ކިރުއިލޮށި - 11

(2 މާރިޗު 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެނދު ދައްކައިލުމަށްފަހު ، އިށީންނާށޭ ބުނެ ، އަޝްހަރު ، ޚައިރާދަށް މަގުދެއްކިއެވެ. މަޑުމަޑުން ހިނގާލާފައި އައިސް ، އެ އެނދުގެ ކޮޅުގައި ޚައިރާދު ޖައްސައިލިއެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގިފައި އަޝްހަރަށް ހުރެވުނީ ދުރުގައި ކޮޅަށެވެ. އެވަގުތު އެދެމީހުންގެ ހިތުގައިވެސް އުފެދި ހާސްކުރުވަމުން އެދަނީ އެއް އުދާހެކެވެ. ކައިވެންޏަށްފަހު އެކަހެރިކޮށް ދެމީހުންނަށް ބައްދަލު ވެވުނު މިއީ ފުރަތަމަ ފަހަރެވެ. އެކެއްގެވެސް އެއްވެސް ވާހަކައެއް ބުނަން އަނގަހުޅުވައެއް ނުލެވުނެވެ. ހުރިހާ އެއްޗެއްވެސް ހުރީ ހިތުގެ އެންމެ އަޑީގައި ފޮރުވިފައެވެ. ތަނަށް ވެރިވެފައި އޮތް ހަމަހިމޭންކަން ކަނޑުވައިލީ އަޝްހަރެވެ.

" ޚައިރާދުއެވެ ! އަހަރެމެންގެ ކައިވެނިކުރެވުނީ ޢަޖައިބެއްފަދަ ގޮތަކަށްކަން އަހަރެންނަށް އެނގެއެވެ. ދެމީހުންކުރެ އެކަކަށްވެސް ، އަނެކަކު ނޭނގޭ ޙާލުގައެވެ. އަހަރެމެންނަކީ ގާތްތިމާގެ ދެމީހުންނަށްކަމަށްވިޔަސް ، ޚައިރާދުގެ ނަން އެނގުން ފިޔަވައި އަހަރެންނަށް ޚައިރާދާ ބެހޭގޮތުން އެއްވެސް އެއްޗެއް ނޭނގެއެވެ. ހަމަ އެގޮތަށް ، ޚައިރާދަށްވެސް އަހަރެންނާބެހޭގޮތުން އެއްވެސް އެއްޗެއް ނޭނގޭނެކަން އެނގެއެވެ. މި ގުޅުން ޤާއިމްކޮށް ދެމެހެއްޓުމަށްޓަކައި ، އަހަރެން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެމެމެވެ. އެކަމަކު ، ޢާންމު ޙާލަތަކަށް އަންނަން އަހަރެމެން ދެމީހުންނަށްވެސް އެކަށީގެންވާ ވަގުތު ބޭނުންވާނެއެވެ. އަދި މި ގުޅުން ހިތުގެއަޑިން ޤަބޫލުކުރުމަށްވެސް ވަގުތު ނަގާނެއެވެ. " އަޝްހަރު ، އޭނާގެ ވާހަކަ ނިންމައިލިއެވެ.

އަޝްހަރު އެހާ ދިގުކޮށް ، އެހުރިހާ ވާހަކައެއް ދެއްކި އިރުވެސް ، ހަމަހިމޭންކަންމަތީ ޚައިރާދު އިނެވެ. ޚައިރާދާ ދިމާއަށް ބަލަހައްޓައިގެން އެތައް އިރަކު ހުރުމަށްފަހު ، އަޝްހަރު ، ސައިޑް ޓޭބަލްގެ ވަތްގަނޑު ހުޅުވާލައިފާ ، މަންމަދިން ތަނޑުގަނޑު ނެގިއެވެ. އަދި މަޑުމަޑުން އައިސް ، އެނދުގައި ޚައިރާދު ގާތުގައި އިށީނދެލިއެވެ. އެތައްއިރަކު ވިސްނަން އެދިފައި ،  މަޑުމަޑުން ޚައިރާދުގެ ކަނާތުގައި ހިފައި ގާތަށް ގެނެސް ، އެ ދެތަނޑުގަނޑު ޚައިރާދުގެ މުށުތެރެޔަށް ލިއެވެ. އަދި އެއީ ޚައިރާދަށް މަންމަދިން އެއްޗެއްކަމުގައި ބުންޏެވެ. ޚައިރާދު ޖަވާބެއްވެސް ނުދެއެވެ. ބުނާނެ އެއްޗެއް ނޭނގި މަޑުމަޑުން އެނދުގައި އިނެވެ. އަޝްހަރުވެސް އިތުރު ވާހަކައެއް ނުދައްކައި ނިދަން ތައްޔާރުވިއެވެ.

***************************

ފަތިހު ތެދުވެ ، ޚައިރާދުގެ އާދައިގެމަތިން ނަމާދުކޮށް ކިޔަވާލައިގެން އެނދުގެ ފައިލާކޮޅުގައި ޖައްސާލައިގެން އިނެވެ. އަޝްހަރު ގެނެސްދިން ތަނޑުގަނޑު އޭނާގެ އަތުގައި އަޅާފައި އޮތެވެ. އަޝްހަރު އުޅެނީ ފާޚާނާގައެވެ. އެވަގުތު ، ޚައިރާދުގެ ހިތަށް އެތައް އެއްޗެއް އަރައި ފައިބަމުންދިޔައެވެ. އެމީހުންގެ ކައިވެންޏާ ގުޅިގެން އަޝްހަރުގެ ފަރާތުން އިވިފައިވާ ބަސްތައް އޭނާގެ ކަންފަތުގައި ތަކުރާރުކޮށް ގުގުމަމުން ދިޔައެވެ.

" ޚައިރާދުއެވެ ! އަހަރެމެންގެ ކައިވެނިކުރެވުނީ ޢަޖައިބެއްފަދަ ގޮތަކަށްކަން އަހަރެންނަށް އެނގެއެވެ. މި ގުޅުން ޤާއިމްކޮށް ދެމެހެއްޓުމަށްޓަކައި ، އަހަރެން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެމެމެވެ. " މިއީ އޭގެތެރެއިން އެއްއަޑެވެ. އެއީ ޚައިރާދުގެ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ގެނެސްދިން ވަޢުދެކެވެ. އެހެންނަމަވެސް ދެން އިވުނީ އެހާ ހިތަށް ފަސޭހަ އަޑެއްނޫނެވެ.

" އަހަރެންގެ ކަންބޮޑުވުމަކީ ، އަހަރެންގެ ވިސްނުމާއި ފިކުރު އޭނާއާ ތަފާތު ވުމެވެ. އެއީ އަހަރެންނާ އެއްފެންވަރެއްގެ ކުއްޖެއްނޫނެވެ. އަހަރެންނާއެކު ފައިހަމަކޮށްލައިގެން ދިރިއުޅުމެއްގައި ކުރިޔަށް ދެވޭވަރަށްވުރެ އޭނާގެ ވިސްނުމާއި ފިކުރު ކޮށިވާނެއެވެ. ބޯދާޚިޔާލުގެ ވިސްނުމުގައި ގަމާރުކަންވެސް ހުންނާނެއެވެ. އަހަރެންނަކަށް އޭނާގެ ޚަޞީލަތެއްވެސް ނޭނގެއެވެ. " މިއީވެސް އޭގެތެރެއިން އެއްއަޑެވެ.

ދެތިންފަހަރު ޓަކިޖަހައިލުމަށްފަހު ، ދޮރުހުޅުވާލައިފާ ފަރީދާ ކޮޓަރިއަށް ވަނެވެ. ފަރީދާ ވަނުމާއެކު ، ސަލާމްކޮށްލައި ޚައިރާދު ކޮޅަށް ތެދުވިއެވެ. ފަރީދާ އައިސް ޚައިރާދުގާތު އެނދުގައި އިށީނދެލިއެވެ. އަދި އޭނާއަތުގައި އޮތް ގަހަނާފޮށްޓެއް ޚައިރާދަށް ދިއްކޮށްލިއެވެ.

" މިއީ ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި އަހަރެން ޚައިރާދަށް ދޭ އެއްޗެކެވެ. ހުޅުވާފައި ބަލައިލަ ބަލާށެވެ ! ފަހަރެއްގައި ކަމުހިނގައިދާނެއެވެ. " ޚައިރާދު ، އެހަދިޔާ ބަލައިގަނެ ފަރީދާއަށް ޝުކުރު އަދާކުރިއެވެ.

" ޚައިރާދެވެ ! ތިއީ މިހާރު އަހަރެންގެ އަޝްހަރުގެ އަނބިމީހާއެވެ. މިގެޔަކީ ޚައިރާދުގެވެސް ގެޔެވެ. މިއަދުންފެށިގެން ، ބަޝީރަތާއި އަހަރެންނަކީ ، ޚައިރާދުގެ ބޮޑުބޭބެއާއި ފަހަރިދައްތައެއްނޫނެވެ. އަހަރެމެންނަކީ ، ޚައިރާދުގެ ބައްޕައާއި މަންމައެވެ. ޚައިރާދުގެ މަންމަމަތިން އަދިވެސް ހަނދާންވާނެކަން އެނގެއެވެ. މިއަދުންފެށިގެން އަހަރެންނަކީ ޚައިރާދުގެ މަންމަކަމަށް ބަލާށެވެ ! އަހަރެން ޚައިރާދުގެ ޙާލުއަޙުވާލު ބަލާނަމެވެ. " ފަރީދާގެ އޯގާތެރި ބަސްތަކުން ޚައިރާދުގެ މޫނުމައްޗަށް ފުރަތަމަ ފަހަރަށް މާނަވީ ހިނިތުންވުމެއް ވެރިވިއެވެ. އަދި ، އެކަން ޤަބޫލުކުރުމުގެ ގޮތުން އާނއެކޭ ބުނުމަށް ބޯތަޅުވައިލިއެވެ.

ފަރީދާ އެއައީ ވަރަށްމީރުކޮށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްފައި ކަމުގައި ބުންޏެވެ. އެއީ ، ކައިވެންޏެއް ކޮށްގެންއުޅޭ ގެޔެއްކަން އެންމެންނަށްވެސް އިޙުސާސްކޮށްދިނުމަށްޓަކައެވެ. އަޝްހަރު ފެންވަރައިގެން ނުކުތުމުން ، އަޝްހަރު ގޮވައިގެން ކާގެޔަށް އަންނާށޭ ބުނެ ފަރީދާ ނުކުތެވެ. ޚައިރާދު އިނީ ފުރަތަމަ ފަހަރަށް އޭނާގެ މޫނުމައްޗަށް ވެރިވި ހިނިތުންވުންމަތީގައެވެ. އެހިނިތުންވުން ނެތިގެންދާކަށް އޭނާ ބޭނުމެއްނުވިއެވެ. އެއީ އޭނާއަށް ހޯދަން އުނދަގޫ އެއްޗެއްކަން ޚައިރާދަށް އިޙުސާސް ކުރެވެއެވެ.

***************************

ޚައިރާދު އިނީ ސިޓިންރޫމުގައި މަޖައްލާއެއް ކިޔަން ޖައްސާލައިގެންނެވެ. ރޭގަނޑުގެ ލަސްގަޑިއެކެވެ. އަޝްހަރު ބަދަންތަށްޓެއް ހިފައިގެން އައިސް ޚައިރާދުއިން ސޯފާގައި ޖައްސާލައި ، ޓީވީ ހުޅުވައިލިއެވެ. އަދި ބަދަންތަށި ޚައިރާދަށް ދިއްކޮށްލިއެވެ. އެހެންނަމަވެސް ޚައިރާދު އެކަމަކާ އަޅައެއް ނުލިއެވެ. އަނގަޔަކުންވެސް ނުބުނެއެވެ. ޓީވީ ހުޅުވާފަހުރީމަ ، އުނދަގޫ ވޭތޯ އަޝްހަރު ސުއާލުކުރިއެވެ. އުނދަގޫ ނުވާކަން ބުނެދޭން ޚައިރާދުގެ ބޯ ހޫރައިލިއެވެ. އިރުކޮޅަކު ޓީވީ ބެލުމަށްފަހު ، ނިދިއައިއްސިއްޔާ ނިދަންދާންވީނޫންހޭ ބުނެ ، ޚައިރާދުގެ އަނގަހުޅުވޭތޯ އަޝްހަރު މަސައްކަތްކުރިއެވެ. ޚައިރާދުބުނީ އޭނާގާތަށް ނިދިނާންނަ ކަމަށެވެ. ނިދިނާންނަކަމަށްވަންޏާ ، ދެމީހުން ކޮފީއެއްބޮމާހޭ އަޝްހަރު ބުންޏެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ، ޚައިރާދު ، ކޮފީއަށް އާނއެކޭ ބުންޏެވެ. އެހެންނަމަވެސް ، އެކަމަކާ ޚައިރާދެއް ނޫޅެއެވެ. މަޑުމަޑުން އިށީނދެ ފޮތްކިޔަން އިނެވެ. އިރުކޮޅަކުން އަޝްހަރުވެސް ، އާނއެކޭ ބުންޏެވެ. އަދި ، ބަދިގޭގައި ކޮފީ ހުންނާނެކަމަށާއި ދެތަށި ކޮފީ ހަދައިގެން ގެންނާށޭ ޚައިރާދުގާތު ބުންޏެވެ.

ޚައިރާދު ތެދުވެގެން ކޮފީހަދަން ބަދިގެފަރާތަށް ދިޔައެވެ. ކޮފީ ހަދައިގެން އައިސް އަޝްހަރަށް ދިއްކޮށްލުމުން އޭގައި ލާނެ ރަހައެއް ނޭނގޭތީ އަދި އަޝްހަރު ކޮފީބޯގޮތް ނޭނގިހުރެ ޚައިރާދު ކޮފީހެދީމަ ، ބަހައްޓަންޖެހޭނެކަމަށް ބަލާފަ ، ދެފިކުރުގައިހުރެ ބޯލިއެވެ. ކޮފީ ވަރަށް މީރެވެ. ހުރީ ހަކުރު ނާޅައެވެ. އަޝްހަރު ކޮފީ ބޮނީ ހަކުރު ނާޅާކަމެއް ޚައިރާދަކަށް ނޭނގޭނެއެވެ. އެކަމަކުވެސް  އެކަމަށް ޚައިރާދަށް ޝުކުރު އަދާކުރިއެވެ. ކޮފީ ވަރަށް މީރުކަމަށް ބުނަމުންނެވެ.

އަޝްހަރުގެ ފުރަތަމަ ތެސްޓުން ޚާއިރާދު ފާސްވީއެވެ. އެވެސް ކުރިން އެއްވެސް ފިލާވަޅެއް ނަގައިދިނުމެއް ނެތިއެވެ. ޚައިރާދު ، ކޮފީތަށްޓަށް ހަކުރު ނުއެޅީ ، އެކަން އެނގިގެންނެއް ނޫނެވެ. ދަސްކުރަން ވެގެންނެވެ. ޢާންމުކޮށް މިޒަމާނުގެ ކިޔަވައިގެންތިބޭ މީހުން ، ޞިއްޙަތަށް ބަލާނެއެވެ. އަޝްހަރަކީ ޤަވާޢިދުކޮށް ޖޮގިންގއަށްގޮސް ކަސްރަތުކުރާ މީހެކެވެ. އެ މަންޒަރު ޚައިރާދަށް އޮތީ ދެފަހަރަކު ފެނިފައެވެ. ކޮފީއަށް ހަކުރުނޭޅީ އަޖުމަ ބަލައިލުމަށްޓަކައެވެ.

ދެމީހުންގެ ކޮފީތަށިވެސް ހުސްވިއެވެ. ރޭގަނޑު ވަރަށް ލަސްވެސް ވެއްޖެއެވެ. ނިދަން ދަމާހޭ ކިޔާފަ ދެމީހުންނަށްވެސް ގޮނޑިން ތެދުވެވުނީ އެއްފަހަރާއެވެ. ތެދުވެ ހިނގައިގަތުމުގައި ދެމީހުން ތަތްނުވީ ހަމަކިރިޔާއެވެ. އަޝްހަރު ހިނގައިގަތީ ވައަތް ފަރާތަށެވެ. ޚައިރާދު ހިނގައިގަތީ ، އަޝްހަރާ ދުރަށް ދިއުމުގެ ނިޔަތުގައި އޭނާގެ ކަނާތް ފަރާތަށެވެ. ޚައިރާދަށް ހުއްޓުންއެރިވަގުތު އަރިއަޅައިލިއެވެ. ނަމަވެސް ، އަޝްހަރު ، ޚައިރާދުގެ ކޮނޑުގައި ހިފައި ތެދުކޮށްލަދިނެވެ. އަދި ދެމީހުން އެކުގައިގޮސް ކޮޓަރިޔަށް ވަނެވެ.

ރޭގަނޑު އަށެއްޖެހީއެވެ. ހެނދުނު އައިގޮތަށް އަޝްހަރު އަދިވެސް އިނީ މަސައްކަތުގައި އޮފީހުގައެވެ. އިރުކޮޅަކުން ގެޔަށްދާން ކަމަށެވެ. އޮފީހުގައި ރޭގަނޑު އެހައިލަސްވަންދެން އިނީމަ ، އޮފީހުގެ އެހެންމީހުން އެކަން ފާހަގަކުރާނެކަން އަޝްހަރަށް އެނގެއެވެ. އޭނާގެ ކައިވެނިކުރެވުނީ ދާދި މިދާކަށް ދުވަހުއެވެ. އަޝްހަރުގެ އަންހެނުން އޭނާގެ އިންތިޒާރުގައި ގޭގައި އިންނާނެކަމުގައި އެމީހުން ވިސްނާނެއެވެ. އެއީ އަޝްހަރުގެ ތަޞައްވުރަށް އެހާ ރަނގަޅުކަމަކަށް ނުވާނެއެވެ. އެކަމަކުވެސް ، ގެޔަށްދާން އަދި އަޝްހަރުގެ ހިތްނޭދޭތީ މަޑުކޮށްލައިގެން އިނދެވުނީއެވެ.

ފޯނުވާޏްފެށީމަ އަޝްހަރު ފޯނަށް ބަލައިލިއެވެ. އެއީ ސާރާގެ ފޯނެކެވެ. އަޝްހަރު އޮފީހުގައި އިންވާހަކަ ސާރާގާތު ބުންޏެވެ. ސާރާ މާގިނަވާހަކައެއް ނުދައްކައެވެ. ޚާއްޞަކަމެއް ކުރަން ނެތިއްޔާ ހަމަވަގުތުން ތިރިޔަށް ފައިބާށޭ ބުންޏެވެ. އަދި ރަނގަޅުތާކަށްގޮސް ރޭގަނޑު ކާލަންވެގެންނޭވެސް ބުންޏެވެ. އަޝްހަރު އެކަމާ ދެކޮޅު ހެދިއެވެ. މިހާރު މާ ލަސްވެއްޖެކަމަށާއި އޭނާ އޮފީހުންދާނީ ގެޔަށްކަމުގައި ބުންޏެވެ. އަދި އެހާ ލަސްނުވާ ކަމަށާއި ހަމަމިހާރު ތިރިޔަށް ފައިބަން ސާރާ ބުންޏެވެ. ސާރާ ބުނި އެއްޗެއް ބުނެފައި ފޯނު ކަނޑައިލިއެވެ. އަޝްހަރަށް އިތުރު ބަހަނާއެއް ދައްކަން ފުރުޞަތެއް ނުދިނެވެ. އެހެންކަމުން ، ސާރާ އެބުނިގޮތަކަށް ހަދަން އަޝްހަރަށް މަޖުބޫރު ވިއެވެ.

ކާމޭޒުދޮށުގައި އެއްވެސް ޚިޔާލެއްނެތި ، ތަށީގައި އޫ ކާއްތާލަ ކާއްތާލަ ، ޚައިރާދު އިނެވެ. ބަޝީރަތާއި ފަރީދާވެސް ތިއްބެވެ. އެރޭވެސް އަޝްހަރު އޮފީހުން އައުން އެއޮތީ ލަސްވެފައެވެ. އޭނާ ވަރަށްބުރަކޮށް އުޅޭކަމަށާއި ގެޔަށް އާދެވޭނީ ލަހުންކަމަށް ފަރީދާގާތު އޮތީ ބުނެފައެވެ. އަޝްހަރު ، ކޮންމެ ރެޔަކުވެސް ގެޔަށް އަންނަނީ އެހާލަހުންނެވެ. ގެއިން ރޭގަނޑު ނުކާތާ މިހާރު ކިތަންމެ ދުވަހެކެވެ. އެއީކީ ޢާންމު ކަމެއްނޫނެވެ. ކައިވެންޏަށްފަހު އަޝްހަރުގެ މިޒާޖާއި އުޅުމަށް އައި ބަދަލުން ބަޔެކެވެ. ބަޝީރަތަށް އެއީ ވަރަށްބޮޑު ކަމަކަށް އޮތީ ވެފައެވެ. އަދި އެކަމާބެހޭގޮތުން އެއްޗެއްބުނަން އަވަސްކަމަށް ފެންނާތީ އަޅައިނުލާ ހުންނަނީއެވެ. ޚައިރާދު ގާތުގައި ލަހުން އަންނާނެ ވާހަކަ އަޝްހަރު ބުނިތޯ ބަޝީރަތު އެހިއެވެ. ޚައިރާދު ބުނީ ނުބުނާ ކަމުގައެވެ.

ޚައިރާދު ކާންއިންގޮތުން ، ތަށީގައި އޫ ކާއްތާލަ ކާއްތާލަ އިނީމަ ، ފަރީދާއަށް އުނދަގޫވިއެވެ. މެހެމާނެއްގެ ގޮތުގައި ކާން ނޫޅެ ، ހަމަޖެހިލައިގެން ރަނގަޅަށް ކާލާށޭ ފަރީދާ ބުންޏެވެ. އަދި ފިހެފައިހުރި ކުކުޅު ތަށްޓެއް ޚައިރާދަށް ދިއްކޮށްލިއެވެ.

އަޝްހަރާއި ސާރާ ރެސްޓޯރެންޓަކަށްގޮސް ކާންތިއްބެވެ. އަޝްހަރު އެހާ ލަސްވަންދެން އޮފީހުގައި އުޅެނީ ކީއްވެތޯ ސާރާ ސުއާލުކުރިއެވެ. އަޝްހަރުގެ ޖަވާބަކަށްވީ ، ގެޔަށްދާހިތް ނުވާތީ އޮފީހުގައި މަޑުކުރަނީ ކަމުގައެވެ. އަޝްހަރުގެ އެ ޖަވާބުން ސާރާގެ ހިތުގައި ސުއާލުތަކެއް އުފެދިގެން ދިޔައެވެ. އަދި ، އަޝްހަރު އެދައްކަނީ ސީރިއަސް ވާހަކައެއްތޯ ސުއާލުކުރިއެވެ. މައްސަލަޔަކީ ކޮބައިތޯ އެހިއެވެ. ސާރާގެ އެސުއާލުތައް ދެފަހަރަށް ތަކުރާރު ކުރިއިރުވެސް އަޝްހަރު ޖަވާބެއް ނުދިނެވެ.

" ޚައިރާދު " ސާރާގެ ދުލުން މިބަސް ނުކުތެވެ. ނޭހިޔަވެސް އެކަން އެނގޭނެ ނޫންހޭ އަޝްހަރު ބުންޏެވެ. ޚައިރާދުގެ މައްސަލަޔަކީ ކޮބައިތޯ ސާރާ ސުއާލުކުރިއެވެ. އަނެއްކާ ، ޚައިރާދުވެސް ކައިވެންޏަށް ހިތްހަމަ ނުޖެހެނީތޯ ސުއާލުކުރިއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.