޖޯޑުކޮށް ބައްޕަ އޭނާއަށް އާދޭސްކުރަން ނުޖެހޭނެކަމުގައި އަޝްހަރު ބުންޏެވެ. އަޝްހަރަށް ކުރި އަސަރުން އޭނާގެ ހިތަށްވެސް އުނދަގޫވެ ރޮވޭގޮތްވިއެވެ.

" ބައްޕަ ބޭނުންވާ ކޮންމެ ކަމެއްގެ ވާހަކަ އަހަރެންގާތު ބުނާށެވެ ! އެކަމަކު ބައްޕަ ނުރޯށެވެ ! އެއީ އަހަރެންނަށް ކެތްކުރެވޭވަރުގެ ކަމެއްނޫނެވެ. ބައްޕަ އެދޭ ކަންކަން އަހަރެންގެ ފަރާތުން ނިމޭނީ ބައްޕަ ބޭނުންވާ ގޮތަށެވެ. ބައްޕަ އަހަރެންގެ ކިބައިން ބޭނުންވާ އެއްވެސް ކަމަކަށް އަހަރެން  އިންކާރެއް ނުކުރާނަމެވެ. އަހަރެން ޚައިރާދާ ކައިވެނިކުރަން ތައްޔާރެވެ.  " ގިސްލެވިފައިހުރެ އަޝްހަރު ބުންޏެވެ.

ބަޝީރަތުގެ ރުއިމުގެ ތެރެއިން އޭނާގެ މޫނުމަތި އަލިވެގެން ދިޔައެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތަކަށް ހުއްޓުމެއް އައެވެ. އަހަރެންގެ ދަރިފުޅާއޭ ބުނެ ރޮމުންރޮމުން ، އަޝްހަރުގެ ގައިގާ ބައްދާލައި ބުރަކަށީގައި ފިރުމަމުން ގެންދިޔައެވެ. އަދި އަޝްހަރަށް ޝުކުރު އަދާކުރަމުން ގެންދިޔައެވެ.

މާގިނަ ވަގުތެއް ނުނަގައި ބަޝީރަތު އޭނާގެ ދައްތަ ބޭއްވިފައިއޮތް ކޮޓަރިޔަށް ދިޔައެވެ. އަދި ދައްތަޔަށް ގޮވާލައި ، އަޝްހަރާ ވާހަކަ ދެއްކިއްޖެ ކަމަށާއި ޚައިރާދާ ކައިވެނި ކުރުމަށް އަޝްހަރު ރުހި ޤަބޫލުވެއްޖެކަމުގައި ބަޝީރަތު ބުންޏެވެ. އަދި ޚައިރާދުގާތު އިށީނދެލައި އޭނާގެ ބޮލުގައި ފިރުމައިލިއެވެ. މައިމޫނަށް ޝޮކެއްލިބި ތެދުވުމަށް މަސައްކަތް ކުރިއެވެ. އުފަލުންގޮސް ދެލޯ ފުރައި ކަރުނަ އޮހިގަތެވެ. ބަޝީރަތު އަނެއްކާވެސް ޚައިރާދުގެ ބޮލުގައި ފިރުމާލާފައި ، އޭނާގެ ޅީދަރިފުޅަށްވަނީކަމުގައި ބުންޏެވެ. އަދި އަންނަ ހުކުރުދުވަހު އެދެކުދިންގެ ކައިވެނި ކުރެވޭނެކަން އިޢުލާން ކުރިއެވެ. ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވާނީ ހަމައެކަނި ޢާއިލާގެ މީހުންނެވެ. އެވަރުންވެސް ބަޝީރަތުގެ ވާހަކަ މައިމޫނާއަކަށް ޤަބޫލެއް ނުކުރެވުނެވެ. ޙައިރާންކަންމަތީ އިނދެ ، ފަރީދާ އެކަމާ ޤަބޫލުވާނެތޯ ސުއާލު ކުރިއެވެ.

" ދައްތާއެވެ ! ފަރީދާވެސް ހުރީ ކައިވެންޏަށް ރުހި ވަރަށް އުފަލުންނެވެ. ކޮއްކޮއަކާއި ދައްތައެއްގެ ގުޅުން އިތުރަށް ބަދަހިވަނީ ނޫންހެއްޔެވެ ! ފަރީދާގެ އިޢުތިރާޒެއް ނެތެވެ. " ބަޝީރަތު ބުންޏެވެ.

މައިމޫނާގެ ލޮލުގައިވާ މާޔޫސްކަމާއި މޫނުމަތީގެ އަލިކަން އިތުރެއް ނުވިއެވެ. ބަޝީރަތުގެ ވާހަކަ ޤަބޫލުކުރާނީތޯ ނުވަތަ އެކަމާ އިތުރަށް ސުއާލުކުރާނީތޯ އޭނާގެ ހިތް މައިމޫނާއާ ސުއާލުކުރިއެވެ. އެކައިވެންޏާބެހޭ ވާހަކަތަކުގައި ޝާމިލްވަނީ ހަމައެކަނި މައިމޫނާއާއި ބަޝީރަތާ ދެބެންނެވެ. ފަރީދާގެ ފަރާތުންވެސް އަދި އަޝްހަރުގެ ފަރާތުންވެސް އެކަމަށް އެއްވެސް ޢިޝާރާތެއް މައިމޫނާއަކަށް ނުލިބެއެވެ. އެހެންނަމަވެސް ، ބަޝީރަތުގެ ބަހަށް އިތުބާރުކޮށް ، މައިމޫނާ ،  ﷲ އަށް ޝުކުރުކޮށް ޙަމްދުކުރިއެވެ. އޭރުވެސް އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަކަށް ނިމުމެއް ނާދެއެވެ. ޚައިރާދުވެސް އިނީ ފެންކަޅިވެފައެވެ. ބަޝީރަތު ދައްތަ  ގާތަށްގޮސް ، ދައްތަގެ ބޮލުގައި ބޮސްދިނުމަށްފަހު ނުކުމެގެން ދިޔައެވެ. ޚައިރާދު އިނީ އޭނާގެ ޙަޔާތަށް އަތުވެދާނެ ބަދަލަކާމެދު ކަން ބޮޑުވެފައެވެ. އަޝްހަރަކީ ތިމާގެ ނަމަވެސް އޭނާއާ އެހާ ގާތް މީހެއްނޫނެވެ. އޭނާއާ އަޝްހަރާ ދެމީހުންނަކީ ، އުޑާބިމާހާ ތަފާތު ދެމީހުންނެވެ. މަންމަޔާނުލައި ، އެކަނިވެރިވާ ދުވަހު ، އަޝްހަރާއެކު އޭނާގެ ޙަޔާތް އޮންނާނެ ގޮތަކާމެދު އިންތިހާއަށް ކަންބޮޑުވިއެވެ.

ފަރީދާ އެނދުމަތީ އިށީނދެލައިގެން އިނެވެ. ބަޝީރަތު ކޮޓަރިޔަށް ވަނުމާއެކު ވަށްކަޅިން ބަލައިލިއެވެ. އަދި ދަރިފުޅުގެ ކައިވެނީގެ ތާރީޚު ކަނޑައަޅާފައި އައީ ދޯއޭ ބުނެ ފަރީދާގެ ކަންބޮޑުވުން ފާޅުކުރިއެވެ. އޭނާއަށް އަންގައިނުލާ ސިއްރުން ، ހުރިހާކަމެއް ނިންމާލީކަމުގައި ބުންޏެވެ. ގެޔަށްވަދެ އެނބުރިލާ މަދިރިއެއްފަދައިން ، ބަޝީރަތުގެ ޙަޔާތުން އޭނާ ބޭރުކޮށްލީކަމަށް ބުނެ ބަޝީރަތަށް މަލާމާތް ކުރިއެވެ.

" އަހަރެންގެ ދަރިފުޅަކީ އެކަހަލަ މީހެއްނޫނެވެ. އޭނާއައިސް އަހަރެންގާތު ހުރިހާ ވާހަކައެއް ކިޔައިދީފިއެވެ.  ބަޝީރަތުގެ ވާހަކަތަކުން ނަފުސާނީގޮތުން އޭނާ ބްލެކްމެއިލް ކުރީ ކިހިނެއްކަންވެސް އޭނާ އަހަރެންގާތު ކިޔައިދީފިއެވެ. " ފަރީދާގެ އަޑު ގަދަވިއެވެ.

" މިމަސްއަލައިގާ އަހަރެމެން ދެމީހުން ދެބަސްވެ ޒުވާބަކަށް ދާކަށް އަހަރެން ބޭނުމެއްނޫނެވެ. އަޝްހަރާ ބެހޭގޮތުން ފަރީދާ އޭނާ ޙިމާޔަތްކުރަން ދާނީ ކޮންޙައްދަކަށްކަން އަހަރެންނަށް އެނގެއެވެ. އެކަމާ ފަރީދާ ދެކޮޅު ހަދާނެކަން އަހަރެންނަށް އެނގެއެވެ. ފަރީދާގާތު އެވާހަކަ އަހަރެން ނުދެއްކީ އެހެން ވެގެންނެވެ. " ބަޝީރަތު ބުންޏެވެ.

ފަރީދާގެ ޝަކުވާޔަކީ ޙައްޤު ޝަކުވާއެކެވެ. ދައްތައާއި ކޮއްކޮގެ ވިޔަފާރީގައި ދަރިފުޅު ޤުރުބާންކުރުން އެއީ ފަރީދާއަށް ޤަބޫލު ކުރެވޭނެ ކަމެއްނޫނެވެ. އެފަދަ ބޮޑު ނިންމުމެއް ދެބެންވެގެން ނިންމައިލި އިރު ، އަންހެނުންގެ މަތިން ހަނދާން ނައްތާލައި ، އަޝްހަރުގެ މަޔަކު ހުރިކަންވެސް ، ބަޝީރަތު ހަނދާން ނައްތައިލީމައެވެ. މައިމޫނާއަށްވެސް އަދި ޚައިރާދަށްވެސް ދެރަގޮތެއް ވާކަށް ފަރީދާއެއްވެސް ނޭދެއެވެ. މައްސަލަޔަކަށްވީ ، އެއިން އެއްވެސް ކަމަކާ ، އޭނާއާ ކުޑަކޮށްވެސް ވާހަކަ ދައްކައި ނުލާ އެމީހުންގެ ދިރިއުޅުމާ ގުޅުންހުރި އެހާ ބޮޑުކަމެއް ، ބަޝީރަތު އަމިއްލަޔަށް ނިންމުމެވެ. ނަފުސާނީގޮތުން ، އަޝްހަރުގެ ހިތާކުޅެލައި ، އަޝްހަރު އެކަމަށް އެއްބަސް ކުރުވުމެވެ. އެއީ ބަޝީރަތަށް ލިބިގެންވާނެ ޙައްޤެއްނޫނެވެ. އެދެމަފިރިންގެ ހަމައެކަނިހުރި ދަރިޔަކީ އަޝްހަރެވެ. އަޝްހަރުގެ ދިރިއުޅުމާބެހޭ ކަމެއް އެކަނިމާއެކަނި ނިންމައިލުމުގެ ޙައްޤެއް ބަޝީރަތަށް އެކަނި ލިބިގެންނެއް ނުވެއެވެ.

ބަޝީރަތަކަށް ފަރީދާގެ ވާހަކަތައް އެއީ ޙުއްޖަތަކަށް ނުވެއެވެ. ދައްތަގެ ބަލި ޙާލަތާއި ، މަރަށް ތައްޔާރުވެފައި އޮތް މިންވަރު ޑޮކްޓަރުންގެ ފަރާތުން އެއޮތީ ސާފުކޮށް އެނގޭށެވެ. އެއީ އެންމެ ދެތިން ދުވަހެއްގެ މެހެމާނެކެވެ.

" މަރަށް ތައްޔާރުވެފައި އޮތް އިންސާނަކާ އަޅުވައި ، ދިރިހުރި އިންސާނެއްގެ ފުރާނަ ދުއްވައިލަންވީ ހެއްޔެވެ ؟ ތިމާގެ އަމިއްލަ ދަރިފުޅުގެ އުފަލާއި އުއްމީދުތަކުގައި ތިޖަހަނީ އަލިފާން ނޫންހެއްޔެވެ ؟ ދެބެންގެ ރަޙިމުގެ ގުޅުމަކީ މުހިންމު ގުޅުމެކެވެ. އެކަމަކު ، ދިރިހުރި އިންސާނެއްގެ ފުރާނަޔަށްވުރެ މުހިންމެއް ނުވާނެއެވެ. ދައްތަގެ މައްޗަށް އޮތް ލޯބީގައި ތިހާބޮޑު އަނދިރިކަމެއްގެ ތެރެޔަށް ވަންނަން ވެދާނެ ހެއްޔެވެ ؟ ދަރިފުޅުގެ ދިރިއުޅުން ބަރުބާދުކޮށްލާއިރު ، ކުޑަވެސް އެއްޗެއް ހިތަށް ނާރަނީ ހެއްޔެވެ ؟ " ފަރީދާގެ ހިތުގައިވާ ހިތްހަމަނުޖެހުމުގެ އިޙްސާސްތައް އެއްފަހަރާ ބަންޑުން ކޮށްލިއެވެ.

" ފަރީދާއެވެ ! ޚައިރާދާ ކައިވެނިކޮށްގެން ، އަޝްހަރުގެ ދިރިއުޅުން ބަރުބާދެއް ނުވާނެއެވެ. އެއީ ރަނގަޅު ކުއްޖެކެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.