ބްލޫ ރިބަން: ޕްރީޕެއިޑް

މީހުން މީހުންނަށްވާނީ މީހުންނަށް ހެދީމައެވެ. ވަރަށްބޮޑު ތެދެކެވެ. މީހުންނަށް ނުހަދަނިސް މީހުންނަކީ މީހުންނަށްވާނެ ބައެއްނޫނެވެ. ކިތަންމެ ވަރަކަށް ވިދިޔަސް ، ވިދާހާ އެއްޗަކީ ރަނަކަށްވެސް ނުވާނެއެވެ. އަގުބޮޑު ރަންގަނޑެއް ގޮނޑެއްގައި އޮތަސް ، އެ އެތިގަނޑު ނަގައިގެން އެއަށްކުރަންވީ ކަމެއް ނުކުރަނިސް އެ ރަންގަނޑުގެ އަގުބޮޑެއް ނުވާނެއެވެ. އޭގެ ޙަޤީޤީ ބޭނުމާއި މަންފާ ، ޙާޞިލެއް ނުކުރެވޭނެއެވެ. މާނަޔަކީ ، ގޮނޑެއްގައި އޮތަސް ، އެއީ ރަނަށް ނުހަދަނިސް ރަނަކަށް ނުވާނެ ކަމެވެ.

އިންސާނުންނަކީ ހާދަ ފާޑެއްގެ ބަޔެކެވެ. ދޮންބެއްޔާ ހިތަށް އެރިއެވެ. ކުޅިވަރުކުޅެ މަޖާކުރަންވެސް ކުދިން ގެންގުޅެފާނެއެވެ. ނުގޮތްގޮތަށް ދެތިން ފަޅުރަށް ދީގެންވެސް ، އެކުދިންގެ ބޭނުންކުރެވޭތޯ މަސައްކަތް ކޮށްފާނެއެވެ. ލިބުނު ދެރަށް އެއްކޮށް ވިއްކައިލާފައި އެކުދިންނަށް ލާރިގަނޑެއް ލިބޭނެތާއެވެ ! ނޫނީ އެއްރަށް ވިއްކައިލާފައި އަނެއްރަށް ހެދޭނެގޮތެއް އެކުދިންނަށް ހޯދިދާނެތާއެވެ ! އެއްފަހަރާ އެއްކުއްޖަކަށް ދެރަށް ދޭނީ ވަރަށް ބޮޑުވަރު ވެފައި އޮވެގެންނެވެ. ވަރަށް އަގުބޮޑުވެފައި އެހާ ބޭނުންތެރި ކުއްޖަކަށް ވެގެންނެވެ. އެއީ ކަރަޕްޝަނޭ ކިޔާމީހުން ކިތަންމެ ގިނަވިޔަސް އެކަމާ އަޅާނުލާނީ ސަލާމަތް ވެވެން ނެތީމައެވެ. ތިމާމެންގެ މުހުތާދުތައް ފުއްދުމަށް ، އެކުގައި ބޭރަށް ގެންގޮސް " ޚަރަދު " ކޮށް ، މަޖާކޮށްލުމަށް ފުރުޞަތު ހޯދަންވެސް ފަސޭހަވާނެއެވެ. ދުވަސްވެ ، ފިރިހެނުންގެ މޭމަތީޖަހާ ހުދުއިސްތަށި ނުދައްކަން ، މޭމަތި ބާލައި އޮމާންކޮށްގެންވެސް ، ބޭރަށް އެގެންދާ ކުދިންގެ ރުހުން ހޯދުމަށް މަސައްކަތް ކޮށްފާނެއެވެ. ކިތަންމެ ބަޔަކު ގެންގުޅޭ ކުއްޖަކަސް ވަރިހަމައެވެ.

ކޮންމެ އިންސާނެއްގެވެސް އަބުރާ ޢިއްޒަތެއް އޮންނާނެއެވެ. ފިރިހެނަކަށްވިޔަސް ، އަންހެނަކަށްވިޔަސް އެއީ އޮންނާނެ އެއްޗެކެވެ. އެހެނަސް ، އިންސާނާ އޭނާގެ ޢިއްޒަތުއްނަފްސުގެ އަގު ދުއްވައިލަނީ އަމިއްލަޔަށެވެ. ފިރިހެނުން ފިރިހެނުންގެ ގޮތުގައެވެ. އަންހެނުން އަންހެނުންގެ ގޮތުގައެވެ. ވިލާތު އިސްތަށްޓަށް ބޮލުއިސްތަށި ބަދަލުކޮށް އޮފްއަރާ ކުލަޖައްސައިގެންކަމަށްވިޔަސް ، ފިރިހެނުން އަޅައިގަންނާނެ ހުރިހާކަމެއް ، އެކުދިން ކުރާނެއެވެ. މީހުން އެއްވާ ތަންތަނަށްގޮސް ، ކޮޅުބަދަލުކޮށްލީކަމަށް ހަދާފައި ފުރުޞަތު ހޯދައިގެން އިސްޓޭޖްމައްޗަށްވެސް އަރާނެއެވެ. ރަނގަޅަށް ވިސްނާލައިފިނަމަ ، އެކުރެވެނީ ކީއްކަން ޚުދު އެކުދިންނަށްވެސް އެނގޭނެއެވެ. ޕްރީޕެއިޑް ގެ މަގުން ތިމާގެ ދިރިއުޅުން އާބާދުކުރިޔަސް ، އިންސާނެއްގައިވިއްޔާ ގޮތެއް ހުންނަންވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.