(22 ޑިސެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ކަޝަފްއިނީ ޒަރޫންއާ ދިމާއަށް ބަލައިލަން ބޭނުން ނުވެފައެވެ. މިފަހަރު ޒަރޫން ، ކަޝަފްގެ ސިކުނޑި ކައިލާނެއެވެ. ޒަރޫންވެސް އިނީ ވާހަކަ ފަށާނީ ކިހާ ހިސާބަކުންކަން ނޭނގިފައެވެ. ނޭނގޭ ބިރުވެރިކަމެއްގެ އިޙުސާސުގައެވެ. ވަރަށް ހިތްވަރުކޮށްފައި ޒަރޫން ، ކަޝަފަށް ގޮވައިލައެވެ.
ކަޝަފްގެ ހިތަށް އުނދަގޫވާގޮތަށް ޒަރޫންއަށް ކުރެވިފައިވާ ހުރިހާކަމަކަށް ޒަރޫން މަޢާފަށް އެދެއެވެ. ޒަރޫންއަށް ކުރެވުނު ކަންކަމުން ، އަދި ބުނެވިފައިވާ ބަސްތަކުން ، ކަޝަފްގެ ހިތުގައި އުފެދިފައިވާ ހުރިހާ ޝަކުވާތަކަކަށް މަޢާފު ކޮށްދިނުމަށް އެދެއެވެ. ޒަރޫންގެ އެއްވެސް ވާހަކައަކަށް ކަޝަފް ޖަވާބެއް ނުދެއެވެ. އެކަމާ ޒަރޫން ކަންބޮޑުވެ ، ކަޝަފާ ގާތަށް ޖެހިލައެވެ.
" ކަޝަފްގެ ކިބައިން މަޢާފަށް އެދުން ފިޔަވައި އަހަރެންނަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. އަހަރެންނަށް އިތުބާރު ކުރާށެވެ. އަހަރެންގެ ފަރާތުން ދެން އެފަދަކަމެއް ދިމައެއް ނުވާނެއެވެ. " ވަރަށް މަޑުމައިތިރިކަމާއެކު ޒަރޫން ، ވާހަކަ ދައްކަމުން ގެންދިޔައެވެ.
ކަޝަފް އިނީ އަދިވެސް އަނގައިން ނުބުނެއެވެ. އެކަމަކު އޭނާގެ ހިތާ ހިތާ ސުއާލުކޮށްލި އެވެ. ޒަރޫން ބުނަން އޮތް ހަމައެކަނި ވާހަކަޔަކީ އެއީ ހެއްޔެވެ ؟ އިތުރު ވާހަކައެއް ނެތީ ހެއްޔެވެ ؟
" އަހަރެން ، އަހަރެންގެ ރަނގަޅުކަމާއި ހަރުދަނާކަމުގެ ވާހަކަ ދައްކައި ކަޝަފް ހައްލައިލާކަށް ބޭނުމެއް ނޫނެވެ. ކަޝަފަށް ނޭނގޭ ކަމެއް ކިތަންމެ ވަރަކަށް ކިޔައިދިނަސް ، ޤަބޫލުކުރަން އުނދަގޫވާނެކަން އަހަރެންނަށް އެނގެއެވެ. " ޒަރޫންގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. އަދިވެސް ތަނަށް ވެރިވެފައިވަނީ ހަމަހިމޭން ކަމެވެ.
" އެހެންނަމަވެސް އަހަރެން ، އެއްކަމެއް ކަޝަފަށް ޔަޤީންކޮށްދޭން ބޭނުމެވެ. ކަޝަފާމެދު އަހަރެންގެ ހިތުގައި އިޙްސާސްތަކެއް އުފެދިއްޖެއެވެ. އަހަރެންނަށް ކަޝަފާ ގަޔާވެވިއްޖެއެވެ. އަދި މިހާރު އަހަރެންނަށް ކަޝަފް ދެކެ ލޯބިވެސް ވެވިއްޖެއެވެ. އަހަރެންގެ ދިރިއުޅުން ކަޝަފާ ނުލައި ކުރިޔަށް ގެންދާނީ ކިހިނެއްކަން ނޭނގޭ ހިސާބަށް އަހަރެންގެ ޙާލަތު ހިނގައްޖެއެވެ. އަހަރެންނަށް ކުރެވިފައިވާ ގޯސްކަންކަމުގެ ބަދަލުގައި ރަނގަޅު ކަންކަން ކޮށް ، ރަނގަޅު މީހަކަށްވާން އަހަރެން ބޭނުމެވެ. މިހާރު އަހަރެން ހަމައެކަނި ބޭނުންވަނީ ކަޝަފަށް އުފާވެރިކަން ހޯދައި ދިނުމަށެވެ. ކަޝަފް އުފަލުގައި ބެހެއްޓުމަށެވެ. އަހަރެންގެ ހިތުގެ މިއާދޭސްތައް އަޑުއެހުމަށްފަހުވެސް ، ކައިވެންޏަށް ކަޝަފް އިންކާރު ކޮށްފިނަމަ ، އަހަރެން ބަލާނީ ، އަހަރެންނަކީ ދުނިޔޭގައިހުރި އެންމެ ބަދުނަސީބު މީހާ ކަމުގައެވެ. " ޒަރޫން ބުންޏެވެ.
ޒަރޫންގެ އަޑުގައިވަނީ ރިހުމެވެ. މަޑުމައިތިރިކަމާއި އާދޭހެވެ. ޒަރޫން މަޑުމަޑުން ވާހަކަ ދައްކަމުން ގެންދިޔައިރު ، އެވާހަކަ ތަކުގެ އަސަރު ކޮންމެވެސް ވަރަކަށް ކަޝަފްގެ ހިތަށް ފޯރައި އަސަރު ކުރަމުން ގެންދިޔަކަން އެނގެއެވެ. އިރުއިރުކޮޅުން ޒަރޫންއާ ދިމާއަށް ބަލައިލައެވެ. ކަޝަފްގެ އެބަލައިލުމުން ، ޒަރޫންއާމެދު ހަމްދަރުދީ އުފެދޭހެންވެސް ހީވެއެވެ. އެކަމަކުވެސް އަނގަޔަކުން ނުބުނެއެވެ.
" އަހަރެންނަށް ކުރިން ކުރެވިފައިވާ ހުރިހާކަމަކަށް މަޢާފަށް އެދި ، ތައުބާވެ ، ރަނގަޅުމަގަށް ދިރިއުޅުމުގެ ފުރުޞަތު ލިބެން ބޭނުމެވެ. އެކަން އަހަރެންނަށް ކުރެވޭނީ ، އަހަރެންނަށް ކަޝަފް ލިބިގެންނެވެ. އެކަމުގައި ގޮތެއް ނިންމާނީ ކަޝަފެވެ. އެއްވެސް މީހަކު އެކަމަށް ކަޝަފަށް މަޖުބޫރެއް ނުކުރާނެއެވެ. " ޒަރޫން ވަރަށް ދެރަވެފައި ބުންޏެވެ.
ޒަރޫންގެ ވާހަކަތައް ކަޝަފްގެ ހިތުގެ އެންމެ ފުންމިނަށް ދިޔައެވެ. އެކަމާ އަސަރުވެސް ކުރިއެވެ. ޒަރޫންގެ އިޙްސާސްތައް ދެނެގަތުމަށް އޭނާއަށް މަޖުބޫރު ވިއެވެ. އިރުކޮޅެއްގެ ހަމަހިމޭންކަމަކަށް ބޭނުން ވިއެވެ. ކަޝަފްގެ ހިތަކީވެސް އެހައި ހަރުކަށި ހިތެއް ނޫނެވެ. އެހިތް ހަރުކަށިވުމަށް ، ޚައްޞަކޮށް ޒަރޫންގެ މައްޗަށް އެހިތް ބަރުވުމަށް މަޖުބޫރު ކުރުވީ ޚުދު ޒަރޫންއެވެ. ޒަރޫން މިއަދު އެއިނީ ކުޑަކަކޫ ޖަހައިގެން ، ކަޝަފްގެ ކުރިމަތީ ، އެކަންކަމަށް މަޢާފަށް އެދި އާދޭސް ކުރާށެވެ. އޭނާގެ ހިތުގެ އިޙްސާސްތައް ކަޝަފްގެ ކުރިމަތީ ބުނެދޭށެވެ. އަޑު ނާހަން އިންނަމަވެސް ، ޒަރޫންގެ ވާހަކަތައް އަޑުއަހަން ކަޝަފްގެ ހިތް އޭނާއަށް މަޖުބޫރު ކުރުވިއެވެ. އެއީ ރަނގަޅު އާދަތަކަކަށް އިންސާނެއްގެ ދިރިއުޅުމުގެ ކަންކަން ބަދަލުކުރުމަށް ފުރުސަތު ދިނުމަށް އެދި ކަޝަފަށް އިންސާނެއްގެ ފަރާތުން ކުރި ފުރަތަމަ އާދޭހެވެ. ދިރިއުޅުމުގައި ، ނާއުއްމީދު ވެފައިހުރި އިންސާނެއްގެ ދިރިއުޅުމުގައި އުއްމީދުގެ ވޮށްކޮޅު ދިއްލުމަށް ކަޝަފަށް ލިބޭ ފުރުސަތެކެވެ.
ކަށިކުނބުރު ޖަންގައްޔަކުން ނުކުމެ ، މާމަލުގެ ބަގީޗާއެއްގައި ފައިތިލަ ޖައްސައިލުމަށް ، އިންސާނަކު ކުރާ އުއްމީދެވެ. އެކަމުގައި އެއިންސާނާ ކަޝަފަށް ކުރަމުން ގެންދިޔަ އާދޭސް ބޮލާލައި ޖަހާވަރަށްވުރެ ކަޝަފްގެ ހިތް ތާހިރެވެ. އޭނާގެ ހިތުގައިވެސް ، އިންސާނިއްޔަތޭ އެކިޔާ މަތިވެރި ސިފަ އެބަ އޮތެވެ. އަނެކުންނަށް އިޙްތިރާމް ކުރެވެއެވެ. އެހިތުގައިވެސް ، އަނެކުންގެ ޙާލަށް ހަމްދަރުދީ ވެއެވެ. އެހުރިހާ ކަމަކުން ޒަރޫން ބާކީކޮށްލަންވީ ހެއްޔެވެ ؟ އެއީ ކަޝަފަށް ލިބިގެންވާ އިޚްތިޔާރެއް ހެއްޔެވެ ؟ ނޫނެކެވެ. އެހެން ކޮންމެ މީހަކީވެސް ހަމަ ، އޭނާ ފަދަ އިންސާނެކެވެ. ކަޝަފްގެ ލޮލުގައި ހަމްދަރުދީގެ ކަރުނަތައް އެއްވަމުން ދިޔައެވެ. އެހެނަސް ، އެކަރުނަތައް ބޭރުކޮށްލާކަށް އަދި ، ކަޝަފް ބޭނުމެއް ނޫނެވެ. ޒަރޫންގެ ވާހަކަތަކުން ކަޝަފް ރޮއްވާލައިފިކަން ޒަރޫން އަށް އަންގަން އެއީ ރަނގަޅު ވަގުތެއް ނޫނެވެ.
އެވަގުތު ، ދޮރުގައި ޓަކިޖަހައިލުމަށްފަހު ، ދެތަށި ސައި ހިފައިގެން އަބްރާޜްގެ ނޯކަރު ވަދެއެވެ. އަދި ކަޝަފަށް ސައިތަށި ދިއްކޮށްލިއެވެ. ކަޝަފަށް ވެފައި އިން ގޮތުންނާއެކު ސައިތަށީގައި ހިފަނިކޮށް ތަށި ބަންޑުން ވެއެވެ. ކުއްލިޔަކަށް ޒަރޫން އެތަށީގައި ހިފަން އުޅުމުގެ ތެރޭގައި އޭނާގެ އަތަށް ހޫނު ސައި ބަންޑުން ވެއެވެ. ހޫނުވެގެންގޮސް ، އަތް ދެއަތަށް ތަޅުވާލަ ތަޅުވާލައި ހިނިތުންވެފައި ޒަރޫން އިނެވެ. އެކަމަށްވެސް އޭނާ ކެތް ކުރިއެވެ. އެއްވެސް ޝަކުވާއެއް ނުކުރެއެވެ. އެއީވެސް ، ޒަރޫންގެ ޢަމަލުތައް ބަދަލުވަމުން އެބަދާކަމުގެ އިޙްސާސް ، ކަޝަފަށް ލިބުނު ކަމެކެވެ. މީގެ ކުރިން ، ޒަރޫން އަކީ އެކަހަލަ ކުދިކުދި ކަންކަމާ އެހާ ކަންބޮޑުވާނެ މީހެއް ނޫންކަން ކަޝަފަށް އެނގެއެވެ. އިންސާނެއްގެ ފާރާތުން ވާ އެކަހަލަ ގެއްލުމަކަށް ޒަރޫން އަޅައެއް ނުލާނެއެވެ. އެކުއްޖާއާދިމާއަށް ކިހިނެއްހޭ ތިހެދީ ބުނެ ، ޒަރޫންއަށް އަޑުލެވުނެވެ. އެ ކޮފީތަށި ބަންޑުންވެގެން ކަޝަފަށް ތަކުލީފެއް ލިބޭކަށް ޒަރޫންއަކަށް ކެތެއް ނުކުރެވުނެވެ. އެއީވެސް އެ ބައްދަލުވުމުގައި ކަޝަފްގެ ހިތާ ކުޅެލި އެއްކަންތަކެވެ.
އެ މުހިންމު ބައްދަލުވުންވެސް ނިމިގެން ދިޔައީ ، ކަޝަފްގެ ފަރާތުން ވަކި ޖަވާބެއް ނުލިބިއެވެ. އެހެން ނަމަވެސް ، ޒަރޫންގެ ހިތުގައިހުރި އުދާސްތައް ކަޝަފްގެ ކުރިމަތީ ބަންޑުން ކޮށްލެވުން އެއީވެސް ލިބުނު ކާމިޔާބީއެއްކަމަށް ޒަރޫން ނިންމިއެވެ. އަދި ކަޝަފް ނޫނެކޭ ބުނަންދެން ، އާނއެކޭ ބުނުމަށް ޒަރޫންގެ ހިތުގައި ބިންވަޅު ނެގިފައިވާ އިޙްސާސް އެގޮތުގައި ދެމިއޮތެވެ. ކަޝަފްވެސް އެ ބައްދަލުވުން ނިންމައިލީ ، އާދައިގެ މަތިން ވަކި ޖަވާބެއް ޒަރޫންއަށްވެސް އަދި ސާރ އަބްރާރަށްވެސް ނުދީއެވެ. އެހެންނަމަވެސް ، ޒަރޫންއާމެދު ތަންކޮޅެއް ރަނގަޅަށް ވިސްނުމަށް ކަޝަފްގެ ހިތް މަޖުބޫރު ކުރުވިއެވެ. އެ ބައްދަލުވުމުގައި ފެނިގެން އެދިޔައީ ކުރީގެ ޒަރޫން ނޫންކަމުގައި ކަޝަފްގެ ހިތް އޭނާއަށް ބުނެދިނެވެ. އާނއެކޭވެސް ނުވަތަ ނޫނެކޭވެސް ، ކަޝަފް ބުނަންވާނީ ، އެކަމާމެދު ކުޑަކޮށް ވިސްނާފައިކަން، ފުރަތަމަ ފަހަރަށް އެހިތް އޭނާއަށް ދަސްކޮށްދިނެވެ.
------------------------
އެ ބައްދަލުވުން ނިންމައިލުމަށްފަހު ، ކަޝަފް އެންމެ ފުރަތަމަވެސް ބައްދަލުކުރީ އޭނާގެ ސިއްރުވެރިޔާ ، އަދި އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާކަމުގައިވާ ، އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޞިދްރާ އާއެވެ. ކަޝަފް އެއައީ ޒަރޫންއާ މޫނާއި މޫނު ސީދާވާގޮތަށް ބައްދަލުކޮށްފައިކަމުގައި ބުނުމުން ، ޞިދްރާގެ ހިތުގައި އެތައް ސުއާލުތަކެއް އުފެދުނެވެ. ކަޝަފާ އެއްފަހަރާ އެތައް ސުއާލުތަކެއް ކޮށްގަތެވެ. ޞިދްރާ ހުރީ އެބައްދަލުވުމުގެ ވާހަކަތަކާއި ނިންމުންތައް އެއް ސިކުންތުން ވަގުތުން އެނގެން ، ބޭނުން ވެފައެވެ. ކަޝަފްގެ ކުރިމަތީގައި ޒަރޫންވީ ވަޢުދާއި ކުރި ހުވާތަކެވެ. އެ ބައްދަލުވުމުގައި ކަޝަފް ، ވާހަކަ ނުދައްކާނެކަން ޞިދްރާއަށް އެނގެއެވެ. ނަމަވެސް ، ޒަރޫން ދެއްކި ވާހަކަ ތައް އެނގެން ޞިދްރާ ބޭނުންވިއެވެ. ކަޝަފްގެ ހިތް މައިތިރިވީ ކޮންވާހަކަތަކެއް ، ޒަރޫން ކިޔައިދީގެންކަން އެނގެން ބޭނުން ވިއެވެ. އެރީތި ނަލަ ފިރިހެނާގެ މައްޗަށް ކަޝަފްގެ ހިތް ކަންބުވައިލީ ކޮންފަދަ ކަމަކާހުރެކަން ސާފުކުރުމަށް ޞިދްރާ ހުރީ ކެތް މަދުވެފައެވެ.
އެކަމަކު ، ކަޝަފަށް އެވާހަކަތައް ކިޔައިދޭނެގޮތެއް ނޭނގުނެވެ. އެ ބައްދަލުވުން ކަޝަފް ސިފަކޮށްދިނީ އެއްވެސް ކަމެއް ނުހިނގާ ބައްދަލުވުމެއްގެ ގޮތުގައެވެ. އެއްވެސް ކަމެއް ނުވެއެވެ. ޒަރޫން ، އެއްވެސް ވާހަކައެއް ނުދައްކައެވެ. ކަޝަފްވެސް އެއްވެސސް ސުއާލެއް ނުކުރެއެވެ. ކަޝަފްގެ ހިތާކުޅެލި ވާހަކަތައް ޞިދްރާގާތު ބުނާކަށްވެސް އޭނާއަކަށް ނުކެރުނެވެ. އެވާހަކަތަކުގެ ޔަޤީންކަމެއް އަދި ނެތީމައެވެ. އެއީ އެއްވެސް ފިރިހެންކުއްޖަކު ، މީގެކުރިން ކަޝަފްގާތު ދައްކާފައި ނުވާފަދަ އަސަރުގަދަ ވާހަކަ ތަކެކެވެ. އެފަދަ ވާހަކަތައް ކަޝަފް ކިޔަނީ ލޯބީގެ ވާހަކަ ފޮތްތަކުންނެވެ. މީހެއްގެ ދުލުން ކިޔައިދިން އަޑެއް އިވިފައެއް ނެތެވެ. އެހެންނަމަވެސް ، އެވާހަކަތައް އެއީ އިންސާނުންގެ މެދުގައިވެސް އެކަކު އަނެކަކަށް ދެކެވޭ ވާހަކަތަކެއްކަން ކަޝަފަށް އެނގިއްޖެ އެވެ. އެކަން ނިކަން ރަނގަޅަށް މިއަދު އޭނާއަށް އިޙްސާސް ކުރެވިއްޖެ އެވެ. ޒަރޫން އެހާބޮޑަށް ބަދަލުވެދާނެކަމަށް ، ހުވަފެނެއްގައިވެސް ކަޝަފަށް ޚިޔާލު ކޮށްލެވިފައެއް ނެތެވެ. އެހެން ވީމާ އެއީ ކަޝަފަށް އެއްވެސް މީހަކުގާތު ބުނެދެވޭނެ ވާހަކަތަކެއް ނޫނެވެ. އެވާހަކަތައް ، ޙަޤީޤަތަކަށް ނުވެ ހިނގައިދާނެތީއެވެ. އެބިރު އޭނާގެ ހިތުން އަދި ، ފިލައިގެންނެއް ނުދެއެވެ.
ކަޝަފް ނުބބުނި ނަމަވެސް ކޮންމެވެސް ވާހަކަތަކެއް ނުދެކެވި ، ކޮންމެވެސް ކަމެއް ނުހިނގައި ، ކަޝަފްގެ ވިސްނުން ބަދަލުވެދާނެ ގޮތެއް އެއީ ނެތްގޮތެއްކަން ޞިދްރާއަށް އެނގެއެވެ. އެކަމެއް އެނގުމަށް ޞިދްރާ ބޭނުން ވިއެވެ. ކެތްމަދުވެގެން އެކަމާ ކަޝަފްގާތު ސުއާލު ކޮށްގަތެވެ. ކަޝަފްގެ ޚިޔާލު ބަދަލުކޮށްލުމަށް އެޒުވާނާގައި ހުރީ ޚާޢްޞަ ކޮންކަމެއްތޯ އަހައިގަތެވެ. ހަމަގައިމުވެސް ކަމެއް ވެއްޖެކަން ޞިދްރާއަށް އެނގެއެވެ. އެހެން ނޫނީ ގޮތް ދޫނުކުރުމުގެ އިންތިހާގައި ހރުި ކަޝަފްގެ ވިސްނުން ބަދަލެއް ނުވާނެއެވެ.
" ސައިތަށްޓެކެވެ. އެއީ އަހަރެމެންނަށް ގެނެވުނު ސައިތަށްޓެވެ. ސައިތަށި ދިއްކޮށްލުމުން އަހަރެން ހިފަން އުޅުމުގެ ތެރޭގައި އަހަރެންގެ އަތަށް ބަންޑުން ވާން އުޅުނެވެ. އެކަމަކު ޒަރޫން އެތަށީގައި ހިފައި އަހަރެންގެ އަތަށް ބަންޑުންވަމުން ދިޔަ ހޫނު ސައި އޭނާގެ އަތަށް ބަންޑުން ކޮށްލިއެވެ. އަދި އަހަރެން ސަލާމަތް ކޮށްދިނެވެ. " ކަޝަފް ވަރަށް އަސަރާއެކު ކިޔައި ދިނެވެ.
ސައިތަށްޓަކާހުރެ ، ކަޝަފްގެ ގޮތްދޫނުކުރުން އެހާ ފަސޭހައިން ބަދަލުވެގެން ދިޔައިތީ ޞިދްރާ ހުރީ އަންތަރީސް ވެފައެވެ. އެހެންނަމަވެސް ، ކަޝަފަށް އެއީ ވަރަށް ބޮޑު ކަމެކެވެ. އެއީ ކަޝަފަށް ލިބޭ ތަކުލީފަކަށް އޭނާގެ ޢުމުރިގައިވެސް ، މީހަކު ތެދުވި ފުރަތަމަ ފަހަރެވެ. އޭނާއަށް ލިބޭ ގެއްލުމަކަށް އައްޑަނައެއްގެ ގޮތުގައި ހުރަސް އެޅިތަން ފެނުނު ފުރަތަމަ ފަހަރެވެ. އެކަމުން ކަޝަފަށް އިންތިހާއަށް އަސަރު ކުރިއެވެ. އޭނާގެ ހިތުގައި ފޮރުވާފައިހުރި ޖަޒުބާތުތަކާ ކުޅެލިއެވެ. ޒަރޫން ، އޭނާއަށް އެހީތެރިވެ ގެއްލުމަކުން ސަލާމަތް ކޮށްދިނީއެވެ. އަދި ކަޝަފްގެ އަތަށް އެޅެމުންދިޔަ ހޫނު ސައި އޭނާގެ އަތަށް ބަންޑުން ކޮށްލީއެވެ. އެއްވެސް އިޚްތިޔާރެއް ނެތިއެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް އެހެން އިންސާނެއްގެ ފަރާތުން ، ކަޝަފަށް ލިބިފައިވާ ޙިމާޔަތެއް ނޫނެވެ. ކަޝަފްގެ ވިސްނުން އެ ސައިތަށީގެ މައްޗަށް ގޮސް ހުއްޓުނެވެ. ދިރިއުޅުމުގައި ، އަހަރެމެންގެ އަތަށް ހޫނުސައި އެޅޭތަން ފެންނަ ކިތައް މީހުން އުޅޭނެ ހެއްޔެވެ ؟ އެކަމަކު އެކަމަށް ހުރަސް އަޅާނީ ކިތައް މީހުން ހެއްޔެވެ ؟ އެފަދަކަމެއް ދިމާވީމާ ގިނަފަހަރަށް ހީ މަލާމާތް ކުރާނީއެވެ. ނުވަތަ ނޯކަރުގެ ނުވަތަ ސައިހަދާމީހާގެ ކަންކަށިމަތީ ޖަހާނީއެވެ. އެއީ ޒަރޫންގެވެސް ކުރީގެ އާދަކަމަށް ވެދާނެއެވެ. އެކަމަކު ، ޒަރޫން މިހާރު އެދަނީ ބަދަލު ވަމުންނެވެ. ކަޝަފުގެ ހިތުގައި ޒަރޫންގެ ނަން ލިޔެވިއްޖެ އެވެ.
------------------------
ކަޝަފް އޭނާގެ ލެޕްޓޮޕް ހިފައިގެން އިށީނެވެ. އެކަމަކު ލިޔާނީ ކީކޭބާވައެވެ. އޭނާގެ ނަސީބުގައި މިއަދު އޮތީ ކޮން ހުކުމެއް ބާވައެވެ. އެއީ ކިހިނެއް ހިނގައިދިޔަ ބައްދަލުވުމެއް ހެއްޔެވެ ؟ ވަރަށް ދިގުކޮށް ވާހަކަ ދައްކައި އެތައް ސުއާލެއް ކުރިމަތިވާނެ ކަމަށް ހީކުރެވުނެވެ. ކަޝަފްގެ ފަރާތުން އެއްވެސް ސުއާލެއްވެސް ނުކުރެވެއެވެ. ދެއްކި ވާހަކައެއް ވިއްޔާ ދެއްކީ ޒަރޫންއެވެ. ޒަރޫން ދެއްކި އެއްވެސް ވާހަކައަކަށް ޖަވާބެއް ނުދީ ކަޝަފް އެދިޔައީއެވެ. އާނއެކޭ ބުނާނެކަމުގެ އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ. ކަޝަފްގެ ފަރާތުން ފާހަގަ ކުރެވޭ މައްސަލަޔަކީ އެއީއެވެ. ޙައިރާންކަމާއި ކަންބޮޑުވުން ފާޅު ވެއެވެ. ޤަބޫލުކުރިކަމެއް ޔަޤީނެއް ނުވެއެވެ. ވާއެއް ނުވާއެއް ނޭނގެއެވެ. އުޅެންވީގޮތެއް ، ބުނަންވީ އެއްޗެއް އަދި ކުރާނެކަމެއްވެސް ނޭނގެއެވެ. އޭނާގެ ޑައިރީގައި މިހުރިހާ އެއްޗެއް ލިޔަމުންގޮސް މޮޔައަކަށް ބަދަލުވެދާނެ އެވެ. އަމިއްލަ ނަފްސު ދިފާޢުކުރުމަށް އަނގައިން ނުބުނެ މަޑުން އިނދެފައި އެދިޔައީ ނޫންހެއްޔެވެ ؟ ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނާނެއެވެ. ހިތަށް ލިބުނު ހަމަނުޖެހުމުގެ އަސަރު ޒަރޫންގެ ޑައިރީއަށްވެސް ފޯރިއެވެ.
ކަޝަފްވެސް ވަގުތު ހޯދައިގެން އޭނާގެ ޑައިރީ ނަގައި އެދުވަހުގެ ވާހަކަތައް ލިޔަން ފެށިއެވެ. ދިރިއުޅުމަކީ ، ކަމެއް ނުނިމުމަށް ދެވިފައިވާ ނަމެއް ނޫނެވެ. އެކަށީގެންނުވާ ކަންކަންވެސް ، ބަދަލުވެގެން އެކަށީގެންވާ ކަންކަމަށް ވުމަކީވެސް ދިރިއުޅުމުގައި ދިމާވާނެ ކަންކަމެވެ. އިއްތިފާޤާއި ޒަރޫރަތަކީވެސް ދިރިއުޅުމުގެ ބައިތަކެވެ. އެއިން އެއްވެސްކަމަކީ ، އިންސާނާގެ އިޚްތިޔާރުގައިވާ ކަންކަމެއް ނޫނެވެ. އަހަރެންގެ ހިތުގައި އެކަން ކަށަވަރު ކޮށްފީމެވެ. ފަހުންވެދާނެ ގޮތެއް ނޭނގެއެވެ.
(ނުނިމޭ)
haadha haadha reechey shukuran