ބްލޫ ރިބަން: ބަންގީގައި ބޯ އެނބުރުން

ހުރިހާ މިސްކިތެއްގައިވެސް ، މިހާރު ބަންގި ގޮވަނީ މައިކް ބޭނުންކޮށްގެން ، ތާޅަފިލިން ނުވަތަ އަޑުގަދަކުރާގެ ޒަރީޢާއިންނެވެ. ބަންގި ގޮވުމުގައި ، ޙައްޔަ ޢަލައްޞަލާތު ކިޔާއިރު ކަނާތް ފަރާތަށް އަދި ޙައްޔަ ޢަލަލްފަލާޙު ކިޔާއިރު ވައަތް ފަރާތަށް ބޯ އަނބުރައިލުމަކީ ، ޒަމާނުއްސުރެ ، ބަންގި ގޮވުމުގައި ބޭނުންކުރެވެމުން އައި އާދައެކެވެ. މިގޮތަށް ބޯ އަނބުރައިލަނީ ބަންގީގެ އަޑު ދެފަރާތަށް ބޮޑަށް އިއްވައިލުމުގެ ބޭނުމުގައެވެ.

ކޮށްޅަށް ބެހެއްޓިފައި ހުންނަ މައިކެއް ބޭނުންކޮށްގެން ބަންގިދޭއިރު ، ކުރިން ދެންނެވި ބަންގީގެ ދެކަލިމަ ކިޔާއިރު ދެފަރާތަށް ބޯ އަނބުރައިލުމުން ، މައިކަށް އަޑުލިބުން ދަށްވެއެވެ. އެގޮތަށް ބޯ އަނބުރައިލަނީ ، ކުރިންވެސް ދެންނެވިފަދައިން ، މައިކް ބޭނުންނުކޮށް ބަންގިދޭ އިރުއެވެ.

ރާއްޖޭގެ ބައެއް މިސްކިތްތަކުގައި ، މައިކް ބޭނުންކޮށްގެން ބަންގިދޭއިރު ، ކުރިން ދެންނެވި ބަންގީގެ ދެކަލިމަ ކިޔާއިރު ، ދެފަރާތަށް ބޯ އަނބުރައިލާތަން މިހާރުވެސް މަދުން ނަމަވެސް އެބަ ފެނެއެވެ. އެއީ ޒަމާނާ އެކަށީގެންނުވާ ކަމަކަށް ވެދާނެއެވެ. މައިކް ބޭނުންނުކޮށް ބަންގިދޭނަމަ ދެފަރާތަށް ބޯ އެނބުރައިލުން އެއީ މައްސަލައެއްނޫނެވެ. އެކަން އޮންނަންވާނީވެސް އެގޮތަށެވެ.

ދެން ކުރިމަތިވާ ސުއާލަކީ ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދުވަސްވަރު ، ބަންގިދެއްވާ ބޭފުޅުން ، އެކަން ކުރެއްވި ގޮތެވެ. އެބޭފުޅުން ، ބަންގި ދެއްވާއިރު ކުރީގައި ދަންނަވާފައިވާ ދެކަލިމަ ވިދާޅުވާއިރު ، އިސްތަށިފުޅު އަނބުރައި ލައްވައެވެ. އެހެންކަމަށް ވަންޏާ އެއީ ސުންނަތަކަށް ވެދާނެތޯއާއި ސުންނަތަކަށް ވަންޏާ ، މައިކުން ބަންގިދޭއިރުވެސް އެކަމަށް ތަބާވާން ޖެހޭނެތޯ އުފެދޭ ސުއާލެވެ.

މައްކާގައި އެންމެ ފުރަތަމަ ބަންގިވިދާޅުވީ، ބިލާލުގެފާނެވެ. އެންމެ ފުރަތަމަ މައްކާގައި ބަންގިދެވުނީ މައްކާ ފަތަޙަ ކުރެއްވި ދުވަހުއެވެ. އެދުވަހު ، ގެފުޅުގެ މައްޗަށް އަރައިވަޑައިގެން ، ނަމާދަށް އައުމަށް ބަންގިދެއްވައި މީސްތަކުންނަށް ގޮވައިލެއްވީ ބިލާލުގެފާނެވެ. ގެފުޅުގެ މައްޗަށް އަރައިވަޑައިގެން ހުންނަވައި ، ބިލާލުގެފާނު ބަންގިދެއްވިއިރު ، ކުރިން ދަންނަވާފައިވާ ދެކަލިމަ ވިދާޅުވިއިރު ، ދެފަރާތަށް އިސްތަށިފުޅު އަނބުރައިލެއްވިއެވެ.

މިހާރު ، މައްކާގެ ޙަރަމްފުޅުގައި ބަންގިދޭއިރު ބޭނުންކުރެވެނީ މައިކާއި އަޑުގަދަކުރާއެވެ. އަދި ، މައިކް ބޭނުންކޮށްގެން ، ބަންގިދޭއިރު ، ޙަރަމްފުޅުގައި ، އެދެކަލިމަ ބޭނުންކުރެވޭއިރު ، ދެފަރާތަށް ބޯ އަނބުރައެއް ނުލެވެއެވެ. އެހެންކަމުން ، ރާއްޖޭގައި ބައެއް އިމާމުން ބަންގިދޭއިރު ، ކުރިން ދެންނެވި ދެކަލިމަ ބޭނުންކުރާއިރު ، މައިކުން ބަންގިދޭނަމަ ދެފަރާތަށް ބޯ އަނބުރައިލަން ނުޖެހޭނެކަން ، ޙަރަމްފުޅުގެ އިމާމުން ޢަމަލުކުރައްވާ ގޮތުން އެބަ އެނގެއެވެ. ދެފަރާތަށް ބޯ އެނބުރުމުގެ ބަދަލުގައި މައިކާ ކުރިމަތިލައިގެން ހުރެއްޖެނަމަ ، އަޑުވެސް ފުރިހަމަވާނެއެވެ. ބޯ އަނބުރައިލައިފިނަމަ އަޑު މަޑުވާނެއެވެ. އެހެންކަމުން ، އެއީ ސުންނަތަކާ ޚިލާފުވީކަމަށް ބެލެވޭނެ ޖާގައެއް ނެތެވެ. ދަންނަބޭކަލުންގެ އިޖްމާޢަކީވެސް ، ފަހުން އުފެދޭ ކަންކަމުގައި ދީނީ ޙުކުމްތަކުގައި ބޭނުންކުރެވޭ އަސާސަކަށްވާތީވެސް މެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.