ކޮވިޑް-19: މި ދަނޑިވަޅުގެ ފައިދާ ނަގައި ކުށްތަކަށް އަރައިގަންނަން މަސައްކަތް ކުރާބަޔަކު އެބައުޅޭ: ރައީސް

ރާއްޖެއަށްވެސް ކޮވިޑް-19 ގެ ނުރައްކާތެރިކަން ފޯރާފައިވާ މި ދަނޑިވަޅުގެ ނާޒުކުކަމުގެ ނާޖާއިޒު ފައިދާ ނަގައި، އެކި ބާވަތުގެ ކުށްތަކަށް އަރައިގަންނަން މަސައްކަތްކުރާ ބަޔަކު މުޖުތަމައުގައި އެބައުޅޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 87 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި ރައީސް ވިދާޅުވީ އެފަދަ ކަންކަމަށް ސަމާލުވެ، އެކަންތައް ހުއްޓުވުމުގައި ފުލުހުން ގެންދަވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ.
"އެހެންވީމާ، އަޅުގަނޑުމެން އެންމެން، އެ ބޭފުޅުން އެ ކުރައްވާ މަސައްކަތުގެ އަގު ވަޒަންކުރަންޖެހޭނެ. މިވަގުތު އެކަމުގެ އަގު ވަޒަންކުރުމަކީ، އެބޭފުޅުންގެ އެ މަސައްކަތް ކާމިޔާބު ކުރުމަށް ފުރުސަތު ދެއްވައި، އަޅުގަނޑުމެން ބޭރަށް ނުނިކުމެ ގޭގައި ތިބުން. މީހުން އެއްވެއުޅުން މުޅިން ހުއްޓުމަކަށް ގެނައުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުލުހުންގެ ޚިދުމަތެއް އޮތުމުގެ، އެންމެ ބޮޑު ބޭނުމަކީ، ރައްޔިތުން ޙިމާޔަތް ކުރުމާއި ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށެވެ. އެ މީހުން މިހާރުވެސް ތިބީ ދިވެހި ޤައުމާއި ރައްޔިތުންގެ ވަރަށް މުހިންމު ޚިދުމަތެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ.  ކޮވިޑް-19ގެ ނުރައްކަލުން، ދިވެހި ޤައުމު ރައްކާތެރިކުރުމަށް، ކުރަމުންދާ މަސައްކަތުގައި، ދިވެހި ފުލުހުން އަދާކުރަމުން ގެންދަނީ ވަރަށް މުހިންމު، އަދި އެހާމެ ނުރައްކާތެރި ދައުރެއް ކަމަށް ރައީސް ވިދާޅުވިއެވެ. "މިކަމުން އަޅުގަނޑުމެންނަށް އެނގިގެން މިދަނީ، ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައި، ފުލުހުންނަކީ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާނެ ބައެއްކަން،" ރައީސް ވިދާޅުވިއެވެ.

ފުލުހުން ގެންދަވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ކަރަންޓީން ކުރާ ތަންތަނާއި، ބައްޔަށް ޝައްކުކުރެވޭ މީހުން އެކަހެރިކޮށްފައި ބައިތިއްބާ ތަންތަނާއި، ރިޒޯޓްތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ވަރަށް ނާޒުކު އަދި ވަރަށް ނުރައްކާތެރި މަސައްކަތެއް ކަމަށްވިޔަސް އެ ނުރައްކަލާ ފުލުހުން ކުރިމަތިލައިގެން އެތިބީ ރައްޔިތުންގެ ރައްކައުތެރި ކަމަށް ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

"ދިވެހި ފުލުހުންގެ ޚިދުމަތަށް 87 އަހަރު ފުރުނަސް، މަދަނީ ޚިދުމަތަކަށް ބަދަލުވިފަހުން އަދި މިވީ އެންމެ 16 އަހަރު. އެ ކުރު މުއްދަތުގެ ތެރޭގައި، ދިވެހި ފުލުހުންގެ ޚިދުމަތަށް ވަރަށް ރަނގަޅު ބަދަލުތަކެއް އަތުވެއްޖެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ، ރައްޔިތުންނާ ގާތުން ޚިދުމަތް ދޭ، އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބަޔަކަށް ހެދުމަށް ކުރެވޭ މަސައްކަތް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުލުހުންގެ މަސައްކަތް އިތުރަށް ކާމިޔާބު ކުރުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. ފަސް އަހަރަށް ކަނޑައަޅާފައިވާ ފުލުހުންގެ އިސްތިރާޖީ ޕްލޭންގައި ހިމެނޭ ކަންކަން ތަންފީޒުވެގެން އަންނައިރު، ރައްޔިތުންގެ އިތުބާރު މިހާރަށްވުރެ ބޮޑަށް ފުލުހުންގެ މުއައްސަސާއަށް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.