ކިރުއިލޮށި - 22

(30 މާރިޗު 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަޝްހަރު ރުޅިއައިސްފައިހުރިވަރުން ، ޚައިރާދުވެސް ކުރިމަތީހުރުމާއެކު ، އެއްޗެކޭ ބުނަން އަނގަހުޅުވާލާކަށް އަމްޖަދަކަށް ނުކެރުނެވެ. އެގަސް ގެނެސް އެތާނގައި ބެހެއްޓިތަން އޭނާ ނުދެކޭ ކަމުގައި ޚައިރާދު ބުންޏެވެ. އެއީ ދޮގެއްނޫނެވެ. އެކަމަކު ، އެގަސް ހުރިތަނުން އެހެންތާކަށް ގެންދަން އަމްޖަދުގާތު ބުނީ ޚައިރާދެވެ. އެގަސް އެތާ ބެހެއްޓިތަން ޚައިރާދަށް ނުފެނުނުނަމަވެސް ،  ޚައިރާދަށް އަޞްލު އެހެދުނީ ދޮގެކެވެ.

އެވަގުތުން ފެށިގެން ޚައިރާދުގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފެންނަން ހުއްޓެވެ. ރޭގަނޑު ކައިގެން ، ބޮޑުބޭބެއާ ދެމީހުން ވާހަކަ ދައްކާލަން ތިބިއިރުވެސް ، ބަޝީރަތުވެސް އެކަން ފާހަގަ ކުރިއެވެ. އެހެނަސް ، ބަޝީރަތުގާތުވެސް ޚައިރާދު އެވާހަކައެއް ނުބުނެއެވެ. ގެންފައިހުރި ބިރެއްގެ ބޮޑުކަމުންނެވެ. އަޝްހަރު އެމިންވަރަށްވެސް  ރުޅިއައިސްހުރިތަން މީގެ ކުރިން ޚައިރާދަށް ފެނިފައެއް ނެތެވެ. ރޭގަނޑު ކައި ނިމިގެން ، ބަޝީރަތު ޚައިރާދަށް ގޮވައި އޭނާއާއެކު ގެންދިޔައެވެ. އެއީ ބަޝީރަތަށް އާދަވެފައިހުރި ކަމެކެވެ. އަޝްހަރަށް ޚައިރާދު ގޮވައިގެން އުޅެން އެނގި އާދަވަންދެން ، އަޝްހަރަށް ބަރޯސާކޮށް ، ބަޝީރަތުގެ އާދަ ދޫކޮށްލާކަށް ބަޝީރަތު ، އަދި ބޭނުމެއް ނޫނެވެ. އެކަމަކު ، ޙާލަތު ބަދަލުވަމުން އަންނަކަން ބަޝީރަތަށްވެސް އެނގެއެވެ. އަޝްހަރުގެ އަތްމައްޗަށް ޚައިރާދު މުޅިން ދޫކޮށްލަންވީމަ ބަޝީރަތަށް އެނގޭނެއެވެ.

ފޫހިވެފައި ޓީވީބަލަން އަޝްހަރު އިނެވެ. އެއްފަހަރު ޓީވީ ނިއްވައިލާނެއެވެ. އަނެއްކާ ދިއްލައިލާނެއެވެ. އަޝްހަރު އެއިންނަނީ ، ބައްޕަ ، ޚައިރާދު ގޮވައިގެން ދިޔައިމަ ، ބައްޕައާ ދެމީހުން އަނގަތަޅާ ނިމިގެން ޚައިރާދު އަންނާނެ ވަގުތަކަށް އިންތިޒާރު ކޮށްގެންނެވެ. އެތައް އިރެއްފަހުން ، ޚައިރާދު އައިސް އަޝްހަރުގެ ކުރިމަތީ ހުއްޓިލިއެވެ.

ތިމަންނަގެ ޝަކުވާ ބައްޕަގާތުކޮށް ނިމުނީތޯ ސުއާލުކޮށް ، އަޝްހަރު ޝަކުވާ ކުރިއެވެ. އޭރުވެސް ، ހެނދުނުއްސުރެ އަޝްހަރަށް ފެންނަމުން އައި ނުތަނަވަސްކަން ، ޚައިރާދުގެ މޫނުމަތީން ފެންނަން ހުއްޓެވެ. އަޝްހަރުގެ އެއްވެސް ޝަކުވާއެއް ، ބައްޕަގާތު ނުކުރާކަމަށް ޚައިރާދު ބުންޏެވެ. އޭގެ ބަދަލުގައި އަޝްހަރަށް އޭނާކުރީ ތަޢުރީފުކަމުގައި ބުންޏެވެ.

" ކަމެއްދިމާވީ ހެއްޔެވެ ؟ ހެނދުނުއްސުރެ ޚައިރާދުގެ މޫނުމަތިން ފެންނަންފެށި ނުތަނަވަސްކަން އަދިވެސް ނުފިލާ އެބަހުއްޓެވެ. ބުނެބަލާށެވެ ! ކިހިނެއްވީ ހެއްޔެވެ ؟ " އަޝްހަރު ސުއާލު ކުރިއެވެ.

އަޝްހަރުގެ ސުއާލަށް އެތައް ފަހަރަކު މިހާރު އެއްޖަވާބެއް ، ޚައިރާދަށް ދެވިއްޖެއެވެ. ކަމެއް ނުވެއޭ ބުނެއެވެ. އެކަމަކު އަޝްހަރު ، އޭނާގެ ސުއާލު އެކުރަނީ ކަމެއްވެގެން ނޫންހެއްޔެވެ ؟ އަޝްހަރަށްވެސް ކަމެއް ފާހަގަ ކުރެވިގެންނޫން ހެއްޔެވެ ؟ އެންމެފަހުން ، ޚައިރާދަށް މާބޮޑަށް އުނދަގޫވެގެން އަޝްހަރާ ގާތަށް ޖެހިލައި ކުރިމަތީ އިށީނދެ ، ވާހަކައެއް ބުނަން ބޭނުންވާކަމުގައި ބުނެ އޭނާގެ ވާހަކަ ފެށްޓިއެވެ.

ހެނދުނު އެގަސް ، އަތްވަށް ނެރެން އަމްޖަދުގާތު ބުނީ އަހަރެންނެވެ. އަހަރެންނަކަށް ގަސްގަހާބެހޭ އެއްވެސްކަމެއް ނޭނގެއެވެ. އެއްވެސް މަޢުލޫމާތެއް ނޭނގިހުރެ ، ގަހަށް ގޮތްގޮތް ހަދައިގެން ނުވާނެކަން އަހަރެންނަށްވެސް އެނގެއެވެ. އެހެނަސް ، އަވީގައި ބަހައްޓަންޖެހެނީ ކޮންކަހަލަ ގަހެއްކަމެއް ނޭނގެއެވެ. އަދި އަވިނިވާވާ ގޮތަށް ބަހައްޓަންޖެހެނީ ކޮންކަހަލަ ގަހެއްކަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ. ނޭނގިހުރެ އަހަރެންނަށް އެއޮތީ ކޮށްގެން ނުވާނެ ކަމެއްކުރެވިފައެވެ. އެގަސް އަތްވަށްލީ މީހަކު ނޭނގޭކަމަށް ، އަޝްހަރުގާތު ، އަހަރެންނަށް ހެނދުނު ބުނެވުނީ ، އަޝްހަރު ރުޅިއައިމަ ،  އަހަރެން ބިރުގެންފައިހުރިލެއް ބޮޑުކަމުންނެވެ. އަހަރެންނަށް އެއޮތީ ދޮގެއް ހެދިފައެވެ. އެއީ ، އަހަރެން ކޮށްގެންވާނެކަމެއްނޫނެވެ. އަހަރެންނަށް މަޢާފު ކުރާށެވެ. ހެނދުނުއްސުރެ އަހަރެން މިހުންނަނީ އެކަމާ ކަންބޮޑުވެފައެވެ. ކިތަންމެ ކުޑަނަމަވެސް ، ދޮގެއްވާނީ ދޮގަކަށެވެ. އެވާހަކަ އަހަރެން ބުނާނީ ކާކުގާތުގައި ހެއްޔެވެ ؟ ދޮގެއްހަދައި ނިދަން އަރައި ، އަހަރެންގެ ލޮލަކަށް ނިންޖެއް ނުއަންނާނެއެވެ. އަހަރެންގެ ބައްޕަ ބުނެފައި ވެއެވެ.

" ދޮގުހަދަން ، ފުރަތަމަ ފަހަރު ވަރަށް ފަސޭހަ ވާނެއެވެ. އޭގެފަހުން ، އެދޮގު ފޫބައްދަން އެތައްދޮގެއް ހަދަން ޖެހޭނެއެވެ. އެދޮގުތައް މަތިމައްޗަށް ހެދުން އެއީ އިންސާނާއަށް ، މުޞީބާތަކަށް ވާނެއެވެ. އަދި ، ތެދު ހެދުން އެއީ ފުރަތަމަ ފަހަރު ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ. އެއަށްފަހު ، ތެދު ހެދުން އެއީ ފަހަރަކަށްވުރެ ފަހަރެއް ފަސޭހަކަމާއެކު ކުރެވޭ ކަމަކަށް ވެގެންދާނެއެވެ. " ބައްޕަގެ ބަސްތައް ޚައިރާދު އިއްވައިލިއެވެ. އަދި އިތުރަށް ބުންޏެވެ.

" ހެނދުނު އަހަރެންނަށް ހެދުނު ދޮގުމަތީގައި އޮވެ ، މިރޭ އަހަރެންނަކަށް ނުނިދޭނެއެވެ. އަހަރެންނަށް މަޢާފު ކުރާށެވެ ! އަޝްހަރު ރުޅިއައިސް ހުރީމަ އަހަރެން ބިރުގަތީއެވެ. ހަދާނެގޮތް ބޮޑުވީއެވެ. " ޚައިރާދު ބުންޏެވެ.

އަދިވެސް ތިހުރީ ބިރުންހޭ އަހައި އަޝްހަރު ، ޚައިރާދުގެ ދެއަތުގައި ހިފައިލިއެވެ. ޚައިރާދު އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް ، ފުންވިސްނުމެއްގެ ތެރެޔަށް ގެއްލި ، ހިނިތުންވެފައި އަޝްހަރު އިނެވެ. ޚައިރާދުގެ ބިރުގެންފައިވާ ލޮލަށް ބަލަހައްޓައިގެން އިނދެ އަޝްހަރު ބުންޏެވެ.

" ޚައިރާދު ތިއީ ، ވަރަށް ހެޔޮލަފާ އަންހެން ކުއްޖެކެވެ. އަހަރެންގެ މުޅި ޢުމުރުގައިވެސް ، ތިހާ ޚުލްޤު ރަނގަޅު ، ހެޔޮލަފާ އަންހެންކުއްޖަކު ނުދެކެމެވެ. އަބަދުވެސް ތިގޮތުގައި ހުންނާށެވެ ! ތެދުވެރިކަން އެއްވެސް ޙާލެއްގައި ޚައިރާދާ ވަކިވެގެންދިޔަ ނުދޭށެވެ ! އެއީ ޚައިރާދުގެ ޠަބީޢަތުގައިވާ އަގުހުރި ، މާތް ސިފައެކެވެ. " އަޝްހަރު އޭނާގެ ވާހަކަ ނިންމައިލިއެވެ.

އަޝްހަރުގެ ވާހަކަތަކުން ، ޚައިރާދު ލަދުގަތެވެ. ޚައިރާދުގެ ދެތުންފަތަށް ރަކި ހިނިތުންވުމެއް ވެރިވިއެވެ. މަޑުމަޑުން ތެދުވެގެން ، ކޮޓަރިޔާ ދިމާއަށް ހިނގައިގަތް އިރުވެސް ، އަޝްހަރު އޭނާގެ އަތުން ދޫކޮށެއް ނުލައެވެ. ދެމީހުން ކޮޓަރިޔަށް ގޮސްވަނީ އެކީގައެވެ.

ހެނދުނު ހޭލައިގެން ، އަޝްހަރުގެ އާދައިގެމަތިން ، ގަސްތަކާ ކުޅެ ، ގަހަށް ފެންދީ ، ފަތްތައް ރީތިކޮށްލުމަށް ބަގީޗާތެރޭ ގަސްމުށިތަކެއްކައިރީގައި އިނެވެ. ފަރި ހިނގުމެއްގައި ޚައިރާދު އައިސް ، އަޝްހަރަށް ޖޫސްތަށްޓެއް ދިއްކޮށްލިއެވެ. ޖޫސްތަށީގައި ހިފައި އެތާ ވިނަގަނޑުމަތީ ، އަޝްހަރު ހަމަޖެހިލިއެވެ. ޚައިރާދު ޖޫސްތަށި ހިފައިގެން އައީތީ އަޝްހަރު ވަރަށް އުފާކުރިއެވެ. ޚައިރާދު ޖޫސްތަށި ނުގެނެސްދިނަސް ، އޭނާ އަމިއްލަޔަށް ގޮސްވެސް ޖޫސް ތަށްޓެއް ބޯލެވިދާނެއެވެ. އެކަމަކު ޚައިރާދުގެ އެ ޢަމަލުން ، އަޝްހަރުގެ ހިތް އުފާވީތަންފެނުމުން ، އެހާ ކުޑަކަމަކުން ، މާބޮޑަށް ޖަޒުބާތީ ވާކަށްނުވާނޭ ބުނެ ޚައިރާދު ސަމާސާ ކޮށްލިއެވެ.

އިންސާނާގެ ހަށިގަނޑުގެ ތެރޭގައި ދައުރުވާ އިޙްސާސްތަކާ ގުޅިފައި އެތައްކަމެއް ހުންނަކަމުގައި އަޝްހަރު ބުންޏެވެ.  އިންސާނާއާ އަޅައިލާ ހެޔޮކޮށްހިތާތަން ފެނުނީމަ އެއިޙްސާސްތައް އުފަލަށް ބަދަލުވާނެއެވެ. އަޝްހަރު ، ފަތިހު ތެދުވެ ފާޚާނާއިން ނުކުތްއިރު ، އޭނާގެ ހެދުންތައްހުރީ ނަގައިދީފައެވެ. ނަމާދުކޮށް ނިމުނުތަނާ ، ހޫނު ސައިތަށްޓެއް ގެނެސްދިނެވެ. އެއީ ޚައިރާދު ، އޭނާއާ އަޅައިލާކަމުގެ ހެއްކެއްކަމަށާއި އެކަމާ ވަރަށް އުފާވިކަމުގައި އަޝްހަރު ބުންޏެވެ. އަދި ހުރިހާ އަނބިންވެސް އެމީހުންގެ ފިރިންނަށް އެވަރަށް ލޯބިން އަޅާލައި ، ޚިދުމަތް ކޮށްދޭނެނަމަ ކިހާ ރަނގަޅު ހެއްޔޭ ބުންޏެވެ.

" އެއީ އެހާ ޚާއްޞަކަމެއްނޫނެވެ. އެހުންނަނީ ކޮންމެ އަނތްބަކުވެސް ، އެމީހުންގެ ފިރިންނަށް އަދާކޮށްދޭންޖެހޭނެ ޚިދުމަތެވެ. " ޚައިރާދު ބުންޏެވެ.

އަޝްހަރަށް އެވާހަކަ ޤަބޫލެއް ނުކުރެވުނެވެ. އެއީ ހުރިހާ އަންހެނުން އެމީހުންގެ ފިރިންނަށް އަދާކޮށްދޭނެ ޚިދުމަތެއްނޫންކަމުގައި އަޝްހަރު ބުންޏެވެ. އެމީހުންގެ ހަށިގަނޑުގައި ، ޚައިރާދުގެ އޮންނަ ކަހަލަ އިޚްލާޞްތެރި ހިތެއް ނުއޮންނާނެކަމުގައި ބުންޏެވެ. އަޝްހަރުގެ ތަޢުރީފްގެ ބަސްތަކުން ޚައިރާދު އިނީ ލަދުގަނެ މަޑުމޮޅިވެފައެވެ. އަޝްހަރު ޤަބޫލުކުރާގޮތުގައި އޭނާއަކީ ވަރަށް ނަސީބުގަދަ މީހެކެވެ. އަޝްހަރަށް ޚައިރާދު އެލިބުނީ ، އޭނާއަށް ކުރެވިފައިވާ ރަނގަޅު ކަންތައްތަކެއްގެ ބަދަލުގައެވެ. ﷲ ގެ ހެޔޮ ރަޙުމަތްފުޅެއްގެ ގޮތުގައެވެ. ހެޔޮއެދޭ އިޚުލާޞްތެރި ހިތަކުން އޭނާގެ މައްޗށް ކުރެވުނު ދުޢާއެއްގެ ރަޙުމަތެކެވެ.

އެދުވަހަކީ ، ސާރާގެ އުފަން ދުވަހެވެ. އަޝްހަރާއި ޚައިރާދު ، ނަލަހެދިގެން ސާރާގެ އުފަންދުވަހުގެ ޕާޓީއަށް ދިޔައެވެ. ޕާޓީގެ ތެރޭގައި ސާރާގެ ނަޒަރު ހުއްޓިފައި އޮތީ އަޝްހަރުގެ މައްޗަށެވެ. އަޝްހަރު އެތަނަށް އައުން އެއީ އުފަންދުވަހުގެ އެންމެ އަގުބޮޑު ހަދިޔާކަމުގައި ސާރާ ބުންޏެވެ.

ސާރާ އޭނާގެ ރަޙުމަތްތެރިންނަށް ޚައިރާދު ތަޢާރުފް ކޮށްދިނީ ، ފަޤީރު އަވަށްގަނޑަކުން ، ތަހުޒީބީ މުޖުތަމަޢަކަށް އައުމުގެ ނަސީބު ލިބުނު ރަށްފުށުގެ އަންހެން ކުއްޖެއްގެ ގޮތުގައެވެ. އަދި ވާނުވާއެއް ނޭނގޭ ޙާލެއްގައި ، ފިލްމުތަކުން ފެންނަގޮތަށް އަޝްހަރާ ކައިވެނި ކުރެވި ، އަރިހުރަހަށް ނަސީބު އައިސް ލައްވައިލި ،  އަންހެންކުއްޖެއްގެ ގޮތުގައެވެ. އަޝްހަރުގެ ބައްޕަ މަޖުބޫރުކޮށްގެން ، ޚައިރާދާއި އަޝްހަރުގެ ކައިވެނި ކުރެވުނީކަމުގައިވެސް ސާރާ ބުންޏެވެ. ސާރާގެ ވާހަކަތަކުން ، ޚައިރާދަށް ލިބުނު ލަދުވެތިކަމާއި އޭނާގެ ތަޢާރުފުން ޚައިރާދުގެ ނިކަމެތިކަން ހާމަކޮށްދިންބަސްތަކަށް ޚައިރާދުހުރީ އިސް އުފުލައިލަން ނުކެރިފައެވެ. ސާރާގެ ރައްޓެހިންގެ ފަރާތުންވެސް ، ޚައިރާދާ ކުރިމަތިވީ ލަދުގަންނަފަދަ ސުއާލުތަކެވެ. މައިންބަފައިން ނިޔާވެ ، އެކަނިވެ ޔަތީމުވެފައިވާ އަންހެނެއްގެ ގޮތުގައި އެމީހުން ޚައިރާދު ސިފަކުރަމުން ގެންދިޔައެވެ.

އެމީހުންގެ ވާހަކަތަކުން ޚައިރާދު ލަދުގަންނުވަމުންދިޔައިރު ، ޚައިރާދާ ދިމާއަށް ބަލަހައްޓައިގެން ހިނިތުންވެފައި ،  އަޝްހަރު ދުރުގައި ހުއްޓެވެ. އެތަނުގައި އެވާ ކަމެއްގެ ހިލަމެއް އަޝްހަރަކަށް ނުވެއެވެ. ޚައިރާދަށްވެސް އިރުއިރުކޮޅުން އަޝްހަރާ ދިމާއަށް ބަލައިލެވެއެވެ. އޭނާގާތަށް އަޝްހަރު އަންނަން ބޭނުންވެފައިހުރި ގޮތަކަށެވެ. ޕާޓީ ނިމިގެން ގެޔަށްދިޔަ މަގުމަތީ ، ޚައިރާދު ހަމަހިމޭންކަންމަތީ އިންތަން ފެނި ކޮފީއެއްބޯލަން ބޭނުންތޯ އަޝްހަރު ސުއާލު ކުރިއެވެ. ސާރާގެ ޢަމަލުތަކުންނާއި ވާހަކަތަކުން ، ޚައިރާދަށް ކޮށްފައިވާ އަސަރު ފޮރުވަން މަސައްކަތް ކުރިއެވެ. އަދި ، ތަންކޮޅެއް އަވަހަށް ނިދާލަން ބޭނުންކަމުގައި ޚައިރާދު ބުންޏެވެ. ސާރާގެ ޢަމަލުތައް ކޮންމެވެސް ވަރަކަށް އަޝްހަރަށްވެސް ފާހަގަ ކުރެވުނެވެ. ޚައިރާދަށް ޚާއްޞަ ސަމާލުކަމެއްދީގެން އުޅުނުކަން އެނގުނެވެ. އަޝްހަރު ޤަބޫލުކުރިގޮތުގައި އެދެމީހުންގެ މެދުގައި އެއޮތީ ވަރަށް ގާތްގުޅުމެކެވެ. ފަހަރެއްގައިވެސް ސާރާގެ ހިތް އޮތްގޮތަކާއި ، ޚައިރާދާމެދު ޢަމަލުކުރިގޮތް ގޯސްގޮތަކަށް އަޝްހަރަކަށް ނުނެގުނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.