ބްލޫ ރިބަން: ފިނޭން ފުރިގޮތަށް

ފިނެޔަކީ ، ތިލަދުންމަތީ ދެކުނުބުރީގެ މާ ރަށެކެވެ. މީހުންކޮޅު މަދު އެހެނަސް ، ބޮޑު އަދި އަބަދުވެސް ތިޔާގި ރަށެކެވެ. މާރަށްރަށަކީ ، ފަލަމަޑީގެ ބާވަތްތައް ޢާންމުކޮށް ލިބޭ އަދި ހައްދާ ނުވަތަ ހެދޭ ރަށްރަށެވެ.  ފަލަމަޑީގެ ބާވަތްތަކަކީ ، ބިމަށް ގޮނޑިފައިބާ ތަކެއްޗާއި ގަހުގައިއަޅާ ބާވަތްތަކުގެ ތެރެއިން ، މައިގަނޑު ކެއުމެއްގެ ގޮތުން ، ފެނުކައްކައިގެން ކައިއުޅޭ ބާވަތްތަކެވެ.

ފިނެއިން ލިބެންހުންނަ ފަލަމަޑީގެ ބާވަތްތަކުގެ ތެރޭގައި ، ކުރުކުރު ކަށްޓަލައާއި ، މަތިވަށް ކަށްޓަލަ އަދި ކަށިކޭލާއި ބަނބުކޭލާ އަދި  ފަތްކޭލާއި ހިއްތަލަ ފަދަ ބާވަތްތައް ހިމެނެއެވެ. އަދި ކަނޑުލާއި ބިންބިއާއި ކުދިބަތް ، ބަރަބޮލާއި ކަރާ ، ފުފުލާއި ޗިޗަންޑާ ، ޒުވާރި އާއި ދޮނަޅައާއި ތޮޅިމިރުސް ، ރަންގު ކަށްޓަލައާއި ދަނޑިއަލުވި ، ފަލޮޅާއި ލުނބޯ ފަދަ ބާވަތްތަކަކީ ، ކުރިން ފިނެއިން ލިބެންހުންނަ ބާވަތްތަކެވެ. މިއީ ފަލަމަޑީގެ މައި ރަށަކުން އިހުޒަމާނުގައި ލިބެންހުންނާނެ ބާވަތްތަކެވެ. މިހާރު ، މިހުރިހާ ބާވަތެއް ، ރާއްޖޭގައި އެއްރަށަކުން ނުލިބޭނެއެވެ. ފިނެއިންވެސް މިހާރު ، މިހުރިހާ ބާވަތެއް ލިބޭކަށް ނުހުންނާނެއެވެ.

ބޮޑުތިލަދުންމައްޗަކީ ތިލަދުންމަތީގެ ދެއަތޮޅުކަމުގައިވާ ތިލަދުންމަތީ އުތުރުބުރި އާއި ދެކުނުބުރި (ހއ އާއި ހދ އަތޮޅު) އަދި މިލަދުންމަޑުލު އުތުރުބުރި (ށ އަތޮޅު) ހިމެނޭ ތިންއަތޮޅެވެ. ތިލަދުންމަތިން އެއްފަހަރާ 5 ރިޔާ ، ކަނޑުމަތިން ފެންނަވާހަކަޔަކީ މަޝްހޫރު ވާހަކައެކެވެ. އޭގެމާނަޔަކީ ، ކަނޑުގައި ދަތުރުކުރާ އެންމެ މަދުވެގެން 5 އުޅަނދު ދަތުރުކުރާތަން ނުފެންނަ އިރެއް ނުދާނެއެވެ. ފިނެއަކީ ، އިހުގައި ތިލަދުންމަތީގެ އުތުރުބުރީގެ ގިނަ ރަށްރަށުން މާލެއަށް ނުވަތަ އަތޮޅުން ދެކުނަށް ކުރާ ދަތުރުތަކުގައި ޢާންމުކޮށް ޖައްސާ ބަނދަރެކެވެ. ކަނޑުގަދަވެގެންނާއި ރޭވެގެން ދަތުރު ނުކުރަން ޖައްސާ ، މަޑުކޮށް އޮންނަ ބަނދަރެކެވެ. މީގެއިތުރަށް ، ތިލަދުންމަތީ އުތުރުބުރީގެ ރަށްރަށުން ، ދެކުނުބުރިޔަށް ކުރާ ދަތުރުތަކުގައިވެސް ، ރޭވާން ނުވަތަ ހިކިކަނޑުމަހަށް ފަލަމަޑީގެ ބާވަތްތައް ގަންނަން ފިނޭގައި ޖައްސާނެއެވެ. ރައްޓެހިންނާ ބައްދަލުކޮށްލަންވެސް ފިނެޔަށް ލަފާނެއެވެ.

" ފިނޭން ފުރިގޮތަށް " މާނަކުރަނީ ، ފިނެޔަކީ ދަތުރުވެރިން ގިނައިން ޖައްސައި ، އަރާފައިބާ ، ލަފާފުރާ ރަށަކަށްވެފައި ، ފިނޭން ކައިގެން ފިނޭން ފުރައިގެން ، އެހެން ރަށަކަށްގޮސް އުޅުމުގައި ބަނޑުހައިވުމުން ، ބުނާ މިސާލު ބަހެއްގެ ގޮތުގައެވެ. އެއީ ހައިބަނޑާ ހުރުމަށް ބުނެއުޅުނު މިސާލުބަހެއްނޫނެވެ. އަދި އެއީ ، އެބަހުގެ އަޞްލު މާނައެއްނޫނެވެ.

ފިނެޔަކީ ، ފަލަމަޑިއަށް ޚާއްޞަ މާރަށެކެވެ. ފިނޭގައިވެސް އިހުޒަމާނުގައި ، ފަތިސްނަމާދުކޮށްލައިގެން ، އަންހެނުންވެސް ހިމެނޭގޮތަށް ގިނަމީހުން ވަންނާނީ ކަނަމަދު އޮށާއި ކާއްޓާ އަދި ފަންހޮވަން ، އަދި ދަރުކަނޑަން ވަލަށެވެ. ތުނޑިހިނގަންވެސް އެކަންކުރާހިތްވާ ބަޔަކު ނުކުމެ ގޮނޑުދޮޑުގައި ރަށްވަށައި ހިނގާނެއެވެ. ރާވެރިން ރުއްއަރަން ވަންނާނެއެވެ. ވަދުއޮޑިފަހަރު ވަދާ ދާނެއެވެ. މަސްއޮޑިފަހަރު މަދުނަމަވެސް ހުރިއޮޑިއެއްވިއްޔާ ފަތިހާ އެންދަމަން ، މަހަށް ފުރާނެއެވެ. އެޒަމާނުގައި ، ބޯފެން ގެންނާނީ ، ޒިޔާރަތްމަގުގައި ހުންނަ ދެވަޅަކުންނެވެ. ކޮންމެވެސް ބަޔަކު ބަނޑިޔާ ހިފައިގެން ހެނދުނު ހެނދުނާވެސް އަދި ހަވީރުވެސް ފެންބަލައި ދާނެއެވެ. މިސަބަބުތަކަށްޓަކައި ، ޚާއްޞަކޮށް އަންހެންވެރިން އޮށް ހޮވަން ، ފަން ހޮވާށާއި ކާށިހޮވަން ވަލަށް ވަދެ ، އަދި ދަރަށްގޮސް ، ފެންބަލައިގޮސް ގެޔަށް އަންނާނީ ، ހެނދުނު ހެނދުނާ ފުރަން އުޅޭބަޔަކަށް ލަސްވާހާ އިރުންނެވެ. ހެނދުނުގެ ނާސްތާ ލިބުން ލަސްވެދާނެއެވެ. އެކަމަކު ، ލަސްވިޔަސް ހެނދުނުގެ ނާސްތާ ނުކޮށް ، ފިނެއިން ބަޔަކު ފުރިޔަކަ ނުދޭނެއެވެ.

ފިނޭމީހުންނަކީ ، ހިތް ހެޔޮބަޔެކެވެ. ތިލަދުންމަތީގެ ކޮންމެ ރަށެއްގައިވެސް ފިނޭމީހުންގެ ރައްޓެހިން ތިބޭނެއެވެ. އަދި ފިނޭގައިވެސް އެއިންކޮންމެ މީހެއްގެ ރައްޓެއްސަކު ހުންނާނެއެވެ. ޤުދްރަތީގޮތުންވެސް އެއީ އެކަން އޮންނާނެގޮތެވެ. ތިލަދުންމައްޗަކީ މަސްވެރި ރަށްރަށް ގިނަ އަތޮޅެކެވެ. ތިލަދުންމަތީގެ މަސްވެރި ރަށްރަށުން ހިކިމަސް ހިފައިގެން ފިނެޔަށް އަންނައިރު ފިނޭގައި އެއަންނަ ބަޔެއްގެ ރައްޓެހިން ތިބޭނެއެވެ. އެރަށްރަށުން މަސްފޮނުވާނެއެވެ. ހަދިޔާއަށް ގެންނަ މަހަށް ފަލަމަޑީގެ ބާވަތްތައް ފިނެއިން ހަދިޔާ ކުރާނެއެވެ. ގޮނަކަށް ގޮނެއް ދޭނެއެވެ. އަދި ގޮނެއް ނުލިބުނަސް ގޮނެއް ފޮނުވާނެއެވެ. އިހުޒަމާނުގައި މާލޫދުކިޔާއިރު ، ތިލަދުންމަތީ އުތުރުބުރީގެ ރަށްރަށާއި އަތޮޅުގެ މާދުރުގައި އޮންނަ ރަށްރަށަށް ފިނޭ މާލޫދަށް ކިޔާފައި އެބަހުއްޓެވެ. މިއީ ފިނޭގެ ރައްޔިތުންނާއި ބޮޑުތިލަދުންމަތީގެ ތިންއަތޮޅުގެ ރަށްރަށުގެ ރައްޔިތުންނާ އޮތް ބަދަހި ، ގާތް ގުޅުން ސާބިތުވާ ކަމެކެވެ.

އެހެންކަމުން ، " ފިނޭން ފުރިގޮތަށް " މިބަހަކީ ، ހުސްބަނޑާ ފިނެއިންފުރުން އެއްވެސް ގޮތަކުން މާނަކުރެވިދާނެ މިސާލުބަހެއްނޫނެވެ. އެއަށްވުރެ ފިނޭގެ އާދަކާދަ ހަރުދަނާ ވެފައި ، ފިނޭގެ ރައްޔިތުންގެ ހިތް ހެޔޮވާނެއެވެ. ފިނޭން ފުރިގޮތަށް ، މިބަހުގެ އަޞްލު މާނަޔަކީ ، ފިނޭން ކައިގެން ފުރުމަށްފަހު ، އެހެން ރަށަކަށްގޮސް އުޅުމުގައި ކާއެއްޗެއް ލިބުން ލަސްވެ ، ބަނޑުހައިވުމުން ބުނާ މިސާލީ ބަހެއްގެ މާނައެވެ. ހައިބަނޑާ ހުއްޓައި ، ފިނޭން ބީރައްޓެއްސަކު ފުރިޔަކަ ނުދޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.