(17 ޖަނަވަރީ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ހެނދުނު ތެދުވެގެން އޮފީހަށްދާން ޒަރޫން ތައްޔާރުވިއެވެ. ހޯދަ ހޯދާވެސް އޭނާއަކަށް އޭނާގެ ކަޅުކޯޓެއް ނުފެނުނެވެ. ގޭގައި އުޅޭ ޚާދިމު ، އަމްޖަދަށް ގޮވައި ގެނައެވެ. އަދި އޭނާގެ ކަޅުކޯޓު ކޮބައިތޯ ސުއާލު ކުރިއެވެ. އަލަމާރި ތެރޭ ހުންނާނެކަމަށް އަމްޖަދު ބުނުމުން ނަގައިދޭށޭ ޒަރޫން ބުންޏެވެ. އަމްޖަދު އަލަމާރި ބެލިއިރު ކޯޓެއް ނެތެވެ. އެވަގުތު ، އެކޯޓު ވީ ޑްރައި ކްލީން ކުރުމަށް ގެންގޮއްސައިކަން ހަނދާން ވެގެން އެވާހަކަ އަމްޖަދު ބުންޏެވެ. އަދި އެހެން ކޯޓެއް ލާންވީ ނޫންހޭ މާދަމާ އެކޯޓު ގެނެސްދޭނަމޭ ބުންޏެވެ.
ޒަރޫން ގާތަށް ރުޅި އައެވެ. އަދި އަމްޖަދު ގެނައީ ޒަރޫންއަށް ލަފާދިނުމަށް ނޫންކަމަށް ބުނެ އަމްޖަދާ ދިމާއަށް ހަޅޭއްލަވައިގަތެވެ. ފާޚާނާ ސާފުނުކޮށް ހުރީމަ އެކަމާވެސް ޒަރޫން ހުރީ ރުޅި އައިއްސައެވެ. އެކަމަކު ފާޚާނާ ސާފުކުރަނީ ކަޝަފް ކަމުގައި އަމްޖަދު ބުންޏެވެ. އަދި ކަޝަފް އަންނާނީ ކޮންއިރަކުންތޯ އަމްޖަދު ސުއާލު ކުރިއެވެ. އަމްޖަދުގެ އެސުއާލުން ޒަރޫންގެ ރުޅިގަނޑު އިތުރަށް ގަދަވިއެވެ. އަދި މީގެފަހުން ފާޚާނާވެސް ސާފުކުރުމަށް އަމްޖަދަށް އަމުރު ކޮށް ހަޅޭއްލަވައިގަތުމަށްފަހު އޭނާ ފޮނުވައިލިއެވެ.
ކަޝަފް އޭނާގެ ގޮތުގައި މަންމަގެ ގޭގައި ހުރިނަމަވެސް ޒަރޫންގެ ޚިޔާލުތައް އޭނާއަކާ ވަތްކެއް ނުވެއެވެ. ޒަރޫންވެސް އޭނާގެ ޚަބަރެއް ބަލައެއް ނުލައެވެ. ޒަރޫންއާއެކީ ދިރިއުޅެން ބޭނުން ނޫންކަމަށް ވަންޏާ ، ޒަރޫންއާމެދު ކަޝަފް އެވިސްނަނީ ކީއްކުރަން ހެއްޔެވެ ؟
------------------------
ޒަރޫން އާއި އަސްމަރާ ކޮފީއަކުން ބައްދަލުކުރި ދުވަހެކެވެ.
" ކަޝަފާ ކައިވެނި ކުރުމަކީ އަހަރެންގެ ޙަޔާތުގައި ހެދުނު އެންމެ ބޮޑު ގޯހެވެ. އަހަރެން އެކަން ކުރެވުނީތީ ދެރަވާވަރު އަސްމަރާއަކަށް ނޭނގޭނެއެވެ. " ޒަރޫން އިސްޖަހައިގެން އިނދެ އަސްމަރާގާތު ބުންޏެވެ.
" އަހަރެންނަށް އެކަން އެނގެއެވެ. ޒަރޫންއަކީ ކާކުކަން އެންމެ ރަނގަޅަށް އެނގޭނީ އަހަރެންނަށެވެ. " އަސްމަރާ ބުންޏެވެ.
" ކަޝަފާ ބެހޭގޮތުން އަސްމަރާ ބުނީ ރަނގަޅަށެވެ. ކަޝަފާއި އަހަރެންނާ ދެމެދު އެއްގޮތް އެއްވެސް ކަމެއް ނެތެވެ. " ޒަރޫން ބުންޏެވެ.
" އަހަރެން ވަރަށް ދެރަވަމެވެ. އަހަރެންނަށް މަޢާފު ކުރާށެވެ. ކަޝަފާއި ޒަރޫންއާ ދެމެދު މައްސަލަ އުފެދުނީ އަހަރެންނާ ހުރެއެވެ. " އަސްމަރާ ދެރަވެފައި ބުންޏެވެ.
" ކަޝަފަކީ އެހާ ނުވިސްނޭ މީހެއްކަމަކަށް އަހަރެން ޤަބޫލެއް ނުކުރަމެވެ. " ޒަރޫން ބުންޏެވެ.
" ކުށްވެރިޔަކީ ޒަރޫންއެވެ. އަހަރެމެންނާ ބެހޭގޮތުން ކަޝަފްގާތު ސާފުކޮށް ، ޒަރޫން ކިޔައިދޭން ޖެހޭނެއެވެ. ހުރިހާ ކަމެއް ކަޝަފަށް ސިއްރުކުރީ ކީއްވެ ހެއްޔެވެ ؟ " އަސްމަރާ ބުންޏެވެ.
" އަސްމަރާ ތިބުނީ ރަނގަޅު ވާހަކަ އެކެވެ. ކަޝަފަށް ހުރިހާކަމެއް ސިއްރު ކުރެވުނީ ކީއްވެގެންކަމެއް ޚުދު އަހަރެންނަކަށްވެސް ނޭނގެއެވެ. " ޒަރޫން އަސްމަރާ އެބުނި ވާހަކަޔަކަށް އެއްބަސް ވިއެވެ.
" އަހަރެންނަކީ ކަޝަފް ނަމަ ، އަހަރެންނަށްވެސް ހެދޭނީ ހަމަ އެގޮތަށެވެ. " އަސްމަރާ ބުންޏެވެ.
ޒަރޫން ދެކޭގޮތުގައި ކަޝަފާއި އަސްމަރާއާ ދެމީހުންގެ ތަފާތަކީ ، ޒަރޫން ދައްކާ ވާހަކަ އަސްމަރާ ޤަބޫލުކޮށްފައި ، ކަޝަފްގެ ފަރާތުން އެކަހަލަ އުއްމީދެއް އޭނާގެ ނެތުމެވެ. ކަޝަފަކީ ، މީހަކު ވިރިގެން ފޭބިޔަސް ، އޭނާ ހިފަހައްޓައިފި ގޮތެއް ދޫކުރާ މީހެއް ނޫނެވެ.
ހަވީރުގެ ސައިގަޑީގައި ޣަޒާލާއާއި ޖުނައިދުވެސް އެކުގައި ސައިތަށްޓެއް ބޯލުމަށް ޖައްސައިލިއެވެ. ވާހަކަ ފެށީ ޣަޒާލާ އެވެ. ޣަޒާލާއަށް ޤަބޫލުކުރެވޭ ގޮތުގައި ޖުނައިދުގެ ފިރިހެންދަރިއާއި ޅީދަރިފުޅުގެ ގުޅުން އެހާ ރަނގަޅެއް ނޫނެވެ. އެއީ ކީއްވެގެންތޯ ޖުނައިދު ސުއާލު ކުރިއެވެ. އެސުއާލުގެ ޖަވާބު ޚުދު ޒަރޫންގެ ފަރާތުން ހޯދުމަށް ޣަޒާލާ ބުންޏެވެ. ކޮންމެވެސް މައްސަލައެއް ދިމާވެއްޖެކަން ޣަޒާލާއަށް ކަށަވަރެވެ.
ކަޝަފަށް ގުޅާލީމަ ބުނަނީ ޒަރޫން ގޭގައި ނޫޅޭ ކަމަށެވެ. ޒަރޫންއާ ގުޅާލީމަ ބުނަނީ ޓީވީ ބަލަން އިންކަމުގައެވެ. ދެމީހުންގެ ވާހަކަ ދިމައެއް ނުވޭދޯއޭ ބުނެ ޖުނައިދު ސަމާސާ ކޮށްލިއެވެ. ޖުނައިދަށް އެއީ ސަމާސާ އެއްގެ ގޮތަށް ނެގުނު ނަމަވެސް ޣަޒާލާ އެކަމާ ކަންބޮޑުވިއެވެ. އެހެންނަމަވެސް ޖުނައިދުގެ ވިސްނުމުގައި ، ޒަރޫންއާއި ކަޝަފާ ދެމެދުގައި އެއްވެސް މައްސަލައެއް ނުޖެހޭނެއެވެ. ޒަރޫން އާ އޭނާ ވާހަކަ ދައްކަމުން ގެންދާތާ އެތައް ދުވަހެކެވެ. ޣަޒާލާ ކަންބޮޑުވެފައި ހުރުމާއެކު ، ޒަރޫންއާ ވާހަކަ ދައްކައި އޭނާއަށް ވިސްނައި ދޭނެކަމަށް ޖުނައިދު ބުންޏެވެ.
އަމްޖަދު ކާން ހަދާފަ ގޮވީމަ ޒަރޫން އައިސް ކާން އުޅެ އުޅެ އޭނާއަކަށް ނުކެވުނެވެ. ކައްކާފަހުރި އެއްޗެތީގައި އެއްވެސް ރަހައެއްވެސް ނުލައެވެ. މުގު ރިހަޔަކީ އޭނާ ކާވެސް އެއްޗެއް ނޫނެވެ. އަމްޖަދު ގެނެސް އޭނާއާ ދިމާއަށް ހެޓަކަށް ދީފައި ހުސް ރޮށިކޮޅެއް ކައިލުމަށްފަހު ޓީވީ ބަލަން ސިޓިންރޫމުގައި ޖައްސައިލިއެވެ. އޭނާގެ ބޮލުގައިވާ ހާސްކަން ފިލައެއް ނުދެއެވެ. ކޮޅުފައިން ޖަހައި މޭޒުމަތީ ހުރި ކޮފީބޯތަށި ބުރުއްސައިލިއެވެ. ދެއަތުން ބޮލުގައި ހިފައި ދެލޯ މަރައިލިއެވެ.
ކަޝަފް އޭނާގެ މަންމަޔާއެކު ބޭރުގައި ، އުނދޯލީގައި ޖައްސާލައިގެން މަންމަޔާ ވާހަކަ ދައްކަމުން ގެންދިޔައެވެ. މިއުޅޭ ފިރިހެނުން ފިރިންނަށް ވީމާ ހިތަށް އަރަނީ ހުރިހާ އެއްޗެއް އެމީހުންގެ މުށުތެރެޔަށް ވަނީ ކަމަށެވެ. އެކަމަކު ދެރޮށީގެ އަގުވެސް އެމީހުންގައި ނުހުރެއެވެ. އިނދެގެން އުޅޭ އަނބިމީހާއަކީ ބުދަކަށްވެގެން ގޭގައި ބައިންދާފައި އިންނަންޖެހޭ އެއްޗެކެވެ. ކޮށްދޭކަމެއްގެ އަގު ދުވަހަކުވެސް ވަޒަނެއް ނުކުރާނެއެވެ. އެއްވެސް ކަމަކަށް ޝުކުރު އަދައެއް ނުކުރާނެއެވެ. ގެއިން ބޭރަށް ނުކުމެއްޖިއްޔާ އަނބިމީހާ މަތިން ހަނދާން ނައްތައިލާނެއެވެ. ހައިވެގެން އުދުހޭ މާބުރެއްފަދައިން ، މާމަލުން ފޮނިބޮމުން ދުވާނެއެވެ.
ދަރިފުޅަށް އެނގެނީ ކޮންއެއްޗެއް ހެއްޔެވެ ؟ ދަރިފުޅު ތިއިނީ މިތާނގައެވެ. ޒަރޫންއާ އެހާ ދުރުގައެވެ. ކަޝަފްމަތިން ، ޒަރޫން ހަނދާން ކުރާނެހެން މަންމަޔަށް ހީވެއެވެ. ރާފިޢާއަށް ފެންނަގޮތް ހާމަ ކުރިއެވެ. އެއްވެސް އަސާސެއްނެތި ، މަންމަވެސް ފާޑުފާޑުގެ ވަސްވާސް އަހަރެންގެ ހިތަށް ނުވައްދާށޭ ބުނެ މަންމައަށް ކަޝަފް އަމުރު ކުރިއެވެ. ކަޝަފް މީހަކާ ނީނދެ ހުސްހަށިބަޔަށް ހުންނަން ނިންމި ސަބަބަކީވެސް އެއީއެވެ. ކަޝަފަށް ، ކައިވެނީގެ ކުރިން ޒަރޫން ތަޞައްވުރު ކުރެވުނުގޮތް ވަރަށް ރީތިކޮށް ދިމާވެއްޖެއެވެ. ޒަރޫންގެ އަޞްލު ސިފަ އެފެނުނީ ކައިވެންޏަށް އަހަރެއް ވީފަހުންނެވެ.
ރާފިޢާވެސް ކަޝަފް ، ޒަރޫންއާ ނުއިނދެގެން ހީވީ އެހެންފަދަ ކަމެއް ހެންނެވެ. ޒަރޫން އެވެނިކަމެއް ކުރާނޭ އެހެންނެއް ނޫޅޭނޭ އެވަރުގެ މީހަކު ނުލިބޭނޭ ކިޔައިގެން ރާފިޢާއާއި ޞަދްރާ ހީވީ ގަޔަށް ހިނިއަރައިގެން އުޅުނު ހެއްނެވެ. އާޚިރުގައި މިވީގޮތް ނިކަން ދެކެބަލާށެވެ. ޒަރޫންވެސް ކަޝަފްގާތު ނުވާ ވަޢުދެއް ނެތެވެ. ކަޝަފް އުޅެމުންގެންދިޔައީ ހަމަޖެހޭ އުފާވެރި ދުވަސް ތަކެކެވެ. ކައިވެންޏަކާ ނުލައި ލިބެން އޮތް ހުރިހާ އުފަލެއް ކަޝަފް ގެންދިޔައީ ތަޖުރިބާ ކުރަމުންނެވެ. އޭނާގެ އެކަނިވެރިކަން ފިލުވަމުން ގެންދިޔައީ ޒިންމާ އުފުއްލައިގެން އޭނާގެ ހީވާގި މަސައްކަތުން ، ވަޒީފާގެ މާޙައުލުގައެވެ. އެކަމަކު އެހުރިހާ ކަމެއް ޒަރޫން އެވަނީ ޚަރާބު ކޮށްލާފައެވެ.
" ދަރިފުޅާއެވެ ! ﷲ އަށްޓަކައި ތިކަހަލަ ވާހަކަ ނުދައްކާށެވެ. ތި ދައްކަނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ ؟ " ރާފިޢާ ބުންޏެވެ.
ޒަރޫންއަކީ އެހެން ފިރިހެނުންނާ ވަކި ތަފާތު މީހެއް ނޫނެވެ. ހުރިހާ ފިރިހެނުންވެސް ހަމަ އެއްގޮތެވެ. ކަޝަފް ވާހަކަ ދައްކަމުން ގެންދިޔައިރު އިނީ ފެންކަޅި ވެފައެވެ. ކަޝަފްގެ މައިދައިތަ އޭނާއަށް ފޯނުކޮށްގެން ވާހަކަ ދެއްކިއެވެ. އެއީ ފަހަރެއްގައި ޒަރޫން ބުނެގެންކަމަށްވެސް ވެދާނެކަމުގައި ރާފިޢާއަށް ފެނުނެވެ. އެކަމަކު ޒަރޫން ، މަންމަގާތު އެއްވެސް ވާހަކައެއް ނުދައްކައެވެ. އެހެން އުޅެލާފައި ފޯނުކޮށްލީއެވެ.
ކަޝަފްގެ ރުޅިވެރިކަން ހިތުގައި ބާއްވާނީ ކިހާދުވަހަކުތޯ ރާފިޢާ ސުއާލުކުރިއެވެ. އެކަމާ ކަޝަފް ވަރަށް ކަންބޮޑުވިއެވެ. އަދި މަންމަޔަށް އޭނާއާހުރެ އުނދަގޫވަނީތޯ ސުއާލު ކުރިއެވެ. ރާފިޢާގެ ބޭނުމަކީ ، ކަޝަފަށް ވިސްނައިދެވޭތޯ ބެލުމެވެ. ކަޝަފް އޭނާކައިރީހުރެގެން ރާފިޢާއަށް ލިބޭނެ ތަކުލީފެއް ނުއޮންނާނެއެވެ. އޭގެ ބަދަލުގައި ރާފޢާވާނީ އުފަލެވެ. ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުނުކޮށް އެހާ ގިނަދުވަސްކޮށްގެން ކަމަކު ނުދާނެއެވެ. ގިނަދުވަސް ވާވަރަކަށް ދެމީހުން ދުރުވުން ނޫންކަމެއް ނުވާނެއެވެ. ކޮންމެވެސް އެކަކު ގޮތް ދޫކޮށްގެން އެއްގަލަކަށް އަރަން މަސައްކަތް ކުރަން ޖެހޭނެއެވެ.
" މަންމާއެވެ ! އެއީ ކުޑަ މައްސަލައެއް ނޫނެވެ. މަންމަޔަށް ހީވަނީ އަހަރެން އެހާ ލޯބިން ބިނާކުރި ދިރިއުޅުން ދޫކޮށްލާފައި ކުޑަކުޑަ ކަމެއްގައި އެގެއިން ނުކުމެގެން އަތުވެދާނެކަމަށް ހެއްޔެވެ ؟ " ކަޝަފް ރޮމުން ރޮމުން ބުންޏެވެ.
އެންމެފަހުން ރާފިޢާ އަށް ކެތް ނުކުރެވިގެން ދިމާވެގެންއުޅޭ މައްސަލަޔަކީ ކޮބައިތޯ ސުއާލު ކުރިއެވެ. ފަހަރެއްގައި ރާފިޢައަށް އެކަމަށް ޙައްލެއް ހޯދައިދެވިދާނެކަންނޭނގެއެވެ. އެމައްސަލައިގެ ޙައްލު އޮތީ ހަމައެކަނި ޒަރޫންގެ އަތުގައެވެ. އެހެންނަމަވެސް އެކަން ޙައްލުކުރަން ޒަރޫން ބޭނުންވާކަމެއް ނުވަތަ ނޫންކަމެއްވެސް ނޭނގެއެވެ.
" މަންމާއެވެ ! އަހަރެން ޒަރޫންދެކެ ވަރަށް ލޯބި ވީމެވެ. އެކަމަކު އަހަރެންގެ ލޯތްބަށް ޒަރޫން އެއްވެސް ޤަދަރެއް ނުކުރިއެވެ. " ކަޝަފްގެ ރުއިމުގެ ތެރޭގައި ބުންޏެވެ.
" ދަރިފުޅު އެހާ އޭނާދެކެ ލޯބިވީ އިރު ، މަޑުނުކުރީ ކީއްވެ ހެއްޔެވެ ؟ " ރާފިޢާ ބުންޏެވެ.
ޒަރޫންގެ ފަރާތުން އެފެނުނީއަކީ މަޢާފު ކުރެވޭފަދަ ކަމެއް ނޫނެވެ. އެއްވެސް ޙާލެއްގައި އެކަން އެއީ ނުވާ ކަމަކަށް ހަދައިގެން ހުންނާކަށް ކަޝަފް ބޭނުމެއް ނޫނެވެ. ލޯތްބަކީ ލޯކަނު އެއްޗެކެވެ. އެއީ ދެފަރާތުގެ ހިސާބު ކިތާބުގެ މައްޗަށް ބިނާކޮށް އެއްކޮށް ކަނޑައި ގުނަކޮށް ގެއްލާ އެއްޗެއް ނޫނެވެ. ކޮންމެވެސް އެކަކު ޤުރުބާންވާޏް ޖެހޭ އެއްޗެކެވެ. އަދި ކެތްތެރިވާ މީހަކީ އެންމެ މާތް މީހާއެވެ. މާތް ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ. ކަޝަފް އިތުރަށް އެވާހަކަ ދައްކާނެ ހިތްވަރު ނެތި ، ރާފިޢާ ވާހަކަ ދައްކަމުން ދަނިކޮށް ، ތެދުވެގެން ރޮމުން ރޮމުން ގޭތެރެޔަށް ވަދެގެން ދިޔައެވެ. ރާފިޢާ ބޮލުގައި އަތްއަޅައި ހާސްވެފައި އިސްޖަހާ ލައިގެން ނިތްކުރީގައި އަތް އުނގުޅައިލަން ބޭރުގައި އިނެވެ.
ޒަރޫންވެސް ނިދިނައިސްގެން ބޭރުގައި އިށީނދެލައިގެން އެކަނިވެފައި ސިނގިރޭޓެއް ރޯކޮށްލައިގެން އިނެވެ. ކަޝަފާ ކައިވެނި ކުރުމަށްފަހު އޭނާހުރީ ސިނގިރޭޓް ބުއިމާ ދުރުވެގެންނެވެ. އެހެންނަމަވެސް ، މިހާރު އަލުން ސިނގިރޭޓް ބީންވެސް ފެށީއެވެ. އޭނާގެ ހިތުގައިވެސް އެތައް ކަންތައްތަކެއް އެނބުރެމުން ދެއެވެ. ޒަރޫން އޭނާގެ ހިތާ ހިތާ ވާހަކަ ދައްކަމުން ގެންދިޔައެވެ.
ކައިވެނިކުރަން އަހަރެންގެ ސިކުނޑިއަށް ވިސްނައިދިނީ ކޮން މޮޔައެއްކަމެއް ނޭނގެއެވެ. އެއްވެސް މީހަކާ އެއްވެސް ކަމެއް ޙިއްޞާ ކުރަނީއަކީ ނޫނެވެ. ބުނާނީ ކީކޭ ހެއްޔެވެ. އަހަރެންނަކީ އަހަރެންގެ އަނބިމީހާއާ ލިބެން އުޅޭ ކުދިންނާމެދު ވިސްނާ ވަރަށްވުރެ ގޯސް މީހަކީ ހެއްޔެވެ ؟ އަހަރެންނަކީ ، އެއިން އެއްވެސްކަމަކަށް ނުވިސްނާ ވަރުގެ ގަމާރެއްކަމަށް ހީކުރަނީ ހެއްޔެވެ ؟ ކޮންމެ ކަމެއްގައިވެސް ޙައްދެއް އޮންނަންވާނެއެވެ. ގޮތް ދޫނުކުރިޔަސް އެއީ ފުކެއް ބޮޑުވަރެކެވެ. ތިންހަތަރު ދުވަސްވީއިރުވެސް އަހަރެންގެ ކިބައިން މަޢާފަށް އެދޭކަށް ނޫޅުނެވެ. މަޢާފަށް ނޭދުނަސް ފޯނުކޮށްލިއްޔާ ވާނީ ކީއް ހެއްޔެވެ ؟ ފޯނެއްކުރަން ބޭނުން ނެތިއްޔާ މެސެޖްވެސް ކޮށްލެވިދާނެއެވެ.
ޒަރޫން އޭނާގެ ފޯނު ނަގައި ، ސޭވްކޮށްފައި އޮތް ކަޝަފްގެ ނަމަށް ދިޔައެވެ. އަދި ވައިފް ގެ ފެށޭ އަކުރު ޑަބްލިޔު ނޫން އެހެން އަކުރުތައް އުނިކޮށްލިއެވެ. އަދި ޑަބްލިޔު ބޭނުންކޮށްގެން ކަޝަފްގެ ނަން ވުމަން އަށް ބަދަލު ކޮށްލިއެވެ. ޒަރޫންވެސް އިސްވެ ގޮތްދޫކޮށް ކަޝަފަށް ފޯނު ކުރާކަށް ބޭނުމެއް ނޫނެވެ.
އަސްމަރާ ބުނިގޮތުގައި ކުށްކުރެވުނީ ޒަރޫން އަށެވެ. އަދި އަސްމަރާއަކީ ކަޝަފް ނަމަވެސް ކަންކުރާނީ ކަޝަފް އެކުރި ގޮތަށެވެ. އެހެންކަމަށް ވަންޏާ ގޮތްދޫކުރަންވީ ދެމީހުންގެ ތެރެއިން ކާކު ހެއްޔެވެ ؟ މަޢާފަށް އެދެންވީ ކާކު ހެއްޔެވެ ؟ ޒަރޫންއަކަށް އޭނާގެ ކުށެއް ނުފެއެވެ. ނުވަތަ ކުށް ޤަބޫލު ކުރެވުނަސް ، ކަޝަފްގެ ކިބައިން މަޢާފަށް އެދޭކަށް ބޭނުމެއް ނޫނެވެ.
(ނުނިމޭ)
dhuniye akee mikahala thaneh
Vvv.reethi
އަހަރެންގެ ސަޕޯޓް އަބަދުވެސް އޮންނާނީ އަންހެނުންނަށް
ސަބަބަކީ މަންމަ އަކީ އަންހެނެއް ދަރިފުޅު އަންހެނެއް، ދައްތައާއި ކޮއްކޮ އެއީ އަންހެނުން، މުންނައާއި މާމަ އަކީ
އަންހެނުން ފަސްބޮޑުދައްތައިންނަކީ އަންހެނުން، އަހަރެންގެ
އަންހެނުންނަކީ ރަނގަޅުއަންހެނެއް، ޤުރުއާނުގާ އަންހެނުންނާ
ބެހޭގޮތުން އެކަނބަލުންގެ ނަމުގާ ސޫރަތު ނިސާ ބާވާލައްވާ
ފާވޭ؛ އަންހެނަކީ އުއްމަތެއް، ،
ތިމާގެ އަނބިމީހާ އަކީ ކުޅޭކުޅޭ އެއްޗެއްްކަމަށް ދެކޭ ފި ރިހެނުންނަކީ ވަރަށް ގޮތެއްފޮތެއް ނެތްމީހެއް،
ކޮންމެކޮންމެ އަންހެނަކީ ފިރިމީހާ ޖަހާހާ ބެރަކަށް ނަށާނެ
އަންހެނުންނެއް ނޫން، މީހަކާ އިނދެވުނީމާ ހީކުރާކަހަލަ
ތިމާ މީހާއަށް މިހުރެވުނީ އާސްމާނުގާ ކަމަށް