ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަސައްކަތް ކުރާނަން: ޢަލީ ޢާޒިމް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަސައްކަތް ކޮށްފި ނަމަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ވޯޓު ހަމަކުރުމުގެ މަސައްކަތް ފަށްޓަވާނެ ކަމުގެ އިންޒާރު މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް ދެއްވައިފިއެވެ.

ޢާޒިމް މި އިންޒާރެއް ދެއްވީ ސީދާ ކޮން ކަމަކާ ގުޅިގެން ކަމެއް ނޭނގެއެވެ. އެހެންނަމަވެސް މިއީ ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ދުރުކުރާނެ ކަމަށް ދޭހަވާ ގޮތަށް ސޯޝަލް މީޑިއާގައި ދެކެވިފައިވާ ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުން ވިދާޅުވި ވާހަކަފުޅެއް ކަމަށް ގަބޫލުކުރެވެއެވެ. އެންމެ ފަހުން މި ފަދަ ކަމަކަށް އިޝާރަތް ކުރައްވައި ވާހަކަފުޅެއް ވިދާޅުވެފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފެވެ. އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ރައީސް ނަޝީދު ވަކި ކުރަން ނުކެރޭނެ ކަމަށް ވިދާޅުވީމާ އެ ވާހަކަފުޅަށް ރައްދު ދެއްވަމުން ޙަސަން ލަޠީފު ވިދާޅުވެފައި ވަނީ "ހީވަނީ މި ފަހަރު ވަކި ކުރާނެހެން" މިހެންނެވެ.

ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކި ކުރަން ސޮއި ހޯދުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއި ކުރައްވާ މެންބަރުން މީގެ ކުރިން ކުރެއްވިއެވެ. އެހަންނަމަވެސް އެކަން ވަކި ހިސާބަކުން ވަނީ ހުއްޓިފައެވެ. ރައީސް ޞާލިޙާއި ރައީސް ނަޞީދަށް ތާއިދުކުރައްވާ މެންބަރުންގެ މެދުގައި ޖަދަލެއް ފެށްޓޭ ކޮންމެ ފަހަރަކު މި ވާހަކަ ދެކެވެން ފަށައެވެ. އެކަމަކު މަޑުމަޑުން އޮބިގެންދެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.