ބްލޫ ރިބަން: ކާޅުކެޔަސް ސޮއް ނުގޮވާ!

މަތީގައިވާ ފޮޓޯގައި އެފެންނަ މަންޒަރަކީ ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ފަތުރުވެރިން މަޑުކޮށްލަން ހަދާފައިހުރި ތަނަކަށް އައިސް ، ފަތުރުވެރިންނާއެކު އެއްމޭޒުމަތީ އިން ކާޅެކެވެ. އެ ކާޅަށް ، ފޮޓޯއިން ފެންނަ މީހާ އެދިއްކޮށްލަނީ ކަރުދާސް ކޮޅެކެވެ. ކާ އެއްޗެއްނޫނެވެ. ކައިރީހުރި ތަށީގައިހުރި ކާތަކެތި ، އެ ކާޅަށް ފެނެއެވެ. އެ ކާޅު ބޭނުންވަނީ އެއިން އެތިކޮޅެކެވެ. އެކަމަށް އެދި އެ ކާޅު ގޮވައެވެ. އެ ކާޅު ފައްސާލާކަށް އެ ފަތުރުވެރިޔާ ސޮއްގޮވާތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި ، އެ ފަތުރުވެރިޔާ ބަލަމުން އެ ގެންދަނީ ، އޭނާއަތުގައި އޮތް ކަރުދާސްކޮޅު އެ ކާޅަށް ކާން ދެވޭތޯއެވެ.

ސިޔާސީމީހުން ކުޅޭ ކުޅިޔަކީވެސް އެފަދަ ކަމެކެވެ. އެމީހުންގެ ސިކުނޑީގައި ، އެންމެންނަށް އެނގޭ އަދި ފެންނަ އަސްލު ފޮރުވައިގެން ، އޭގެ ވާހަކަ ނުދައްކައި ، އޮޅުވައިލައިގެން ، މަކަރާއި ޙީލަތުން ، ރައްޔިތުންގެ ބޮލަށް އެރި ، އެހެން މަންޒަރެއް ދައްކައިގެން އެމީހުންގެ އަމިއްލަ އެދުމެއް ޙާޞިލް ކުރުމެވެ.

މިކަމުގެ ހެއްކަކީ ، ސިޔާސީ ޕާޓީތަކުގެ ޢަމަލުން ސާބިތުވާ އެއްޗެކެވެ. ސިޔާސީ ޕާޓީތަކުގެ މަޤްޞަދަކީ ، ވެރިކަމާތޮޅެ ، އެއިރެއްގައި ވެރިކަމުގައި ހުންނަ މީހަކު ވެރިކަމުން ބޭލުމެވެ. 2008 ގެ ފަހުން ގިނަޕާޓީ ބައިވެރިވާ އިންތިޚާބެއްގައި ފުރަތަމަ ބޭއްވުނު އިންތިޚާބު ކާމިޔާބު ކުރީ އެމްޑީޕީއެވެ. އެމްޑީޕީއަށް ވެރިކަން ލިބުމުން ، ހުރިހާ އިދިކޮޅު ސިޔާސީ ޕާޓީތައް އެއްގަލަކަށް އަރައި ކޯލިޝަން ހަދައި ، ދައުރުވެސް ހަމަނުވަނިސް ، އެމްޑީޕީގެ ވެރިކަމުގައިހުރިމީހާ ވެރިކަމުން ބޭލިއެވެ. ދެން އައި އިންތިޚާބުގައި ކޯލިޝަނަކާއެކު ވެރިކަމަށް އައީ ޕީޕީއެމް އެވެ. ޕީޕީއެމް އަކަށް އެކޯލިޝަން ހިފަހައްޓައެއް ނުލެވުނެވެ. ޕީޕީއެމްގެ ވެރިކަން ، ޖެހިގެން އައި އިންތިޚާބުގައި ނިންމީވެސް ، އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތައް އެއްގަލަކަށް އަރައި އެކައްޗެއް ކިޔައިގެންނެވެ. ވެރިކަމަށް އައީ ކޯލިޝަނަކާއެކު އެމްޑީޕީއެވެ. މިހާރު އޮތް އެމްޑީޕީގެ ވެރިކަން ނިންމައި ، ވެރިކަމުގައިހުރިމީހާ ވެރިކަމުން ބޭލުމަކީ ، މިހާރުގެ އިދިކޮޅު ޕާޓީތަކުގެ ކޯލިޝަންގެ މަޤްޞަދެވެ. ވެރިކަމާ ތޮޅުން ނޫންކަމެއް ، ޕާޓީ ސިސްޓަމުން އެބަ ފެނޭ ހެއްޔެވެ ؟ ވެރިކަމުގައި ހުންނަ މީހާއަށް ރަނގަޅަކަށް ކުރެވޭ ހަމަ އެއްކަމެއްވެސް ނޯވެއެވެ. ހެއްދެވިހާ ބުހުތާން ދޮގުހަދައިގެން ، މަކަރާއި ޙީލަތުގެ ދޮލަނގަކަށް ލައިގެން ، ޤައުމުގެ ލާބައާއި މަންފާއަށޭ ކިޔައިގެން ، ރައްޔިތުންނަށް އެވިއްކަނީ ، ކުރިން ދެންނެވި ފަތުރުވެރިޔާ ، ކާޅަށް ކާންދޭން އެ ދިއްކުރާ ކަރުދާސްކޮޅު ފަދަ ، އެނޫން ކޮން އެއްޗެއް ހެއްޔެވެ ؟

ޕީޕީއެމުން ބުނަނީ ، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙު ، ވެރިކަމުގައި ހުންނެވުމަކީ ، ޤައުމަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށެވެ. އެއީ ޤައުމުގެ ރައްޔިތުންނަށް ދިމާވެފައި އޮތް މައްސަލައެއް ނޫންކަމަށް ވެދާނެއެވެ. އެއީ ޕީޕީއެމަށް ދިމާވެފައި އޮތް މައްސަލަޔަކަށް ވެދާނެއެވެ. ޕީޕީއެމަށް ބޭނުންވާނީ ، ޕީޕީއެމަށް ނިސްބަތްވާ މީހަކު ރައީސްކަމުގައި ހުރުމެވެ. ޕީޕީއެމުން ބޭނުންވަނީ ، ޖަލުޙުކުމެއްގައި ބަންދުގައިހުރި ޔާމީން ޢަބްދުލްޤައްޔޫމު ޖަލުންނެރެ ވެރިކަން ދިނުމެވެ. އެއީ ޕީޕީއެމަށް ކުރެވޭނެ ކަމެއްނޫނެވެ. އެކަން ކުރެވޭނީ ޝަރުޢީ ކޯޓަށެވެ. ޝަރުޢީ ނިޒާމުގެ ތެރެއިންނެވެ. ޔާމީނަށް ޙުކުމް ކުރެވިފައި އެއޮތީ ޝަރުޢީ ނިޒާމުގެ ތެރެއިންނެވެ. ސަރުކާރަކުން ނޫނެވެ.

އެމް އެން ޕީން ބުނަނީ ، ޝަރުޢީ ޙުކުމެއްގެ ދަށުން ޖަލަށްލާފައިވާ މީހަކު ޖަލުން ނުނެރެ ބާއްވާ އިންތިޚާބެއް ޞައްޙަ ނުވާނެ ކަމަށެވެ. އެހެން މީހުންނަށް ޤަބޫލުކުރެވޭނީ އެއާ އިދިކޮޅަށެވެ. ޖަލުޙުކުމެއްގައި ޖަލުގައި ބަންދު ކޮށްފައިހުރި ވަގަކު ޖަލުން ނެރެ ބާއްވާ އިންތިޚާބެއް ޞައްޙަ ނުވާނެ ކަމަށެވެ. ހަކުރު އަޑުބާގައިވެސް ދެކޮޅު އޮވެއެވެ. ދެކޮޅު ނުޖެހޭ ވާހަކަތަކުން ސިޔާސީ މަންފާއެއް ޙާޞިލް ކުރުމަކީ ، ސިޔާސީ ޕާޓީތަކުގެ މަޤްޞަދަކަށް ވެގެން ނުވާނެއެވެ. ރައްޔިތުން ބަލައިގަންނާނީ ދެކޮޅުޖެހޭ ވާހަކައެވެ.

ޖޭޕީން ބުނަނީ ، ޔާމީނަށްވެސް އިންސާފު ލިބެންޖެހޭނެ ކަމަށެވެ. ޝަރުޢީ ހަމަތަކުން ކޮށްފައިވާ ޙުކުމެއް އެއީ އިންސާފު ކަމަކަށް ޖޭޕީއަކަށް ޤަބޫލެއް ނުކުރެވެއެވެ. ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ބޭނުންވަނީ ، މިހާރު ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ ގެޔަށް ވަޑައިގަންނަވާށެވެ. ކޮންމެ މީހަކީ ، ބަޔަކު ދައްކާ ބިރަކަށް ސިހި ، ޤައުމު ނުހިންގިގެން ، ދައުރުގެ މެދުތެރެއިން އިސްތިޢުފާދޭނެ މީހެއްނޫނެވެ. ޖޭޕީއަކީ މިހާރު ހިނގަމުންދާ ސަރުކާރުގެ ކޯލިޝަން ބައިވެރިޔެކެވެ. ޖޭޕީގެ އެތައްބަޔަކު މިސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި އެބަ ތިއްބެވެ. އެއީ ސަރުކާރާ ދެކޮޅަށް ޖޭޕީ ތެދުވިއިރު ، ހަނދާން ނެތުނު ކަމެކެވެ. ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތްކުރާ ޖޭޕީއަށް ނިސްބަތްވާ އެތައްބަޔަކަށް ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަދީގެން ، ސަރުކާރާ ދެކޮޅަށް މަސައްކަތްކުރުމަކީ ، މޮޔައިންގެ ކަމެކެވެ. އެއީ ދެކޮޅުން ކާ ވެނަކަށްވުރެ ދެރަވަރު ކަމެކެވެ.

ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ ، އިސްމީހުން ބުނަނީ ، ޔާމީންއަކީ ޖަލުގައި އޮންނަންޖެހޭ މީހެއް ނޫންކަމަށެވެ. ދަ ޑިމޮކްރެޓްސް އަށް އެ ގޮންޖެހެނީ ޝަރުޢީ ނިޒާމަށްކަމެއް ނުވިސްނެއެވެ. ޝަރުޢީ ޙުކުމެއްގެ ދަށުން ޖަލަށް ލެވޭ މީހަކު ޖަލުގައި އޮންނަން ނުޖެހޭކަމަށް ދަ ޑިމޮކްރެޓްސް އަށް ފެންނަނަމަ ، ދައުލަތުގެ އެއްބާރަށް ނިސްބަތްވާ ގިނަބަޔަކު މަތިފަޑީގައިތިބި ޕާޓީއަކުން ، ދައުލަތުގެ އަނެއްބާރުގެ ނިންމުމަކަށް ގޮންޖެހެނީއެވެ. އެ ޙުކުމް ބަލައި ނުގަނެވެނީއެވެ. އެ ޙުކުމް ތަންފީޒު ކުރުމަށް ހުރަސް އެޅެނީއެވެ. މިބައިމީހުންނަކީ ، ޔާމީނަކީ ވަގެއްކަމަށާއި ޙައްޤު އަދަބުދީ ، ޖަލުގައި އޮންނަންޖެހޭ މީހެއްކަމަށް ކުރިން ބުނަމުން އައި ބަޔެކެވެ.

ކުރީގެ ރައީސުންގެ ތެރެއިން ، އެންމެ ބޮޑަށް ސިޔާސީ ހިތިތަޖުރިބާއިން ، ހިތަށް ތަދުވެފައި ހުންނެވި ، މުޙައްމަދު ނަޝީދު ވިދާޅުވަނީ ، އޭނާވެސް އިސްވެހުރެ ، ވެރިކަމުގެ ދަހިވެތިކަމުގައި އުފެއްދި  އެމްޑީޕީ ރޫޅައިލައްވާނެ ކަމަށެވެ. ޕާޓީ އުފެއްދުމުގައި އައިސްހުރި ފޯރީގައި ވެރިކަންވެސް ހޯއްދެވިއެވެ. އެހެނަސް ވެރިކަން ކުރައްވާކަށް އެނގިވަޑައެއް ނުގަތެވެ. ނަޝީދުގެ ވެރިކަމަށް ތިންއަހަރުވެސް ނުވަނިސް ، އަމިއްލަޔަށް އިސްތިޢުފާ ދެއްވައިފިއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ، ގިނަޕާޓީ ބައިވެރިވި އިންތިޚާބެއް ކާމިޔާބު ކޮށްގެން ވެރިކަމަށް އިސްވި ، އިންތިޚާބީ ރައީސަކަށް ވެރިކަން ނުހިންގިގެން އިސްތިޢުފާ ދެއްވި ފުރަތަމަ ފަހަރެވެ. އިސްތިޢުފާ ދެއްވުމަށްފަހު ، ދެންއައި ވެރިކަމާ ތޮޅެން ، ޖެހިގެން އައިދުވަހު ، އެމްޑީޕީ ގޮވައިގެން މަގުމައްޗަށް ނުކުތެވެ. އެކުރެއްވި މަސައްކަތުންވެސް އަލުން ވެރިކަމަކަށް ނާދެވުނެވެ. އެމްޑީޕީއަށް ވެރިކަން ގެއްލުނެވެ.

ދެންވެސް ، މުޙައްމަދު ނަޝީދު މަސައްކަތް ކުރެއްވީ ވެރިކަމާ ތޮޅޭށެވެ. އޭރުއޮތް ޕީޕީއެމްގެ ވެރިކަން ވައްޓައިލެއްވުމަށެވެ. އެކަން ކާމިޔާބެއް ނުކުރެވުނެވެ. ޕީޕީއެމްގެ ވެރިކަމުގެ ފަސް އަހަރު ހަމަކޮށް ، ދެން އައި އިންތިޚާބު ކުރިމަތިވިއިރު ، މުޙައްމަދު ނަޝީދަށް އެއިންތިޚާބަކަށް ކުރިމައްޗެއް ނުލެއްވުނެވެ. ޝަރުޢީ ޙުކުމެއް އޮވެގެންނެވެ. އެހެންނަމަވެސް ، އެމްޑީޕީން ނެރުނު ކެންޑިޑޭޓް އެއިންތިޚާބު ކާމިޔާބު ކުރެއްވިއެވެ. ވެރިކަން ނުލިބުނަސް ދައުލަތް ހިންގުމުގެ އެއްބާރުގެ ވެރިކަން ހޯދުމުގެ މަޤްޞަދުގައި ޖެހިެން އައި އަހަރު އޮތް ، ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބަށް ކުރިމަތިލައްވައި ، ހަނި އަޣުލަބިއްޔަތަކުން ، މެންބަރުކަމުގެ ގޮނޑި ލިބި ، އެތައް ދްރާމާއެއް ކުޅުއްވައި ، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ ގޮނޑި ހޯއްދެވިއެވެ. އެއީ ވެރިކަން ހިންގުމުގެ އެއްބާރުގެ ވެރިކަމެވެ. އެކަމެއްވެސް ނުކުރެއްވުނެވެ. އިތުބާރުނެތްކަމުގެ ވޯޓަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެކަންވެސް ފެއިލްވީއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމަކީ ،  މުޙައްމަދު ނަޝީދަށް ފުދޭމިންވަރަކަށް ނުވިއެވެ. ބަރުލަމާނީ ނިޒާމެއްގެ ވާހަކަ ދައްކަވައި އެއްވެސް މީހަކު އެއަޑު ނޭހީމަ ، އެމަގުން ވެރިކަމަށް އާދެވޭނެމަގު ބަންދުވިއެވެ. ދެންކުރިމަތިވީ ، 2023 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ކުރިމަތިލާ ރިޔާސީ ކެންޑިޑޭޓްގެ ޕްރައިމަރީއެވެ. އެ ޕްރައިމަރީއަށް ކުރިމަތިލައްވައި ، އެކަންވެސް ކާމިޔާބެއް ނުވިއެވެ. އެވަރަކުންވެސް ބަލި ޤަބޫލުކުރެއްވޭ ގޮތެއް ނުވިއެވެ. އެމްޑީޕީގެ ތެރެއިން ފިކުރެއްގެ ދިރުމުގެ ނަމުގައި ޙަރަކާތެއް އުފައްދަވައި ، އެމްޑީޕީ ބައިބައިކުރުމުގެ ވިސްނުމެއް އުފެއްދެވިއެވެ. 2023 ގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިބްރާހީމް މުޙައްމަދު ޞާލިޙު ބަލިކުރެއްވޭނެ ހުރިހާ މަގެއް ކޮށްޓަވަން ފެށްޓެވިއެވެ. އިދިކޮޅު ޕާޓީތަކުގެ ވެރިންނާ ބައްދަލު ކުރައްވައި އިދިކޮޅުން ގުޅިގެން ، އިބްރާހީމް މުޙައްމަދު ޞާލިޙު ދެވަނަ ދައުރަކަށް ހޮވިވަޑައި ނުގަންނަވާނެ ހުރިހާ ވިސްނުމެއް އިދިކޮޅު ޕާޓީތަކަށް ވިއްކެވިއެވެ. އެހެނަސް އެވިސްނުން އިދިކޮޅު ޕާޓީތަކުން ބަލައެއް ނުގަތެވެ. މުޙައްމަދު ނަޝީދުގެ ފޮރުވިފައިވާ އަމިއްލަ އެޖެންޑާ އަކީ އިދިކޮޅު ޕާޓީތަކަށް އާ އެއްޗެއް ނޫނެވެ.

އެންމެފަހުން ، އެމްޑީޕީގެ ތެރެއިން އުފެއްދެވި އާ ފިކުރަށް ޕާޓީއެއްގެ ސިފަގެނެސް ، ދަ ޑިމޮކްރެޓްސް ގެ ނަމުގައި ޕާޓީއެއް އުފައްދަވައި ، އެމްޑީޕީން ވަކިވެ ، ދަ ޑިމޮކްރެޓްސް އާ ގުޅިވަޑައިގަތެވެ. އެޕާޓީއާ ގުޅިވަޑައިގެން ، އެންމެ ފުރަތަމަވެސް ވިދާޅުވީ ، އެމްޑީޕީ ރޫޅައިލައްވާނެ ކަމަށެވެ. އެމްޑީޕީ " ރޫޅައިލާނަން " މިބަސް ތަކުރާރު ކުރެވުނު ޢަދަދު ޚުދު މުޙައްމަދު ނަޝީދަކަށްވެސް އެނގިވަޑައެއް ނުގަންނަވައެވެ. އެހާވަރަށް ހުންނެވީ އެމްޑީޕީ ދެކެ ކޯފާ ވެފައެވެ.

ތިމާ ބޭނުންނުވާ ގޮތަކަށް ، އަޣުލަބިއްޔަތުން ކަމެއް ނިމުނީމަ އެކަން ޙަޖަމު ނުވުމަކީ ، ޑިމޮކްރެޓިކް ހަމަތައް ޤަބޫލުކުރާ މީހުންގެ ކަމެއްނޫނެވެ. މުޙައްމަދު ނަޝީދު ، އެމްޑީޕީއާއި އެޕާޓީގެ މެންބަރުންދެކެ ކޯފާވީ ، ރިޔާސީ ޕްރައިމަރީގައި އޭނާއަށް ވޯޓު ނުދިނީމާ ކަމަށް ވެދާނެއެވެ. އެއީ ، މެންބަރުންގެ މައްސަލައެއްނޫނެވެ. މުޙައްމަދު ނަޝީދުގެ މައްސަލައެވެ. އެމްޑީޕީގެ މެންބަރުންގެ މެދުގައިވެސް ، މުޙައްމަދު ނަޝީދުގެ އިތުބާރު ނެތުނީއެވެ. ރައްޔިތުންގެ މަޖިލީހުގައި ، މެންބަރުންގެ އިތުބާރު ގެއްލުނު ގޮތަށެވެ. ރައީސްކަމުގައި ހުންނެވިއިރު ، ރައްޔިތުންގެ އިތުބާރު ގެއްލުނު ގޮތަށެވެ.

ސިޔާސީ ޕާޓީތަކުގެ މަޤްޞަދަކީ ، އެއްޕާޓީން އަނެއްޕާޓީ ރޫޅާލައި ފުޑުފުޑުކޮށްލުން ހެއްޔެވެ ؟ ވެރިިކަންކުރާ ޕާޓީއާއި ވެރިކަންކުރާ މީހާގެ ދުވަސް ދުއްވާލައި ، ދުނިޔެއިން ފުހެލުން ހެއްޔެވެ ؟ އެހެންކަމަށްވާނަމަ ، ޕާޓީ ނިޒާމަކި ރާއްޖެފަދަ ކުޑަކުޑަ ޤައުމަކަށް ކަމުދާނެ ނިޒާމެއްނޫނެވެ.

މިކަންކަމުން އެނގިސާބިތުވާ ކަމަކީ ، ސިޔާސީ މީހުންނާއި ޕާޓީތަކުން ހަދާ ދޮގާއި މަކަރާ އަދި ޙީލަތަކީ ، ވަރަށްބޮޑަށް ރާވައިގެން ، ތާވަލުކޮށްގެން ކުރާ ކަމެއް ކަމެވެ. އެދުވަސްވަރެއްގައި އެބަޔަކަށް އަމިއްލަ ފައިދާއާއި މަންފާ އަދި ފުރުޞަތު ބޮޑުވާގޮތަށް ދޮގާއި މަކަރާ އަދި ޙީލަތް ހެދުމަކީ ، ސިޔާސީ މީހުންނާއި ސިޔާސީ ޕާޓީތަކުގެ ފިޠުރަތުގައި އޮންނަ ކަމެއްކަމެވެ.

މާޒީވާ ދޮގާއި މާޒީވާ ތުހުމަތަކީ ، ރާއްޖޭގެ ސިޔާސީ މަޝްރަޙުގައި ، އެއިރެއްގައި ވައިޖެހޭ ކޮޅަކަށް ބަދަލުވަމުންދާ އެއްޗެކެވެ. އެއިރެއްގެ ޙާލަތަށްބަލައިފައި ނިތަށް ރުލެއްވެސް އަރުވައިނުލައި ރޯމާ ދުވާލު ބުހުތާން ދޮގު ހަދާނެއެވެ. ސާބިތުނެތް ތުހުމަތުތައް އަޅުވާނެއެވެ. މަޝްރަޙު ބަދަލުވުމުން ، އަނެއްދުވަހު ނުކުމެ ، އަނގަޔަށް ގޮތެއްވެސް ހަދައިނުލައި ، އެއީ މާޒީކަމަށް ބުނާނެއެވެ. ކުރިންބުނިއެތި ކެންސަލް ކޮށްލާނެއެވެ. ހަމައެއާއެކު އަނެއް ދޮގު ހަދައި ، މީސްމީހުންގެ ބޮލުގައި އިތުރު ތުހުމަތު އަޅުވާނެއެވެ.

ސިޔާސީ މަޝްރަޙުގައި ދީނާޚިލާފަށް ނުކުރާކަ ކަމެއް ނެތެވެ. މީސްމީހުންގެ ބޮލުގައި ވަގު ބަދުނާމު އަޅުވައެވެ. ދީނާޚިލާފުވެ ، މުރުތައްދުވާފަދަ ބަސްތައް ކިޔައެވެ. ޙައްދު ޖަހަންޖެހޭފަދަ ކުށްކުށުގެ އިލްޒާމު އެޅުވެއެވެ. ވަގުން ޖަލުން ނެރެން ގޮވައެވެ. އިސްލާމީ ޝަރީޢަތަށް ގޮން ޖެހެއެވެ. ކޯޓުތަކުގެ ޙުރުމަތް ކަނޑައި ، ޙުކުމްތައް ޙަރާމްކަމަށް އަޑު އުފުލެއެވެ. ވަލިއްޔުލް އަމްރަށް ނިސްބަތްކޮށް ބަދު ދުޢާކޮށް ބަދުބަސްބުނެ ، އަބުރަށް އަރައިގަނެ ، ހުތުރު ނަންނަމުން މުޚާތަބު ކުރެވެއެވެ. ދީނީ ޢިލްމުވެރިންނަށް އާޑަ ކިޔައެވެ.

މިހިރަ ކަންކަމަކީ ، ދިވެހިން ޤަބޫލުކޮށްގެންތިބި ، މާތްވެގެންވާ އިސްލާމްދީނުގެ އަސާސްތަކުން ބޭރު އަދި އިސްލާމްދީނާ ޚިލާފު ކަންކަމެވެ. މިކަންކަން އެނގިތިބެ ، ފާފަތަކަށް އަރައިގަނެ ، އެފަދަ ވާހަކަ ދައްކައިއުޅޭ މީހުންގެ ބަސް ޤަބޫލުކުރާ ބަޔަކު އެބައުޅެއެވެ. އެމީހުންގެ އެފަދަ ވާހަކަތަކަށް އަތްޖަހައި ތަރުޙީބުދީ ، ހީ އުފާފައުޅުކުރާ ބަޔަކު އެބައުޅެއެވެ. ވަކި ޕާޓީއެއްގެ ފިކުރަށް އަދި ވަކިމީހެއްގެ ވިސްނުމަށްގޮސް ހުސްވެފައި ތިއްބަސް އެއީ ބޮޑުވަރެކެވެ. ދީނުން ބޭރުވާކަން ނޭނގޭވަރަށް މީހުންގެ ވިސްނުން ކޮށިވުމަކީ ޖާހިލުންގެ ސިފައެކެވެ. ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކިޔަސް ، ހެވާއި ނުބައި ވަކިނުވާ ޙާލުގައި ތިބޭ މީހުންނަކީ ރާބޯމީހުންނެކޭ އެއްފަދަ ބަޔެކެވެ. ރާބޯމީހުންވެސް ޢަމަލުވެގެން ، ކުރެވޭ ނުކުރެވޭކަމެއް ނޭނގެނީ ބުއްދިފިލައި ދާތީއެވެ.

ވައްކަން ކޮށްގެން ޖަލުޙުކުމެއް ތަންފީޒުކުރަމުންގެންދާ މީހަކު ޖަލުން ނެރެން މަގުމައްޗަށް އެބަ އެއްވެއެވެ. އެ ޙުކުމަކީ ޝަރުޢީ ކޯޓެއްގައި ، ރައްޔިތުންގެ ފަރާތުންނާއި ދަޢުވާލިބޭ ފަރާތުގެ ޤާނޫނީ ވަކީލުންގެ ބޮޑު ޓީމަކާ ދެފަރާތުން ސުއާލުކޮށް ، ޖަދަލުކޮށް ، ދެކޮޅަށާއި އެއްކޮޅަށް ހެކިދައްކައި ޒުވާބުކޮށްގެން ، އެކުރި ޒުވާބެއްގައި ސާބިތު ހެކިލިބިގެން ކޯޓުންކޮށްފައި އޮންނަ އިންސާފުވެރި ޙުކުމެކެވެ. ތިމާމެން ނުރުހޭގޮތަކަށް ކޯޓަކުންކުރާ ޙުކުމަކީ އިންސާފުވެރިނޫން ޙަރާމް ޙުކުމެއްކަމަށް ބެލުމަކީ ، އިސްލާމީ ޝަރީޢަތަށް ގޮންޖެހޭނެ ޙުއްޖަތެއްނޫނެވެ. ތިންބާރު ވަކިވެފައި އޮންނައިރު ، އިންސާފުހޯދަން ދާންއޮތީވެސް ކޯޓަށެވެ. ޙަރާމް ޙުކުމޭ ގޮވަމުން ޕާޓީގެ އެކްޓިވިސްޓުން ނެރެންޖެހޭނީ މަގުމައްޗަކަށް ނޫނެވެ.

މިއަޑުތައް އިވޭ ، އަދި މި ޢަމަލުތައް ފެންނަ ކޮންމެ މީހަކީ ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރި މޭޒުމަތީ އެއިން ކާޅު ކިތަންމެ ވަރަކަށް ގޮވިޔަސް ސޮއް ނުގޮވާ އިން ފަތުރުވެރިޔާ ފަދައިން ، ސޮއް ގޮވާނެ މީހެއްނޫނެވެ. އަދި އެ ފަތުރުވެރިޔާގެ އަތުގައި އޮތް ކާއެތިކޮޅުގެ ޙައްޤު ، ކިތަންމެ ވަރަކަށް ކާޅުގޮވިޔަސް ނުދިން ފަދައިން ، އޭނާގެ އަތުގައި އޮންނަ ޙައްޤު ސިޔާސީ ޕާޓީއަށް ދޭނެ މީހެއްނޫނެވެ. ފަތުރުވެރިޔާ ދިން ކަރުދާސްކޮޅު ފަދައިން ، އޮޅުވާލާ އޮޅުވައިލުންތައް ޤަބޫލުކުރާނެ މީހެއްވެސް ނޫނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.